ވަކީލު ނައުޝާދުގެ ޙަޔާތުން ކަޅު ޞަފްޙާއެއް

އއ. ރަސްދޫއަށް އުފަން ނައުޝާދު އަބްދުލް އަޒީޒަކީ މިއަދު ދިފާއީ ވަކީލެކެވެ. ދިރިއުޅުމުގައި މިއަދު އެހުރި ހިސާބަށް ވާސިލުވުމަށް ޓަކައި އެތައް ކަމަކާ އޭނާ ވަނީ ކުރިމަތި ލައިފައެވެ. ކާމިޔާބީއަށް ވާސިލުވުމަށް ޓަކައި އޭނާ ވަނީ ފަސްޖެހުމެއް ނެތި، ހިތްވަރާއެކު އެތައް މަސައްކަތްތަކެއް ކޮށްފައެވެ. ޙަޔާތަށް އައި ދަތި ދަނޑިވަޅުގައި ނައުޝާދު ވަނީ މާޔޫސް ނުވެ ، ކެރިގެން ކުރިމަތިލައި އެ ޙާލަތުން އަރައިގަނެފައެވެ. ކިޑްނީ ބަދަލުކޮށް އައު އާންމު ޙާލަތަކަށް އިޢާދަވެފައެވެ. ކިޑްނީގެ ބަލި ތަހައްމަލު ކުރަމުންދާ އެތައް ބަޔަކަށް އުއްމީދާއި ދިރުން ގެނެސްދޭ ނައުޝާދުގެ ޙަޔާތުގެ އެ ޞަފްޙާތައް އޭނާ ވަނީ "ދެން"އާ ހިއްސާ ކޮށްފައެވެ."އަސްލު ފުރަތަމަ ކިޑްނީ ފެއިލް ވަނީއޭ ބުނީމަ މަށަށް ނޭނގުނު ކޯއްޗެއް ކަމެއް ވެސް. ކިހިނެއްވާ އެއްޗެއް ކަން ވެސް. އެކަމު އެނގޭ ހަށިގަނޑުގެ ކޮންމެވެސް ގުނަވަނެއް ފެއިލް ވީކަން. ދެން މީގަ އޮޕްޝަނަކީ ކޮބައި ކަމެއް، އޭގެ އެއްވެސް އެއްޗެއް ނޭނގޭ"
ކިޑްނީ "ޑެމޭޖު" ވާތާ ވަރަށް ދުވަސް ވެއްޖެ!
ނައުޝާދުގެ ހަށިގަނޑަށް އަންނަން ފެށި ކުއްލި ބަދަލުތަކުގެ ސަބަބުން ޑޮކްޓަރަށް ދެއްކުމުން ލިބުނު ކުއްލި ޚަބަރާއެކު އޭނާ ފެށީ އެކަމަށް ހޯދަން ޖެހޭ ފަރުވާ ހޯދުމަށެވެ. އައިޖީިއެމްއެޗް ހޮސްޕިޓަލުގައި އެތައް ފަހަރެއްގެ މަތިން އެެނދުމަތި ކުރެވި، އޭނާގެ ސިއްހީ ހާލަތު އިތުރަށް ދެނެގަތުމަށް ޑޮކްޓަރުން މަސައްކަތް ފެށިއެވެ. ޓެސްޓުތަކުގެ ނަތީޖާއާއެކު އެނގިގެން ދިޔައީ، ނައުޝާދުގެ ކިޑްނީ ހަލާކުވަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމެވެ. [caption id="attachment_80647" align="alignnone" width="300"]
ވަކީލު ނައުޝާދު[/caption]
ހިތްވަރު އެލުވާލުމެއް ނެތި ނައުޝާދު ނިންމީ ކެތްތެރި ކަމާއެކު މި އުނދަގޫ ޙާލަތާ ކުރިމަތި ލާށެވެ. އާއިލާގެ އެހެން ހުރިހާ މެންބަރުންގެ މޫނުމަތިން މާޔޫސްކަމާއި ނުތަނަވަސްކަން ފެނިގެން ދިޔަ ނަމަވެސް ނައުޝާދުގެ މޫނުމަތިން ފެނިގެން ދިޔައީ އުއްމީދީ ހިނިތުން ވުމެކެވެ. ހިތްވަރު ލިބެން ޖެހޭ މަގާމެއްގައި ހުރި ނައުޝާދު ދިޔައީ އާއިލާއަށް ހިތްވަރު ދެމުންނެވެ. އާއިލާގެ ފަރާތުން އޭނާ އެދުނީ އެކަމާ ކުރިމަތިލުމުގައި އޭނާއަށް ލިބެން ޖެހޭ އެއްބާރުލުމާއި، ލޯތްބާއި އަޅައިލުން ދިނުމަށެވެ.
