ދީން

ﷲ ތަޢާލާ އެބަޔަކަށް މަދަހައިގެ ބަސް ވަޙީ ކުރައްވައިފައިވާ މީހުންގެ ތެރޭގައި ހިމެނެން ބޭނުންވާ ނަމަ މިއަޅުކަން އަދާކުރަމާ!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާ އަހަރެމެން ބައްދަލުކުރީ ދާދި އިހަށް ދުވަހަކުއެވެ. ދުވަސްތައް ފާއިތުވެގެން ދިޔަ އަވަސްކަމާ އެކު މިހާރު އަހަރެމެން މި ތިބީ މަހުގެ ދެ ދިހައެއް ފަހަނައަޅައި ގޮސް ފަހު ދިހައިގައެވެ. އެ ރޭތަކުގެ ތެރެއިންވާ ލައިލަތުލްޤަދުރި ވިލޭރޭ ހިމެނޭ މަތިވެރި ރޭތަކުގައެވެ.

Ads by MWSC

އަހަރެމެން އެންމެންގެ އެދުމަކީ ވެސް ﷲ ތަޢާލާ ރުހި ވޮޑިގެންވާ އަޅުތަކުންގެ ތެރޭގައި ވުމެވެ. އެއިލާހުގެ ފުއްސެވުމާއި ރުއްސެވުމުގެ ދީލަތިކަން މިންވަރު ކުރައްވާ އަޅުތަކުންގެ ތެރޭގައި ހިމެނުމެވެ. މި އެދުން ހާސިލް ކުރުމުގެ ފުރުސަތު އަބަދާއި އަބަދު ކުރިމަތީގައި އޮތްއިރު ވަކީން ޚާއްޞަ ދީލަތި ކަމެއް ރަމަޟާން މަހުގައި ވެއެވެ.

ލޮބުވެތި މުސްލިމުންނޭވެ. މި މަހުގެ ބަރަކާތާއި ދަރުމަ ހޯދަން ބޭނުންވާ އަޅުގަނޑުމެން ފަދަ ފާފައިން ފޯވެފައިވާ މީހުންނަށް ވެސް އޮތީ އުފާވެރި ޚަބަރެވެ. ﷲގެ މަގަށް އަވަހަށް ރުޖޫޢަވާށެވެ. އެ އިލާހުގެ ރަޙުމަތުން މާޔޫސް ނުވެ ދީލަތިވަންތަ ﷲ ތަޢާލާގެ ދީލަތިކަން ލިބިގަންނާށެވެ.

ޤުދުސީ ޙަދީޘް ބަސްފުޅެއްގައި އައިސްފައިވެއެވެ.

“يَنْزِلُ رَبُّنَا كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا، حِيْنَ يَبْقَى ثُلُثُ اللَّيْلِ الْأَخِيْرِ، فَيَقُوْلُ: مَنْ يَّدْعُوْنِيْ فَأَسْتَجِيْبَ لَهُ، مَنْ يَّسْأَلُنِيْ فَأُعْطِيَهُ، مَنْ يَّسْتَغْفِرُنِيْ فَأَغْفِرَ لَهُ، حَتَّى يَطْلُعَ الْفَجْرُ” މާނައަކީ: “ކޮންމެ ރެއެއްގެ ފަހު ތިންބަޔަށް އެޅުމުން މާތް ﷲ ދުނިޔޭގެ އުޑަށް ތަޖައްލީވެ ވޮޑިގެންބަސްވަޙީ ކުރައްވާނެއެވެ. “ތިމަން ﷲއަށް ދުޢާ ކުރަނީ ކާކުތޯއެވެ. އެމީހެއްގެ ދުޢާ އިޖާބަ ކުރައްވާނަމެވެ. ތިމަން ﷲއަށް ކަމަކަށް އެދި ދަންނަވަނީ ކާކުތޯއެވެ. އެމީހަކަށް އެކަމެއް ދެއްވާނަމެވެ. ފާފަ ފުއްސެވުން އެދި ތިމަން ﷲ ގެ ޙަޟްރަތަށް ދަންނަވަނީ ކާކުތޯއެވެ. އެމީހެއްގެ ފާފަ ފުއްސަވައި ދެއްވާނަމެވެ. އެގޮތުގައި ފަތިސްވަންދެން ދެމިވޮޑިގެންވެއެވެ”.

އެ އިލާހުގެ ދީލަތިވަންތަކަމާ މެދު މި ނަޒަރުން ވިސްނަވާލައްވާށެވެ.

ދުނިޔޭގައި އަހަރެމެންގެ ބޭނުންތައް ގިނަގުނައެވެ. އަހަރެމެންގެ މުހުތާދުތަކުގެ ލިސްޓް ކިތަންމެހައި ވެސް ދިގެވެ. އެ މުހުތާދުތައް ފުރިހަމަވޭތޯ ދެންނެވުމުގައި ﷲ ތަޢާލާ ޚާއްޞަ ވަގުތެއް ދެއްވާފައިވާއިރު އެ ވަގުތުގައި ކަންނެތްވެފައި ތިބެވޭނީ ކިހިނަކުންތޯއެވެ. ހަމައެހެންމެ ނުފުދިފައި އޮތް މުހުތާދެއް ޙާޞިލްކުރަން ގަދައަޅާ އެތައް މަސައްކަތެއްކޮށް އެކަމުގެ ހެޔޮ ނަތީޖާ ނުލިބިފައި ތިބި ކިތަންމެ ބަޔަކަށް މިވަގުތުގެ ފައިދާ ނެގުމުން އެކަން ޙާޞިލް ކުރެވިފައި އެބަހުއްޓެވެ.

