Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ދީން

ރޯދައަށްހުރެ ހަނދާން ނެތިގެން ކެވިއްޖެނަމަ..

ރޯދައަށްހުރެ ހަނދާން ނެތިގެން ކެވިއްޖެނަމަ..

ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާ މިވަނީ ބައްދަލު ކޮށްފައެވެ. ކޮންމެ އަހަރެއްގެ ރޯދަ މަހުގައި ވެސް ރޯދައާ ގުޅޭ އެކި ކަންކަމުގެ ސުވާލު ގިނަ ބައެއްގެ ހިތްތަކުގައި އުފެދެއެވެ. އޭގެތެރެއިން ރޯދަ ގެއްލޭ ކަންތައްތަކަކީ ކޮބައިކަމާ މެދު ސުވާލު އުފެދެއެވެ. ހަމަ އެހެންމެ ހަގީގަތުގައި ރޯދަ ނުގެއްލޭ އެހެން ނަމަވެސް ރޯދަ ގެއްލިއްޖެ ކަމަށް އަޅުގަނޑުމެންނަށް ހީވާ ބައެއް ކަންކަން ވެސް ހުރެއެވެ.

"ދެން"އިން މިއަދު ގެނެސްދިން "ހިދާޔަތު" ސީރީސްގެ ފުރަތަމަ ޕްރޮގްރާމްގައި ޝެއިޚް މުޙައްމަދު ނިމާލް ވަނީ މި ސުވާލުގެ ޖަވާބު ދެއްވައިފައެވެ، ޝައިޚް ވިދާޅުވީ، ރޯދަ ނުގެއްލޭ އެހެން ނަމަވެސް ގެއްލިއްޖެ ކަމަށް އަޅުގަނޑުމެންނަށް ހީވާ ބައެއް ކަންކަމުގެ ތެރޭގައި ހަނދާން ނެތިގެން ކައިބޮއެ ހެދުން ހިމެނޭ ކަމަށެވެ.

"އެފަދަ ޙާލަތެެއްގައި ރޯދައިގެ މަތިން ހަނދާންވުމާއެކީގައި، ވަގުތުން އޭނާ ކެއުމާއި ބުއިން ދުރު ކޮށްލައިފި ހިނދެއްގައި އޭނާގެ ރޯދައަށް އެއްވެއް އަސަރެއް ނުކުރާނެ. ނަބިއްޔާ (ޞޢޥ) ޙަދީޘް ކުރައްވާފައި އެބަވޭ އެފަދަ ޙާލަތެއް ދިމާވެއްޖެ މީހާ ވަގުތުން އޭނާ އެ ކަންތައްތައް ދޫކޮށްލައިފައި ރޯދަ ކުރިއަށް ގެންދާށޭ." ޝެއިޚް ނިމާލް ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

ޝެއިޚް ނިމާލް ވިދާޅުވީ ރަސޫލާ (ޞޢޥ) ގެ ޙަދީޘްފުޅު އައިސްފައިވާއިރު، މިކަމާ ގުޅޭގޮތުން އެއްވެސް ޝައްކެއް އުފެދޭނެ ޖާގައެއް ނެތް ކަމަށެވެ.

އެހެން ނަމަވެސް ގަސްތުގައި (ހަނދާން ނެތުނު ކަމަށް ހަދައި) ކެއުމާއި ބުއިމުގެ ކަމެއް ކޮށްފިނަމަ، ރޯދައަށް އަސަރު ކުރާނެ ކަމަށް ވެސް ޝެއިޚް ނިމާލު ވިދާޅުވިއެވެ.

"ފަހަރެއްގައި (ކައިރީގައި ހުންނަ މީހާ ގާތުގައި) ހަނދާން ނެތިގެންނޭ ކިޔައިފައި އޭނާ އަމިއްލައަށް ގަސްދުގައި ކައިފާނެ. ﷲ މޮޅަށް ދެނެވޮޑިގެންވޭ، އެހެންވީމަ އޭނަގެ ރޯދައަށް އޭގެ ސަބަބުން އަސަރު ކުރާނެ" ޝެއިޚް ނިމާލް ވިދާޅުވިއެވެ.

މީގެ އިތުރުން ޝެއިޚް ނިމާލް ވަނީ ރޯދައާ ގުޅޭ ގޮތުން އުފެދޭ ބައެއް ކުށްހީތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ. މި ގޮތުން ގައިން ލޭ ނެގުމުން ނުވަތަ ލޭ ހަދިޔާ ކުރުމުން ރޯދަ ގެއްލޭނެތޯ ކުރެވޭ ސުވާލަށް ވެސް ޝައިޚް ވަނީ ޖަވާބު ދެއްވާފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް