އުނގޫފާރު ކުޑަކުދިންގެ ޕާކާއި އައުޓްޑޯ ވޮލީ ކޯޓު އަދި ބ.ފުޅަދޫ އައުޓްޑޯ ވޮލީ ކޯޓު ތަރައްގީ ކުރަން އާރްއެޗް އަށް
ރ. އުނގޫފާރު ކުޑަކުދިންގެ ޕާކު ގެ އިތުރުން އައުޓްޑޯ ވޮލީ ކޯޓު ތަރައްގީކޮށް ބެލެހެއްޓުން އާރްއެޗް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފިއެވެ.
އެ ކުންފުންޏާއި އެ މަސައްކަތް ހަވާލުކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ކަމަށް އުނގޫފާރު ކައުންސިލުން ވަނީ ބުނެފައެވެ. އަދި އެކަމުގެ އެއްބަސްވުމުގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ.
އާރްއެޗް ހޯލްޑިންގެ ވެރިޔާ އަހުމަދު ރީހާން ވިދާޅުވި ގޮތުގައި ކުޑަކުދިންގެ ޕާކަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށާއި އެ ތަނަކީ އާއިލާތަކަށް އުފާވެރި ތަނަކަށް ބަދަލުކޮށްލާނެ ކަމަށެވެ. އެގޮތުން ކުޑަކުދިންގެ ޕާކްގައި ކެފޭއަކާއި ޓީވީ ބެލުމަށް ސްކްރީން ބެހެއްޓުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުންވެސް ކުޑަކުދިންނަށް ހާއްސަ ޕްލޭ ގްރަންޑްގައި އެ ކުދިންނާ ގުޅޭ ތަފާތު ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ހަމަޖައްސައި ކުޑަކުދިން ކުޅޭ އެކި ސާމާނުތައް ބެހެއްޓުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ހަމައެހެންމެ ޕާކްގައި ހުރި ފިހާރަތައް އިތުރަށް ތަރައްގީކޮށް ކުޑަކުދިންނާ ގުޅޭ ތަފާތު ސާމާނުތައް ލިބޭނެ އިންތިޒާމްވެސް އެ ކުންފުނިން ހަމަޖައްސެމަށް ވަނީ ހަމަޖެހިފައެވެ.
އުނގޫފާރު ކުޑަކުދިންގެ ޕާކު ގެ އިތުރުން އައުޓްޑޯ ވޮލީ ކޯޓުގެ އިތުރު ބ. ފުޅަދޫ އައުޓްޑޯ ވޮލީ ކޯޓުގެ މަސައްކަތް ވެސް ވަނީ އާރްއެޗް ކުންފުންޏާއި ހަވާލުކޮށްފައެވެ.