ކޮވިޑް-19: ހޮޅުދޫ ވެސް މޮނިޓަރިންއަށް

ކޮވިޑް-19 އަށް ނ.ހޮޅުދޫން ވެސް ބަޔަކު ފައްސިވެ، އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
އެރަށުން ފައްސިވެފައި ވަނީ ޅ.ފެލިވަރު ކްލަސްޓާއާ ގުޅުން ހުރި ބައެކެވެ.
ހޮޅުދޫ ހެލްތު ސެންޓަރުން ވިދާޅުވީ ފެލިވަރު ކްލަސްޓާއާ ގުޅިގެން ހޮޅުދޫން ނެގުނު ސާމްޕަލްތަކުގެ ތެރެއިން މިހާތަނަށް ދެ މީހެއްގެ ސާމްޕަލް ކޮވިޑް-19 އަށް ފައްސި ވެފައިވާ ކަމަށެވެ.
މި ކޭސްތަކާ ގުޅިގެން މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ވެސް ހެލްތު ސެންޓަރުން ވިދާޅުވިއެވެ.
ފެލިވަރު ކްލަސްޓާއާ ގުޅިގެން ނ، ވެލިދޫ ވެސް މޮނިޓަރިންގެ ހާލަތުގައި އޮތް އިރު ޅ އަތޮޅުގެ ބައެއް ރަށްރަށުން ވެސް ވަނީ ގިނަ ކޭސްތަކެއް ފެނިފައެވެ.
މި ދުވަސްވަރަކީ އަތޮޅުތަކުން ފައްސި ކޭސްތައް ގިނަ ޢަދަދަކަށް ފެންނަ ދުވަސްވަރެކެވެ. 52 ރަށެއްގައި 500 ވުރެ ގިނަ އެކްޓިވް ކޭސް ހުރިއިރު ބައެއް ރަށްރަށުގައި 100 އާ ގާތް ކުރާ އަދަދަށް މީހުން ވަނީ ފައްސިވެފައެވެ. އެގޮތުން ކ. ހުރާގައި 95 މީހަކު، ފެލިވަރުގައި 75 މީހަކު، ނައިފަރުގައި 56 މީހަކު ފައްސިވެފައި ވެއެވެ.