ރިޕޯޓް

އެނަމާ ބޯޓް ހާދިސާ: މަންމައާއި ކޮއްކޮގެ ވަކިވުން، އަހުމީގެ ދުލުން

ރައުފާ ރަޝީދު ، ދެން އޮންލައިން

ދިވެހި ތާރީޚްގައި ކަނޑުމަތީގައި މިހައިތަނަށް ހިނގައިދިޔަ އެންމެ ހިތާމަވެރި ކާރިސާ، އެނަމާ ބޯޓު ބަންޑުން ޖަހައިލި ހާދިސާވެގެން ދިޔައީ ގދ.ތިނަދޫގެ ހުރިހައި ރައްޔިތުން ރޮއްވައިލި ކަޅު ދުވަހަކަށެވެ. 2004ވަނަ އަހަރުގެ މާޗް މަހުގެ 17ވީ ބުދަ ދުވަހު ގއ.ވިލިނގިލީގައި އޮތް ފުޓުބޯޅަ މެޗެއް ބެލުމަށް ފަހު އެ ދުވަހު އިރުއޮއްސެން އުޅެނިކޮށް އެނަމާ ބޯޓް ފުރައިގެން ތިނަދޫއަށް ދަތުރު ފެށީ 122 މީހުންނާ އެކުގައެވެ.

Ads by Hajj Corporation


ދުވަހަކީ
ކަނޑު މަޑު، މޫސުން ވެސް ރަނގަޅު ދުވަހެކެވެ. މާ ގިނަ އިރުތަކެއް ނުވެ ބޯޓު ބަންޑުން ޖަހައިލައި އެއް ރަށަކަށް ނިސްބަތްވާ އެތައް ބަޔަކު މި ދުނިޔެ ދޫކޮށް ދިޔައީއެވެ. އެ ވަގުތު ރަށުގައި ވާހަކަ ދެކެވެމުން ދިޔައީ ބޯޓު ފަރަށް އެރީ ކަމަށެވެ. މިފަދަ ހާދިސާއެއް ހިނގައިފާނެ ކަމަކަށް އެއްވެސް ބަޔަކު ހީނުކުރެއެވެ.

24 މަރު، 2 މީހުން ގެއްލިފައި

އެއް އާއިލާއަކަށް ނިސްބަތްވާ ގިނަ މީހުން މި ފަނާވަނިވި ދުނިޔެއަށް އަލްވަދާއު ކިޔައިފައިވާ އިރު މި ހާދިސާގައި ޖުމްލަ 24 މީހުން މަރުވިއެވެ. 2 މީހުން ފެނިފައިނުވާ އިރު މަރުވި މީހުންގެ ތެރޭގައި ތުއްތު ކުއްޖަކު ވެސް ހިމެނެއެވެ.


އެހީއަށް އެދި އާދޭސް ކުރި

ބޯޓު ބަންޑުން ޖަހައިލުމާ އެކު އެހީއަށް އެދި އެންމެން ވެސް ދިޔައީ ގޮވަމުންނެވެ. މާ ގިނަ އިރުތަކެއް ނުވެ ބޯޓު ކައިރިން ދޯންޏެއް ދާތަން ފެނުމާ އެކު އެހީއަށް އެދި ގޮވަމުން ދިޔައީ ނުހަނު ވޭނާ އެކުގައެވެ. އެހެން ނަމަވެސް އެ ދޯނި ބޯޓް ފަސްދީ ދިޔުން ވެގެން ދިޔައީ އެހީއަށް ގޮވަމުން ދިޔަ އެންމެންނަށް ލިބުނު ބޮޑު ހިތާމަޔަކަށެވެ. އެ ދޯނީގައި އެ ވަރަށް ތެޔޮ ނެތްކަމަށް ބުނެ ، ކަނޑުވެފައި ރޯން ތިބި މީހުންނަށް އެހީގެ އަތެއް ނުދީ ދިޔަ ކަމީ ލިބުނު ބޮޑު ހިތާމައެކެވެ.

