ރިޕޯޓް

ދިވެހިން "ކޮވިޑް-19" އާ ރައްޓެހި ކުރުވީ ސަރުކާރުގެ ސިޔާސަތުތައް

ފާތިމަތު އިރުސާ ، ދެން އޮންލައިން

ބިރުވެރިކަން އިންތިހާއެވެ. އަދިވެސް އެބިރުވެރިކަން އެހާމެ ބޮޑެވެ. ކުޑަވީ ރައްޔިތުން ގަންނަ ބިރެވެ. 20 ހާހަށް ވުރެ ގިނަ މީހުން މި ކުޑަކުޑަ ރާއްޖެއިން ކޮވިޑް19ގެ ޝިކާރައަކަށްވެ 64 މީހުން ދުނިޔެއާ އަލްވަދާޢު ކިޔަން ޖެހުމުން މި ބަލީގެ ނުރައްކަލާ ބިރުވެރިކަމުގެ މަންޒަރު ސާފުކޮށް އެއޮތީ ފެންނާށެވެ.

Ads by Sosun Fihaara

ކޮވިޑް-19 ގެ ބިރުވެރިކަމުގެ ވާހަކަ ދުނިޔޭގެ ނޫސްތަކުގެ ފަލަ ސުރުޙީއަށް އަރަން ފެސީންސުރެ ދިވެހިން ތިބީ މި ބިރުވެރިކަމާ ކުރިމަތި ލާން ޖެހޭނެކަން ދަނެ އެކަމަށް ރަޖާ ލައިގެންނެވެ. ޖަނަވަރީ މަހުން ފެށިގެން މިބައްޔަކީ ކޮބައިކަމާއި ބައްޔާ ބެހޭ ފަހުގެ އަދާހަމަތައް ދިވެހިން ބަލަމުން ދިޔައެވެ. މިއަދަށް ކޮވިޑް-19 އާއެކު ގެނައި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތަށް އަހަރެއް ވެފައިވާއިރު، ދިވެހިން މިއަދު މިވަނީ ކޮވިޑް-19 އަށް "އޮޅުވެފަ"އެވެ. ސަރުކާރުން ގެންގުޅެމުން ދިޔަ ބައެއް ދޯހަޅި ސިޔާސަތުތަކުގެ ސަބަބުންނާއި އޭގެ މޯހިރުގައި އިދިކޮޅުން އުފެއްދި ބައެއް ކަންތައްތަކުގެ ސަބަބުންނެވެ.

ދިވެހިން ތިބީ މާސްކް ގަނެ، ސެނެޓައިޒާއިން އަތް ތެތްމައިގެން!

ކޮވިޑް-19 އަކީ އާލަމީ ވަބާއެއްގެ ގޮތުގައި އިޢުލާން ކުރި ހިސާބުން، ރާއްޖޭގައިވެސް މި ބަލި މަޑުކަމުގެ ސީރިއަސްކަން އިތުރުވާން ފެށިއެވެ. މިގޮތުން ހުސްވި އަހަރު މާރިޗް މަހު ބޭސް ފިހާރަ ތަކުން މާސްކާއި ސެނެޓައިޒާ ގަންނަން ހަދާފައި އޮތް ކިޔު ހިތަށް ގެނައުމުން ދިވެހިން އޭރު ގަތް ބިރު ހާމަ ވެގެންދެއެވެ. ރާއްޖެއިން ފުރަތަމަ މީހާ ކޮވިޑް-19 އަށް ފައްސި ވި ޚަބަރާއެކު ދިވެން އިތުރަށް ފަރުވާތެރި ވާން ފެށިއެވެ. އަތް ދޮވެ، އަނެކާއަށް ވެސް އެކަން ހަދާން ކޮށްދެމުން ދިޔައެވެ. ކޮންމެ ރެއެއްގެ ޕްރެސް ކޮންފަރެންސަކީ ގަވާއިދުން ކާ ބޭހެއްހެން، އެ ޕްރެސް ނުބަލާ ދިވެއްސެއް އޭރު މަދުވާނެއެވެ. މާލޭގައި ކޮމިއުނިޓީ ސްޕްރެޑް ވާހަކަ އަހާ ކަރުނަ ނާޅާ މީހެއް އޭރު ނެތެވެ. ކޮވިޑް-19 ބިރަށް މުޅި ރަމަޟާން މަސް އާއިލާއާއި ދުރުގައި އެކަނި ހޭދަ ކުރި މީހުން އެ ހިތްދަތި އެކަނި ވެރި ދުވަސް ސިފަ ކޮށްދެމުން މިއަދު ވެސް ކަރުނަ އަޅައެވެ. ކޮވިޑްގެ ފުރަތަމަ މަރުން މުޅި ގައުމު ސިއްސުވާލިއެވެ.

