ދެން ފުރަމަލަ

ދިވެހީން ޖާދޫގައި ޖެއްސި ރަންއަޑުގެ ވެރިޔާ، ހުޅުވާލަދިނީ ޑައިރީގެ ސަފްހާތަކެއް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މާވެޔޮ މިސްކިތް ކުރިމަތީގައި ސައިކަލު ޕާކު ކޮށްލުމަށްފަހު ހަނި ގޯޅިއަކުން ގޮސް، އެތަނުގައި ހުރި ސްޓޫޑިއޯއަކަށް ވަނީމެވެ. އެތަނުގައި ގިނަ އަދަދެއްގެ މިއުޒިކް ސާމާނު ހުރި އިރު އޭގެ ތެރެއިން ގިނަ އެއްޗެހީގެ ނަން ވެސް އަހަންނަކަށް ނޭނގެއެވެ. އެތަނުގައި ހުރި ގޮނޑިއެއްގައި އިށީނދެލައިގެން އޭނާ އިނީ ރާގެއް އަޑު އަހާށެވެ. އެތެރެއަށް ވަނުމާއެކު އަހަރެންނާއި އަހަންނާއެކުގައި ހުރި ނޫސްވެރިޔާއަށް އޭނާ މަރުހަބާ ކިއެވެ. ބޮޑާކަމުގެ އެއްވެސް ކުލަވަރެއް އޭނާގެ މޫނު މައްޗަކުން ފެންނާކަށް ނެތެވެ.

Ads by STELCO

އެތަނުގައި ހުރި ސޯފާއެއްގައި ތިބެ އަހަރެން އޭނާއާ ތަފާތު ގިނަ ސުވާލުތަކެއް ކުރީމެވެ. އެއީ އެންމެންނާ ވެސް ގުޅޭ ހިތްހެޔޮ މިޒާޖެއްގެ ވެރިއެއްކަން އިންޓަވިއު ކުރިއަށް ދިޔަ ވަރަކަށް ހާމަވިއެވެ. އެއީ ދިވެހީންނަށް އައު މޫނެއް ނޫނެވެ. އައު އަޑެއް ވެސް ނޫނެވެ. އެއީ އެ އަޑުގެ ޖާދުލުގައި ގިނަ ބަޔަކު ޖެހިފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމްއެވެ.

 

ޝަލަބީ ލަވަކިޔުމުގެ ދާއިރާއަށް

ޝަލަބީގެ އުފަން ރަށް މ،މުލަކަކީ ސަގާފީ ކުޅިވަރުތަކުގައި ފާހަގަ ކޮށްލެވޭ ރަށެކެވެ. ލަނގިރި ޖެހުމާއި ބޮޑުބެރު ޖެހުމުގައި ނަގާކިޔާ ރަށެކެވެ. އެހެންކަމުން ޝަަލަބީ އެންމެ ފުރަތަމަ މިއުޒިކުގެ ތެރެއަށް ނުވަތަ ލަވަކިޔުމުގެ ދާއިރާގެ ތެރެއަށް ނުކުތީ ބޮޑުބެރުގެ ތެރެއިންނެވެ.

ރަށުން ގުރޭޑު ތިނަކާ ހަމައަށް ކިޔެވުމަށް ފަހު މާލެ ބަދަލުވެ ޝަލަބީ ތައުލީމް ހާސިލު ކުރަން ފެށީ އަލް މަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގައެވެ. އެތަނުގައި އުޅުނުއިރުގައި ވެސް އޭނާ ލަވަ ކިޔުމަށް ވަރަށް ޝައުގުވެރިކަން ހުރެއެވެ. އަދި އެ ދުވަސްވަރު ވެސް ހިންދީ ކުރީގެ ލަވަތަކަކީ އޭނާގެ "ފޭވަރިޓް" ލަވަތަކެވެ. އަބަދުހެން އޭނާ އަޑު އަހަނީ މުހައްމަދު ރަފީއުމެން ދުވަސް ވަރުގެ ލަވަތައް ކަމުގައި އޭނާ ކިޔައިދިނެވެ.