ނައުޝާދުގެ އާއިލާއިން ވަނީ އޭނާގެ މި ހިތްދަތި ދުވަސްވަރު ލިބެން ޖެހޭ ލޯތްބާއި އަޅައިލުން ވަރަށް ފުރިހަމައަށް ދީފައެވެ.
ޑަޔަލިސިސް ހަދަން ފެށުން!
ކިޑްނީ ބަދަލުކުރުމުގެ ކުރިން ނައުޝާދު ވަނީ ޑަޔަލިސިސްގެ މަރުހަލާ ވެސް ކަޑައްތު ކޮށްފައެވެ. އޭނާގެ މި ތަޖުރިބާ "ދެން" އާ ހިއްސާ ކުރީ ނުހަނު އަސަރާއެކުއެވެ. އެކަމުގައި އެކުލެވޭ ވޭނާއި ތަދު، އޭނާގެ ވާހަކައިން އަންދާޒާ ކޮށްލެވެއެވެ. ޑަޔަލިިސިސް ހެދުމަށް ކަށި ހަރާލުމާއެކު އެޅި ވޭނުގެ ސަބަބުން ފުރަތަމަ ދުވަހު ވެސް ދެލޮލުން ހޯސް ލައިފައި ކަރުނަތައް ފައިބަން ފެށި ކަމަށް ނައުޝާދު ބުންޏެވެ. އެ ވޭނުގައި އޭނާ ދިޔައީ އެތައް ދުވަހެއް ވާންދެން ޑަޔަލިސިސް ހަދަމުންނެވެ. އޭނާ އެންމެ ފުރަތަމަ ޑަޔަލިސިސް ހަދަން ފެށީ ލަންކާގެ ހޮސްޕިޓަލަކުންނެވެ. އެކޮޅުގައި 15 ވަރަކަށް ދުވަސް ވަންދެން އުޅުމަށް ފަހު އެނބުރި ރާއްޖެ އައީ ރަސްމީކޮށް ޑަޔަލިސިސް ހަދަން ފަށައިގެންނެވެ. ދުވަސްވަރަކީ ކިޔަވަމުން ދިޔަ ކޯހުގެ އިމްތިހާނު ވެސް ގާތް ވެފައިވާ ދުވަސްވަރެއް ނަމަވެސް އޭނާ އިމްތިހާނަށް ތައްޔާރުވަމުން ދިޔައީ ވެސް ޑަޔަލިސިސް ހަދަމުން ކަމުގައި ނައުޝާދު ފާހަގަ ކުރިއެވެ."ލަންކާގަ ޑަޔަލިސިސް ފައްޓައިފިން ، ދެން އިންޑިއާއަށް ދިޔައިންސުރެން ދުވާލެއް ނުދާނެ ކާ ހުރިހާ އެއްޗެއް ހޮޑަށް ނާންނަ ދުވަހެއް. ހަމަ ފާހަނާއަށް ގޮސް މީހާ އެއްކޮށް ދެމެންދެން ހޮޑު ލެވޭނެ. ދެން އަނެއްކާވެސް ކާހިތްވާ އެއްޗެއް ކާލައިގެން އައިސް ގަޑިއިރެއް ނުވާނެ އަނެއްކާވެސް ހޮޑަށް"
ހެނދުނު ކުލާހުގައި، ރޭގަނޑު ޑަޔަލިސިސް ހެދުމުގައި
ލަންކާގައި ޑަޔަލިސިސް ހެދުމަށް ފަހުގައި ދެން އޮތް ހަމައެކަނި ހައްލަކީ ކިޑްނީ ބަދަލު ކުރުން ކަމަށް ޑޮކްޓަރުން ބުންޏެވެ. އެހެން ނަމަވެސް ކިޑްނީ ބަދަލު ކުރުމަށް މަޑުކޮށްފި ނަމަ ތިން އަހަރާއި އަށް މަސް ވަންދެން ކިޔަވަމުން ދިޔަ ކޯހުގައި އޭނާއަށް ބައިވެރި ނުވެވޭނެކަން ވީ އޭނާއަށް ގޮތް ނިންމުމަށް އުނދަގޫ ވި ކަމަކަށެވެ. ފުން ވިސްނުމަކަށް ފަހު ވެސް ތިން އަހަރު ވަންދެން ކިޔަވަމުން އައި ކޯސް ދޫކޮށްލަން ނައުޝާދުގެ ހިތަށް ކުޅަދާނަ ނުވުމުން، ދެން އޭނާ ނިންމީ އިމްތިހާނުގައި ބައިވެރި ވުމަށް ރާއްޖެ އައުމަށެވެ.
