މީހުން ދެން ފުރަމަލަ ލައިފްސްޓައިލް

ހިތްވަރުގަދަ ލޯފަން އިމާމެއް: ޚާއްސަ އެހީއަށް ބޭނުންވާ މީހެއްކަމުގައި ވުމަކީ ނުކުޅެދުންތެރި ކަމެއް ނޫން!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ލޮލަށް ފެންނަން ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ ދުނިޔޭގެ ރީތި ކުލަވަރާއި، އަޖައިބު ކުރުވަނިވި ޤުދުރަތީ މަންޒަރުތައް ފެނުމުން މަޙްރޫމްވެ، މުޅި ޙަޔާތް ކަނު އަނދިރިކަމެއްގެ ތެރޭގައި ހޭދަ ކޮށްލަން އެއްވެސް މީހަކު ބޭނުން ވާނެ ހެއްޔެވެ؟ އެފަދައިން ބޭނުންވާނެ އެއްވެސް މީހަކު ނުވެއެވެ. ނަމަވެސް، ލޮލަށް ފެނުމުން މަޙްރޫމް ވެފައިވާ މީހުން ވެސް އަހަރުމެންގެ ތެރޭގައި ވެއެވެ. ހަގީގަތަށް ބުނާނަމަ، އެފަދަ މީހުންގެ ހިތްވަރާއި، ކަންކަން ކުރުމުގެ ކުޅަދާނަކަން އާންމު މީހަކަށްވުރެ އެތައް ގުނައެއް އިތުރެވެ.

Ads by STELCO

މިފަހަރު މިއީ އެފަދަ ހިތްވަރުގަދަ ޝަޚުސިއްޔަތެއްގެ ވާހަކައެކެވެ. ލޮލަށް ފެނުމުން މަޙްރޫމް ވެފައިވީ ނަމަވެސް، އޭނާއަކީ ވަރަށް ވެސް މާތް ވަޒީފާއެއް އަދާ ކުރައްވަމުން ގެންދަވާ، ވަރަށް ވެސް ޤަދަރުވެރި ފަރާތެކެވެ. މިއީ މިސްކިތެއްގައި އިމާމުކަން ކުރައްވާ މުޙައްމަދު ނާހިލް ސަލާމްގެ ވާހަކައެވެ.

ށ. ކަނޑިތީމު މިސްކިތެއްގައި މަސައްކަތް ކުރައްވާ ނާހިލް އަކީ ސ.މަރަދޫއަށް އުފަން އުމުރުން 22 އަހަރުގެ ޒުވާނެކެވެ. ޒަވާޖީ ޙަޔާތެއް ފައްޓަވާފައިވާ ނާހިލްއަށް އަދި ދަރިއަކު ލިބިފައެއް ނުވެއެވެ. އޭނާއާއި ބެހޭގޮތުން އިތުރު މައުލޫމާތު "ދެން" އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި އޭނާވަނީ ޙިއްސާ ކުރައްވައިފައެވެ.

ނާހިލް ވިދާޅުވި ގޮތުގައި، ކަނޑިތީމުގައި އިމާމެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރައްވައިތާ މިހާރު ފަސް މަހަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. އޭގެ ކުރިން އޭނާވަނީ ރިސޯޓެއްގައި އިމާމެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ.

އުފަންވިއިރު ވެސް ފެނުމުގައި މައްސަލައެއް ހުރި ، ނަމަވެސް އެއްކޮށް ފެނުން ގެއްލުނީ ފަހުން

ނާހިލްއަށް ކުރިން ކޮންމެވެސް ވަރަކަށް ފެނެއެވެ. ނަމަވެސް އުފެދުމުގައި ވެސް ލޮލުގެ މައްސަލަ ހުންނާތީ އެހެން މީހުންނާ އެއްވަރަށް އޭނާއަކަށް އެއްވެސް އިރަކު ނުފެނެއެވެ. ކިޔެވުމުގެ ފުރުސަތު ކުރިން ލިބުނު ކަމުގައި ވިޔަސް، ފޮތް ކިޔެނީ ވެސް ލޮލާ އިންޗިއެއްހާ ކައިރި ކޮށްގެންނެވެ.