އަރަބިއްޔާގައި ކިޔެވި ދުވަސްވަރުގައި ވެސް އޭނާ އަކީ ތޫނުފިލި ކުއްޖެކެވެ. ކުލާހުގައި މާ ގިނައިން ކިޔަވާ ނޫޅުނަސް އޭނާ އަކީ ހިތުދަސް ކުރުމުގެ ބާރު ގަދަ ކުއްޖެކެވެ. އެހެންކަމުން އޭނާއަށް އެ ދުވަސްވަރު ރަނގަޅު ނަތީޖާތައް ވެސް ލިބުނެވެ.

ޝަލަބީ ބޮޑުބެރުގެ ދާއިރާއިން މީހުންނަށް ފެންނަން ފެށި ހިސާބަކީ ބޮޑުބެރު ޗެލެންޖު ކަމުގައި ވިޔަސް އޭގެ މާ ކުރިން ވެސް ޝަލަބީގެ އަޑަކީ އޭނާގެ ރައްޓެހިންގެ ހިތާ ކުޅެލައިފައިވާ އަޑެކެވެ. އަދި ގުރުއާން މުބާރާތްތަކުގައި ޝަލަބީ އަކީ ނުހަނު ގިނަ ކާމިޔާބީތަކެއް ހޯދައިފައިވާ ކުއްޖެކެވެ.

ޝަލަބީގެ އަޑު މީހުންނަށް އިވި، ޝަލަބީގެ އަޑުގެ ޖާދޫގައި މީހުން ޖެހެން ފެށި ހިސާބަކީ ޕީއެސްއެމުން އެދުވަސްވަރު ބޭއްވި ބޮޑުބެރު ޗެލެންޖެވެ. ބޮޑުބެރު ޗެލެންޖު އެ ދުވަސްވަރު ބެލި ކޮންމެ މީހަކަށް ވެސް ޝަލަބީގެ އަޑު ފާހަގަ ވާނެ ކަން ގައިމެވެ. އޭނާގެ އަޑުގެ މަސްތުގައި ޖެހޭނެ ކަން ޔަގީނެވެ.

ޝަލަބީގެ އަޑު މުޅި ރާއްޖެއަށް: މޯލްޑިވިއަން އައިޑަލް

މޯލްޑިވިއަން އައިޑަލް އަކީ ރާއްޖޭގެ ލަވަކިޔުމުގެ ދާއިރާއަށް އައު މޫނުތަކެއް އުފަން ކުރުވި މަންސައެކެވެ. ހުނަރުވެރި ގިނަ ކުދިންތަކަކަށް އެކުދިންގެ ހުނަރު ދައްކާލުމަށް ހުޅުވިގެން ދިޔަ ދޮރެކެވެ. ގިނަ ޒުވާނުންތަކަކަށް ކުރިއަށް ދާނެ މަގެއް ނުފެނިފައި ތިއްބާ އެ ޒުވާނުންނަށް ކުރިއަށް ދިއުމަށް ކޮށިގެން ދިޔަ މަގެކެވެ.

ޝަލަބީ މޯލްޑިވިއަން އައިޑަލްގައި ބައިވެރިވީ އޭނާގެ ރައްޓެހިންގެ ސަބަބުން ކަމަށް އޭނާ ކިޔައިދިނެވެ. އެގޮތުން އޭނާގެ ރައްޓެހިން އޭނާގެ ގާތުގައި އެކަމަށް ވަރަށް ބާރު އެޅި ކަމަށާއި އޭނާގެ ހުނަރު ދައްކާލުމަށް މިއީ ވަރަށް ރަނގަޅު ފުރުސަތެއް ކަމުގައި ރައްޓެހިން ފާހަގަ ކުރިކަމަށް ޝަލަބީ ބުންޏެވެ.

" އައިޑަލް އެއީ ރައްޓެހިން ހަމަ ބޮޑަށް، އޭރަކު ނޭނގެ ކިިހިނެއް ވާ އެއްޗެއް ކަމެއް، ފުރަތަމަ އެހާ ދާހިތަކުން ނޫން ހުރީކީއެއް، ދެން އެކަމު އެންމެ ސަޕޯޓިވް ވީ ރައްޓެހިން، ދާށޭ މިވެނި މިވެނި ކަހަލަ އެއްޗެކޭ، ކޮންމެވެސް ކަހަލަ އެއްޗަކުން ފެންނަން ވާނެޔޭ"

