ރިޕޯޓް

ރޭޕް އާއި ބެހޭގޮތުން ވާހަކަ ދައްކަން ލިބުނު ހިތްވަރު، ބައެއްގެ މޮޅު "ތިއަރީ" އާއި ހެދި އަނެއްކާވެސް ވިއްސިވިހާލި!

ދެން އެމްވީ ، ދެން އޮންލައިން

ތިމަންނާ "ރޭޕް އާއި ދެކޮޅޭ، އެހެންނަމަވެސް..." މިފަދައިން މީހަކު ބުނާނަމަ، އެމީހަކީ ހަގީގަތުގައިވެސް ރޭޕް އާއި ދެކޮޅު މީހެއްކަމާއިމެދު ސުވާލު އުފެދެއެވެ.

Ads by MWSC

ތެދެކެވެ. އެކަކަށް ވެސް އަނެކާއަށް، ޚާއްސަކޮށް ތިމާ ނުދަންނަ މީހަކަށް، ދެ ލޯ މަރައިގެން ހުރެ އެވަރުގެ އިތުބާރެއް ކުރަން އުނދަގޫ ވާނެއެވެ. ކޮންމެ ކޮންމެ މީހަކު ދައްކާ ހުރިހާ ވާހަކައެއް ފަސޭހައިން ޤަބޫލު ކުރަން ވެސް އުނދަގޫވާނެއެވެ.

ނަމަވެސް ތިމާއަށް އޭނާ ނޭނގޭތީ އޭނަ ދައްކާ ވާހަކަ ޤަބޫލު ކުރަން އުނދަގޫވާ ގޮތަށް، އޭނާ ދައްކާ ވާހަކައިގެ އަސްލު ހަގީގަތް ނޭނގޭއިރު މޮޅެތި ތިއަރީ ހަދައިގެން، ހަމަ ޔަގީނުންވެސް މިހެންނޭ ވެފައި ހުންނާނީ ބުނުން ވެސް ރަނގަޅެއް ނޫނެވެ. ޚާއްސަކޮށް އަނެކާއަށް ހިތާމަ ލިބޭނެފަދަ މަޢުޟޫއާއި ގުޅޭގޮތުންނެވެ.

މިސާލަކަށް "ރޭޕް" ނަގަމާތޯއެވެ؟ ކެންޔާ އަންހެނަކަށް ބަޔަކު ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތާއިއެކު ރޭޕާއި ބެހޭގޮތުން އެކިއެކި ވާހަކަތަކާއި ހާދިސާތައް އައީ ފެންމަތިވަމުންނެވެ.

އެފަދައިން ފެންމަތިވި އެއްވާހަކައަކީ މީގެ ހަތަރު އަހަރު ކުރިން ފިލްމީ ފަންނާނަކު އޭނަގެ ދެބެންގެ ދެދަރި ކޮއްކޮއެއް ރޭޕް ކުރި ޚަބަރެވެ.

ވަރަށް ހިތްވަރާއެކު އެއަންހެންކުއްޖާ ވަނީ އެކަން ހިނގިގޮތް ކަމަށް ބުނެ ވަރަށް ގިނަ ވާހަކަތައް މީސްމީޑިއާގައި ހިއްސާ ކޮށްފައެވެ. އަދި އިންޓަވިއު އެއްގައި ވެސް ވަނީ މިވާހަކަތައް ކިޔައިދީފައެވެ.

ނަމަވެސް އެއަށްފަހު ކަންތައްތައްވީ މުޅިއަކުންވީ އެންމެ ރަނގަޅަށޭވެސް ބުނެވޭކަށް ނެތެވެ. ގިނަ މީހުން އެއަންހެންކުއްޖާ ދެއްކި ވާހަކަތައް ޤަބޫލު ކުރިއިރު ބައެއް މީހުން ނުކުރެއެވެ.

ކަންކަމުގައި ކޮންމެ މީހެއްގެ ވެސް އަމިއްލަ ނަޒަރިއްޔާ ހުންނާނެކަން ޤަބޫލު ކުރަމެވެ. ނަމަވެސް ކަންކަމުގައި ތިމާ ބޭނުންކުރާ ބަސްތަކަކީ ވަރަށް ވިސްނާފަ ބޭނުން ކުރަންވާނެ ބަސްތަކެކެވެ.

މީސްމީޑިއާގައި އުޅޭ އަންހެނަކު، އެއަންހެން ކުއްޖާ ދެއްކި ވާހަކަތައް ޤަބޫލު ނުކުރިއިރު، ކިޔާފައިހުރީ ވަރަށް ވެސް އިހާނެތި އެއްޗެއްސެވެ.

