ދީން

އެންމެ ގިނަ މީސްތަކުން ނަރަކައިން މުއްތި ކުރައްވާ ދުވަހަކީ ޢަރަފާތު ދުވަސް، ރޯދަ ހިފާ ދުޢާ ދެންނެވުމަށް ނަސޭހަތްތެރިވަން

ދެން އެމްވީ ، ދެން އޮންލައިން

ޢަރަފާތު ދުވަހަކީ ޙައްޖުމަހުގެ ނުވަ ވަނަ ދުވަހެވެ. ނުވަތަ މާދަމާއެވެ. އެދުވަހަކީ ވަރަށް ގިނަ ހެޔޮކަންކަން ޖަމާވެފައިވާ ދުވަހެކެވެ. އެގޮތުން ޢުމަރުގެފާނުގެ އަރިހުން ރިވާވެގެން އައިސްފައިވާ ޙަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ. ހަމަކަށަވަރުން ޔަހޫދީންގެ މީހަކު ޢުމަރުގެފާނަށް ދެންނެވިއެވެ. “އޭ މުއުމިނުންގެ އަމީރެވެ. ތިޔަބޭކަލުންގެ ފޮތުން (އެބަހީ: ޤުރުއާނުން) ކިޔަވައި އުޅޭ އާޔަތެއް ވެއެވެ. އެއާޔަތް ތިމަންމެން ޔަހޫދީންގެ މައްޗަށް ބާވައިލެއްވުނު ނަމަ، އެ އާޔަތް ބާވައިލެއްވުނު ދުވަހަކީ ޢީދުދުވަހެއްކަމުގައި އަހަރުމެން ހެދީމުއެވެ.“

Ads by MWSC

އެކަލޭގެފާނު ވިދާޅުވިއެވެ. ”އެއީ ކޮން އާޔަތެއް ހެއްޔެވެ؟“

އޭނާ ދެންނެވިއެވެ.

﴿الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإسْلامَ دِينًا﴾ (المائدة :3)

މާނައީ: ”މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންއިލާހު ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންއިލާހުގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމުދީން ތިޔަބައިމީހުންނަށް ދީނެއް ކަމުގައި، ތިމަންއިލާހު ރުހިވޮޑިގެންފީމެވެ.“

ދެން އެކަލޭގެފާނު ވިދާޅުވިއެވެ. ”ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް އެއާޔަތް ބާވައިލެއްވުނު ތަނާއި، ދުވަސް ތިމަން ބޭކަލުންނަށް އެނގިވަޑައިގަންނަވައެވެ. އެއީ ހުކުރުދުވަހެއްގައި އެކަލޭގެފާނު ޢަރަފާތުބިމުގައި ހުންނަވަނިކޮށް ބާވައިލެއްވުނު އާޔަތެކެވެ.”

ޢަރަފާތު ދުވަހު ލިބޭ އެންމެ ފުރުސަތަކީ ނަރަކައިން އެތައް ބަޔަކު މުއްތި ކުރެއްވުމެވެ. އެއީ އެންމެ ގިނަ މީސްތަކުން ނަރަކައިން މުއްތި ކުރައްވާ ދުވަސް ވެސް މެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللهُ فِيهِ عَبْدًا مِنَ النَّارِ، مِنْ يَوْمِ عَرَفَةَ، وَإِنَّهُ لَيَدْنُو، ثُمَّ يُبَاهِي بِهِمِ الْمَلَائِكَةَ، فَيَقُولُ: مَا أَرَادَ هَؤُلَاءِ؟ “ [رواه مسلم في صحيحه برقم: 436 – (1348)]

މާނައީ: “ޢަރަފާތް ދުވަހަކީ ﷲ ތަޢާލާގެ އަޅުތަކުންކުރެ އެންމެ ގިނަ މީސްތަކުން އެދުވަހެއްގައި ނަރައިން މުއްތި ކުރައްވާނެ ދުވަހެވެ. އަދި ހަމަކަށަވަރުން އެދުވަހުގައި އެއިލާހު ކުއްތަންވެވޮޑިގަންނަވާނެއެވެ. އަދި މަލާއިކަތުންގެ އަރިހުގައި ފަޚުރުވެރިވެވޮޑިގަންނަވާފައި ވަޙީކުރައްވާނެއެވެ. މިބައިމީހުން އެދެނީ ކޮންކަމެއް ހެއްޔެވެ؟“

ރަސޫލާ صلى الله عليه وسلم ގެ ޙަދީޘް ބަސްފުޅުން އެނގޭ ގޮތުގައި އެ ދުވަހު ރޯދަ ހިފުމީ ޙައްޖުވެރީން ނޫން އެހެން މީހުންނަށް ގަދަ ވެގެންވާ ސުންނަތެކެވެ. އަދި އެއީ ވޭތުވެދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފުއްސަވާ ކަމެކެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«صِيَامُ يَوْمِ عَرَفَةَ، أَحْتَسِبُ عَلَى اللهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ، وَالسَّنَةَ الَّتِي بَعْدَهُ» [رواه مسلم في صحيحه برقم: 196 – (1162)]

މާނައީ: ”ޢަރަފާތް ދުވަހު ރޯދަ ހިފުމުގެ ސަބަބުން، އިސްވެ ދިޔަ އަހަރުގެ ފާފައާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފުއްސަވާ ދެއްވާނެކަމަށް، ﷲ ތަޢާލާގެ ޙަޟްރަތުން ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ.“

ވީމާ ، ޙައްޖުވެރީން ނޫން އެހެން މީހުން މާދަމާ ރޯދަ ހިފުމަށާއި ޒިކުރުކުރުން ގިނަ ކުރުމުގެ އިތުރުން ދުޢާ ދެންނެވުން އިތުރު ކުރެއްވުމަށް ނަޞޭޙަތްތެރިވަމެވެ. އެހެނީ އެންމެ ހެޔޮ ދުޢާއަކީ ޙައްޖު ދުވަހު ކުރެވޭ ދުޢާ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!