މި ހިތާމަވެރި ހާދިސާގައި އާއިލާގެ ދެ މެންބަރުން މަރުވި، އެ ދުވަހުގެ ހިތި ހަނދާންތައް ހިއްސާ ކޮށްދިނުމަށް "ދެން"އިން ގދ.ތިނަދު ދުނބުރިމާގެ، އަހުމީމާ އަހުމަދަށް ގުޅައިލީމެވެ. އަހުމީމާގެ ލޯބިވާ މަންމަގެ އިތުރުން އެއްބަނޑު އެއްބަފާ ކޮއްކޮ މި ހާދިސާގައި މި ދުނިޔެއިން ވަނީ ވަކިވެފައެވެ. ނުހަނު ހިތާމަޔާ އެކު އަހުމީމާ އެ ދުވަހުގެ ހަނދާންތައް ހިއްސާކުރިއެވެ.

އެންމެ ފުރަތަމަ އަޑު އިވުނީ ބޯޓު ފަރަށް އަރައިގެން އުޅޭ ވާހަކަ

އަހުމީމާ ބުނާ ގޮތުން އެންމެ ފުރަތަމަ އެ ރޭ އަޑު އިވުނީ ބޯޓު ފަރަށް އަރައިގެން އުޅޭ ވާހަކައެވެ. އެ ވާހަކަ އަޑު އިވުމާ އެކު ބައްޕަގެ ގާތުގައި ބޯޓުގެ ޚަބަރު ކިޔައިދިނެވެ. އެހެން ނަމަވެސް އެ ވަގުތު ވެގެން ދިޔައީ ބޯޓު ބަންޑުން ޖަހައިލި ވަގުތަށެވެ.

" ބައްޕަ ކައިރީގައި ބުނީމަ ބައްޕަ ވެސް ހުރީ ވަރަށް ހާސްވެފައި. އަޅުގަނޑު ބުނިން ދާށޭ ދޯންޏަކުން ބޯޓު ކައިރިއަށް. ބުނީމަ ބައްޕަ ބުނި އެތާ ކައިރީގައި އޮންނާނެއޭ ފަރެއް. އެކަމަކު އެ ފަރު ހުރަސްކޮށްލައިފައި އާދެވޭނެޔޭ. އެހެން ކިޔާފައި ނިކުތީ. އޭރަކު ނޭނގެ މަންމަ ވެސް ކޮއްކޮ ވެސް އަދި ބޯޓުގެ އެހެން މީހަކު ވެސް މަރުވި ކަމެއް. އެހެން އޮއްވާ ނިދުނީ. ހެނދުނު ހޭލައިގެން ބޭރަށް ނިކުމެ މީހުންނާ ވާހަކަ ދައްކާލީމައި އަދި އެނގުނީ މި ހާދިސާ ދިމާވެގެން އުޅޭ ކަން. އެކަމަކު އޭރު ވެސް ގަބޫލެއް ނުކުރަން މަންމަ ވެސް ކޮއްކޮ ވެސް މަރުވީ އޭ."

އޭގެ ކުރިން މަންމަ 3 ފަހަރު ކަނޑުވި

އަހުމީމާ ބުނީ އޭނާގެ މަންމަ އޭގެ ކުރިން 3 ފަހަރު ކަނޑުވި ކަމަށެވެ. އަދި މަންމަޔަކީ ވަރަށް ރަނގަޅަށް ފަތަން ދަންނަ މީހެއް ކަމަށާއި މަންމަ މަރުވި ޚަބަރު ލިބުމާ އެކު ކުއްލި ސިހުމެއް ލިބުނު ނަމަވެސް އޭރު ވެސް އުންމީދު ކޮށްގެން ހުރީ މަންމަ ސަލާމަތްވާނެ ކަމަށެވެ. އޭގެ ފަހުން އައި ހިތްދަތި ވަގުތުތަކުގައި އަވަށްޓެރީން ވެސް އެވަގުތު ގެޔަށް އައިސް ހިތްވަރުދީ ހެދި ކަމަށް އަހުމީމާ ބުންޏެވެ.