ރާއްޖެ އައުމަށް ފަހު ޑަޔަލިސިސް ހަދަމުން ކޯހުގެ ކިޔެވުން ވެސް ނައުޝާދު ކުރިއަށް ގެންދިޔައެވެ. ހެނދުނު ކުލާހުގައި ވަގުތު ހޭދަ ކުރަމުން ރޭގަނޑު ޑަޔަލިސިސް ހެދުމުގައި އައިޖީއެމްއެޗްގައި ހޭދަ ކުރި ދުވަސްތަކުގެ ހަނދާންތައް އޭނާ ހިއްސާ ކުރިއެވެ.
"ޓްރާންސްޕްލާންޓު ކަންތަކުގައި މަޑުކޮށްފިއްޔާ އަހަރެންގެ ކިޔެވުން އެބަ ޚަރާބުވޭ. ތިން އަހަރާއި އަށް މަސް މިވީ ކިޔަވާތާ. ދެން ހިތަށް އެރީ ކޮންމެ ގޮތެއް ވިޔަސް މިވަގުތު އެންމެ މުހިންމީ ކިޔެވުމޭ. އެހެންވެ ރާއްޖެ އައިސް އައިޖީއެމްއެޗުގައި ރޭގަނޑު ޑަޔަލިސިސް ހަދާފަ ދުވާލު ކިޔަވަނީ"
ކިޑްނީ ބަދަލު ކުރަން ދަތުރަށް ފުރުން
ޑަޔަލިސިސް ހަދަމުން އަދި ކިޔަވަމުން ދިޔަ ކޯސް ފުރިހަމަ ކުރުމަށް ފަހު ނައުޝާދު ދެން މަސައްކަތް ފެށީ ކިޑްނީ ބަދަލު ކުރުމަށް ވާން ޖެހޭ އެންމެހާ ތައްޔާރީތައް ވާށެވެ. މިކަމަކީ ބޮޑު ޚަރަދެއް ކުރަން ޖެހޭ ކަމަކަށް ވީނަމަވެސް ނައުޝާދަށް އެކިއެކި ފަރާތްތަކުން ލިބެމުން ދިޔަ އެހީތެރިކަމުގެ ސަބަބުން މާލީ ގޮތުން ނައުޝާދަށް އެހާ ބޮޑު ދައްޗަކާ ކުރިމަތިލާކަށް ނުޖެހުނެވެ. އޭނާ މަސައްކަތް ކުރަމުން ދިޔަ ފުލުހުންގެ ޓީމުންނާއި އާއިލާއާއި ރައްޓެހިންގެ ފަރާތުން އެހީތެރިކަން ލިބިގެން ދިޔައެވެ.ލަންކާއަށް ދެވުމާއެކު މާގިނަ ދުވަސްތަކެއް ނުވަނީސް ކިޑްނީ ބަދަލު ކުރުމަށް އެޑްމިޓު ކުރެވި، މާތްﷲ ގެ ރަޙުމަތްފުޅުން ކިޑްނީ ޑޯނާރއެއް ވެސް ނައުޝާދަށް ހަމަޖެހިގެން ދިޔައެވެ. އަދި އެއާއެކު ނައުޝާދުގެ ކިޑްނީ ބަދަލު ކުރެވިގެން ދިޔައެވެ. ކިޑްނީ ބަދަލު ކުރެވުނު ނަމަވެސް ކިޑްނީ ޓްރާންޕްލާންޓަށް ފަހު ކިޑްނީގެ ފަންކްޝަން ހަމައަކަށް ނޭޅުމުން ދިހަ ދުވަސް ވަންދެން ނައުޝާދަށް އައިސީޔޫގައި މަޑުކުރަން ޖެހުނެވެ. [caption id="attachment_80651" align="alignnone" width="300"]"ޕޮލިހުގަ އޭރުގަ ތިބި ވަރަށް ގިނަ ސްޓާފުންގެ ފަރާތުން ގާތްގަނޑަކަށް ލައްކައެއްހާ ރުފިޔާ ހޯދައިދިން. މަ އެތާނގަ(ލަންކާގައި) ހުންނާނެހާ ދުވަހެއް ވަންދެން ދޭ ސެލެރީ ވެސް ލިބޭ ގޮތަށް އޮތީ ހަމަޖައްސާފައި"