ޝަލަބީގެ އައިޑަލް ދަތުރު، ޝަލަބީ ސިފަ ކުރާނީ ކިހިނެއް؟

ޝަލަބީ މޯލްޑިވިއަން އައިޑަލް ސިފަ ކުރަނީ އޭނާގެ މިއުޒިކީ ހަޔާތުގައި ކުރިއަށް ދިއުމަށް އެޅިގެން ދިޔަ ވަަރަށް ބޮޑު "ފާލަމެއް"ގެ ގޮތުގައެވެ. އެގޮތުން ކުރިއަށް ދާނެ މަގެއް ނުވަތަ ކުރިއަށް ދާނެ ގޮތެއް ނޭނގިފައި ހުއްޓާ ކުރިއަށް ދެވޭނެ މަގެއް އައިޑަލްގެ ސަބަބުން ތަނަވަސްވި ކަމަށް އޭނާ ފާހަގަ ކުރިއެވެ. ޝަލަބީއަށް އައިޑަލްގައި ކިޔުނު އެންމެ ހިތްހަމަ ޖެހޭ ލަވައެއްގެ ގޮތުގައި އޭނާ ފާހަގަ ކުރީ "މަގޭ ހާލު" މި ލަވައެވެ.

އައިޑަލް އަކީ ޝަލަބީ ދާއިރާއަށް ވަން މައި ދޮރާށި ކަމުގައި ވިޔަސް ޝަލަބީގެ މުޅި ކެރިއަރު ބައްޓަންވީ އައިޑަލް އަކަށް ނޫނެވެ. އޭގެ ކުރިން ވެސް އޭނާ ވަނީ ތަފާތު އެތައް މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އައިޑަލްގެ ކުރިން ޝަލަބީ މީރާއާއެކު ލަވައެއް ރިކޯޑް ކުރިއެވެ. އެއީ ޝަލަބީގެ އެންމެ ފުރަތަމަ ވީޑިއޯ ލަވައެވެ. "ނޭނގި ހިތޭ ގެންދެވީމަ ލޯބިން"އަށް ގިނަ ބައެއްގެ ހިތް ނޭނގުމެއްގެ ތެރޭގައި ނަމަވެސް ދަމައިގަތެވެ.

މޯލްޑިވިއަން އައިޑަލްގައި އެއްވަނަ ޝަލަބީއަށް ހައްގުކަމަށް ޝަލަބީ ގަބޫލު ކުރޭތަ؟

މޯލްޑިވިއަން އައިޑަލްގައި އާންމުގެ އެންމެ ބޮޑު ތަރުހީބެއް ލިބުނު ބައިވެރިއަކީ ޝަލަބީއެވެ. ޝަލަބީގެ އަޑުގެ ޖާދޫގައި މުޅި ރާއްޖެ ޖެހުނެވެ. ޝަލަބީއަށް އެ މުބާރާތުގައި ކާމިޔާބު ވުމަށް ގިނަ ބަޔަކު އެދުނު އިރު ޝަލަބީއަށް މޯލްޑިވިއަން އައިޑަލްގެ ޓައިޓަލް "ހިތް ހިތަކަށް" ދީގެން ތިބި މީހުން ވެސް މަދެއް ނޫނެވެ. ޓްރޮފީ ނުލިބުނަސް ދިވެހީން ބަލައިގަތް މޯލްޑިވިއަން އައިޑަލްއަކީ އޭނައެވެ.

ކަން މިހެން އޮތްއިރު، އެ ފަހަރުގެ މޯލްޑިވިއަން އައިޑަލްގެ އެއްވަނަ ލައިޝާ ގެންދިއުމުން އެކަމުގެ ބަހުސް މީސްމީޑިއާގެ ތެރޭގައި ވަރަށް ހޫނުވިއެވެ. އެކި ރާގުރާގަށް އަޑަށް ބާރުލައިފައި އެވާހަކަތައް މީހުން ދެއްކި އިރު ޝަލަބީގެ "ބޮޑު ފޭން ބޭސް" އިން ދައުވާ ކުރީ އެއީ ޝަލަބީއަށް ހައްގު މަގާމެއް ކަމަށެވެ.

ޝަލަބީއާ އިންޓަވިއުއެއް ކުރަން ފުރުސަތު ލިބިއްޖެ ނަމަ މި ސުވާލު އަހާނަމޭ އަބަދުވެސް ހިތުގައި އޮވެއެވެ. އެހެން ނަމަވެސް ފާޑެއްގެ ސުވާލަކަށް ވާތީ އަހަން ޖެހިލުން ވެސް ވިއެވެ. ނަމަވެސް ޖެހިލުންވެ ހުރެމެ، އެ ސުވާލު އަހަރެން ކޮށްލީމެވެ.