"އަޅުގަނޑަށް ކުރިން ފެނޭ ކޮންމެވެސް ވަރަކަށް. ފެނުން ދަށްވަމުން ދަށްވަމުން ފަހުން ގޮސް އެއްކޮށް ފެނުން ގެއްލުނީ. އަޅުގަނޑުގެ އުމުރުން އަށް އަހަރުގައި އެއް ލޮލުގެ ފެނުން އެއްކޮށް ގެއްލުނު. ގްރޭޑް 8އާ ހަމައިން އަޅުގަނޑުގެ އަނެއް ލޮލުގެ ފެނުން ކުރިއަށްވުރެ ބޮޑަށް ފުސްވާން ފެށި. ފޮތާއި އެއްޗެހި ކިޔުމަށް އިތުރަށް ދަތިވާން ފެށި. އަދި ގްރޭޑް 10އާ ހަމައިން އެލޮލުގެ ފެނުން ވެސް އެއްކޮށް ގެއްލުނު. އަޅުގަނޑަށް އުނގަންނަވައި ދެއްވުމުގައި މައިންބަފައިންގެ އެހީތެރިކަމާއި އަޅުގަނޑުގެ އިސްލާމް މުދައްރިސްގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު" ނާހިލް ބުންޏެވެ.

ލޮލަށް ފެނުމުގެ ދަތިކަން އަބަދު ވެސް ހުރުމާއެކު، ކުރިން ވެސް އޭނާއަކީ އެހައި ގިނައިން ގެއިން ބޭރަށް ނުކުންނަ މީހެއް ނޫނެވެ. އޭނާގެ މައިންބަފައިން ވެސް އެކަން ފާހަގަ ކުރިއެވެ.

ލޮލުގެ ފެނުން އެއްކޮށް ގެއްލިދާނެ ކަމަކަށް އެއްވެސް އިރަކު ނުވިސްނަން. ނަމަވެސް އެހެންވުމުން މާތް ރަސްކަލާނގެ ޙަޟްރަތަށް ޝުކުރު ކޮށްލައިގެން މި ބަލަނީ އިތުރު ހިތްވަރާއެކު ދިރިއުޅުމައިގެން ކުރިއަށް ދެވޭތޯ

ނާހިލް ބުނި ގޮތުގައި ލޮލުގެ ފެނުން ގެއްލުމަކުން އޭނާގެ ހިތްވަރު ބަލިކައްޓެއް ނުވެއެވެ.

ބީރައްޓެހި ރަށެއް، ނަމަވެސް ދަތިކަމެއް ނުވޭ

ނާހިލްއަކީ އައްޑޫސިޓީ މަރަދޫއަށް އުފަން މީހެކެވެ. އޭނާ އުޅެ ބޮޑުވީ ވެސް އެ ތަނުގައެވެ. އަދި އޭނާގެ އާއިލާ ވެސް ވީ އެ ރަށުގައެވެ. އެހެންކަމުން، އާއިލާއާ ދުރު ބީރައްޓެހި ރަށަކަށް ދިރިއުޅުން ބަދަލު ކުރުމުން ދަތިތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އޭނާ ދުއްޓެވެ.

ނާހިލް ބުނީ އެ ފަދަ ދަތިކަމަކާ ކުރިމަތި ނުވާ ކަމަށާއި އެހެން ނަމަވެސް އާއިލާއާ ދުރުގައި ދިރިއުޅުއްވަން ޚިޔާރު ކުރުމުން އޭނާގެ މައިންބަފައިން އެކަމާ ކަންބޮޑުވެލެއްވި ކަމަށެވެ.

