ރިޕޯޓް

އެންމެންވެސް އެނގެން ބޭނުންވަނީ ހަގީގަތެވެ. ނަމަވެސް އެކަކުވެސް ތެދު ހަދާކަށް ބޭނުމެއް ނުވެއެވެ.

ދެން އެމްވީ ، ދެން އޮންލައިން

ދިރިއުޅުމުގައި އެކި މީހުންނާ ކުރިމަތިލާން ޖެހޭނީ އެކި ކަހަލަ ކަންކަމާއެވެ. ކޮންމެ މީހަކަށް ވެސް ދިރިއުޅުމުގައި ކުށް ކުރެވޭނެކަން ޔަގީނެވެ. އެ ކުށްތައްކުރެވުމުން އެތަކެއް ފިލާވަޅު ތަކެއް ވެސް ލިބޭތަން އާދެއެވެ.

Ads by MWSC

ތިބާއަށް ކުށެއް ކުރެވުމުން އެ ކުރެވުނު ކުށް ގަބޫލު ކުރުމަކީ ވަރަށް ރަނގަޅު އާދައެކެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައެއްގެ މި އާދަ ނުހުންނައިރުކޮންމެ މީހަކު ވެސް ބަލާނީ އަބަދުވެސް އެމީހެއްގެ އަމިއްލަ ނަފްސު ދިފާއު ކުރެވޭތޯއެވެ.

ކަނޑައެޅިގެން ތިމަންނާއަށް މި ކުރެވުނީ ކުށެއް ކަން އެނގުނު ނަމަވެސް އަބަދުވެސް އެކަމަކުން ބަރީޢަ ވާން މަސަައްކަތް ކުރެވެއެވެ. އެއް ދޮގު ހެދިއްޖެ ނަމައެ ދޮގު ފޮރުވަން އެއްހާސް ދޮގު ހަދަން ޖެހޭނެކަމަށް މުސްކުޅިން ބުނާ ވާހަކަ އަކީ ތޯތޯ ވާހަކަ އެއް ނޫނެވެ. އެއީ ހަމަ ސަތޭކައިގެ ވާހަކައެކެވެ.

ހަގީގަތަކީ ބައެއް ފަހަރަށް ވަރަށް ހިތި އެއްޗެކެވެ. ހަގީގަތް ތިމާއަށް އެނގުމަށް ވުރެ ނޭނގުނު ނަމަ މާ ރަނގަޅުވީހޭ ހިތަށް އަރާ ފަހަރުވެސް އާދެއެވެ. ސަބަބަކީ އެ ހަގީގަތް އެނގުމުގެ ސަބަބުން ތިބާ ރޯން ޖެހޭތީއެވެ. އެ ހަގީގަތް އެނގުމުގެ ސަބަބުން ތިބާއަށް ހިތާމަ ތަކެއް ލިބޭތީއެވެ.

އަޅުގަނޑުމެން އެންމެންވެސް އެނގެން ބޭނުންވަނީ ހަގީގަތެވެ. އަނެކާގެ ފަރާތުން އެނގެން އަޑުއަހަން ބޭނުންވަނީ ތެދެވެ. ނަމަވެސް މައްސަލަ އަކީއެކަކުވެސް ތެދު ހަދަން ބޭނުން ނުވާކަމެވެ. ނޭނގުމެއްގައި ހުރެ ނަމަވެސް ދޮގު ހެދޭ ކަމެވެ.

ދެއިރު ދެ ދަޅައަށް އެކައްޗެކޭ ނުކިޔަނީ ނަމަ ހަގީގަތަކީ ކޮބާކަން އިނގޭނެ ބާވައެވެ؟ ނޫނެކެވެ. އޭރުން ހަގީގަތް އޮންނާނީ ޚުދު ތިމާއަށްވެސް އޮޅިފައެވެ. އެއްކަލަ އެއްދޮގު ފޮރުވަން ހަދާ އެއްހާސް ދޮގުގެ ސަބަބުން ތިބާވެސް އޮންނާނީ ބޭޒާރުވެ އަތަށް ގޮވާފައެވެ.

އެހެން މީހުންގެ ފަރާތުން ތިބާ ހަގީގަތް އެނގެން ބޭނުންނަމަ ފުރަތަމަ ތިބާ ތެދު ހަދަން ދަސް ކުރާށެވެ. ތިބާވެސް އަނެކާވެސް އެނގެން ބޭނުންވަނީހަގީގަތެެވެ. އެހެނަސް އެކަކުވެސް ތެދު ހަދާކަށް ބޭނުމެއް ނުވެއެވެ.

މިހެން ކަންތައްވެއްޖެ ނަމަ ދުވަހަކުވެސް ހަގީގަތެއް ނޭނގޭނެކަން ކަށަވަރެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!