ޝަލަބީ ބުނީ މޯލްޑިވިއަން އައިޑަލް އަކީ ހަމައެކަނި ލަވަ ކިޔުމަށް ބަލާ މުބާރާތެއް ނޫން ކަމަށެވެ. އަދި އެ މުބާރާތުގައި ލައިޝާ ކިޔާފައިވާ ލަވަތައް މާ "ވާރސަޓައިލް"ވެފައި މާ ރީތި ކަމުގައި ޝަލަބީ ގަބޫލު ކުރެއެވެ. އަދި ލައިޝާ އެ ލަވަތައް ބެލުންތެރިންނާ ހަމައަށް "ޑެލިވަރ" ކޮށްދިންލެއް މާ ފުރިހަމަ ކަމުގައި އޭނާ ގަބޫލު ކުރާ ކަމަށް ޝަލަބީ ބުންޏެވެ. އެއާ ޚިލާފަށް މުބާރާތުގައި ޝަލަބީގެ ފަރާތުން ބައެއް ކަންކަން "ލެކް"ވި ކަމަށް އޭނާ ގަބޫލު ކުރެއެވެ. އެގޮތުން ޕާފޯރމް ކުރުމާއި އެކަހަލަ ބައެއް ކަންކަން އޭނާ ފާހަގަ ކުރިއެވެ.

އަސްލު ސަޕޯޓަރުން އެހެން ބުނާ ސަބަބަކަށް ވެދާނެ ސަޕޯޓަރުން ގިނައީ ޝަލަބީގެ ކަމަށް މިސާލަކަށް، އެއީ ކަންނޭނގެ އޭގަ އެވާ ގޮތަކީ އަސްލު، އާންމުން ޗޫޒް ކުރީ މިސާލަކަށް ޝަލަބީއަށް ވެދާނެޔޭ މިބުނީ. އޭގެ މާނައެއް ނޫން އެއްވަނަ ލިބެން ޖެހޭނީ ޝަލަބީއަށޭ. މުބާރާތެއް ވިއްޔާ މާކްސްއަށް ވެސް ވޯޓިންއަށް ވެސް ބަލާނެ

ޝަލަބީ އަލީ ރަމީޒް ކޮޕީ ކުރުން: ޝަލަބީ މިކަމާ ދެކެނީ ކިހިނެއް؟

ޝަލަބީގެ ލަވަކިޔުމުގައި އޭނާ އަލީ ރަމީޒް ނަކަލު ކުރަން މަސައްކަތް ކުރާ ކަމަށް ބުނެ ވާހަކަ ދައްކާ މީހުން ވެސް އުޅެއެވެ. އަދި އަލީ ރަމީޒްގެ ލަވަތައް ގިނައިން ކިޔާ އަލީ ރަމީޒު ކިޔާ ގޮތަށް ހުރިހާ ލަވައެއް ކިޔަން ވެސް އޭނާ މަސައްކަތް ކުރާ ކަމުގައި ބައެއް މީހުން ފާހަގަ ކުރެއެވެ. އެހެން ކަމުން ޝަލަބީ މިކަމާ ދެކެނީ ކިހިނެއްތޯ ވެސް ބަލާލުމުގެ ޝައުގު ހިތުގައި އުފެދުނެވެ.

"ދެން އޭތި ނިންމާނީ ބޮޑަށް އާންމުންހެން ހީވަނީ، ޝަލަބީގެ ސަޕޯޓަރުން ނުރުހޭ ކަމެއް ނޫން އެއީކީއެއް، އެހެންވީމަ އޭތި ނުވޭ އެހާ ބޮޑު މައްސަލައަކަށް"

ޝަލަބީ ބުނީ އަލީ ރަމީޒަކީ އޭނާ ގަބޫލު ކުރާ ގޮތުގައި ވަރަށް މޮޅު އާޓިސްޓެއް ކަމަށެވެ. އެހެންކަމުން އޭނާ ކިޔާ ގޮތަށް ލަވައެއް ކިޔުމަކީ ވަރަށް މޮޅު ކަމެއްގެ ގޮތުގައި ޝަލަބީ ދެކެއެވެ. އަދި އަލީ ރަމީޒާ އޭނާއާ "ކޮމްޕެއަރ"ކޮށް މީހުން ފާޑުކިޔުމަކީ ވެސް އޭނާއަށް ލިބޭ ކުރިއެރުމެއްގެ ގޮތުގައި ޝަލަބީ ދެކެއެވެ.

