ހިންނަވަރަށް އުދަ އަރައި ބޮޑެތި ގެއްލުން ތަކެއް ލިބިއްޖެ

ޅ. ހިންނަވަރަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ހިންނަވަރުން ވާހަކަ ދެއްކި މީހަކު "ދެން" އަށް މައުލޫމާތު ދެމުން ބުނީ އުދަ އެރުމުގެ ސަބަބުން ރަށުގެ ބައެއް ގޭގެއަށާއި ގެތަކުގެ ގޯތިތެރެއަށް ފެން ގަނޑު ވަދެ ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި މި ވަގުތު ވެސް ރަށަށް ވިއްސާރަ ކުރަމުންދާ ކަމަށެވެ.
އުދަ އެރުމުގެ ސަބަބުން އެރަށު ތެރޭގައި ލޮނުގަނޑު ފެތުރެމުން ދާތީ ކައުންސިލާއި އެމްއެންޑީއެފް އަދި ފުލުހުން ގުޅިގެން އަންނަނީ ގޭގެއަށް ފެން ވަނަ ނުދިނުމަށްޓަކައި ވެލިބަސްތާ ޖެހުމުގެ މަަސައްކަތް ވެސް ކުރަމުންނެވެ. އަދި ރަށުން ފެން ހިންދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
އެމްއެންޑީއެފުން ބުނީ އެރަށަށް އުދަ އަރައި ގެއްލުންވަމުން ދާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު 12:26 ހާއިރު ކަމަށެވެ.
މެޓް އޮފީހުން މިއަދު ވަނީ މޫސުން ގޮސްވެ، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ އެލާޓް ނެރެފައެވެ. އެ ގޮތުން ބ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު އިރުއޮއްސި ހަޔަކާ ހަމައަށެވެ. ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި ކަނޑުތައް ގަދަވެ، ބާރަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވިލާގަނޑުގައި 30 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކުރައްވާފައެވެ.