ލައިފްސްޓައިލް

ހަމައެކަނި ނުކައި ހުރުމަކީ ރޯދައަށް ހުރުމެއް ނޫނެވެ.

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ބައެއް މީހުންނަށް ހީވާ ކަހަލައެވެ. އިރު އެރީއްސުރެ އިރު އޮއްސެންދެން ހުސްބަނޑާ ހުރުމަކީ ރޯދައެވެ. އެމީހުން ބޭނުން ވަނީ އިރު އެރުމުން ނިދަން އޮށޯންނާށެވެ. އަދި އިރު އޮއްސުމުން ހޭލައިގެން، ދުނިޔަވީ އުފަލުގައި މުޅި ޙަޔާތް ވޭތު ކުރާށެވެ. އެހެން ނަމަވެސް އެމީހުންނަށް އެ ތިބެވެނީ ރޯދައަކަށް ނޫނެވެ. އަދި އެ މީހުން ހޯދާ ވަގުތީ އުފަލަކީ އާޚިރަތުގައި އެއްވެސް ފައިދާއެއް ކުރާނެ އެއްޗެއް ނޫނެވެ.

Ads by STELCO

ރޯދައަށް ހުރުމަކީ ފަޖުރުގެ އަލިކަން ފާޅުވީއްސުރެ އިރުއޮއްސުމާ ހަމައަށް ނުކައި ނުބޮއެ، ހެޔޮ ޢަމަލުތައް ކުރުންމަތީ ދެމިހުރުމެވެ. ހަށިގަނޑުގެ ހުރިހާ ގުނަވަނަކުން ވެސް ރޯދާ ހިފުމެވެ. އެބަހީ ހުރިހާ ގުނަވަނެއް ވެސް ފާފައިން ރައްކާތެރި ކުރުމެވެ.

މިއީ ހެޔޮ ކަމުގެ މައްސަރެކެވެ. ތިމާގެ ނަފްސު މިންކޮށް ނަފްސު ހެޔޮ މަގަށް އެޅުވުމަށް މިއީ އެެކަލާނގެ ދެއްވައިފައިވާ މަތިވެރި ނިޢުމަތެކެވެ.

އަބަދުވެސް ބައްޕަ ނުވަތަ މަންމަ ބުނާނެއެވެ. ނުކައި ހުރުމަކީ ރޯދައަށް ހުރުމެއް ނޫނެވެ. ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާ ކޮށް ކީރިތި ޤުރުއާނުން މިންވަރެއް ކޮންމެ ދުވަހަކު ވެސް ކިޔަވައި ހެޔޮ ޢަމަލުތައް ގިނަ ކުރާށެވެ. އޭރުން ތިމާގެ ޙަޔާތަށް އެކަމުގެ ސަބަބުން ލިއްބައިދިން ރަޙުމަތުގެ ނޫރު ތިމާއަށް ފެނިގެން ދާނެއެވެ. ފަހެ އޭރު މައިންބަފައިން ދިން ނަސޭހަތް މިއަދު ސިކުނޑިއަށް ނަގައިގަނެވެން ފަށައިފިއެވެ. ނަފްސު ހެޔޮ މަގަށް ތަމްރީނު ކުރުމަށް ރަމަޟާން މަސް ފުދެއެވެ.

އާއިލާއާއެކު އުފާވެރި ވަގުތުތައް ހޭދަކޮށް އެކަކު އަނެކަކަށް އެހީތެރިވެދިނުމުގައި ގިނަގިނައިން ދެމިތިބޭށެވެ. އަދި މި ރަމަޟާން މަހަކީ ތިބާއަށާއި ތިބާގެ އާއިލާއަށް ބަރާކަތްތެރި ރަމަޟާން މަހެއް ކަމުގައި ލައްވާ އަޅަމެންގެ ރޯދަ އިބަ އިލާހުގެ ޙަޟްރަތުގައި ގަބޫލު ކުރައްވާށިއެވެ. އާމީން!

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!