ލައިފްސްޓައިލް

އަހަރެން ތިބާއާއެކު ހުރި ވަގުތު ތިބާ އަހަރެންނަށް ޤަދަރު ނުކުރީ ނޫންހެއްޔެވެ؟

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އެކުވެރިކަމަކީ ބާރުގަދަ އަދި ގަދަފަދަވި ގުޅުމެކޭ ބުނާ އަޑު އަހަމުއެވެ. އަދި އެކުވެރިއެއްް ގެއްލުމަކީ ލޯބިވެރިއެއް ގެއްލިގެން ދިއުމުން ލިބޭ ހިތާމައަށް ވުރެ އެތައް ގުނައެއް ވޭން ހުރި ކަމެކޭ ބުނާ އަޑު ވެސް އަހަމުއެވެ. އެކުވެރިކަން ދެމެހެއްޓުމަށްޓަކައި ދެފަރާތުން އެއްވަރަށް މަސައްކަތް ކުރުމަކީ ވެސް މުހިންމު ކަމެކޭ ބުނާ އަޑު ވެސް އަހަމުއެވެ.

Ads by Sosun Fihaara

އަހަރެން ތިބާއާއެކު ވަގުތުތައް ހޭދަކޮށް ތިބާއަށް ކަންކަމުގައި އެހީތެރި ވެދިނީ ތިބާގެ ފަރާތުން ވެސް ހަމަ އެފަދަ ކަމެއް އަހަރެންނަށް ލިބޭނެ ކަމުގެ އުއްމީދުގައެވެ. ބުނެ އުޅޭތީ އަޑުއެހީމުއެވެ. ތިމާ މީހަކާ ދޭތެރޭ ކަންތައް ކުރަން ވާނީ އެމީހާ ވެސް ތިމާއާ ދޭތެރޭ ކަންކުރަން ތިމާ އެދޭ ގޮތަކަށެވެ. އެހެންނަމަވެސް މިއަދު އަހަރެންނަށް ވިސްނުނީ ތިބާއާއެކު އަހަރެން ހޭދުކުރި ވަގުތުތަކުގެ އެއްވެސް އަގެއް ތިބާގެ ހިތުގައި ނެތްކަމެވެ.

މީރު ކާއެތިކޮޅެއް ލިބުނަސް އެއްބައި ތިބާއަށް ދޭން އަހަރެން ބޭއްވީމެވެ. އަދި ރީތި ތަނަކަށް ދިއުމުގެ ފުރުސަތު ލިބުނު ނަމަވެސް ތިޔަ އެކުވެރިޔާ ގޮވައިގެން ދާން އަހަރެން އެތައް މަސައްކަތެއް ވެސް ކުރަމުއެވެ. އެއީ އަހަރެންގެ އުފަލާއި ހިތްހަމަޖެހުމުގައި ވެސް ތިބާ ބައިވެރި ކުރަން އަހަރެންގެ ހިތް އެދޭތީއެވެ. ތިބާ ނުލައި އޭގެ އެއްވެސް ކަމެއް ކުރާކަށް އަހަރެންގެ ހިތް ނޭދޭތީއެވެ. އެހެންނަމަވެސް މިހުރިހާ ދުވަހު އަހަރެންނަށް ކަންތައް ކުރެވުނީ ފޫނެތް ފަޔަށް ފެން ފުރުން ފަދަ ގޮތަކަށް ކަން ވިސްނިއްޖެއެވެ.

އެކުވެރިޔާއެވެ. އެކުވެރިކަމަކީ ދެމީހުން އެއްކޮށް މަސައްކަތް ކޮށްގެން ކުރިއަށް ގެންދެވޭނެ ކަމެކެވެ. ދެމީހުންގެ ދެމެދުގައި މައްސަލަތައް ޖެހުނު ނަމަވެސް އެ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރާނަމަ ކޮންމެ މައްސަލައަކީ ވެސް ހައްލުވާނޭ މައްސަލައެކެވެ. އެހެން ނަމަވެސް ތިބާގެ ސިކުނޑިއަށް މިކަން ނަގައިނުގަނެވެނީ ކަމެއް ނޫނީ ތިބާ ގަސްތުގައި އަހަރެންނާ ދުރަށް ދާން ބޭނުންވަނީި ކަމެއް އަހަރެންނަކަށް ނޭނގެއެވެ. އަދި އަހަރެން އެކަންތައް ބަލާކަށް ވެސް ބޭނުމެއް ނޫނެވެ. މިއަދު އަހަރެން ތިޔަ އެކުވެރިޔާއާއެކު ނެެތުމުން އެކަމުގެ ޝަކުވާ އަހަރެންނާ ނުކުރާށެވެ. އަހަރެން ތިޔަ އެކުވެރިޔާއާއެކު ހުރި ވަގުތު އަހަރެންނަށް ތިޔަ އެކުވެރިޔާ ޤަދަރު ނުކުރީ ނޫން ހެއްޔެވެ؟

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!