ރިޕޯޓް

ކޮވިޑް-19: މަތިވެފައިވާ ފައްސި އަދަދުތަކާއެކު، މާލެއަށް ލުއި ދިނީ ކީއްވެ؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމާއެކު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އާއި ޑިޕާޓްމަންޓް އޮފް ހެލްތު ގުޅިގެން ވަނީ ބަލި ކޮންޓްރޯލު ކުރުމަށް ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅަައިފައެވެ.

Ads by Sosun Fihaara

އެ ގޮތުން މާލެ ސަރަޙައްދުގައި، ކާފިއު ގަޑިތަކެއް އިއުލާނު ކުރުމާއި އެއްގަމު އުޅަނދުފަހަރު ވަކި ވަގުތެއްގައި ދުއްވުން މަނާ ކުރުމާއި ޕާކުތަކާއި މައިޒާންތައް ބަންދު ކުރުމާއި ސްކޫލްތައް ބަންދުކޮށް ކިޔެވުން ވެސް އޮންލައިން ކުލާހަށް ބަދަލު ކުރިއެވެ. އަދި ރެސްޓޯރަންޓުތައް ވެސް ވަކި ވަގުތެއްގެ ފަހުން ބަންދު ކުރިއެވެ. މީގެ އިތުރުން ރަށްރަށަށް ދިޔުމުގައި ވެސް ސަމާލުވުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އުޅުމަށް އެޗްޕީއޭއިން ކެނޑިނޭޅި ދިޔައީ ނަސޭޙަތްތެރި ވަމުންނެވެ.

ނަމަވެސް އެ ފިޔަވަޅުތަކާ ގުޅޭގޮތުން އެޗްޕީއޭއަށް ދިޔައީ ވަރަށް ގިނަ ފާޑުކިޔުންތައް ލިބެމުން ގޮސް، ސަރުކާރުން ވެސް އެކަމާ ދެކޮޅު ހަދައި ވާހަކަތައް ފެތުރެން ފެށުމުން މިހާރު މިވަނީ އޭގެތެރެއިން ގިނަ ފިޔަވަޅުތައް އުވައިލައިފައެވެ.

މިހާރު ކާފިއު ގަޑިތަކެއް މާލެ ސަރަޙައްދަކު ނެތެވެ. އެމީހަކު ބޭނުން އިރަކު ބޭނުން ތާކަށް، ވަކި ޚާއްސަ ހުއްދައެއް ނުވަތަ ފާހަކާ ނުލައި ދާންވީއެވެ. ރެސްޓޯރަންޓުތައް ވެސް މި ވަނީ މެންދަމު 1:00 ޖަހަން ދެން ހުޅުވައިފައި ބެހެއްޓުމަށް ހުއްދަ ދީފައެވެ. ސްކޫލުތަކަށް ގޮސް ކިޔެވުމުގެ ހުއްދަ ވެސް ވަނީ ދީފައެވެ. އެއްގަމު އުޅަނދުފަހަރު ވެސް އެމީހަކު ބޭނުން ވަގުތެއް ވަންދެން ދުއްވަންވީއެވެ.

މި ފަދަ ލުއިތަކެއް ދީފައިވާއިރު ކޮވިޑަށް ފައްސިވާ އަދަދުތަކަށް ބަލައިލުން ވެސް މުހިންމެވެ. ފާއިތުވީ ތިން ދުވަހަށް ބަލާއިރު މިދިޔަ އަންގާރަ ދުވަހު ރާއްޖެއިން ފައްސި ވެފައިވަނީ 167 މީހުންނެވެ. އެއީ މާލެއިން 86 މީހުންނާ މާލެއިން ބޭރުން 81 މީހެކެވެ.

ބުދަ ދުވަހުގެ އަދަދު ތަކަށް ބަލާއިރު، ފައްސިވީ އަދަދު ވަނީ ރިކޯޑު އަދަދަކަށް މަތިވެފައެވެ. އެގޮތުން އެ ދުވަހު މުޅިއަކު 241 މީހުން ބައްޔަށް ފައްސި ވެފައިވެއެވެ. އެއީ މާލެ ސަރަޙައްދުން 73 މީހުންނާއި މާލެއިން ބޭރުން މުޅިއަކު 168 މީހުންނެވެ.

އިއްޔެގެ އަދަދުތަކަށް ބަލާއިރު، އިއްޔެ ވެސް ރިކޯޑު އަދަދަކަށް ވަނީ ފައްސިވީ މީހުންގެ އަދަދު މައްޗަށް ޖެހިފައެވެ. މުޅިއަކު 300 މީހުން ރާއްޖެއިން އިއްޔެ ކޮވިޑް-19 އަށް ފައްސި ވެފައިވާއިރު މާލެއިން ފައްސިވީ 94 މީހުންނެވެ. އަދި މާލެއިން ބޭރުން މުޅިއަކު 206 މީހުން ފައްސި ވެފައިވެއެވެ.

އަދަދުތަކަށް ބަލައިލުމުން ވެސް، މިދުވަސްވަރު ރާއްޖޭގައި ކޮވިޑަށް ފައްސިވާ މީހުން ގިނައީ މާލެއިން ބޭރުންކަން ހާމަވެއެވެ. މާނައަކީ، މާލެ ސަރަޙައްދަށް ލުއި ދިނީ، ކޮވިޑް ނުފެތުރޭތީ، ނުވަތަ ކޮންޓްރޯލު ކުރެވިގެނެއް ނޫން ކަމެވެ. ނަމަވެސް މިވަގުތު މާލެ ސަރަޙައްދުގައި ބަލި ފެތުރޭ މިންވަރު މަދުކަމަށް ރިޕޯޓުތަކުން ދައްކައިތީ ކަމަށް ލަފާ ކުރެވެއެވެ.

ސުވާލަކީ، މާލޭގައި ބަލި ކޮންޓްރޯލު ކުރުމަށް ކުރިން އެޅި ފިޔަވަޅުތައް، ދެން އަތޮޅުތަކުގައި އަޅާނެބާއެވެ؟ ބަލަމާ ތޯއެވެ.

Ads by HDC
  1. ހެދޭނެހެދޭއެއްނެގެ

    މިސަރުކާރު ފެއިލްވީމަ ހެދޭނެހެދޭއެއްނޭގޭ…އެޗްޕީއޭ ބޭނުމެއްނޫން ….ފެއިލްވެފަ….އިސްތިއްފާ……