މިއަދު ހާލަތު ބަދަލު ވެއްޖެއެވެ. މިދެންނެވީ ކޮވިޑް-19 ނުރައްކާ ކުޑަވި ވާހަކައެއް ނޫނެވެ. ރައްޔިތުން މިކަމަށް ހޭނުނު ވާހަކައެވެ.

އޭރު ވެރިން ވިދާޅުވަމުން ދިޔައީ މިއީ އާދައިގެ ރޯގާއެއް ކަމަށް!

ކޮވިޑް-19ގެ ބާނި ރާއްޖެއާ ހަމައަށް ނާންނަނީސް ކޮވިޑް-19 އަކީ އާދައިގެ ވައިރަހެއް ކަމުގައި ސަރުކާރު ހިންގާ ޕާޓީގެ ބައެއް މެންބަރުން ދިވެހިންނަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. ރައްޔިތުންގެ މަޖިލީހަކީ ބުނާ ބަހަކަށް ޤާނޫން ހިނގާނެ ތަނަކަށް ނުވާތީ، ހިތު ހުރި އެއްޗެއް އޭރު ގޮވިއެވެ. ސާފު ތާހިރުކޮށް އުޅެންޏާ ކޮވިޑް-19 ނުޖެހޭނެ ކަމަށް ވިސްނައިދޭން އޭރު ޢިއްޒަތްތެރި މެންބަރުން އުޅުނެވެ. ނަމަވެސް މުޅި މާލެ ލޮކްޑައުންކޮށް، ރާއްޖެއަށް ފަތުރުވެރިން އެތެރެވުން ހުއްޓާލި ހިސާބުން ދިވެހިންނަށް ކޮވިޑް-19ގެ ސީރިއަސްކަން އެނގުނެވެ.

އެޗްޕީއޭގެ ބަހެއް ދިވެހިން މިހާރަކު ނާހާ!

ކޮވިޑް-19ގެ ވާހަކަތައް ، އޭރު ސަރުކާރުން ކޮންމެ ރެޔަކު ބާއްވާ ނޫސްވެރިންގެ ބަދަލުވުމުގައި ގެނެސްދިންއިރު، ނޫސްވެރިންގެ ބައްދަލުވުމުގައި ދޭ ހުރިހާ އިރުޝާދަކަށް ދިވެހިން ތަބާވިއެވެ. ގެއިން ނުނިކުންނާށޭ ބުނުމުން، އޮންނަނީ ގޭގައެވެ. ރަށަށް ނުދެވޭނެއޭ ބުނުމުން އެކަމާ ޝަކުވާއެއް ނުކުރެއެވެ. ކިޔެވުން އޮންލައިންކޮށް، ގޭގައި މަޑުކޮށްލާށޭ ބުންޏަސް ހަމަ ވަރިހަމައެވެ. އޭރު ދިވެހިން އެޗްޕީއޭގެ ބަސް އަހައެވެ. ދިވެހިން އޭރު އެޗްޕީއޭއަށް އިތުބާރު ކުރިއެވެ.

ދެވަނަ ފަހަރަށް ދިން ލުޔާއެކު އެޗްޕީއޭއިން ގެންގުޅެމުން އަންނަ އުސޫލުތައް ބަދަލުކޮށްލި ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ. އަދި އޭގެ ފަހުން ވަކި ބަޔަކަށް މަންފާވާނެ ގޮތަކަށް އުސޫލު ބަދަލު ކުރަމުން އަންނަ ކަމަށް އޭރު ގިނަ ބަޔަކު ދުއްޓެވެ.

