އާއްމުންގެ މެދުގައި އެންޓިބޮޑީ ޓެސްޓު ނުހެދުމަށް އެދިއްޖެ
ކޮވިޑް-19 ގެ އެންޓިބޮޑީ ޓެސްޓަކީ ސަވައިލެންސް އެންޑް ރެސްޕޯންސްގެ ދަށުން މިވަގުތު ހަދަން ކަނޑައަޅާފައިވާ ޓެސްޓެއް ނޫންކަމަށާއި، އާއްމުންގެ މެދުގައި އެންޓިބޮޑީ ޓެސްޓު އެއްވެސް ފަރާތަކުން ނުހެދުމަށް ހެލްތު މިނިސްޓްރީން އެދިއްޖެއެވެ.
ހެލްތް މިނިސްޓްރީން ބުނީ މި ދުވަސްވަރު ބައެއް އަމިއްލަ ފަރާތްތަކުންނާއި ކުންފުނިތަކުން މި ޓެސްޓް އަމިއްލައަށް ހަދަމުން ގެންދާކަން ފާހަގަވެފައިވާކަމަށާއި، މިގޮތަށް އެންޓިބޮޑީ ޓެސްޓް ހަދައި ޓެސްޓުގެ ނަތީޖާގެ މައްޗަށް ބަލައި ފިޔަވަޅު އަޅަމުންދާކަމުގައިވެސް ފާހަގަކުރެވިފައިވާކަމަށެވެ.
އަދި ކޮވިޑް-19 ކޮންޓްރޯލްކޮށް ބެލެހެއްޓުމުގެ ނިޒާމުން ބޭރުން މިފަދަ ޓެސްޓު ހެދެމުން ދިއުމަކީ މި ޓެސްޓް ހަދާ ފަރާތްތަކަށް އޮޅުންތައް އަރާނެކަމެއްކަމަށާއި، މި ބަލިން ރައްކާތެރިވުމަށާއި، ބަލިޖެހޭ ފަރާތްތަކާއި އެމީހުންގެ ކޮންޓެކްޓުން އެކަހެރިކޮށް ބަލި ކޮންޓްރޯލްކުރުމަށް މިހާރު ކުރަމުންދާ މަސައްކަތަށް ބުރޫ އަރާ ދަތިތަކާ ކުރިމަތިވެދާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެހެންކަމުން އާއްމުންގެ މެދުގައި ކޮވިޑް-19 ގެ އެންޓިބޮޑީ ޓެސްޓު އެއްވެސް ފަރާތަކުން ނުހެދުމަށް ހެލްތް މިނިސްޓްރީން ވަނީ އެދިފައެވެ. ކޮވިޑް-19 ދެނެގަތުމަށް ޓެސްޓް ހެދުމަށް މިހާރު ހަމަޖެހިފައިވަނީ ކޮވިޑް-19 ކޮންޓްރޯލްކުރުމަށާއި، ބަލި ދެނަގަނެ ފަރުވާގެ ކަންތައް ކުރިއަށްގެންދުމުގެ ބޭނުމުގައި ކަނޑައެޅިފައިވާ ނެޝެނަލް ސަރވައިލަންސް އެންޑް ރެސްޕޯންސް ނިޒާމުގައި ކަނޑައަޅާގޮތުގެ މަތިންކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.
އެގޮތުން ކޮވިޑް-19 ދެނެގަތުމަށް ކުރާ ޓެސްޓެއް ކަމުގައި ކަނޑައަޅާފައިވަނީ ޕީސީއާރް ޓެސްޓްކަމަށާއި، ޕީސީއާރު ޓެސްޓު ހެދޭނީ ނެޝެނަލް ލެބޯޓްރީ ނިޒާމުގެ ތެރެއިން ކަނޑައަޅާ ފެންވަރާއި މިންގަނޑުތަކާ އެއްގޮތަށް އެކަމަށް ތަމްރީނު ލިބިފައިވާ ފަރާތްތަކުންކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. ރާއްޖޭގައި ކޮވިޑް-19 އަށް ޕީސީއާރ ޓެސްޓް މިހާރު ހަދަމުންދަނީ ހެލްތް މިނިސްޓްރީގެ ދަށުން ހިންގާ ހޮސްޕިޓަލުތަކުގެ ލެބޯޓްރީތަކުގައާއި، މި ޓެސްޓް ހެދުމަށް މިނިސްޓްރީ އޮފް ހެލްތުގައި ރަޖިސްޓްރީކޮށްފައިވާ ލެބޯޓްރީތަކުގައެވެ.
ހެލްތް މިނިސްޓްރީން ބުނީ އެންޓިބޮޑީ ޓެސްޓް ހަދަންޖެހިއްޖެ ހާލަތެއްގައި ހުއްދަދެވޭނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހަމަޖައްސާ އުޞޫލެއްގެ މަތިންކަމަށެވެ. އަދި ރިސާރޗް ބޭނުމަށް މިފަދަ ޓެސްޓު ހަދާނަމަ، އެ މިނިސްޓްރީގެ ނެޝެނަލް ހެލްތު ރިސާޗް ކައުންސިލަށް ހުށަހަޅައިގެން ކުރިއަށްދިއުމަށް ހެލްތް މިނިސްޓްރީން ވަނީ އެދިފައެވެ. މީގެ އިތުރުން ކޮވިޑް-19ގެ ޕީސީއާރު ހަދާ ލެބްތަކުންވެސް ރާއްޖޭން ބޭރަށް ދިއުމުގައި ހަދަންޖެހޭ ޓެސްޓުތައް ފިޔަވާ، ނެޝެނަލް ސަވައިލެންސް އެންޑް ރެސްޕޯންސް ނިޒާމުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ޓެސްޓުތައް ހަދަމުން ގެންދިއުމަށްވެސް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.