ޙަލާލު ނޫން ފައިސާ ހޯދާނަމަ ދުޢާ އިޖާބަ ނުކުރައްވާނެ: މުފްތީ މެންކް
ޙަރާމް ފައިސާ ހޯދާނަމަ، ނުވަތަ މާތް ﷲ ނަޙީ ކުރައްވާފައިވާ އަމަލުތައް ކޮށްގެން ނޫނީ ނުޙައްޤުން ފައިސާ ހޯދާނަމަ، އެމީހެއްގެ ދުޢާ މާތް ﷲ އިޖާބަ ނުކުރައްވާނެ ކަމަށް މައްޝޫރު ދީނީ ޢިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކު ވިދާޅުވެފައިވެއެވެ.
މުފްތީ މެންކު އޭނާގެ ދަރުހެއްގައި މިކަމާމެދު އިތުރަށް ވިދާޅުވެފައި ވަނީ ޙަރާމް ފައިސާއަކީ މާތް ﷲ ނަހީ ކުރައްވާފައިވާ އަމަލެއް ކޮށްގެން ނުވަތަ އިސްލާމްދީނުގައި ކުރުން ޙަރާމް ކޮށްފައިވާ މަސައްކަތެއް ކޮށްގެން ހޯދާ ފައިސާ ކަމުގައެވެ.
އެގޮތުން ތިމާއަށް ފާފަ ލިބޭނެ ފަދަ އަމަލުތައް ކޮށްގެން، އެއީ "ވަޒީފާ" ކަމުގައި ދެކިގެން ހޯދާ ފައިސާ ހަލާލް ނުވާނެ ކަމަށް ވެސް މުފްތީ މެންކު ވިދާޅުވެފައިވެއެވެ. އަދި އެފަދައިން ފައިސާ ހޯދާ މީސްތަކުންނާމެދު މާތް ﷲ ނުރުއްސަވާނެ ކަމާއި އެބައިމީހުން ކުރާ ދުޢާ ވެސް އެކަލާނގެ އިޖާބަ ނުކުރައްވާނޭ ކަމަށް ވިދާޅުވެފައިވެއެވެ.
"އިބްނު މަސްޢޫދު ރިވާ ކުރައްވާފައިވާ ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެ. 'މާތް ﷲ ގެ އަޅުތަކުންކުރެ ޙަރާމް ފައިސާ ހޯދާ މީހާ ކުރާ ޞަދަގާތް އެކަލާނގެ ބައްލަވައި ނުގަންނަވާ ހުއްޓެވެ. އެފައިސާ އޭނާ ޚަރަދު ކުރާނަމަ، އޭގައި އެއްވެސް ބަރަކާތެއް ވެސް އެކުލެވިގެން ނުވެއެވެ. އަދި އޭނާ އެފައިސާ ދޫކޮށްފައި ދިޔުމުން (މަރުވުމުން) އެފައިސާ ވާހުށީ އޭނާއާއެކު ނަރަކައަށް ގެންދެވޭ އެއްޗަކަށެވެ.
ހަމަކަށަވަރުން ނުބައި ޢަމަލު ކުޅައުމަކުން އެކަލާނގެ އެއްވެސް އަޅެއްގެ ފާފައެއް ނުފުއްސަވާނެތެވެ. ފާފަ ފުއްސަވާނީ ހެޔޮ ޢަމަލު ކުޅައުމުންނެވެ.' (މުސްނާދް އަހްމަދު 3672، މުސްނާދް އަލް-ބައްޒާރް 2026)" މުފްތީ ވިދާޅުވެފައިވެއެވެ.
ދުއާ އިޖާބަ ނުކުރައްވާ އެހެން ސަބަބުތަކުގެ ތެރޭގައި މުފްތީ މެންކު ވިދާޅުވެފައިވަނީ އެކަލާނގެ ޙަޟްރަތަށް ދުޢާ ކުރާ ކުރާއިރު، އަވަސް އަރުވާލައިގެން ދުޢާ ކުރުމެވެ. އެހެންކަމުން ދުއާ ކުރާއިރު މަޑުމައިތިރިކަމާއެކު ދުއާ ކުރުމަށާއި މާތް ﷲ އަކީ އެއްކައުވަންތަ އިލާހު ކަމަށް ހެކިވެ، މުޙައްމަދު (ޞޢޥ) އީ އެކަލާނގެ އަޅާ އަދި ރަސޫލާ ކަމަށް ހެކިވެ އެކަލޭގެފާނަށް ޞަލަވާތާއި ސަލާމާއި ބަރަކާތް ލެއްވުން އެދި ދުއާ ކުރުމަށާއި އެކަލާނގެ ދެއްވެވި ހުރިހާ ނިޢުމަތްތަކަށް ޝުކުރު އަދާ ކުރުމަށް ހަނދުމަ ކުރުމަށް ވެސް ދީނީ ޢިލްމުވެރިޔާ ހަނދުމަ ކޮށްދެއްވާފައި ވެއެވެ.