އިމިގްރޭޝަން ގާނޫނުގެ އިސްލާހުގެ ސަބަބުން ދިވެހިންގެ މިނިވަންކަމާއި އިސްލާމީ ވަޙްދަތަށް ގެއްލުންވާނެ: މުއިއްޒު
އިމިގްރޭޝަން ގާނޫނަށް ހުށަހެޅިފައިވާ އިސްލާހުތަކުގެ ސަބަބުން ދިވެހިންގެ މިނިވަންކަމާއި އިސްލާމީ ވަޙްދަތަށް ސީދާ ގޮތުން ގެއްލުންވާނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެޒިޑެންޓް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންނެވުމާ ގުޅިގެންނެވެ.
އެގޮތުން މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިމިގްރޭޝަން ގާނޫނަށް ގެނައި އިސްލާހުތަކަކީ ރާއްޖޭގެ ގައުމިއްޔަތަށް ލިބިގެންދާނެ ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށެވެ.
"ދިވެހިންގެ އެއްބައެއް ވަންތަކަމާއި، އެއްބައިވަންތަކަކާއި، މިނިވަންކަމާއި އިސްލާމީ ވަހުދަތަށް ސީދާ ގޮތުން ގެއްލުންވާނޭ އިސްލާހްތަކެއް." މުއިއްޒު ވިދާޅުވިއެވެ.
Immigration gaanoon ah hushahaafaivaa islaah thakakee (16 sh,n) Raajjeyge qaumiyyathah libigendhaaney foonubehdhey varuge gellumeh. Dhivehinge ebbaeh vanthakamaa, ebbaivanthakamaa, minivankamaa, islaamee vahdhathah seedhaa gothun gellunvaaney islaah thakeh.
— Dr Mohamed Muizzu (@MMuizzu) July 17, 2020
މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި ނަޝީދު އެދިވަޑައިގަތީ 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށާއި އެއް ލައްކަ ރުފިޔާ އަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ރާއްޖޭގައި ކުރާ ބިދޭސީންނަށް ވެސް ރެސިޑެންޓް ވިސާ ދޭންޖެހޭ ގޮތަށް ވެސް ހަމަޖައްސައި ދިނުމަށެވެ.
އިމިގްރޭޝަން ގާނޫނު މިހާރު އޮތް ގޮތުން ރެޒިޑެންސް ވިސާ ދެނީ، އެންމެ ދެހާލަތަކަށެވެ. އެއީ ދިވެއްސަކާ ކައިވެނި ކުރާ ބިދޭސީންނަށާއި ބޮޑެތި އިންވެސްޓްމަންޓްތައް ކޮށްގެންއުޅޭ ބިދޭސީއަކަށް ދެވޭ ހުއްދައެއްގެ ދަށުންނެވެ. ނަމަވެސް އެ އިންވެސްޓުމަންޓުގެ އަދަދު ގާނޫނުގައި ބަޔާންކޮށްފައި ނުވެއެވެ.
ނަޝީދު ހުށަހެއްޅުވި އިސްލާހު ފާސްވެއްޖެ ނަމަ، ވަރަށް ފަސޭހައިން ބިދޭސީންނަށް ރާއްޖެއިންރެޒިޑެންޓް ވިސާ ލިބިގެންދާނެއެވެ. އަދި އެމަނިކުފާނު އެދިވަޑައިގެންނެވި އިސްލާހުގައި ގާނޫނުން ބޭރުގެ ވިޔަފާރިވެރިންނަށް އެއްލައްކަ ރުފިޔާއަށް ވުރެ ބޮޑު އިންވެސްޓްމަންޓަކަށް އެ އަދަދު ބަދަލު ކުރުމަކީ، ނިސްބަތުން ކުޑަ އަދަދެކެވެ.
މި މައްސަލައިގައި ނަޝީދަށް އެތައް ބައެއްގެ ފާޑުކިޔުމާއި ނުރުހުން އަންނަނީ އަމާޒުވަމުންނެވެ.