"އަޅުގަނޑަކީ ނުފެންނަ މީހަކަށް ވާތީ، އަޅުގަނޑުގެ މައިންބަފައިންގެ ޖެހިލުންތަކެއް ހުރޭ. އަޅުގަނޑުގެ ފުރަތަމަ ވަޒީފާއެއް ވެސް ނޫން މިއީ ރަށުން ބޭރުގައި. ކުރިން ރިސޯޓެއްގައި ވެސް މަސައްކަތް ކުރިން. އެ ވަޒީފާއަށް ދިޔުމަށް ވެސް ވަރަށް ވަކާލާތު ކުރަން ޖެހުނު މައިންބަފައިންނާ. ހިތުން ނުރުހުނު ކަމުގައިވިޔަސް އަޅުގަނޑު ކިޔާވަރުން ރަށުން ބޭރުގައި ވަޒީފާ އަދާކުރަން މައިންބަފައިން ހުއްދަ ދެއްވީ" ނާހިލް ބުންޏެވެ.

ވަޒީފާއަށް ދާން ބޭނުންވީ އަޅުގަނޑު ވެސް އެހެންމީހުންނެކޭ އެއްފަދައިން އަމިއްލައަށް މަސައްކަތް ކޮށްގެން، ޙަލާލު ގޮތުގައި ފައިސާ ހޯދަން ބޭނުންވީމަ. އަޅުގަނޑަށް ވެސް ހުރެވިދާނެ މައިންބަފައިން ދިނީމައި ކައިގެން. ހައްޓަށް ވެސް ފަސޭހަ. ނަމަވެސް އެއީ އަޅުގަނޑު ބޭނުންވި ގޮތެއް ނޫން. އެ މީހުން ނެތް ދުނިޔެއެއް ވެސް އައިސްދާނެ. އެ ދުވަހަކަށް ވެސް އަޅުގަނޑު ބޭނުންވީ ތައްޔާރަށް ހުންނަން

ނާހިލް ބުނީ އޭނާގެ އުފަން ރަށް ދޫކޮށް އެހެން ރަށަކަށް ވަޒީފާއަށް އަންނަން ޖެހުނީ އޭނާގެ އަމިއްލަ ރަށުން ވަޒީފާއެއް ހުސްވާން ދިގު މުއްދަތެއް ނަގާނެތީ، ވަޒީފާއެއް ހުސްވަންދެން ހުރުމުގެ ބަދަލުގައި ލިބުނު ވަޒީފާއަކަށް އަވަހަށް ދާން ބޭނުން ވުމުން ކަމަށެވެ. އެގޮތުން އޭނާ ނިންމީ ކުރީ އޭނާގެ ރައްޓެއްސެއް، ނުވަތަ ދަންނަ މީހަކު ނަމަވެސް ހުންނަ ރަށަކަށް ދިޔުމަށްކަމަށް ނާޙިލް ބުންޏެވެ.

މިސްކިތްތަކުގައި އިމާމުކަން ކުރަން ފެށުނު ގޮތް

ނާހިލް ވަނީ އިމާމުކަމުގެ ލެވެލް 3 ގެ ކޯސް ފުރިހަމަކޮށް ސަނަދު ނަގައިފައެވެ. އަދި ރިސޯޓެއްގައި ކުރީން މަސައްކަތް ކުރިއިރު ބްލޮކް މޯޑްގައި ޤައުމީ ޔުނިވާސިޓީން އިމާމު ކަމުގެ އެޑްވާންސް ކޯސް ވެސް އޭނާ ވަނީ ފުރިހަމަ ކޮށްފައެވެ.

