އުތުރުގެ ރަށެއްގައި އިންޑިއާ މީހުން އާބާދު ކުރާކަށް ނޫޅެން- ސަރުކާރު
އުތުރުގެ ރަށެއްގައި އިންޑިއާ މީހުން އާބާދު ކުރަން އުޅޭކަމަށް ބުނެ އޮންލައިން ނޫހަކުން ޝާއިއުކޮށްފައިވާ ހަބަރަކީ ހަގީގަތާ ހިލާފު ދޮގު ހަބަރެއް ކަމަށް ސަރުކާރުން ބުނެފިއެވެ.
ހއ ދައްޕަރުގައި އިންޑިއާ ރައްޔިތުން އާބާދު ކުރަން އުޅޭކަމަށް އޮންލައިން ނޫހެއްގައި މިއަދު ވަނީ ޝާއިއު ކޮށްފައެވެ.
މިޚަބަރާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރުމީހުން އާބާދު ކުރުމުގެެ އެއްވެސް ވިސްނުމެއް އެއްވެސް އިރެއްގައި ސަރުކާރުން ގެންގުޅެފައިނުވާނެ ކަމަށާއި އެއީ ދުވަހަކުވެސް ކުރާނެ ކަމެއްވެސް ނޫން ކަމުގައެވެ.
ހޫދު މިހެން ވިދާޅުވެފައިވާއިރު އިމިގްރޭޝަން ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލަމަތާ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިމަހުގެ 20 ވަނަ ދުވަހު ވިދާޅުވީ ސެކަންޑް ހޯމް ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ހއ ދައްޕަރުގައި ސަރުކާރުން ފަށަން އުޅޭ ކަމަށެވެ. އަދި އެތަނުގައި އެޕާޓްމެންޓްސް އަދި ވިލާ އެޅުމަށް ފަހު ދިގުމުއްތަށް އެތަން ވިއްކާލައި އެތަން ގަންނަ ފަރާތްތަކަށް ރެސިޑެންސް ވިސާ ދިނުމުގެ ވިސްނުމެއް ގެންގުޅުއްވާކަން ވެސް މިނިސްޓަރު ހާމަ ކުރެއްވިއެވެ.