ނައުޝާދު ޕޮލިސް ޔުނިފޯމުގައި[/caption]
އެދުވަހުން ފެށިގެން ކޮންމެ ދުވަހަކު ވެސް ގަވައިދުން ތިންއިރު ބޭސް ކާންޖެހޭ
ކިޑްނީ ބަދަލު ކުރެވުމާއެކު ގަވައިދުން ބޭސް ކާން ނައުޝާދަށް މަޖުބޫރުވިއެވެ. ދަތުރެއް ދާކަމުގައި ވީ ނަމަވެސް އެންމެ ފުރަތަމަ ކަމަކަށް ބޭސްތައް ގެންދެވޭތޯ އޭނާ ފަރުވާތެރިވެއެވެ.މީގެ އިތުރުން ކިޑްނީ ބަދަލުކުރުމަށް ފަހު ކޮންމެ މަހަކު ވެސް ޑޮކްޓަރަށް ދެއްކުމަށް އޭނާ ލަންކާއަށް ދިޔައެވެ. އެހެން ނަމަވެސް އެ މުއްދަތު ހަ މަހަށް ބަދަލުވެ ދަތުރުކުރަން ޖެހޭ މިންވަރު މަދުވިއެވެ. ނައުޝާދު މިހާރު ވެސް ގެންދަނީ ދޮޅުމަހުން ނުވަތަ ތިން މަހުން ލަންކާއަށް ގޮސް ޑޮކްޓަރަށް ދައްކަމުންނެވެ."އެދުވަހުން ފެށިގެން ހަޔާތުގައި އަބަދުވެސް ތިންއިރު ގަވައިދުން ބޭސް ކަން. އެންމެ ދުވަހެއް ވެސް ވައްޓައިނުލާ އެލާމު ކޮށްގެން މިދިޔަ ދިހަ އަހަރު ދުވަހު ހަމަ ގަޑިން ގަޑިއަށް ބޭސް ކެއިން"
ކިޑްނީ ބަދަލުކުރުމާއެކު ދިރިއުޅުމަށް އެތައް ބަދަލުތަކެއް
ނައުޝާދަކީ މަސައްކަތަށް އަހުލުވެރި ވަރަށް ހީވާގި މީހެކެވެ. އެހެން ނަމަވެސް ކިޑްނީ ބަދަލު ކުރުމަށް ފަހު ދެން މަސައްކަތުގެ މާހައުލަށް އެނބުރި އައި އިރު، މީހާގެ ހާލަތު ވަނީ ކުރިއާ ބަލާއިރު، އުޑާ ބިމާހާ ތަފާތު ވެފައެވެ. އެތައް އިރެއް ވަންދެން ކުރިން މަސައްކަތްކޮށް އުޅުނު ނައުޝާދަށް މިހާރު މަސައްކަތް ކުރެވެނީ މަދު ވަގުތުކޮޅަކަށެވެ. ހާލަތު ނިޔާ ކުރާ ގޮތުން މީހާ ވަރަށް އަވަހަށް ވަރުބަލިކޮށްލާކަން އޭނާ ފާހަގަ ކުރިއެވެ. އެހެން ނަމަވެސް ހިތްވަރު ބަލިނުކޮށް އޭނާ ގެންދަނީ މަސައްކަތަށް ފަރުވާތެރިވަމުންނެވެ.ބައެއް ރައްޓެހިން ދުށީ އަހަރެން ދެން "ނާންނާނެ"ކަމަށް!