މިކަން އެންމެ ގިނަ ބަޔަކަށް ގަބޫލު ކުރެވެން ފެށުނީ ސަރުކާރުގެ އިސްބޭފުޅުން ކަރަންޓީނު ވުމެއް ނެތި އަތޮޅު ތެރެއަށް ދެވޭނެ ގޮތަށް އެޗް.ޕީ.އޭގެ ގައިޑް ލައިން ބަދަލު ކޮށްލުމުންނެވެ. ހަމައެހެންމެ އާ އަހަރު ފާހަގަ ކުރަން ވަކި ބަޔަކަށް ކަރަންޓީނު ވާން ނުޖެހޭ އުސޫލުން ރައްޔިތު މީހާ ރުޅި އަރުވާލިއެވެ. ވަކި ބަޔަކަށް ޕާޓީތަކާ ހަފްލާތައް ބޭއްވެން ފެށުނީމާ ރައްޔިތު މީހާއަށް ވެސް މި ހަމަ ނުޖެހޭ ގޮތްތައް ގަބޫލެއް ނުކުރެވުނެވެ. މިސްކިތްތައް ބަންދު ކުރަން ބާރު އަޅާއިރު، ކުޅިވަރު ކުޅޭ މައިޒާންތައް ހުޅުވާފައި ބޭއްވުމަކީ އަދި މުޅިން ހަމަޖެހޭ ސިޔާސަތެއް ނޫން ކަމަށް ރައްޔިތުން ދެކެން ފެށިއެވެ. މުޒާހަރާ ތަކާ ދިމާކޮށް، ކޮވިޑް-19 ގެ ފިޔަވަޅުތައް ހަރުކަށި ވާން ފެށިއެވެ.

މިފަދަ ހަމަ ނުޖެހޭ ސިޔާސަތުން ރައްޔިތު މީހާ އެޗް.ޕީ.އޭ އަށް ކުރާ އިޙްތިރާމް ކުޑަ ވެއްޖެއެވެ. އަތްދޮވެގެން ގޭގައި ތިބޭށޭ ބުނެ ހިނގި ވެންޓިލޭޓަރުގެ ވައްކަންތަކާއި އެކަންތައް ފަސްއަޅާ ފޮރުވާލުމުން ސަރުކާރަށް އިތުބާރު ކުޑަ ވެއްޖެއެވެ. ސިއްޙީ މާހިރުންނަށް ވުރެ އެބަޔަކު ތާއީދު ކުރާ ލީޑަރުގެ ބަސް މާ ގަދަ ވެއްޖެއެވެ. ކޮވިޑް-19 އަކީ ބިރުވެރިކަމެއް ނޫން ކަމަށް ގަބޫލު ކުރަން ފަށައިފިއެވެ. އަމިއްލަ ރައްކަލަށް ވުރެ ބޮޑަށް ޖޫރިމަނާއަށް ބިރުން އުޅޭ މީހުން ގިނަވުމީ މިކަމުގެ ހެއްކަކަށް ވާނެއެވެ.

ރައްޔިތު މީހާ ވިސްނަންވީ އެއްކަމެއް އެބައޮތެވެ. އެމީހެއްގެ ރައްކާ ހޯދާނީ އެމީހެކެވެ. ތިމާ ބަލިވާ ދުވަހު ހިތާމަ ކުރާނީ ސަރުކާރެއް އަދި ތާއީދު ކުރި ޕާޓީއެއް ވެސް ނޫނެވެ ތިބާގެ އާއިލާއެވެ. މިހެން ކަމުން، އެޗްޕީއޭގެ ގައިޑްލައިންތައް ކިތަންމެ ދޯދިޔާ ކަމަށް ތިމާއަށް ހީކުރެވުނަސް، ތިމާއާ އަނެކާގެ ރަށްކަލަށް އެ އުސޫލުތަކަށް ތަބާވާން ޖެހެއެވެ. ސަރުކާރުން ބާއްވާ “ކޮވިޑް ނުފެތުރޭ ހަފްލާތަކާއި” އިދިކޮޅުން ހިންގާ “ކޮވިޑް ފެތުރޭ ހަރަކާތްތަކާ” މެދު ދެވަނަ ވިސްނުމަކަށް ދާން އެބަ ޖެހެއެވެ. ސަރުކާރުން ސިޔާސަތު ކަނޑައެޅުމުގައި "ވަކި ޕާޓީއެއްގެ މެމްބަރުންނަށާއި ވަކި ތަންތަނުގައި ކޮވިޑް ނުފެތުރޭނެ ކަމަށް" އޮންނަ އުސޫލު ނައްތާލައި އެކަމުން ސިޔާސީ ފައިދާ ނުހޯދައި ރައްޔިތުންގެ ރައްކާތެރިކަމަށް އިސްކަން ދޭން ޖެހެއެވެ. އިޚްލާސްތެރިކަން އިސްކުރަން ޖެހެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!