ޚަބަރު

މާރިޗް 15ގެ ފަހުން ވޭމަންޑޫން އެހެން ރަށަކަށް ގޮސްފައިވާ މީހުން ކަރަންޓީނުވާން އަންގައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ފަހުން ތ. ވޭމަންޑޫން އެ އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައި ވާނަމަ، 10 ދުވަސް ވަންދެން ކަރަންޓީނުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

Ads by MWSC

އެޗްޕީއޭއިން ނެރުނު އިއުލާނެއްގައި ބުނީ 15 މާރިޗް 2021 ގެ ފަހުން ތ. ވޭމަނޑޫގައި އުޅުމަށް ފަހު އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއް ވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތު ސެންޓަރަށް އެންގެވުމަށާއި މި ތާރީޚްގެ ފަހުން ވޭމަންޑޫއަށް ގޮސްފައިވާ ފަރާތެއް  ވާނަމަ، އެ ރަށުން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިބުމަށެވެ. އަދި 10 ދުވަސް ހަމަވެފައިވާ ފަރާތްތަކުން ވެސް ސާމްޕަލެއް ނަގަައި ޓެސްޓްކުރަން ވާނެ ކަމަށާއި އެ ރަށެއްގެ ހެލްތު ސެންޓަރުން ނުވަތަ ހޮސްޕިޓަލުން މި ފަރާތްތަކުގެ ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖައްސާނެެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.

އަދި، 15 މާރިޗް 2021 ގެ ފަހުން ތ.ވޭމަންޑޫއިން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެ ހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލޭ ފްލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނެންގެވުމަށް ވެސް އެޗްޕީއޭއިން ދަންނަވާފައިވެއެވެ.

އެޗްޕީއޭއިން ބުނީ ސާމްޕަލްގެ ނަތީޖާ ނެގެޓިވް ވި ކަމުގައި ވިޔަސް ތ.ވޭމަންޑޫއިން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިބުމަށާއި، އެ ރަށަށް ކުރެއްވި ދަތުރުގެ މައުލޫމާތު 1676އަށް ހިއްސާ ކުރުމަށް އެދޭ ކަމަށެވެ. އަދި 10 ދުވަސް ހަމަވެފައިވާ ފަރާތްތަކުން ވެސް ސާމްޕަލެއް ނަގަައި ޓެސްޓްކުރަން ވާނެ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

ވޭމަންޑޫން އެހެން ރަށްރަށަށް ދިޔަ މީހުން ކަރަންޓީނު ވާން އަންގާފައި މިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ އެ ރަށުން މާލެ ގެނައި ދެ މީހަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން އެ ރަށް މޮނީޓަރިންގަށް ލައިފައި ވަނިކޮށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!