"ކޯސް ހެދި ދުވަސްވަރު ދިމާވި ދަތިކަމެއް އޭރު މުދައްރިސް ދެއްވި ނޯޓްސްތައް އަޅުގަނޑަށް ނުކިޔުން. އަޅުގަނޑު މަޑު ކުރަން ޖެހެނީ ކޮންމެ ވެސް މީހަކު އައިސް އެ ކިޔައިދެއްވަން ދެން. ކޮންމެ މީހަކީ ވެސް އެ މީހެއްގެ ދިރިއުޅުމުގައި ބިޒީވާނެ މީހުން. އެހެންކަމުން އެ ދަތިކަން ފޯރި، ފިލާވަޅުތައް ދަސްކުރުމުގައި އެހެން ފަރާތެއްގެ މައްޗަށް ބަރޯސާ ވާން ޖެހުމުން. ނަމަވެސް ކެތްތެރިކަމާއެކު، އަދި އެމީހުންގެ އެހީތެރިކަމާއެކު ކިޔެވުން ފުރިހަމަ ކުރިން" ނާހިލް ބުންޏެވެ.

ނާހިލް ބުނި ގޮތުގައި އޭނާ އިމާމުކަމަށް ކުރިމަތިލައި އެންމެ ފުރަތަމަ އެ މަސައްކަތަށް ނުކުމެ ވަޑައިގެންނެވީ، އިސްލާމިކް މިނިސްޓްރީން ހުޅުވައިލެއްވި "އިމާމުންގެ ޕޫލް" އިންނެވެ.

"އިސްލާމިކް މިނިސްޓްރީން ހުޅުވައިލެއްވި އިމާމުންގެ ޕޫލެއް. އެއީ ދާއިމީކޮށް ތިއްބަވާ އިމާމުން ސަލާމް ބުނީމަ ނުވަތަ ޗުއްޓީ ނެގީމަ މިސްކިތާ ހަވާލުވާ އިމާމުންގެ ގޮތުގައި. އެގޮތުން އިމާމެއްގެ ގޮތުގައި އަޅުގަނޑު ފުރަތަމަ ނުކުންނަން ފެށީ 2018 ވަނަ އަހަރުގައި." ނާހިލް ބުންޏެވެ.

އޭގެ ފަހުން ވަޒީފާއެއް ހޯދުމަށް ޓަކައި 2019 ވަނަ އަހަރު ކުރި މަސައްކަތުން ރިސޯޓެއްގެ މިސްކިތުގައި އިމާމުކަން ކުރުމުގެ ފުރުސަތު އޭނާއަށް ލިބުނެވެ. އެތަނުގައި މަސައްކަތް ކުރުމަށް ފަހު މިހާރު ނާހިލް މަސައްކަތް ކުރަނީ ކަނޑިތީމުގައެވެ. އަދި ދިރިއުޅެނީ ވެސް އެ ރަށުގައެވެ.

ލޯފަން ކުދީންނަށް މަގުތައް ހުޅުވިގެން ދިޔުން ، ނާޙިލްގެ އުއްމީދު

ނާހިލް ބުނި ގޮތުގައި، ރާއްޖޭގައި ލޯފަން ކުދީން ބޮޑަށް މަސައްކަތް ކުރެވެނީ އިމާމުކަމުގެ ދާއިރާގައެވެ. ދެ ދުނިޔޭގައި ވެސް އޭގެ ފައިދާ ލިބޭނެ ފަދަ މަސައްކަތެއް ކުރެއްވުމުގެ ފުރުސަތު ލިބުނު ކަމަށް ޓަކައި ނާހިލް އުފާ ކުރެއެވެ. ނަމަވެސް އޭނާ އެދޭ އިތުރު ކަމެއްވެއެވެ. އެއީ ލޯފަން ކުދިންނަށް ކުރެވިދާނެ އިތުރު ގިނަ ކަންކަމަށް ވެސް މަގުފަހި ވެގެން ދިޔުމެވެ. ތަޢުލީމު ލިބުމުގެ ފުރުސަތު އިތުރަށް ލިބިލެއްވުމެވެ.