" އެންމެން ވެސް ބުނި ވަރަށް ހިތްވަރު ކުރަން ޖެހޭނެއޭ. ކޮއްކޮމެން ކުރިމަތީގައި ރޮއެ ނުހަދައްޗޭ. އޭރު އެންމެ ކުޑަކޮއްކޮއަށް ނޭނގޭނެ މަންމަ މަރުވިކަމެއް. ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި ބުނީ ކޮއްކޮ ކައިރީގައި. ބުނީމަ އެއްކޮށް ހުއްޓުން އަރައިފައި ރޯން ފެށީ. އެ ހިސާބުން އަނެއްކާ ވެސް ކޮއްކޮއަށް ވެސް ހިތްވަރުދީ ދައްތަމެން ވެސް އައިސް އެއްކޮށް ހޮސްޕިޓަލަށް ދިޔައީ. ހޮސްޕިޓަލް އޮތީ ފުރިފައި. ބައިވަރު މީހުން ތިބި. މަރުވެފައި ތިބި ބައިވަރު މީހުން ވެސް ފެނުނު"

ހޮސްޕިޓަލަށް ދިޔައިރު ވެސް ކޮއްކޮ ނުފެނެއެވެ. އޭރު އެމްއެންޑީއެފް މީހުންނާއި ރަށުގެ މީހުން ވެގެން ކޮއްކޮ ހޯދަމުން ދިޔަ ކަމަށް އަހުމީމާ ކިޔައިދިނެވެ. ގިނަ މީހުންތަކެއް މަރުވެފައި ތިބި މަންޒަރު ފެނުމާ އެކު އެ އިވަގުތު ކުރެވުނު އިހުސާސްތައް އަހުމީމާ ނުހަނު ހިތާމައާ އެކު ކިޔައިދެމުން ދިޔައެވެ.

"ހޮސްޕިޓަލަށް ދިޔަ އިރު މަރުވި މީހުންގެ ހަށިތައް އޮތީ ބިންމަތީގައި ބާއްވައިފައި. އޭރު މަންމަ ވަކިކުރާކަށް ނޭނގުނު މޫނުގައި އެންމެން ފޮތި އަޅައިފައި ހުރީމަ. ދެން ވަކިވަކިން ބަލަމުން ދިޔައިރު މަންމަ ފެނުނީ. މަންމަ މޫނު ފެނުމާ އެކު ވީ ގޮތެއް ވެސް ނޭނގުނު. އެ މަންޒަރު އެއީ ހަޔާތުގައި ވެސް އަންނާނެ އެންމެ ހިތްދަތި މަންޒަރު. ވަރަށް އަސަރު ކުރި. ވަރަށް ދެރަވި....." ރޮމުން އަހުމީމާ ކިޔައިދިނެވެ.

އޭރު ވެސް ހިތްވަރު އެލުވައިނުލާ އަހުމީމާ ދިޔައީ އެންމެ ކުޑަކޮއްކޮއަށް ހިތްވަރުދެމުންނެވެ. ދެރަވި ނަމަވެސް، ރޯން ބޭނުންވި ނަމަވެސް ކުޑަކޮއްކޮ ފެނި އޭނާއަށް އެ މަންޒަރު ދައްކަން ބޭނުމެއް ނުވިއެވެ.

ލޯބިވާ އަންހެން ކޮއްކޮގެ މަރުގެ ޚަބަރު

އޭގެ މާފަހުން ދެން ލިބުނު ޚަބަރު ވެގެން ދިޔައީ އަހުމީމާއަށް އެ ދުވަހު ދިމާވި އެންމެ ހިތާމަވެރި ޚަބަރަށެވެ. ލޯބިވާ މަންމަ މަރުވެ، އެ ހިތާމަ ތަހައްމަލު ކުރަމުން ދަނިކޮށް ދެން އިވިގެން ދިޔައީ އެންމެ ލޯބިވާ ކޮއްކޮ ފެނުނު އިރު މަރުވެފައިވާ ޚަބަރެވެ. މިއާ އެކު އަހުމީމާއަށް އިތުރު ހިތްދަތިކަމެއް ލިބުނެވެ. މަންމައާއި ކޮއްކޮ ޖެހިޖެހިގެން ދެ އެނދުގައި ބާއްވާފައި އޮތް މަންޒަރަކީ ދުވަހަކު ވެސް ހަނދާނުން ފޮހެ ނުލެވޭނެ ދުވަހެއް ކަމަށް އަހުމީމާ ބުންޏެވެ. އަހުމީމާ ބުނީ އެ އިހުސާސްތައް އިތުރު އެއްވެސް މީހަކަށް ހިއްސާ ނުކުރާ ކަމަށެވެ. ކޮއްކޮއަކީ އަހުމީގެ އަމިއްލަ ދަރިއެއް ފަދައިން ބަލައި ބޮޑުކުރި ދަރިއެކެވެ.

