ރިޕޯޓް

އެ މައުސޫމް ފުރާނައިގައި އޮތީ ކޮންކުށެއްތޯއެވެ؟

ދެން އެމްވީ ، ދެން އޮންލައިން

އެއީ ލޭކޮޅެކެވެ. ގަނޑު ލޭކޮޅެކެވެ. މައުސޫމު ކަމުގެ ދެވަނައެއް ނެތް މިސާލެކެވެ. ނާޒުކު ކަމާއި އެކު، ވިންދު ޖަހަމުންދާ ދިރިހުރި ރަތްް ލޭކޮޅެކެވެ. އަންހެންމީހާގެ ބަނޑުގައި ހިމާޔަތާއި ރައްކާތެރިކަން ނުހަނު ބޭނުންވާ ހާލުގައި، ދިރިދިރި ހުރި މަޚްލޫޤެކެވެ. މާތް ﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ އަގުހުރި، މާތް ނިޢުމަތެކެވެ. ހަދިޔާއެކެވެ. އަމާނާތެކެވެ. ނަމަވެސް ވިސްނާލާށެވެ! ސިކުނޑި ފާހިޝް ނުބައި މުންކަރާތަކުން އެއްފަރާތް ކޮށްލާފައި، ހަމަ ޖެހިގެން ވިސްނާލާށެވެ! ފުންކޮށް ވިސްނާލާށެވެ! އަޅުގަނޑު އަހަން މިއުޅޭ ސުވާލަކީ، އަޅުގަނޑުމެންގެ ތެރެއިން މި އަމާނާތައް ފަރުވާތެރިވެ، ކަމޭހިތަނީ ކިތައް ބޭފުޅުން ތޯއެވެ؟ އަދި އެޔަށް ވުރެށް މާ ހިތްދަތި، ވޭން ހުރި ސުވާލެއް ވެސް ކޮށްލާނަމެވެ. އެ މައުސޫމު ކުޑަކުޑަ ފުރާނަ ދުނިޔޭގެ ވައިން މަޙްރޫމުކޮށްލީ ތިއިން ކިތައް މައިންބަފައިން ހެއްޔެވެ؟

Ads by MWSC

އެބޯރޝަން ނުވަތަ ދަރި ވައްޓައިލުމަކީ ކޮންމެވެސް ވަސީލަތެއް ބޭނުން ކޮށްގެން ބަނޑުގައި އޮންނަ ހަތަރު މަސްނުވާ ދަރިފުޅު ބަނޑުން ބޭރުކޮށްލުމެވެ. އެހެން ގޮތަކަށް އިބާރަތް ކުރާނަމަ އެއީ ތިބާގެ އަމިއްލަ ދަރި، ތިބާގެ އަތުން މަރާލުމެވެ. ބިރުވެރި ކަމެކެވެ. ނުރައްކާތެރި ކަމެވެ. ރަހުމާއި ކުލުނެއް ކިރިޔާ ވެސް ހިތެއްގައި ހުރި އިންސާނަކަށް މިވަރުގެ ބޮޑު އަނިޔާއެއް ތުއްތު ތުއްތު ފުރާނައަކަށް ދޭކަށް ހަމަހިލާ ނުކެރޭނެއެވެ. ނަމަވެސް މިކަމަކީ މި ކުޑަކުޑަ މުޖުތަމަޢު ތެރޭގައި މަދުން ހިނގާ ކަމެއް ނޫނެވެ. މިނުބައި، ބިރުވެރި އަމަލު އަޅުގަނޑުމެންގެ ދިވެހީންގެ ހިތްތަކުގައި ހަމަ ރަނގަޅަށް ވެސް ވަކި ހިއްޕައިލައިފިއެވެ. ހިތާމައިގެ ކޮޅެއް ނެތެވެ. ހަމަ ނުވިސްނެނީ ހެއްޔެވެ؟ ނޫނީ ވިސްނަން ބޭނުން ނުވަނީ ހެއްޔެވެ؟

ކައިވެނި ނުކޮށް ލޯބިވެރިޔާ އާއި އެކު އެދުންވެރި ދާނުގައި، މަސްތީ ވެހޭ ބޯވާރޭގައި ލިބެމުންދާ ވަގުތީީ އުފާތަކުން ތިބާގެ ޙަޔާތަށް އިތުރު ދިރުމެއް އަތުވެދާނެ ކަމަށް އެވަގުތު ނުުވިސްނިދާނެއެވެ. އެ ލިބޭ އަރާމާއި ލައްޒަތަކީ ވަގުތީ ދުނިޔޭގެ ކުޑަ ހިނދުކޮޅެއްގެ އުފަލެއްކަން އެނގޭއިރު، އެ އުފަލުގެ ތެރޭގައި އިތުރު ފުރާނައަކަށް ދަޢުވަތު ދެވުމުން ތިޔަ ޖެހިލުންވެ، ބިރު ގަންނަނީ ކީއްވެހެއްޔެވެ؟ މާތް ﷲ ހަރާމް ކުރެއްވި، ބޮޑު ފާފައެެއް ކަމަށްވާ ޒިނޭގެ އަރާމަށް އޯކޭވެ، ތިބާގެ ލެއިން އިތުރު ދަރިފަސްކޮޅެއް އުފަންވުމުގެ ފެހި ސިގްނަލް ލިބުމުން، އެކަމާއި ދެކޮޅަށް ތިޔަ ހަތިޔާރު ބަހައްޓަނީ ފަހެ ކީއްވެހެއްޔެވެ؟ އަބުރު ކަތިލެވިދާނެތީ ތޯއެވެ؟ މީހުންގެ ކުރިމަތީގައި ތިބާގެ ފެންވަރު ވެއްޓިދާނެތީ ތީތޯއެވެ؟ ޒިނޭ ކުރުމައިގެން ތިބާގެ ޙަޔާތް ގުނާއިރު، އެކަމުން ލިބޭ ދަރިފުޅަށް ތިޔަ ކުރާ ނަފުރަތުގެ އަސްލު ސަބަބަކީ ކޮބައިހެއްޔެވެ؟ އެ ފުރާނައާ ދެކޮޅަށް ތި ބޭނުން ކުރާ ބޭސްތަކަކީ، ތިބާ ފަހުން ރޮއި ހިތާމަ ކުރަން ޖެހިދާނެ ކަމެކެވެ. ޙައްޤަކާއި ނުލައި ތިޔަ މަރާލެވެނީ މާތްﷲގެ މަޚްލޫޤެކެވެ. ދުނިޔޭގެ ލަަދަށް ވިސްނާނަމަ ވަހުޝީކަމުގެ ވާރޭގައި ތެމި ފޯވުމުގެ ބޭނުމެއް ނޯންނާނެއެވެ. އެހެން ކަމުން ތިމާ ކުރި ފާފައަކުން، ތިމާގެ ހަށިގަނޑުގެ ތެރޭގައި އިތުރު ވިންދެން ޖަހައިފި ނަމަ، އެއީ ތިބާއަށް ތެދު މަގަށް ލިބުނު ދޮރެއް ކަމުގައި ބަލާށެވެ!އިތުރު ފާފައަކަށް އަރައިނުގަނެ ، ޙަޔާތުގެ މިސްރާބު ސީދާ ކޮށްލާށެވެ!

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!