ސަރުކާރު މިހާރު ދަތުރުކުރަމުން ދަނީ ބޮޑެތި ޑިކްޓޭޓަރޝިޕްތައް ދަތުރުކުރި މިސްރާބަށް: އިދިކޮޅު
މި ސަރުކާރުން ދަތުރު ކުރަމުން ދަނީ ބޮޑެތި ޑިކްޓޭޓަރޝިޕްތައް ދަތުރުކުރަމުންދާ މިސްރާބަށް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ސިވިލް ސަރވިސް މުވައްޒަފުންގެ އަގު ވައްޓާލާ، އެ މުވައްޒަފުންނަށް ގޯނާކޮށް ނަފްސާނީގޮތުން ބަލިކޮށްލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ކުރަމުންގެންދާ އެންމެހާ މަސައްކަތްތައް ހަރުކަށި އިބާރާތުން އެ ކޯލިޝަނުން ކުށްވެރިކުރާ ކަމަށެވެ.
އަދި ސިވިލް ސަރވިސް މުވައްޒަފުން ކުށުގެ ގޮޅިއަކަށް ފެއްތުމުގެ ގޮތުން ސިވިލް ސަރވިސްގެ ޤާނޫނު އިސްލާޙު ކުރުމަށް ސަރުކާރުން މިހާރު ކުރަމުންދާ ކަމަކީ ސިވިލް ސަރވިސް މުވައްޒަފުންގެ އަނގަ ބަންދުކޮށް، ހުރިހާ ބާރެއް
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި އެމްޑީޕީގެ މުށުތެރެއަށް ޖަމާކުރުން ކަމަށެވެ.
“މި ސަރުކާރު މިހާރު ދަތުރު ކުރަމުންދަނީ ޑިމޮކްރެސީގެ
އަސާސްތަކާ ދުރަށް، ދުނިޔޭގެ އެންމެ ބޮޑެތި ޑިކްޓޭޓަރޝިޕްތަކުން ދަތުރު ކުރަމުންދިޔަ މިސްރާބަށް “ އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤުން ސިވިލް ސަރވަންޓުން މަޙުރޫމް ކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ބައެއް އިސްލާހުތަކާ މެދު އިންތިހާއަށް ކަންބޮޑުވުން އުފެދިފައިވާކަމަށާއި އެއިސްލާޙުތަކަށް ވާހަކަފުޅު ދައްކަވަމުން، މިސަރުކާރު ތަމްސީލް ކުރައްވާ ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ވަނީ ސިވިލް ސަރވަންޓުންނަކީ، އެމީހުންގެ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ކަށްވަޅަށް ދާންދެން އަނގަމަޑުންލައިގެން ތިބެންޖެހޭނެ ބައެއްކަމަށާއި، އެއީ "ފޭސްލެސް" އަދި "އަޑެއް ނެތް" ބައެއްކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
އަދި މިއީ ދިވެހި ސިވިލް ސަރވިސްގައި ޚިދްމަތްކުރާ ސައްބީސް ހާހަށްވުރެ ގިނަ މުވައްޒަފުންގެ އަގު ވައްޓާލާ އެ މުވައްޒަފުންނަށް ނިކަމެތިކަން ގެނެސްދިން ވާހަކަތަކެކެވެ. އަދި ޤައުމީ ޚިދުމަތުގައި ރެއާދުވާލު މަސައްކަތްކުރާ މުވައްޒަފުންނާއި
ޤައުމަށް އަގުނުކުރެވޭފަދަ ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކާމެދު ދައްކާފައިވާ ވަރަށް އިޙްތިރާމްކަން ކުޑަ ވާހަކަތަކެއް ކަމަށެވެ.
“އެހެންކަމުން މިއަދު ސަރުކާރާ ރައްޔިތުންގެ މަޖިލީހާއި އަދި ޖުޑީޝަރީވެސް މި ސަރުކާރުގެ މުށުތެރެއަށް ޖަމާކޮށްގެން ތިބެ ސިވިލްސަރވިސް މުވައްޒަފުންނަކީ ކަށްވަޅަށް ދާންދެން ހަމަ ހިމޭންކަން މަތީ ތިބެން ޖެހޭނެ ބައެއްކަމަށްބުނެ އެ މުވައްޒަފުންނާއި ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ އެންމެ އަސާސީ ޙައްޤުތައް ގެއްލޭގޮތަށް ވާހަކަދެއްކުމަކީ މިއަދުގެ ސަރުކާރުގެ ހީލަތްތެރިކަން ރައްޔިތުންނަށް ހާމަވެގެންދާކަމެއް” އިދިކޮޅުން ބުނެއެވެ.