ޚަބަރު

ހާލުގައި ޖެހިފައިވާ ސީރިއާ މީހުންނަށް އެހީވުމުގެ ނަމުގައި އޮޅުން ބޮޅުން ގިނަ ކަންތައްގަނޑެއް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ސީރިއާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވާ ކަމަށް ބުނެ ފޭސްބުކްގައި އޮޅުން ބޮޅުން ގިނަ ޕޯސްޓެއް އާންމު ކޮށްފިއެވެ.

Ads by Sosun Fihaara

"ވަރަށް ފައްކާ" ކިޔާ ޕޭޖަކުން އާންމު ކޮށްފައިވާ މި ޕޯސްޓް ގިނަ ބަޔަކު މިހާރު ވަނީ ޝެއަރކޮށްފައެވެ.

މި ޕޯސްޓްގައި ބުނެފައި ވަނީ 350 މީހަކަށް 3 އިރުގެ ކެއުން ފޮނުވަން ހަމަޖެހިފައިވާ ކަމަށާއި އެހީވާން ބޭނުންވާ މީހުން ދީފައިވާ އެކައުންޓް ނަމްބަރަށް ފައިސާ ޖަމާ ކޮށްދިނުމަށް އެދޭ ކަމަށެވެ.

"1442 ވަނަ އަހަރުގެ ރަމަޟާން މަހާއި ދިމާކޮށް އަޅުގަނޑުމެންނަށް ވަނީ ބޮޑު ފުރުސަތެއް ލިބިފައެވެ. އެގޮތުން ސީރިޔާގެ ހާލުގަ ޖެހިފައިވާ ފަރާތްތަކަށް ސަޕްލައިސް ފޮނުވުމަށް ހިލޭ ޝިޕިން ވަނީ ލިބިފައެވެ. އެހެންކަމުން އަޅުގަނޑުމެންގެ ޓީމުން މިހާރުވަނީ 350 މީހަކަށް 3 އިރުގެ ކެއުން ފޮނުވުމަށް ނިންމާފައެވެ. އަދި 400 މީހަކަށް 3 އިރުގެ ކެއުމަށް ވާވަރުގެ ސާމާނު ފޮނުވެން ފުރުސަތު އެބައޮތެވެ. މިފުރުސަތުގެ ބޭނުން ހިފަން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ފޮޓޯގައިވާ އެކައުންޓު ނަމްބަރަށް ފައިސާ ޓުރާންސްފާރ ކުރުމަށްފަހު ސްލިޕްކޮޅު މިޕޭޖަށް އިންބޮކްސް ކޮށްލަދެއްވުން އެދެމެވެ. އަދި ސްލިޕްކޮޅާއިއެކު ނަމާއި ގުޅޭނެ ފޯނުނަންބަރެއް ދެއްވުން އެދެމެވެ. އޭރުން އަޅުގަނޑުމެން އަޕްޑޭޓު ދޭށާއި ހަވާލުކުރެވިއްޖެކަމުގެ މައުލޫމާތު ހިއްސާކުރަން ފަސޭހަވާނެއެވެ. އިތުރު މައުލޫމާތު ބޭނުން ފުޅުވާނަމަ މިޕޭޖަށް މެސެޖު ކޮށްލަދެއްވާށެއެވެ.
މިޕޯސްޓު ވީހާވެސް ގިނަބަޔަކަށް ޝެއާކޮށްލަދެއްވުން އެދެމެވެ." އެއްވެސް ފޯން ނަމްބަރެއް ނެތް "ވަރަށް ފައްކާ" ޕޯސްޓްގައި ވެއެވެ.

މި ޕޯސްޓާ ގުޅިގެން މެސެޖު ކުރާ ފަރާތްތަކަށް ވެސް ފޯން ނަމްބަރެއް ދިނުމަށް އެދުމުން ދެނީ ލަންކާގެ ފޯން ނަމްބަރެއް ކަމަށް "ދެން"އާ ވާހަކަ ދެއްކި މީހުން ބުންޏެވެ. އަދި އެމީހުންނަކީ ރަޖިސްޓްރީ ކޮށްފައިވާ ޖަމްއިއްޔާއެއް ނޫން ކަމަށާއި އެއީ ކުވައިތުގައި ދިރިއުޅޭ ކިޔަވާ ކުދީންތަކެއް ކަމަށް ބުނެފައިވާ ކަމަށް ވެސް "ދެން"އަށް މައުލޫމާތު ލިބިފައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޕޭޖުން ވަނީ މީގެ ދޮޅު އަހަރު ކުރީން ވެސް އެފަދަ ޕޯސްޓެއް ކޮށްފައެވެ. އެފަހަރު ދީފައިވާ އެކައުންޓް ނަމްބަރާއި މިފަހަރު ދީފައިވާ އެކައުންޓް ނަމްބަރު ތަފާތެވެ. އަދި ދެ އެކައުންޓް ނަމްބަރަކީ ވެސް އާންމު ދެމީހެއްގެ ނަމްބަރެކެވެ.

"ވަރަށް ފައްކާ" އިން މިފަދަ ޕޯސްޓެއް ކޮށްފައިވާއިރު ދެ ދުވަސްކުރީން އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ވަނީ "ލޯތްބާއެކު" ޕްރޮގްރާމް މިއަހަރަށް އިފްތިތާހު ކޮށްފައެވެ. "ލޯތްބާއެކު" ކެމްޕޭނަކީ ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް އައިއޭސީން ހާލުގައި ޖެހިފައިވާ އެކި ފަރާތްތަކަށް އެހީވުމަށް ހިންގާ ކެމްޕޭނެކެވެ. ސީރިއާއާއި ފަލަސްތީނާއި ރޮހިންޔާ މުސްލިމުންގެ އިތުރުން މިއަހަރުގެ ކެމްޕޭންގައި އެހެނިހެން ބައެއް ގައުމުތަކުގައި ދިރިއުޅޭ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އައިއޭސީން ހާމަ ކޮށްފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!