ނައުޝާދުގެ ޙަޔާތުގެ އުނދަގޫ ސަފްޙާތަކުގެ ތެރެއިން ވެސް އެންމެ ކަޅު ޞަފްޙާއަކީ މިއީއެވެ. ކިޑްނީ ފޭލިވާކަން އެނގުމުގެ ކުރިން އެހައި ގާތްކޮށް އުޅުނު މަދު ރައްޓެހިންކޮޅެއް ނަމަވެސް ގެއްލިގެން ދިޔައީއެވެ. ނައުޝާދުގެ ޙަޔާތް އަނދިރިކޮށްލާ ، އެ ޙަޔާތަށް އަލިކަން ހޯދުމަށް ރައްޓެހީންގެ ލޯތްބާއި އަޅައިލުން އެންމެ ބޭނުންވީ ދުވަހު އެ ރައްޓެހީން އޭނާގެ ޙާލު ވެސް ބަލައި ނުލިއެވެ. އެމީހުންނަށް އޭނާ "ދަންނަ ކަމަށް ވެސް ނުވީ"އެވެ. އެމީހުންގެ ނަޒަރުގައި ނައުޝާދު "މަރުވީ" އެވެ. [caption id="attachment_80649" align="alignnone" width="300"]
ނައުޝާދު ނައުޝާދުގެ ބައެއް ރަހުމަތްތެރިންނާއެކު[/caption]
ނައުޝާދަކީ ބަލިމީހެކޭ ހީކޮށް އަދި އޭނާގެ މާބޮޑު ބޭނުމެއް ނުހިފޭނޭ ކަމަށް ދެކި ، އޭނާއަށް ފުރަގަސް ދިން "އެކުވެރީންނަށް" ވެސް ނައުޝާދުގެ ހިތް ސާފެވެ. ބަލިމީހަކަށް ވުމުން އޭނާ ދޫކޮށްލައިފައި ދިޔަ އޭނާއަށް ވެސް ހިތް ހެވެއެވެ.
މި ހުރިހާ ކަމެއް ވެސް ނައުޝާދު ދުށީ ރަނގަޅެއްގެ ގޮތުގައެވެ. ހަގީގީ ރައްޓެހިން ދެނެގަނެވި ލޯބިވެރިޔާގެ ތެދުވެރިކަން އެނގިގެން ދިޔަ ދިރިއުޅުމުގެ ބޮޑު ފިލާވަޅެއްގެ ގޮތުގައެވެ."ކިޑްނީ ފެއިލް ވުމުގެ ކުރީގަ ވަރަށް ގާތްކޮށް އުޅުނު ބައެއް ރައްޓެހިން. މަ ރައްޓެހި ވެގެން އުޅުނު ކުއްޖާވެސްމެ. އެމީހުން އަސްލު ހީކުރީ އަހަރެން ދެން މަރުވީ ކަމަށް. މާނައަކީ މަށެއް ދެން ނާންނާނޭ. މަށާ ދެން ގުޅުން ބޭއްވުމުގެ މާބޮޑު ބޭނުމެއް ނެތޭ ދޯ. ކޮންމެ ދުވަހަކު މާލެތެރޭގައި ސައިކަލު ބުރު ޖަހާ ކޮފީތަކަށް އަރާ އުޅުނު މީހުން ކުއްލިއަކަށް ގެއްލުނީ"
ކިޑްނީ ބަލި ތަހައްމަލު ކުރަމުން އަންނަ ފަރާތްތަކަށް ނައުޝާދުގެ އަސަރުގަދަ މެސެޖެއް