ހަމަ ރީތި ލަވައެއް ވެއްޖިއްޔާ އަލީ ރަމީޒު ކިޔަސް، ހުޒާމު ކިޔަސް، ޝިފާ ތައުފީގް ކިޔަސް އެހެންގޮސް ކޮންމެ މީހަކު ކިޔަސް ކިޔާހިތް ވަނީ. ދެން އެމީހެއްގެ ލަވަ އެމީހެއްގެ ގޮތަށް ވަރަށް ވޭ ކިޔާހިތް. ދެން އެ ހިތްވަނީ ހަމަ އެގޮތަށް އެކަން ކުރަން. އެހެން ކުރެވެނީއެއް ނޫން.

ޝަލަބީ "ކަވަރ" ލަވަތަކުގެ ގޮތުގައި ވެސް އެންމެ ކިޔާ ހިތް ވަނީ އަލީ ރަމީޒުގެ ލަވަތަކެވެ. އަދި އޭނާ ނެރެފައިވާ "ކަވަރ"ތައް އަޑުއަހާލަން ފަސޭހަ ވެފައި ހިތްގައިމެވެ.

ލަވަކިޔުމުގެ ދާއިރާގައި އެންމެ ބޮޑު ގޮންޖެހުން

"މި ދާއިރާ އަސްލު އޮތީ އެންމެ ރަނގަޅަށް ފޯމް ވެފައެއް ނޫން، އެއީ އެންމެ ބޮޑު ގޮންޖެހުމަކީ" ދިމާވި ގޮންޖެހުންތަކާ މެދު ސުވާލު ކޮށްލުމުން ޝަލަބީ ޖަވާބު ދޭން ފަށަމުން ވެސް ބުނީ މިހެންނެވެ. ބުނި އެއްޗެއްގެ މާނައިގެ ފުނަށް ދިއުމަށްޓަކައި "ފޯމް ވުން" މާނަ ކުރާ ގޮތް އަހައިލީމެވެ.

"ފޯމް މިބުނަނީ ޕްލެޓްފޯމް ވައިޒް ކޮށް ވިޔަސް، ކަނޑައެޅިގެން ބިންގާތަކެއް ފައުންޑޭޝަން ތަކެއް އެޅިފައެއް ނެތޭ. މިސާލަކަށް އަހަރެމެންގެ ހުރިހާ އާރޓިސްޓުން ޝޯ ކޭސް ވާނެ ކަހަލަ ޕްލެޓްފޯމެއް އޮންނަން އެބަ ޖެހޭ"

ޝަަލަބީ ބުނީ އެ ފަދަ އެއްވެސް ޕްލެޓްފޯމެއް ރާއްޖޭގައި އަދި އުފެދިފައި ނުވާ ކަމަށެވެ. ރާއްޖޭގެ ލަވަކިޔުމުގެ ދާއިރާ ކުރިއަށް ދާނީ އެ ފަދަ ޕްލެޓްފޯމެއް އުފެދިގެން ކަމަށާއި އެއްތަނަކުން އެންމެންގެ ލަވަތައް އަޑުއިވި ވާދަވެރިކަމާއެކު ލަވަ ކިޔުމުގެ ދޮރެއް ތަނަވަސް ވުމުން ކަމަށެވެ. އަދި މިކަމުން ރަނގަޅު އާމްދަނީއެއް ވެސް ލިބޭނީ އެގޮތުން ކަމުގައި ޝަލަބީ ގަބޫލު ކުރެއެވެ.

އާންމުންގެ ފަރާތުން "ނެގެޓިވް ކޮމެންޓްސް" ލިބޭ، ބައެއް ފަހަރު ދެރަވޭ

ގިނަ ފަހަރަށް ނެގެޓިވް ކޮމެންޓުތަކަކަށް ޝަލަބީ މާ ބޮޑު އަޅާލުމެއް ނުބަހައްޓައެވެ. އެހެން ނަމަވެސް މާ ގިނައިން މީހުން އެއްޗެހި ކިޔާ ހަދާ ކަމުގައި ވަނީ ނަމަ އުނދަގޫ ވާ ކަމުގައި ޝަަލަބީ ބުންޏެވެ. އަދި ބައެއް ކޮމެންޓުތައް ފެނުމުން އޭނާ ދެރަ ވެސް ވެއެވެ.

