މީހުން ދެން ފުރަމަލަ

މަންމައިންގެ ހައްގުގައި ނިކުމެ އެ ތިބީ "މޮމްސް"ގެ ބިޔަ ލަޝްކަރެއް! 

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
މޮމްސް އެންޖީއޯގެ މާކެޓިންގ ކޯޑިނޭޓަރ މަރިޔަމް ފަހީމާ (ފަހީ) "ދެން" އަށް މައުލޫމާތު ދެނީ/ ފޮޓޯ: ދެން އެމްވީ

ދަރިފުޅަށް ދޭ މިލްކް ހުސްވެގެން އެ ވައްތަރުގެ މިލްކު ލިބެނީ ކޮންތާކުންތޯ "މޮމްސް"ގާތުން ނިކަން އަހައިލަބަލާށެވެ. ނޫނީ ދިރިއުޅޭ ތި ގެއާ އެންމެ ގާތުގައި ހުރީ ކޮން ޖިމެއްތޯ ނޫނީ ތި ހިސާބުން ދަރިފުޅަށް ޓިއުޝަން ދޭނެ ޤުރުއާން މުދައްރިސަކު ލިބިދާނެތޯ މޮމްސް ގާތު ސުވާލު ކޮށްލަބަލާށެވެ. މަންމައިންގެ ޞިއްޙީ މައްސަލައެއް ނަމަވެސް "މޮމް"އެއް ގާތުގައި އެކަން ހިއްސާ ކޮށްލަބަލާށެވެ. މިނެޓެއްގެ ތެރޭގައި އެތައް ތަޖުރިބާއަކާއި އެތައް ރިކޮމެންޑޭޝަންތަކެއް އަންނާނެއެވެ. "މޮމްސް"ގެ ދީލަތި އަތްތައް އެކި ދިމަދިމާލުން އަންނާނެއެވެ.

Ads by MWSC

"މޮމްސް" ޖަމްއިއްޔާގެ ތަޢާރަފާއި އެމީހުންގެ މަސައްކަތާ މެދު މި ދެންނެވުނީ ކުޑަކުޑަ މިންވަރެކެވެ. ނަމަވެސް ހާދަހާވާ ބޮޑު އެހީތެރިކަމެކެވެ. މޮމްސްއަކީ މަދަދުގާރެކެވެ. އިތުބާރު ކުރެވޭ މިތުރެކެވެ. ތެދުވެރި ބައިވެރިއެކެވެ.

މަންމައިންގެ ހައްގުގައި ހިލޭ ސާބަހަށް ނިކުމެތިބި "މޮމްސް"ގެ ބިޔަ ލަޝްކަރުގެ ވާހަކަ ކިޔައިދިނީ އެ ޖަމިއްޔާގެ މާކެޓިންގ ޑިރެކްޓަރ މަރިޔަމް ފަހީމާ (ފަހީ) އެވެ.

"މޮމްސް"އަކީ ކީއްކުރާ ބައެއް؟

"މޮމްސް" ޖަމިއްޔާއަކީ އަންހެނުން ބާރުވެތި ކުރުމުގެ ގޮތުން ފެށިގެން އައި އަމިއްލަ ޖަމިއްޔާއެކެވެ.

އަންހެނުން ބާރުވެރި ކުރުވުމާއި އަންހެނުންނާއި ކުޑަކުދިންގެ ނަފްސާނީ ގޮތުން ދުޅަހެޔޮކަން އިތުރު ކުރުމާއި އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް "މޮމްސް" ތެދުވީ 2016 ވަނަ އަހަރުއެވެ. އެ ތެދުވި ތެދުވުން ރަސްމީ ވެގެން ދިޔައީ 2019 ވަނަ އަހަރުގެ ޖެނުއަރީގައެވެ.

"ފުރަތަމަ އުފެދުނީ ކުޑަކުޑަ ކޮމިއުނިޓީއެއްގެ ގޮތުގައި، ނަމަވެސް މިހާރު އެބަތިބި ގާތްގަނޑަކަށް 36،000 މެމްބަރުން. މި ގްރޫޕުގައި ނުވަތަ ޖަމިއްޔާގައި މުޅިން ވެސް ތިބޭނީ އަންހެން ކަނބަލުން. އޭގެތެރޭގައި ކައިވެނި ކޮށްގެން އުޅޭ އަންހެނުންނާއި މަންމައިން ހިމެނޭނީ" ހިތްވަރުގަދަ ކަނބަލުންގެ އެ ލަޝްކަރުގެ ކުރު ތަޢާރަފެއް ދެމުން ފަހީ ބުންޏެވެ.