ކިޑްނީއަކީ ހަށިގަނޑުގެ ވަރަށް މުހިންމު ރޯލެއް އަދާ ކުރަމުން އަންނަ ގުނަވަނެއްކަން ފާހަގަކޮށް ނައުޝާދު ބުނީި، ކިޑްނީ ފެއިލް ވަމުން އަންނަ މީހަކަށް ޑަޔަލިސިސްއަކީ މުޅި އުމުރު ދުވަހަށް ދެވޭނޭ ފަރުވާއެއް ނޫން ކަމަށެވެ. އަދި ކިޑްނީ ބަދަލު ކުރުމަކީ ވަކި އުމުރަކަށް އޮންނަ ކަމެއް ނޫން ކަމަށާއި ކިޑްނީ ފެއިލް ވުމަކީ އުއްމީދު ކަނޑައިލަން ޖެހޭ ކަމެއް ނޫން ކަމަށް ނައުޝާދު ނަސޭހަތްތެރި ވިއެވެ. އަދި އެއިން ކޮންމެ ކަމަކީ ވެސް އިންސާނާއަށް ކުރިމަތި ކުރުވާ އިމްތިހާނެއް ކަމުގައި އޭނާ ފާހަގަ ކުރިއެވެ.
މީގެ އިތުރުން ކިޑްނީއަށް ބޭނުން ވެފައިވާ މީހުންނަށް ކިޑްނީ ހަދިޔާ ކުރާ މީހުން މަދުކަން ފާހަގަކޮށް އޭނާ ބުނީ އެއީ އޭގެ ސަބަބުން މީހާގެ ސިއްހަތަށް ނުރަނގަޅު އަސަރުތަކެއް ކުރާނެ ކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އެ ފަދަ ކަންކަމަށް އާންމުން ހޭލުންތެރި ކުރުވުމުގެ ހަރަކާތްތައް މަދުވުމަކީ ހިތާމައާއެކު ނައުޝާދު ފާހަގަ ކުރާ ކަމެކެވެ.
ނައުޝާދު ބުނީ އޭނާއާ އެކީ މަސައްކަތް ކުރާ އެންމެންނާއި ރަހުމަތްތެރިންނާއި އެކުވެރި ވަކީލުންނަކީ އޭނާގެ ދިރިއުޅުމުގައި ވަރަށް މުހިންމު ބައެއް ކަމަށެވެ. އެމީހުން ނައުޝާދުގެ ހާލު ބަލައި ، ލޯތްބާއި އަޅާލުން ދޭކަން ފާހަގަކޮށް ނައުޝާދު ވަނީ އެ އެންމެންނަށް ޝުކުރު އަދާކޮށްފައެވެ.
ޤާނޫނީ ވަކީލް ނައުޝާދު އަބްދުލް އަޒީޒުގެ ޙަޔާތުގެ އުނދަގޫ ދުވަސްތައް ލިޔެފައިވާ ޞަފްޙާއަކީ ކަޅު ޞަފްޙާއެކެވެ. ނަމަވެސް ކެތްތެރިކަމަށް އެކަމުގެ ބަދަލު ދެއްވާނެ ކަމާއި ރޭގަނޑުގެ އަނދިރިކަމުގެ މައްޗަށް ދުވާލުގެ އަލިކަން ގަދަވެގަންނާނެ ކަމީ ނައުޝާދު ޔަގީން ކުރި ކަންކަމެވެ. އެ ޙާލަތާއި ވަގުތު ބަދަލުވެ ދިޔައީ ޢިބްރަތެއް ދެމުންނެވެ. ފިލާވަޅެއް އިއްވަމުންނެވެ. ވަފާތެރި ކެތްތެރި އަނތްބެއް ނައުޝާދަށް ލިބުނެވެ. އޭނާގެ އަތުގައި ހިފި ހެޔޮލަފާ ރަހުމަތްތެރިން މަދެއް ނޫނެވެ. އުސްތާޛު ނައުޝާދު ހެޔޮ ޙާލުގައި ލަހައްޓަވާށިއެވެ.







ކޮމެންޓް