ދީލަތިވަންތަ ﷲ ތަޢާލާ ވަނީ ނިދީގައި ޣާފިލުވެ ނުތިބެ ދަންވަރު ތެދުވެ ނަމާދުކުރާ މީހުންނަށް މަދަޙައިގެ ބަސްފުޅު ވަޙީ ކުރައްވައިފައެވެ.

މާތް ﷲ ވަޙީކުރެއްވިއެވެ. ( تَتَجَافَى جُنُوبُهُمْ عَنِ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَاهُمْ يُنْفِقُونَ)السجدة: ١٦

މާނައީ : '' އެބައިމީހުންނީ ( ރޭގަނޑު އަޅުކަން ކުރުމަށް ޓަކައި ) އެމީހުންގެ އަރިކަށިތައް އެނދުތަކުން ވަކިވެ ( އަދި މާތް ﷲ ގެޢަޛާބަށް ) ބިރުވެތިވެ ( އެކަލާނގެ ޘަވާބަށް ) އުންމީދުކޮށް އެދޭ، އަދި އެބައިމީހުން ހައްދަވައި ބޮޑުކުރެއްވި ކަލާނގެ ކިބަފުޅަށް ދުޢާކޮށް ތިމަން ﷲ ދެއްވި ތަކެތިން ޞަދަޤާތްދޭ މީހުންނެވެ. ''

ވީމާ މިފަދަ މީހުންގެ ތެރޭގައި ހިމެނުމަށް ވުރެ ބޮޑު އުފަލެއް އޮންނާނެތޯއެވެ. އަރާމު ތަންމަތިތަކާ ފޭވެ ދަންވަރުގެ ފަހުގައިބައި ﷲގެ ނިކަމެތި އަޅާ ، އެއަޅާގެ ވެރި ރައްބަށް ދުޢާ ދެންނެވުމުގައި ހޭދަ ކުރާ ވަގުތަށް ވުރެ ހިތަށް ފިނިކަން ލިބޭނެ ވަގުތެއް އޮންނާނެތޯއެވެ. މިފަދަ މީހުންގެ ޢަމަލުތަކާ ގުޅޭ ގޮތުން ﷲ ތަޢާލާ ވަޙީ ކުރައްވައިފައިވެއެވެ.

( كَانُوا قَلِيلًا مِنَ اللَّيْلِ مَا يَهْجَعُونَ (*) وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ ) الذاريات: ١٧ - ١٨

މާނައީ " އެބައިމީހުން ރޭގަނޑު ނިދައި އުޅުނީ ވަރަށް ކުޑަކުޑަ ވަގުތުކޮޅެއްގައެވެ. އެމީހުން ރޭގަނޑު ދަންވަރު އިސްތިޣްފާރު ކުރެއެވެ. ( އެބަހީ ފާފަފުއްސެވުން އެދި ދަންނަވައެވެ.)

ރޭއަޅުކަން ނުވަތަ ދަމު ނަމާދު ކުރުމަކީ ، ﷲ ތަޢާލާއަށް ކުއްތަންވުމުގެ ލޯބީގައި ކުރިއަރާ ތިބި އެ އިލާހުގެ ޚާއްޞަ އަޅުތަކުންނަށް މިންވަރު ކުރައްވާ ކަމެކެވެ. އަރާމު ތަންމައްޗާއި ، އަރާމު ނިދި ދޫކޮށް ﷲއަށް ދެންނެވުން އިސްކޮށް އެމަގުގައި ސާބިތުވެ ތިބޭނީ ޔަގީނުން ވެސް އެއިލާހުގެ ރަޙުމަތަށް އިޚްލާޞްތެރިކަމާ އެކު އެދޭ މީހުންނެވެ. މިފަދަ މާތް ވަގުތެއްގައި މުޅި ދުނިޔެއާ އެކަހެރިވެ ﷲތަޢާލާއާ ކުއްތަންވުމުގެ ދަރުބާރަށް ޙާޟިރުވާ މީހާގެ ހެޔޮކަމާއެވެ.

ބަރަކާތްތެރި ރަމަޟާން މަހުގެ އެންމެ ބަރަކާތްތެރި ރޭ އޮތީ ކުރިއަށެވެ. ރޭސް ފަށާއިރު ފަހަތުގައި އޮތް ނަމަވެސް ނިމޭއިރު ތިމާއީ ކުރީގައި އޮންނަ މީހަކަށް ވޭތޯ މަސައްކަތް ކުރަމާ ހެއްޔެވެ؟ ފުއްސެވުމާއި ދިންނެވުން ތަނަވެސްވެގެންވާ އިރު އެކަން ހާސިލް ކުރުމަށް ކުޑަ ހިތްވަރެއް ކޮށްލަމާ ހެއްޔެވެ؟

ޔާﷲ! ކުރިއަށް އޮތް ބަރަކާތްތެރި ރޭތަކުގެ ހެޔޮކަން ލިބުމުގެ ތައުފީގު މިންވަރު ކުރައްވާންދޭވެ. އަދި ހެޔޮކަމުގެ މަގުގައި އަޅަމެން ޘާބިތު ކުރައްވާށިއެވެ. އާމީން!

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!