ޚަބަރު

ދަރަނބޫދޫގައި ދެ ކެނޑިޑޭޓުން އެއްވަރު، އަލުން ވޯޓަށް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ފ.ދަރަނބޫދޫން ވާދަކުރި ދެ ކެނޑިޑޭޓުން އެއްވަރުވެ، އަލުން ވޯޓުލާން ޖެހިއްޖެއެވެ.

Ads by Hajj Corporation

ދަރަނބޫދޫގެ އިންތިޚާބުގައި އަންހެނުންނަށް ޚާއްސަ ދެ ގޮނޑިއަށް ކުރިމަތިލީ ދެކެނޑިޑޭޓެއްގެ ވޯޓް ވަނީ އެއްވަރު ވެފައެވެ. އަދި އެ ދެ ކެނޑިޑޭޓުންނަކީ ވެސް އަދާލަތު ޕާޓީގެ ޓިކެޓުގައި ކުރިމަތިލެއްވި ކެނޑިޑޭޓުންނެވެ. އެއީ ރިޝްފާ އަހްމަދު އާއި ޝާއިރާ އިސްމާއިލް ރަޝީދެވެ.

ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން ނަމަ ދެ ކެނޑިޑޭޓުންގެ ވޯޓު އެއްވަރުވުމުން ޖެހޭނީ އަލުން ވޯޓު ލާށެވެ. އެހެންކަމުން، އެ ރަށުގެ މިހާރުގެ ކައުންސިލުން "ދެން"އަށް ވިދާޅުވީ އަލުން ވޯޓު ލާން ނިންމާ އެކަން އިލެކްޝަންސް ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ. އަދި ނަތީޖާ އެއްވަރުވި ކަން ޔަގީން ކުރުމަށް ވޯޓު ފޮށި އަލުން ގުނަމުން ދާ ކަމަށް ވެސް އެރަށުގެ މިހާރުގެ ކައުންސިލުން ވިދާޅުވިއެވެ.

ކައުންސިލްގެ ވިސްނުން މި ގޮތަށް ހުރި ނަމަވެސް އެރަށުގެ އަދާލަތު ޕާޓީގެ އިސްވެރިންގެ ޚިޔާލު މިކަމުގައި ތަފާތު ކަމަށް އެ ޕާޓީގެ ކެމްޕޭން މެނޭޖަރު މުސްއަބުއާ ހަވާލާދީ އޮންލައިން ނޫސް "މިހާރު" ގައި ބުނެފައިވެއެވެ. އޭނާ ބޭނުންވަނީ އިންތިޚާބު އަލުން ނުބާއްވާ ކަންކަން ހަމަ ޖެއްސޭތޯ ބަލާށެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ އިންތިހާބުގައި ވޯޓު އެއްވަރުވުމުން ކެނޑިޑޭޓެއް ހޮވުމުގައި އަމިއްލައަށް ގޮތެއް ނުނިންމޭނެ ކަމަށެވެ. އަދި އެއްވަރުވުމުން ހަމަ އެކަނި އޮންނަ ގޮތަކީ އަލުން ވޯޓުލުން ކަމުގައި ވެސް އޭނާ ވިދާޅުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!