ޖަމިއްޔާ ހިންގުމުގައި ހުސް އަންހެނުން ތިބި ކަމުގައި ވިޔަސް، ބައެއް މަސައްކަތްތަކުގައި ފިރިހެނުން ހިމެނޭ އެހެން ޖަމިއްޔާތަކާ ވެސް ގުޅިގެން މަސައްކަތް ކުރާކަން ފަހީ ފާހަގަ ކުރިއެވެ. އެގޮތުން ދާދި ފަހުން އެހީ ޖަމްއިއްޔާއާ ގުޅިގެން "މޮމްސް"ގެ ފަރާތުން ހިންގި "ހެލްޕު ނަފީސާ ފެމިލީ" ޕްރޮޖެކްޓް ފަހީ ފާހަގަ ކުރިއެވެ.

އެހީ ޖަމިއްޔާއަކީ ހަމަ މޮމްސްއަށް ދިމާވާ ކޮންމެ ކަމެއްގައި ވެސް އެހީވާ ބައެއް

ފަހީ ބުނީ ރާއްޖޭގެ ވަރަށް ގިނަ އެކަނިވެރި މައިންނާއި ގިނަ ދަރިންތަކެއް ލިބިފައިވާ މަންމައިންނަށް ވަރަށް ގިނަ ކަންކަމާ ކުރިމަތިލާން ޖެހޭ ކަމަށާއި، އެހެންކަމުން މޮމްސްގެ ފަރާތުން އެފަދަ މައިންނަށް ހިތްވަރު ދިނުމުގެ ގޮތުން ވެސް މަސައްކަތް ކުރާ ކަމަށެވެ. އަދި މޮމްސްގެ ފޭސްބުކް ޕޭޖް ވެސް އެފަދަައިން މައިންނަށް ހިތްވަރު ދިނުމުގެ ގޮތުން މަސައްކަތް ކުރާ ކަމަށެވެ.

މޮމްސްގެ އުސްއަލިތަކެއް

މޮމްސްގެ ފަރާތުން ވަރަށް ގިނަ ޢާއިލާތަކަކަށް ވަނީ އެހީތެރިވެ ދީފައެވެ. އެގޮތުން ފާހަގަ ކޮށްލެވޭ އެއް ޢާއިލާއަކީ މިދިޔަ އަހަރު "ނަފީސާ ފެމިލީ"އެވެ.

"މޮމްސް އިން ބެލި ބެލުމުން އެނގުނީ ކުޑަ ކުދިންތަކެއް ބިންމަތީގައި ނިދާފައި، ދުވާލު އެކީގައި ނުކައި އުޅުނުކަން. އެހެންވެ މޮމްސްއިން ކުރި މަސައްކަތުން އެކުދިންގެ ގެ، އެންމެ ޒަމާނީ ގެއަކަށް ނުހެދުނަސް، ވަރަށް ރީތި ކޮށްފައިވާ ނީ. އެ ގޭގައި ޓައިލްސް ޖަހައި، ފާޚާނާ ތަށިތައް ބައިންދާ، އަދި ކައިގެން ބޮއެގެން އުޅެވޭނެ އިންތިޒާމު ވެސް ހަމަޖައްސައި ދިނިން. މިއީ އަތޮޅުތެރޭގެ ރަށެއްގައި ހިންގި ޕްރޮޖެކްޓެއް" ފަހީ ކިޔައި ދިނެވެ.

މޮމްސް އިން ހިންގި ހެލްޕް ނަފީސާ ކެމްޕެއިންގެ ތެރެއިން

މީގެ އިތުރުން މޮމްސްއިން މިދިޔަ އަހަރު ވަނީ އޮންލައިން އެކްސްޕޯއެއް ބާއްވައިފައެވެ. އެ އެކްސްޕޯގައި 72 ވިޔަފާރިއެއް ބައިވެރިވިއެވެ.

"އެއީ ހަމަ ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ އިވެންޓެއް އޮންލައިންކޮށް ބޭއްވި ކަމުގައި ވިޔަސް." ފަހީ ބުންޏެވެ.