"އަޅުގަނޑު ބޮޑުވެގެން މިއައި ޖީލުގައި، އަޅުގަނޑުމެން ފަދަ ލޯފަން ކުދިންނަށް ތަޢުލީމު ލިބުމުގެ ފުރުސަތު ވަރަށް ކުޑަ. ކުރިއަށް އޮތް ޖީލުގައި މިކަން އޮތީ ކިހިނެއްކަމެއް އަޅުގަނޑަކަށް ނޭނގޭ. ނަމަވެސް އަޅުގަނޑުގެ އެދުމަކީ، އަދި ދެކޭ ހުވަފެނަކީ ތަޢުލީމު ލިބުމުގެ ފުރުސަތުތައް ލިބުމުގެ އިތުރުން، އިތުރު ދާއިރާތަކަށް ވެސް (އެ ކުއްޖަކަށް ދެވެން އޮތް، އަދި ދާން ބޭނުންވާ ދާއިރާއަކުން) ކުރިއަށް ދިޔުމުގެ ފުރުސަތު ވެސް ހުޅުވިގެން ދިޔުން" ނާހިލް ބުންޏެވެ.

ނާހިލް ބުނީ ލޯފަން ކުދިންނަށް ކިޔަވައިދޭނެ ރަނގަޅު އިންތިޒާމުތަކެއް ކުރީން ހަމަޖެހިފައި ނުވާ ކަމަށެވެ. އޭނާ އެންމެ ކިޔަވާ ހިތްވި މާއްދާއަކީ "އިސްލާމް"ކަމަށާއި ލޯފަން މީހަކަށްވުމުން އޭނާއަށް އެންމެ ބޮޑަށް ކިޔެވުނު މާއްދާއަކީ ވެސް އެއީ ކަމަށް ނާޙިލް ފާހަގަ ކުރިއެވެ.

"އިސްލާމް މި މާއްދާއަށް ޝައުޤުވެރިކަން އުފެދުނު ގޮތަކީ، އަބަދުވެސް ދީނަށް ދެވުނު އަހައްމިއްޔަތު،  އަޅުގަނޑަކީ އެންމެ ކުޑައިރުއްސުރެ ވެސް މިސްކިތަށް ނަމާދަށް ދާ މީހެއް، އަދި ދީނީ ދަރުސްތަކަށް ވެސް ގޮސް ހަދަން. އެހެންކަމުން ދީނީ ކަންކަމަށް ލޯބި ޖެހިފައި ހުރީ." ނާހިލް ބުންޏެވެ.

އިސްލާމް ، ވީ ވަރަށް ވެސް ފަސޭހަ މާއްދާއަކަށް. އަދި އިސްލާމް ޓީޗަރުގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް އަބަދުވެސް ލިބުނު

ނާހިލް ބުނީ ގްރޭޑް 8ގައި ކިޔެވި އަހަރު އޭނާގެ ލޮލުގެ ފެނުން ދަށްވި ހިސާބުން ފެށިގެން އެހެން މާއްދާތައް ދޫކޮށްލި ކަމަށާއި ލޯފަން ކުއްޖަކަށް ވުމުން އެ މާއްދާތައް އިތުރަށް ދަސްކުރެވޭނެ އިންތިޒާމެއް އޭރު ނެތް ކަމަށެވެ.

ނާހިލް އެދެނީ އޭނާ ފަދަ ލޯފަން ކުދިންނަށް ވެސް ތަޢުލީމު އުނގެނެވޭނެ ފަދަ ގޮތަކަށް ތަޢުލީމީ ނިޒާމު ބައްޓަން ވުމެވެ. ލޯފަން ކުދިންނަށް ދަސް ކުރެވޭނީ ހަމައެކަނި އޯޑިއޯ އަޑުއަހައިގެން ކަމަށް ވުމުން، އެފަދައިން ތަޢުލީމު ހާޞިލް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަވައި ދެއްވުމަށް ކަމާ ބެހޭ ފަރާތްތަކުގެ ކިބައިން ނާޙިލް އެދެއެވެ.

