ކޮވިޑް-19: ހިންނަވަރުން މީހަކު ފައްސިވެ، އެރަށަށް އަރައިފޭބުން މަނާކޮށްފި
ޅ. ހިންނަވަރުން މީހަކު ކޮވިޑް-19 އަށް ފައްސިވެ އެރަށަށް އަރައިފޭބުން މަނާ ކޮށްފިއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) ވިދާޅުވީ، ރޯގާގެ އަލާމާތްތަކެއް ހުރި ފަރާތެއް މިއަދު ކޮވިޑަށް ފައްސި ވެފައިވާ ކަމަށާއި އެކަމާ ގުޅިގެން އެރަށް މޮނީޓަރިންގެ ހާލަތަށް ލާފައިވާ ކަމަށެވެ.
ހިންނަވަރުން ފައްސިވީ މީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، މިއީ ފެލިވަރުގައި އުފެދިފައިވާ ކްލަސްޓާއާ ގުޅުމެއް ހުރި ކޭސް އެއް ނޫން ކަމަށް ވެސް އެޗްއީއޯސީން ވިދާޅުވިއެވެ.
ހިންނަވަރުން ފައްސި ވެފައި މިވަނީ މިމަހުގެ 24ވަނަ ދުވަހު ނެގި 12 ސާމްޕަލް ގެ ތެރެއިން އެއް ސާމްޕަލެވެ.
ޅ.ހިންނަވަރުން މީހަކު ފައްސި ވެފައިވާއިރު، އެއަތޮޅު ނައިފަރުން ނެގި ރޭންޑަމް ސާމްޕަލެއް ވެސް ވަނީ ކޮވިޑް-19 އަށް މިއަދު ފައްސި ވެފައެވެ. އެގޮތުން ނައިފަރުގައި މިހާރު ތިން މީހަކު ފައްސި ވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ނައިފަރުގައި ފައްސި ވެފައި ވަނީ ފެލިވަރު ކްލަސްޓާއާ ގުޅުމެއްވާ ބައެއް ކަމުގައި ވެސް މައުލޫމާތު ލިބެއެވެ.