ޖިންސީގޯނާއާއި ދެކޮޅަށް ކުރާ ހަނގުރާމައިގެ ހުޅުކޮޅު ނިވެނީ ބާ؟
ވޭތުވެދިޔަ ދެތިން ހަފްތާގައި މީސްމީޑިޔާގައި ރޯވި އެއް ހުޅުގަނޑަކީ ސަފާރީއެއްގައި ކެންޔާގެ އަންހެނަކު ރޭޕް ކުރި މައްސަލައެވެ. އެ މައްސަލައިގައި ސިޔާސީފަރާތެއްގެ ނުފޫޒުން އެ ނުބައި އަމަލު ކުރި މީހުންނަށް ހައްގު އަދަބު ނުދެވިގެން އުޅޭ ވާހަކައެވެ.
އެވާހަކަޔާ އެކު އެހެން ވާހަކަ ތަކެއްވެސް މީސްމީޑިޔާގައި ދެކެވެން ފެށިއެވެ. ނަތީޖާއަކަށް ވީ މި ހުޅުގަނޑު އިތުރަށް ބޮޑުވެ ޖިންސީގޯނާޔާ ދެކޮޅަށް އަޑު އުފުލާމީހުންގެ އަދަދު މީސްމީޑިޔާގެ ތެރޭގައި އިތުރުވެގެން ދިޔުމެެވެ.
އެގޮތުން މަޝްހޫރު ފިލްމީ ތަރި ޖުމައްޔިލް ނިމާލްގެ ރޭޕްގެ މައްސަލައެއްެވެސް ފެންމަތިވެ އެ މައްސަލަވެސް މީސްމީޑިޔާގެ ތެރޭގައި ހޫނު ވެގެން ދިޔައެވެ. އެއަށްފަހު ޒުވާން ކުދިން ތަކެއް އިސްނަގައިގެން ހެދި “ޖަަސްޓިސް ފޯރ ސަވައިވާރސް” ގުރޫޕްގައި ޖިންސީގޯނާގެ ޝިކާރައަކަށް ވެފައިވާ އެތައްބަޔަކު އެމީހުންގެވާހަކަ ތައް ހިއްސާ ކުރިއެވެ.
އަނެއް ވާހަކަ އަކީ ދިވެހި ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު އަލީ ވަހީދު އެ ވުޒާރާގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެ މަގާމުންދުރު ކުރެވުމެވެ. މި ފަދަ އެތައް ވާހަކަ ތަކަކުން މުޅި މީސްމީޑިޔާ އޮތީ ފުރި ބަރާވެފައެވެ.
ސަފާރީއެއްގައި ކެންޔާގެ އަންހެން މީހާ ރޭޕް ކުރި މައްސަލަ ފެންމަތިވި ދުވަހުން ފެށިގެން މާލޭގެ މަގުތަކުގައި ޖިންސީ ގޯނާޔާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެހަރަކާތްތަކެއް ފެށުނެވެ. ޖެންޑާ މިނިސްޓްރީ ކުރިމަތީގައި ފުރަތަމަ ދުވަހު ކުރި އިހުތިޖާޖުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އިރު އެ އިހުތިޖާޖުގައި ފުލުހުންވަނީ ކަރުނަ ގޭސް ޖަހާފައެވެ.
މާލޭގެ މަގުތައް މަތީގައި ކުރަމުން އަންނަ މި އިހުތިޖާޖު އިއްޔެވެސް އޮތެވެ. އަޅުގަނޑުވެސް ރައްޓެއްސަކާއެކު ދިޔައީ އެ އިހުތިޖާޖުގައި ބައިވެރިވުމަށެވެ. އަދި އެއިހުތިޖާޖު ކަވަރު ކުރުމަށެވެ.
ނަމަވެސް އަޅުގަނޑަށް ފެނުނީ ހިތްހަމަ ޖެހޭފަދަ މަންޒަރެއް ނޫނެވެ. ފުރަތަމަ ދުވަހު އިހުތިޖާޖުގައި އެތައްބަޔަކު ބައިވެރިވި ނަމަވެސް އިއްޔެގެ އިހުތިޖާޖުގައިބައިވެރިވެފައި ވަނީ ވަރަށް މަދު ބަޔެކެވެ.