އެގޮތުން އަންހެންކުއްޖާ ކުރިން އެވާހަކަތައް ނުދެއްކީ ކީއްވެތޯ އާއި، ކުއްލިއަކަށް އެވާހަކަތައް އައީމަ "އަހާލީ" ކަމުގައި ބުންޏެވެ. ކުރިންވެސް އެވާހަކަތައް ދެއްކި ކަމަށް ބުނުމުން ދެން ބުނީ "ރޭޕް ކުރަން އެހާ ބާރަށް ހިފަހައްޓާފައި ހުރި އިރު ހަމަ ލަކުނެއްވެސް ނެތް؟" ތޯ އާއި "އެހާ ލޯބިވާ ޕްރޮޓެކްޓިވް މަންމަ އެއް ހުރިއިރު އެކަހަލަ ވަގުތެއްގައި މަންމަ ފެނުނީމަ ނުވެސް ރޮވޭ" ތޯ އާއި"މަންމައަށް ކިޔާނުދެވި ބޭބެއަށް ކިޔައިދޭން ކެރިއްޖެ" ކަމަށާއި "30 މިނެޓުން ރޭޕް ކުރެވޭތޯ" އާއި އެންމެ ފަހުން ދިމާލަށް ބުނެފައިވަނީ "ރޭޕް ކޮށްފަ މީހަކު މެސެޖު ކޮށްފަ ޑިޑް ޔޫ ލައިކް އިޓް ހެއްޔޭ އަހާނެތޯ އާއި ހަމަ ދީގެން އޮވެފައި ބޭނުނީމަ މިކިޔަނީ ރޭޕް އޭ، ރޭޕް ކުރާ މީހާ އޮންނަނީ ކަރުގައާއި **** ދޫލާން" ހެއްޔޭ މިފަދައިންނެވެ.

ހަގީގަތް އެކަކަށްވެސް ނޭނގެއެވެ. އެކަމަކު މިއީ ތަންކޮޅެއް ބޮޑު ވަރެވެ.

މިއަންހެންމީހާގެ މޮޅު ތިއަރީން ބުނާގޮތުގައިވިއްޔާ މަންމައަށް ވެސް އެވާހަކަތައް ވަރަށް ފަސޭހައިން ކިޔައި ދެވޭނެއެވެ.

އެކަމަކު ބުނަން ހެއްޔެވެ؟ ރޭޕްގެ ވާހަކަތަކަކީ އެހާ ފަސޭހައިން ތިމާމީހާގެ މައިންބަފައިންނަށް ކޮންމެ މީހަކަށް ކިޔައިދެވޭނެ ވާހަކަތަކެއް ނޫނެވެ. މަންމަ ލޯބިނުވާނެތީ ނޫނީ މަންމަދެކެ ލޯބިނުވާނެތީއެއް ނޫނެވެ. އެވާހަކައިގެ ގޮތުން ބުނަން ގަންނަ ލަދެއްގެ ސަބަބުންނާއި މަންމައަށް ވެދާނެ ގޮތަކާއިމެދު ވިސްނާފައި ވެސް މިކަހަލަ ވާހަކަތައް މަންމައަށްވުރެ ބޮޑަށް އެހެން ގާތް މީހެއް ގާތު ބުނަން ފަސޭހަވެއެވެ.

ދެން އަނެއްވާހަކައަކީ 30 މިނެޓުގެ ވާހަކައެވެ. ރޭޕް ކުރަން ސީދާވީ 30 މިނެޓެކޭ އަންހެން ކުއްޖާވެސް ނުބުނެއެވެ. ބުނީ ހީވާގޮތުގައި އެވަރު ވެދާނެ ކަމަށާއި އޭނާ އެވަގުތު އޮތީ ފްރީޒްވެފައި ކަމަށެވެ. މެސެޖު ކުރާނެތޯ ބުނާއިރު އެމީހަކީ އެވަރުގެ ގޮތެއްފޮތެއް ނެތް މީހަކަށްވަންޏާ، އަދި އަންހެން ކުއްޖާ ފުރަތަމަ ގަދަ ހެދިޔަސް ފަހުން ހުއްޓުން އަރާފައި އޮތުމުން ވެސް، އޭނާއަށް އެކަންކަން ކަމުދިޔައީ ކަމަށް ހީކޮށްވެސް މެސެޖު ކޮށްފާނެއެވެ. މިއީ ވެސް ތިއަރީއެކެވެ.

ކޮންމެހެނަކަސް މުޖުތަމައުގައި "ރޭޕް" ފަދަ ސެންސިޓިވް ކަންކަމާއިމެދު ފާޅުގައި ވާހަކަ ނުދެއްކެނީ މިކަހަލަ ރަހުމުކުޑަ ވިޔާނުދާ އަންހެނުންފަދަ މީހުން އުޅޭތީއެވެ. އެފަދަ މީހުން އަމިއްލަ ދިރިއުޅުމުގައި ކިތަންމެ ވިޔާނުދާކޮށް އުޅުންކަމުގައި ވިޔަސް، އަބަދުވެސް ބަލާނީ އެހެން މީހުންނަކީ ގޮތްގޮތަށް އުޅޭ މީހުން ކަމުގައި ދެއްކޭތޯއެވެ. ތިމާމީހާގެ ދުލުން ރަނގަޅު ބަހެއް ނުބުނެވޭއިރު، އެއްޗެއް ނުބުނެ ހަނު ހުރުން އެފަދަ މީހުން އިޚްތިޔާރެއް ނުކުރެއެވެ.

މިފަދަ މީހުންގެ ބަސްތައް މިހެން ހުންނަހާ ހިނދަކު ރާއްޖޭގައި "ރޭޕް" އަކަށް އެއްވެސް އިންސާފެއް ލިބޭނެހެން ހިއެއް ނުވެއެވެ. އަދި ރޭޕް ކުރާ މީހުން ދެން ވެސް އުޅޭނީ އެމީހުންގެ ބައްތިރީސް ދަތް ސޭލް އަޅުވައިގެން ހެވިދިލިފައި، އެއްވެސް ކަމެއް ނުވާ ކަމަށް ހަދައިގެން ތިމާމެންވަރު ބައެެއް ނެތިގެން މީހުން ގަންނަން ޖެހިއްޖެ ހާލަތެއްގައި، ގަނެގަނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!