މީގެ އިތުރުން ނާހިލް ބުނީ، ލޯފަން ކުދިންނަށް ވެސް އިތުރު ކަންކަން ކުރެވިދާނެ ކަމަށާއި، ފޯނު ލެޕްޓޮޕް ފަދަ ވަސީލަތްތައް ބޭނުން ކުރަން ދަންނަ ލޯފަން ކުދިން ވެސް ތިބި ކަމަށެވެ. ނަމަވެސް ބައެއް އެޕްލިކޭޝަންތައް އަދިވެސް ހުންނަނީ ލޯފަން ކުދިންނަށް އެންމެ ފަސޭހައިން ބޭނުން ކުރެވޭނެ ގޮތަށް ނޫންކަން ފާހަގަ ކުރަމުން ނާހިލް ބުނީ އެފަދަ އެޕްލިކޭޝަންތައް ވެސް ބޭނުން ކުރެވޭނެ މަގުފަހި ކޮށްދެވިއްޖެ ނަމަ، އެހެން މީހުންނެކޭ އެއްފަދައިން ލޯފަން ކުދިންނަށް އެހެން އިތުރު ދާއިރާތަކުގައި އުޅެވޭނެ ކަމަށެވެ.

"ފިހާރައެއްގެ ކައުންޓަރުގައި ވެސް މަސައްކަތް ކުރެވިދާނެ އޭރުން، އިތުރު މަސައްކަތެއް ކުރުމުގެ ގޮތުން ވެސް. މިހާރު ދިވެހިރާއްޖޭގެ ފައިސާތަކުގައި އެބަހުރޭ ނިޝާންތަކެއް، އެ ނިޝާންތަކުގެ އެހީގައި އެއީ ކޮން ފައިސާއެއްކަން ދެނެގަނެވޭ. އެގޮތުން ލޯފަން ކުދިންނަށް ބޭނުން ކުރެވޭނެ ފަދަ ގޮތަކަށް ސިސްޓަމްތަކެއް ހެދިފައިވާނަމަ، ކުރާ ވިޔަފާރިތައް އެންޓާ ކުރަން ވެސް ފަސޭހަ ވާނެ" ނާހިލް ބުންޏެވެވެ.

ދުނިޔޭގެ އެހެން ތަންތަނުގައި އެހެން ވަރަށް ގިނަ ދާއިރާތަކުގައި ލޯފަން ކުދިން އުޅޭކަން އެނގިފައިވޭ، ދިވެހި ރާއްޖޭގައި އެފަދައިން ނެތްކަން ފާހަގަވެ ދެރަވޭ

ނާޙިލް އެދެނީ މިފަދަ ފުރުސަތުތައް އޭނާފަދަ ލޯފަން ކުދިންނަށް ވެސް ހުޅުވައި ދެއްވުމެވެ.

މީގެ އިތުރުން ނާހިލްގެ އުފަން ރަށުން އޭނާއަށް ވަޒީފާއެއް ހަމަޖައްސައި ދެއްވުމަށް ވެސް އޭނާ ވަރަށް ބޮޑަށް އެދިލައްވައެވެ.

މި ޚާއްސަ ވެގެންވާ ދަތުރުގައި އެހީތެރިވެދެއްވި ފަރާތްތަކަށް ޚާއްސަ ޝުކުރު

ލޯފަން ނަމަވެސް ނާހިލް އަދާ ކުރަމުން އެދާ ވަޒީފާއާއި އޭނާ ހާސިލް ކުރި ކާމިޔާބުތަކުގައި ގިނަ ބައެއްގެ އެހީތެރިކަން އޮތް ކަން އޭނާ ފާހަގަ ކުރިއެވެ.

