ޚަބަރު

އައުގުރާނަ ގޮވުން ފެޝަނަކަށްވެ ޖީލެއް އަނިދިރިކަމެއްގެ ތެރޭގައި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ރަހުމަތްތެރިއަކާއެކު އިއްޔެގެ ވަގުތެއްގައި ފިހާރައަކަށް ދާންވެގެން މަޖީދީ މަގުން ހިނގާފައި ދިޔައީމެވެ. ވަގުތަކީ މެންދުރުގެ ވަގުތުކަމުން މަގުމަތީގައި ކާރޫބާރޫ ބޮޑެވެ. ގަޑިން އޭރު ގާތްގަނޑަކަށް ދޭއް ޖަހަނީއެވެ. މަގުމަތިން ފެންނަނީ ސުކޫލް ނިންމާފައި ބަރު ދަބަސް ކޮނޑުގައި އަޅުވައިގެން ގެއަށް ދާ ސުކޫލް ތަކުގެ ދަރިވަރުންނާއި އޮފީސް ނިންމާފައި ވަރުބަލިކަމާއެކު ގެއަށް ދާ ހަރު އުމުރުގެ މީހުންނެވެ. ކޮންމެއަކަސް އެކި ސުކޫލްތަކުގެ ޔުނީފޯމްގައި ތިބި ދަރިވަރުން އަހަރެމެން ފަސްދީ ދިޔައެވެ.

Ads by STELCO

މަގުމަތީގައި މީހުން ގިނަ އެ ވަގުތުގައި އަހަރެންނަށް ފެނުނީ ވަރަށް ތަފާތު މަންޒަރެކެވެ. އަޑު އިވުނީ އަޑުއަހަން އެންމެ ބޭނުންވި ލަފުޒުތަކެއް ނޫނެވެ. އަދި އެ ލަފުޒުތައް އަޑު އިވުނީ ސުކޫލް ދަރިވަރެއްގެ ފަރާތުން ކަމުން އަހަރެން ހަގީގަތުގައި ވެެސް ވަރަށް ލަދު ގަތެވެ. ސުކޫލެއްގެ ޔުނީފޯމް އަޅައިގެން މަޖީދީ މަގާއި ޗާންދަނީ މަގު ކަންމަތިން ދިޔަ ތިން ދަރިވަރަކު ވާހަކަ ދައްކަމުން ދިޔައީ އެކުދިންގެ އާންމު ބަހުރުވައިންނެވެ. މިއަދު އެއީ އަޅުގަނޑުމެންގެ މުޖުތަމައުއަށް އައު ލަފުޒުތަކެއް ނޫނެވެ.

ޅަވިޔަނީގެ ބަހުން އެކުދިން އެކަކު އަނެކަކާ މުހާތަބު ކުރަމުން ދިޔައިރު ލައިގެން ހުރި ޔުނީފޯމަށް ކުޑަ ނަމަވެސް އިހްތިރާމެއް ކުރާހެންނެއް އަޅުގަނޑަކަށް ހިޔެއް ނުވެއެވެ. އެކަކު އަނެކަކަށް މަލާމާތްކޮށް ދިމާކޮށް ހަދަމުން އެމީހުން މަގުމަތީގައި ދިޔައީ އަޑުގަދަ ކުރަމުންނެވެ އެމީހުން ފިޔަވައި އިތުރު ބަޔަކު މަގުމަތީގައި ހޭލަމޭލަވެ އުޅޭކަން އެމީހުންނަށް ނޭނގޭ ފަދައެވެ.

ދަންނަވަންތޯއެވެ. މިއީ އަޅުގަނޑުމެން މިއަދު ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ. ސުކޫލް ދައުރުގައި އަޅުގަނޑުމެންނަށް "މަގުމަތީގެ އަދަބުތައް" ކިޔަވައިދެނީ އެ ފިލާވަޅު އެއް ކަންފަތުން އަޑު އަހައި އަނެއް ކަންފަތުން ބޭރު ކުރުމަކަށް ނޫނެވެ. "ވާހަކަ ދެއްކުމުގެ އަދަބުތައް" ކިޔަވައިދެނީ ހަމައެކަނި ޖަލްސާއަކަށް އަރައި ރީތި ބަހުން ވާހަކަ ދައްކާކަށް ނޫނެވެ. އާންމު ދިރިއުޅުމުގައި މީހުންނާ ވާހަކަ ދައްކާއިރުގައި ވެސް ވާހަކަ ދައްކަން ޖެހޭނީ އަނެކާއަށް އިހްތިރާމް ކޮށްގެންނެވެ.

އައުގުރާނަ ބަސްތައް ބޭނުން ކުރުން މިއަދު އަޅުގަނޑުމެންގެ މުޖުތަމައު ތެރޭގައި މިވަނީ "ނޯމަލް" ކަމަކަށް ވެފައެވެ. ކުރިއަށް އޮތް ޖީލްތަކަށް މިކަމުގެ ސަބަބުން ކުރާނެ އަސަރު ވިސްނާލުމުން ހިތަށް ކުރަނީ ފުން އަސަރެކެވެ. މަގުމަތިންނާއި ކެފޭ ރެސްޓޯރެންޓުތަކާއި ދައުލަތުގެ މުއައްސަސާތަކާއި ސުކޫލްތަކުން ވެސް އިވެނީ ހަމަ މިފަދަ އަޑުތަކެވެ. މާ ބޮޑު ކަމަކަށް މިކަންކަން ނުވާތީއެވެ. ތަނަކަށް ތަދުވިޔަސް ނުވަތަ އެހެން ކަމެއް ވިޔަސް އަނގައިން ނުކުންނަނީ އެފަދަ ލަފުޒުތަކެކެވެ. މާދަމާ އަޅުގަނޑުމެންގެ ދަރީންނާއި ދަރީންގެ ދަރީންނަށް މިފަދަ ލަފުޒުތައް އަޑުއިވޭނަމަ ކުރިއަށް އޮތް ޖީލުތަކަށް މުސްތަގުބަލު "އަނދިރި" ވާނެ ކަން ގައިމެވެ.

Ads by Allied Insurance
  1. ކޮއްކޯ

    ކޮއްކޯ ތިކަހަލަ ކަންކަމާ ވިސްނައިގެން ބޯގޮވުން ނޫންކަމެއް ނުވާނެ.
    ގައުމު ހިންގަން ތިބި ވެރިން ނުވިތަކާށް ސިޔާސީ ކަންކަމުގަ އުޅޭ އެންެމެންގެ މަގްސަދަކީ އެއީ

    ރާއްޖޭގަ އުޅޭ އެއްވެސް ސިޔާސީ މީހަކު ބޭނުމެއް ނުވޭ ރަނގަޅު ޖީލެއް އުފައްދާކަށް

    އަދި އަމުދުން މިހާރު މިއުޅޭ އެޑިޔުކޭޝަން މިނިސްޓަރޭ ކިޔުނު މިނިސްޓަރ އަށް ނޭންގެ ކުދިންގެ އަޚްލާގާ ކުދިންގެ ކިޔެވުން މީ ކިހިނެތް ކުރިޔަށް ދާ ކަންކަން ކަމެއް
    ހައްތަހާވެސް ބަލަނީ އާއްމުން ރުއްސާފަ ބޭތިއްބޭތޯ

    ގައުމެއް ނެތް އަތުވާކަށް