ލަފާކުރެވޭ ގޮތުގައި އެ އިހުތިޖާޖުގައި އިއްޔެ ގާތްގަނޑަކަށް އުޅުނީ 30 ވަރަކަށް މީހުންނެވެ. މިއީ ހަގީގަތުގައި ވެސް ކަންބޮޑުވާން ޖެހޭފަދަ ކަމެކެވެ. ރޭޕްގެމައްސަލަ އެއް ފެންމަތިވާ ކޮންމެ ފަހަރަކުމެ ދެތިން ހަފްތާއަށް އެކަމާ ދެކޮޅަށް އަޑު އުފުލާ މީހުންގެ އަދަދު ގިނަވެއެވެ. އިހުތިޖާޖުތަކުގައި ބައިވެރިވާ މީހުންގެއަދަދުވެސް ގިނަވެއެވެ.
ނަމަވެެސް ދުވަސްކޮޅަކުން އަނެއްކާވެސް އެ އަޑުތައް މަޑުވެ އެވާހަކަ ދައްކާނެ މީހަކުވެސް ނުވެއެވެ. ފަހަރުގައި އެކަންކަމުގެ ސަބަބުން އެކަށީގެންވާ ނަތީޖާއެއްނުނިކުންނާތީ ކަމުގައިވެސް ވެދާނެއެވެ. ކަމާބެހޭ ފަރާތްތަކަށް އެ ފަރާތްތަކުގެ އަޑު އިވުނަސް ބީރު ކަންފަތެއް ދޭތީ ކަމުގައިވެސް ވެދާނެއެވެ.
ނަމަވެސް ދަންނަވަންތޯއެވެ؟ ދުވަސްކޮޅަކަށް މި ވާހަކަތައް ދެއްކުމަށް ފަހު އެ ވާހަކަތައް ދެއްކުން ހުއްޓާލުމުން ކުރާނެ ފައިދާއެއް ނެތެވެ. ކޮންމެ ދުވަހަކުމެއެތައް ބަޔަކު ޖިންސީ ގޯނާގެ ޝިކާރައަކަށް ވެގެންދާއިރު މި ކަންކަމަށް އިންސާފު ހޯދައިދިނުމަށް އަޑު އުފުލަން ޖެހޭ ކަމުގައި ދެކެމެވެ.
މަދުބަޔަކު ނަމަވެސް މިފަދަ އިހުތިޖާޖުތަކުގައި ބައިވެރި ވުމަކީ އެ ފަރާތްތަކަށް ޝުކުރު ހައްގު ކަމެކެވެ. އެހެން ނަމަވެސް ދިވެހީންގެ އެއްބައިވަންތަ ކަންފެންނަންވީ މިފަދަ ކަންކަމުގައި ނޫންތޯއެވެ. ސިޔާސީ ކަމަކަށް މިކަންކަން ނުހަދައި އެންމެން އެކައްޗެއް ކިޔައި އަޑު އުފުލައިފި ނަމަ އިންސާފު ހޯދިދާނެކަމާމެދު ޝައްކެތް ނެތެވެ.
އިއްޔެގެ އިހުތިޖާޖުގައި މިހާ މަދު ބަޔަކު ބައިވެރިވީއިރު ކުރިއަށް އޮތް ދުވަސްތަކުގައި މިފަދަ އިހުތިޖާޖުތަކުގައި ބައިވެރިވާނެ މީހުންގެ އަދަދާމެެދު ސުވާލުއުފެދެއެވެ. ޖިންސީ ގޯނާގެ ޝިކާރަައަކަށް ވެފައިވާ އެތައް ބަޔަކަށް އިންސާފެއް ނުލިބި ޖިންސީގޯނަާޔާ ދެކޮޅަށް ކުރާ މި ހަނގުރާމައިގެ ހުޅުކޮޅު ނިވެނީބާވައެވެ؟