"އެންމެ ފުރަތަމަ ވެސް ޙަމްދާއި ޝުކުރު ކުރާނީ ހެއްދެވި ފަރާތަށް. އަޅުގަނޑަށް ދިރިއުޅުމުގެ މިފަދަ ބޮޑު ޗެލެންޖަކާ އެކަލާނގެ ކުރިމަތި ކުރެއްވީ އަޅުގަނޑަށް މިކަން ތަޙައްމަލު ކުރެވޭނެކަން ދެނެވޮޑިގެންވާތީ. އަޅުގަނޑަކީ ހިތްވަރުގަދަ އަޅެއް ކަމުގައި ލައްވަވާ، ދިރިއުޅުމުގައި ފާގަތިކަން ދެއްވިކަމަށްޓަކައި އަބަދު ވެސް އެކަލާނގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. ދެން އަޅުގަނޑު ޝުކުރު އަދާ ކުރާނީ އަޅުގަނޑުގެ މައިންބަފައިންނަށް. އަޅުގަނޑާ މެދު ބެހެއްޓެވި އޯގާތެރިކަމާއި، ކެތްތެރިކަމާއި، އަޅުގަނޑަށް އުނގަންނަވައިދެއްވި ތަޢުލީމަށް، އަދި ހިތުން ނުރުހުމުގައި ވިޔަސް އަޅުގަނޑު އެދޭ ކަމަކަށްވާތީ ރަށުން ބޭރުގައި މަސައްކަތް ކުރުމަށް ހުއްދަ ދެއްވީތީ. ވަރަށް ޚާއްސަ ޝުކުރެއް އަޅުގަނޑުގެ އިސްލާމް މުދައްރިސަށް ވެސް އަރިސްކުރަން. އަޅުގަނޑުގެ ފެނުން ގެއްލުމުން، ތަޢުލީމު އުނގަންނަވައިދެއްވީތީ. އަދި މިހާރު އަޅުގަނޑަށް ހުރިހާ ކަމެއްގައި އެހީތެރިވެދެއްވާ އަޅުގަނޑު އަނބިމީހާއަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން" ނާހިލް ބުންޏެވެ.

މީގެ އިތުރުން ނާހިލް ވަނީ ކަނޑިތީމުގެ ކައުންސިލަށް ވެސް ޚާއްސަ ޝުކުރެއް އަދާ ކޮށްފައެވެ. ނާހިލް ބުނީ ކައުންސިލުން ވަރަށް ބޮޑު އެހީތެރިކަމެއް ދެއްވަވާ ކަމަށާއި، އޭނާ އެ ރަށުގައި ދިރިއުޅޭ ގެއާއި ކައިރި މިސްކިތެއްގައި އިމާމުވެ ނަމާދު ކުރެވޭނެ އިންތިޒާމު އެ ކައުންސިލުން ހަމަޖައްސަވައި ދެއްވި ކަމަށެވެ.

ޚާއްސަ އެހީއަށް ބޭނުންވާ މީހަކަށް ވުމަކީ ނުކުޅެދުންތެރިކަމެއް ނޫން، އެއީ ހިތްވަރުދެރަ ކުރަންވީ ކަމެއް ވެސް ނޫން. ދެކެންވީ، ޚާއްސަ އެހީއަށް ބޭނުންވާ މީހެއް ކަމުގައި ވެވުނީ ހަގީގަތުގައި ވެސް ތިމާއަކީ ވަރަށް ޚާއްސަ މީހެއް ކަމުގައި ވާތީކަން!

ނާހިލް އެދެނީ އޭނާ ފަދައިން ލޯފަން އެހެން މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ އެހެން މީހުން ވެސް ހިތްވަރު ދެރަ ބައެއް ކަމުގައި ނުވުމަށެވެ. މީގެ އިތުރުން ނާހިލްގެ އުފަން ރަށުން އޭނާއަށް ވަޒީފާއެއް ހަމަޖައްސައި ދެއްވުމަށް ވެސް އޭނާ ވަރަށް ބޮޑަށް އެދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!