އައްޑޫ، ފުވައްމުލައް އަދި އިހަވަންދޫގައި ގާއިމް ކުރި ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ހުޅުވައިފި
އައްޑޫ ސިޓީއާއި ޏ.ފުވައްމުލައް އަދި ހއ.އިހަވަންދޫގައި ޤާއިމުކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ރަސްމީކޮށް މިރޭ ހުޅުވައިފިއެވެ.
ވާޗުއަލްކޮށް މިރޭ ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ދިވެހި ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބުދުﷲ ޝާހިދުއެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ އަބުދުﷲ އަމީނާއި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ އިތުރުން ދާއިރާގެ މަޖިލިސް މެންބަރުންނާއި، ހޮސްޕިޓަލްތަކުގެ މެނޭޖަރުންގެ އިތުރުން ހެލްތު މިނިސްޓްރީގެ ސީނިއަރ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކޮވިޑް- 19 ގުޅިގެން އަތޮޅުތެރޭގެ 5 ސަރަހައްދެއްގައި މެޑިކަލް ފެސިލިޓީސް ގާއިމުކުރުމަށް ސަރުކާރުން ނިންމާފައިވެއެވެ.
އޭގެތެރޭގައި، އައްޑޫ ސިޓީއާއި ޏ.ފުވައްމުލަކު އަދި ހއ.އިހަވަންދޫގައި ޤާއިމުކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ މިރޭ ހުޅުވާފައިވާއިރު، ލ. ގަމާއި ގއ. ވިލިނގިލީގައި ޤާއިމުކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ މިމަހުގެ 21 ވަނަ ދުވަހު ވަނީ ހުޅުވާފައެވެ. އަދި މި މަހުގެ 16 ވަނަ ދުވަހު ބ. އޭދަފުށި، އަދި ށ. ފޮނަދޫގައި ޤާއިމުކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ވެސް ވަނީ ރަސްމީކޮށް ހުޅުވާފައެވެ.
އަތޮޅުތެރޭގެ 5 ސަރަހައްދެއްގައި ޒޯންތަކަށް ބަހާލައިގެން ޤާއިމުކޮށްފައިވާ ފެސިލިޓީތަކުގެ ތެރެއިން، ލ.ގަމު ފެސިލިޓީ ޚާއްސަކޮށްފައިވަނީ މ،ފ،ދ،ތ،ލ އަތޮޅުގެ ރަށްތަކެށެވެ. ގއ، ގދ ޒޯނުގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ޤާއިމްކޮށްފައި ވަނީ ގއ. ވިލިނގިލީގައެވެ. ނ،ރ،ބ،ޅ ގެ ޒޯނުގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ޤާއިމުކޮށްފައި ވަނީ ބ.އޭދަފުށީގަ އެވެ. ހއ،ހދ،ށ ގެ ޒޯނުގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ޤާއިމްކޮށްފައި ވަނީ ށ. ފުނަދޫގައެވެ. އަދި ޏ،ސ ޒޯނުގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ޤާއިމްކޮށްފައި ވަނީ އައްޑޫ ސިޓީ ހިތަދޫގައެވެ.
މ ފެސިލިޓީސްތަކުގައި މަދުވެގެން 20 އެނދުގެ އައިސީޔޫ އަކާއި 30 އައިސޮލޭޝަން އެނދު ހުންނާނެއެވެ. އަދި މި ތަންތަނުން ކޮވިޑް ޓެސްޓް ހެދުމާއި، ބަލީގައި ޙާލުބޮޑުވާ މީހުންނަށް ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެވޭނެ ވަސީލަތްތައް ވަނީ ޤާއިމުކުރެވިފައެވެ.