މަންމަގެ ހަނދާންތައް

" އަބަދުވެސް މަންމަ ބުނާނެ ، އަހުމީ މިއީ ވަރަށް ރަނގަޅު ކުއްޖެކޭ. ބުނާނެ މަންމަ މުސްކުޅިވާ ދުވަހަކުން ވެސް މަންމަ ބަލާނީ އަހުމީއޭ. އެ ޔަގީންކަން އޮވެޔޭ އަހުމީ މަންމަޔަށް ދެރައެއް ނުދޭނެކަން. ވަރަށް ހަނދާންވާ ދުވަހެއް ޓައިޓޭނިކް ހާދިސާ ޓީވީއިން ގެނެސްދިން ދުވަހަކު ބުނިން މަންމަ ކައިރީގައި ބަލައިބަލާށޭ. މީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ އެއްޗެކޭ. އެ ދުވަހު ބަލަން އިނދެފައި ބުނި ކަނޑުވެގެން މަރުވުން ވާނީ ޝަހީދު މަރަކަށޭ. ކޮއްކޮ ބުނި ކޮއްކޮ މަރުވާ ދުވަހަކުން ބޭނުމޭ އެ ދުވަސް ސަރުކާރު ބަންދު ދުވަހަކަށް ވެސް ވާން. އެ ދުވަސް ވެގެން ދިޔައީ ވެސް ސަރުކާރު ބަންދު ދުވަހަކަށް. ހިތްދަތި ކަޅު ދުވަހެއް" އަސަރާ އެކު އަހުމީ ކިޔައިދިނެވެ.

އަހުމީ ބުނީ މިއަދު މަންމަ ދުނިޔޭގައި ނެތަސް މަންމަގެ ހުރިހާ ދަރިން ވެސް ދިރިއުޅެމުން ދަނީ ރަނގަޅު މަގުން ކަމަށާއި މަންމަގެ ބަސް ގަބޫލުކޮށް ހުރިހާ ކުދިން ވެސް ރަނގަޅު މަގުން ކުރިޔަށް ދާތީ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. މަންމަ މިހާރު ވެސް ކައިރީގައި ހުންނަން ބޭނުންވާ ކަމަށާއި ވަރަށް ހަނދާންވާ ކަމަށް ވެސް އަހުމީ ބުނެއެވެ. ކޮންމެ އަހަރަކު ވެސް މި ދުވަހު މި ހަނދާން އާވާކަމަށް އަހުމީ ބުނެއެވެ.

މަންމަގެ އެންމެ ބޮޑު ހަނދާނަކަށް ވަނީ އަބަދުވެސް ގޮވާނެ "ކަމަނާ"އޭ ކިޔައިފައި. ބުނާނެ ކަމަނާ ތެދުވާށޭ. އެއީ ވަރަށް ލޯބިން މަންމަ ގޮވާ ނަމެއް" ހިނިތުންވުމަކާ އެކު އަހުމީ ކިޔައިދިނެވެ.

"ދެން"އަށް އަހުމީމާ މި ހިއްސާކުރި ވާހަކައަކީ ދުވަހަކު ވެސް މީހަކަށް ކިޔައި ނުދޭ ވާހަކަތަކެއް ކަމަށާއި ނިމިގެން ދިޔަ 17 އަހަރުވީ އިރު ވެސް އެއްވެސް މީހަކަށް މި ވާހަކަތައް ހިއްސާ ކޮށްފައި ނުވާނެ ކަމަށް އަހުމީ ބުނެފައިވެއެވެ. "ދެން"ގެ ޓީމުން އަހުމީމާއަށް ޝުކުރު އަދާކުރާ ހާލު އެދެނީ ހިތްވަރާ އެކު ކުރިޔަށް ދިޔުމަށެވެ.

އެ ނަމާ ބޯޓް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި އެންމެހާ އަޚުންނާއި އުޚްތުންނަށް ﷲ ފާފަ ފުއްސަވައި ރަޙުމަތް ލައްވާށިއެވެ. އާމީން!

Ads by Allied Insurance
  1. އާމީން