މާލޭގައި ދަތިކޮށް އުޅޭ ބައެއް ޢާއިލާތަކަށް މިދިޔަ އަހަރު ރޯދަ މަހު، ކެއުން ލިބޭނެ ގޮތް ވެސް "މަންމަ"އިން ވަނީ ހަމަޖައްސައިފައެވެ.

"ދަތިކޮށް އުޅޭ ބައެއް ޢާއިލާތަކަށް 1150 މީލްސް (ކެއުން) ހަމަޖައްސައިދިނިން. އެއީ ރޯދަ ވީއްލުމާއި ހާރު ކެއުމަށާއި އެއްކޮށް. މީގެ އިތުރުން ކޮވިޑް-19 ރިލީފް ކެމްޕޭނުގެ ދަށުން 100 އާއިލާއަށް ފުޑް ޕެކޭޖްތައް ވެސް ފޯރުކޮށްދީފައި ވާނެ" ފަހީ ބުންޏެވެ.

މޮމްސް އެންޖީއޯގެ މާކެޓިންގ ކޯޑިނޭޓަރ މަރިޔަމް ފަހީމާ (ފަހީ) "ދެން" އަށް މައުލޫމާތު ދެނީ/ ފޮޓޯ: ދެން އެމްވީ

ނަފްސާނީ ގޮތުން އަނިޔާ ލިބިފައިވާ އަންހެނުންނަށް ވެސް އެހީތެރިކަމުގެ އަތެއް

"މޮމްސް" ޖަމިއްޔާ ތަފާތުވާ އެއް ކަމަކީ މިއީ އެވެ. އެ ޖަމިއްޔާއިން އަންހެނުންނަށް ހަމައެކަނި ވެދެނީ މާއްދީ އެހީތެރިކަމެއް ނޫނެވެ. ނަފްސީ ގޮތުން އަނިޔާ ލިބިފައިވާ ނުވަތަ ދިރިއުޅުމުގައި އެކިކަންތައްތައް ދިމާވެގެން ހިތްދަތިކަމާއި ފިކުރާ ކުރިމަތިވެފައިވާ އަންހެނުން އާންމު ޙާލަތަށް ގެނެވޭތޯ "މޮމްސް"އިން މަސައްކަތް ކޮށްދެއެވެ.

"ވަރަށް ގިނަ ފަހަރަށް އަންނާނެ މެސެޖުތަކާއި އެއްޗެހި، ނަފްސާނީ ގޮތުން އަސަރު ކޮށްގެން ސަޕޯޓު ހޯދަން ވެގެން. ޕޭޖަށް މެސެޖު ކޮށްފިއްޔާ އަޅުގަނޑުމެން އެފަދަ މީހުންނާ ވާހަކަ ދައްކަން. ދެން އަޅުގަނޑުމެން އެމީހުން ޑައިރެކްޓު ކޮށްދެނީ ފަރުވާ ދެވޭނެ ފަރާތަކުން އެހީތެރިކަން ހޯދައިދޭން. އެއީ ބައެއް ފަރާތްތަކަށް ސައިކޮލޮޖިސްޓަކަށް ނުވަތަ ކައުންސެލިންގ ހޯދަން މާލީ ގޮތުން ދަތިކަމަކަށްވޭ. އެފަދަ މީހުންނަށް އެހީތެރިވެދެން ހިލޭ ކައުންސެލިންގ ދޭނެ ފަރާތްތައް މެދުވެރިކޮށްގެން. އެގޮތުން ޝީއިން އެހީތެރިވެދޭ، އޭގެ އިތުރުން ޝިޔާނާ (ސައިކޮލޮޖިސްޓެއް) އެބޭފުޅާ ވެސް އެހީތެރިވެދޭ އަދި މެންޓަލް ހެލްތުން ވެސް އެހީތެރިވެދޭ އެގޮތަށް އެހީތެރިކަން ބޭނުންނާ ކަނބަލުންނަށް" ފަހީ ކިޔައިދިނެވެ.

މޮމްސްގައި ނޫޅޭނެ އެކަހަލަ އެކްސްޕާޓެއް، އެކަމަކު ނަފްސާނީ ގޮތުން ދެރަ ލިބިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެނީ އަޅުގަނޑުމެން މެދުވެރިކޮށް އެހީތެރިކަން ދެވޭ ފަރާތްތަކާއި ގުޅުވައިދީގެން

ފަހީ ބުނީ މޮމްސްގައި ނަފްސާނީ ކަންކަމާ ގުޅޭ އެކްސްޕާޓުން ނެތް ކަމުގައި ވީ ނަމަވެސް އެ މަސައްކަތް ކޮށްދެނީ އެއީ މިއަދު ވަރަށް މުހިންމު ވެފައިވާ މަސައްކަތަކަށް ވެފައިވާތީ ކަމަށެވެ.

ފަސޭހައެއް ނޫން، އެހެން ނަމަވެސް ވަރަށް އުފާވެރި ދަތުރެއް

ޝައްކެއް ވެސް ނެތް ގޮތުގައި "މޮމްސް" އިން މިކުރާ މަސައްކަތަކީ ފަސޭހަ މަސައްކަތެއް ނޫނެވެ. މީހުންނަށް އެހީތެރިވުމާއި، އެހީއަށް އެދޭ މީހުންނާ ވާހަކަ ދައްކައި، އެމީހުންގެ މައުލޫމާތު ޔަގީން ކުރުމާއި، އެމީހުންނަށް އެހީތެރިވާނެ ފަރާތްތަށް އިންތިޒާމު ކޮށްދިނުމަކީ ހަގީގަތުގައި ވެސް ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް "މޮމްސް" ގެ ހިތްވަރުގަދަ ފަހުލަވާނުން މި ދަތުރު ސިފަ ކުރަނީ ބުރަ އެހެން ނަމަވެސް އެއަށް ވުރެ ބޮޑަށް އުފާވެރި ދަތުރެއްގެ ގޮތުގައެވެ.

މޮމްސް އިން ހަދިޔާ ކުރާ ކެއަރ ޕެކޭޖް

"މިކަމަމީ ބުރަ މަސައްކަތެއް، އެހެން ނަމަވެސް މިއީ ވަރަށް އުފާ ލިބޭ މަސައްކަތެއް އަދި މިކަމުގައި އުޅޭ މީހަކަށް ވެސް ނުހަނު ހިތްވަރު ލިބޭ މަސައްކަތެއް. މީހުންގެ ފަރާތުން، ޚާއްސަކޮށް އަންހެން ކަނބަލުންގެ ފަރާތުން މި މަސައްކަތަށް ލިބެމުންދާ ހިތްވަރާއި އެހީތެރިކަމުގެ ސަބަބުން ވެސް މިކަމުގައި ކުރިމަތިވާ ގޮންޖެހުންތައް ފަސޭހަ ވެސް ވެގެންދޭ" ފަހީ ބުންޏެވެ.

ފާހަގަ ކޮށްލެވޭ އަދި ޝުކުރު އަދާ ކޮށްލަން ބޭނުންވާ ފަރާތްތަށް

މިއީ އެކެއް ދެ މީހެއްގެ މަސައްކަތެއް ނޫނެވެ. 36،000އަށް ވުރެ ގިނަ މެމްބަރުން އެކުލެވޭ ބޮޑު ޓީމެކެވެ. ޓީމު މިހައި ބޮޑު މިވީ ވެސް އެތައް ބައެއްގެ ހިތްވަރާއި ބުރަ މަސައްކަތުންނެވެ.

"ގާތްގަނޑަކަށް ދުވާލަކަށް ހަމަ 10 ވަރަކަށް އާއިލާއަށް އެކި ގޮތްގޮތުން އަޅުގަނޑުމެން އެހީތެރިވަން. އެއީ އުނުއޮރިޔާން ނިވާކުރަން ކަމުގައި ވިޔަސް ނުވަތަ ކާބޯތަކެތީގެ ދަތިކަން ފޯރައިގެން ކަމުގައި ވިޔަސް އަޅުގަނޑުމެން އެހީތެރިވެގެން. އެފަދަ މީހުން ގްރޫޕްގައި ޕޯސްޓު ކޮށްލީމަ ވަރަށް ބޮޑު އެހީއެއް ލިބިގެންދޭ ކޮމިއުނިޓީ މެމްބަރުންގެ ފަރާތުން. ބައެއް މެމްބަރުން ފައިސާ ވެސް ޓްރާންސްފަރ ކުރޭ. އެހެންކަމުން އަޅުގަނޑު މި ކޮމިއުނިޓީގެ މެމްބަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އޭގެ އިތުރުން މޮމްސް އެންޖީއޯގެ ފައުންޑަރއަށާއި މެނޭޖްމަންޓްގެ އިތުރުން ރަށްރަށުގައި މަސައްކަތް ކުރައްވާ އަޅުގަނޑުމެންގެ ހީވާގި ޓީމަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން" ފަހީ ބުންޏެވެ.

ފަހީ ވަނީ އެ އެންމެންގެ މަސައްކަތްތަށް ވެސް ފާހަގަކޮށް، އެ އެންމެން ވެސް އިންސާނިއްޔަތަށްޓަކައި މި ކުރާ މަސައްކަތަކީ ނުހަނު އަގުހުރި މަސައްކަތެއްކަން ފާހަގަ ކޮށްފައެވެ.

ވަރަށް ޚާއްސަ ޝުކުރެއް އަދާކުރަން އެހީ ޖަމިއްޔާއަށް. އެ ޖަމިއްޔާއިން އަބަދުވެސް މޮމްސްއަށް ވަރަށް ގާތް ގުޅުމެއް ބާއްވާ. ދެން މޮމްސްގެ މުޅި ޓީމަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން

މަންމައިންނަށް "މޮމްސް" ގެ ފަރާތުން

"މޮމްސް" ގެ ފަރާތުން ރާއްޖޭގެ ހުރިހާ މަންމައިންނަށް މި ރިޕޯޓު މެދުވެރިކޮށް ދޭން ބޭނުންވާ ޚާއްސަ މެސެޖެއް އެބައޮތެވެ. އެއީ އެހީއަކަށް ބޭނުން ވާނަމަ، ޖެހިލުންވެ ނުތިބި އެމީހުންނާ ގުޅޭތޯ މަސައްކަތް ކުރުމަށެވެ.

"ބައެއް ފަރާތްތަކުން ހީކުރަނީ އެމީހުންގެ ނަން ހާމަ ކޮށްފާނެ ކަމަށް. އެހެންވެ އެހީއަށް އެދެން އެފަރާތްތަކުން ޖެހިލުންވޭ. އެކަހަލަ މަންމައިންނަށް ބުނެލަން ބޭނުންވަނީ މޮމްސް ގެ ޕޭޖަށް މެސެޖު ކޮށްލާށޭ. ތިޔަބޭފުޅުން ހާމަ ކުރަން ބޭނުން ނުވާ އެއްވެސް ކަމެއް އަޅުގަނޑުމެން ހާމައެއް ނުކުރާނަމޭ. މެސެޖު ކޮށްލީމަ އަޅުގަނޑުމެންގެ ވެރިފިކޭޝަން ޕްރޮސެސްގެ ދަށުން އެކަންކަން ބެލުމަށްފަހު އެހީތެރިވާނަމޭ." ފަހީ ބުންޏެވެ.

އެހީއަށް އެދެން ޖެހިލުން ނުވޭ! ހަގީގަތުގައި ވެސް އެހީ ބޭނުންވެފައި ވާނަމަ އަޅުގަނޑުމެން މިތިބީ އެހީވެދޭން އަތުކުރި އޮޅާލައިގެން

ފަހީ ބުނީ، ވޮލަންޓިއަރެއްގެ ގޮތުގައި އޭނާ ފަށާފައި މިވާ މަސައްކަތަކީ އިރާދަކުރެއްވިއްޔާ އޭނާ އަބަދުވެސް ކުރާނެ މަސައްކަތެއް ކަމަށާއި، ދެކެން ބޭނުން ވަނީ ރާއްޖޭގައި އެހީތެރިކަން ބޭނުންވާ ހުރިހާ އަންހެނުންނާއި ކުޑަކުދިންނަށް އެހީތެރިކަން ލިބި، މިއީ އަންހެނުން ބާރުވެރި ކުރުވޭނެ ޤައުމަކަށް ވެގެން ދިޔުން ކަމަށެވެ.

މަންމައިންގެ ހައްގުގައި ނިކުމެ ތިބީ ފިސާރި މަންމައިން ތަކެކެވެ. އެ މަންމައިން އެ ކުރަނީ މަތިވެރި ޖިހާދެކެވެ. ދައްކަމުން އެ ދަނީ އިންސާނިއްޔަތުގެ ނަމޫނާއެކެވެ. ސާބަހެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!