އެކަމު ގިނައިން މި އެއްޗެހި މިހުންނަނީ އަސްލު މީހުންނެއް ނޫން މިކަން ކޮށްފަ ހުންނަނީ. ދެތިން މީހަކު ފޭކް އައިޑީ ހަދައިގެން ކުރާ ކަހަލަ ގޮތަކަށް މިކަން މި އޮންނަނީ. ދެން ރާއްޖޭގަ އުޅޭ ވަރަށް ބޮޑު ކޮމިއުނިޓީއެއް، މި ފޭކް އެކައުންޓު ހެދުމާއި މި ހުރިހާ ކަމެއް ދެން ވަރަށް ސަޅި ކަމެއް ކަމަށް އެމީހުން ކުރާ ކަމެއް އެއީ

ޝަލަބީ ދެކޭ ގޮތުގައި އެގޮތަށް ފާޑުކިޔައި އެއްޗެހި ކިޔާ މީހުންނަށް ވެސް އެކަމުގެ ސަބަބުން ވާ އުނދަގުލާއި ދެރަ އެނގޭނީ އެމީހުންނަށް އެފަދަ ކަމަކާ ކުރިމަތިލާން ޖެހުމުން ކަމަށެވެ. އަދި މިފަދަ ދާއިރާއަކަށް ނުކުމެ އާންމުންނާ "ފޭސް" ކުރަން ޖެހުމުން އެފަދަ ކަންކަމުން ކުރާ އަސަރު އެމީހުންނަށް ވެސް އެނގޭނެ ކަމުގައި ޝަަލަބީ ބުންޏެވެ.

ފާޑުކިޔުންތަކާ ގުޅިގެން "ގިވްއަޕް" ކުރަން ވެސް ހިތަށް އެރި

މީހުންގެ ފަރާތުން ފާޑު ކިޔުންތައް އަމާޒު ވުމަކީ ޝަލަބީއަށް ބައެއް ފަހަރަށް ވަރަށް އުނދަގޫ ވާ ކަމެކެވެ. އަދި ދެރަ ވެސް ވާ ކަމެކެވެ. ޝަލަބީ އެކަންޏެއް ނޫނެވެ. ކޮންމެ މީހަކަށް ވެސް، އެމީހަކާ ދިމާއަށް ބަޔަކު މީހުން އެއްޗެހި ކިޔާ މަލާމާތް ކުރާ ކަމުގައި ވަނީ ނަމަ އުނދަގޫ ވާނެއެވެ. ދެރަވެ ހިތުގައި ޖެހޭނެއެވެ.

ދުވަހަކުވެސް "ހޭޓް ކޮމެންޓް"ތަކާ ހެދި މި ދާއިރާ ދޫކޮށްލަން ހިތަށް އެރިތޯ ޝަލަބީގެ ގާތުގައި ސުވާލު ކޮށްލީމެވެ. ޝަލަބީ ބުނީ "ގިވްއަޕް" ކުރަން ހިތަށް އެރި ފަހަރުތައް ވެސް އައި ކަމަށެވެ. އެހެން ނަމަވެސް ކޮންމެ މީހަކަށް ވެސް ހަޔާތުގައި އުފާވެރި ދުވަސްތަކާއި ދަތި އުނދަގޫ ދުވަސްތައް ކުރިމަތިވާނެކަން ޝަލަބީ ގަބޫލު ކުރިއެވެ. އަނދިރިކަމުގެ މައްޗަށް އަލިކަން ގަދަވެ ގަންނާނެ ކަން އޭނާ ގަބޫލުކުރިއެވެ.

ގިވްއަޕް ކުރަން ހިތަށް އެރި، އެކަމު ހިތަށް އެރީ ހަމަ އެހާ ބައިވަރު މީހުން އެބަ ތިއްބޭ ތަރުހީބު ވެސް ކުރާ. ދެން އެހެންވީމަ އެއީ މާ ބޮޑު މައްސަލައެއް ނޫނޭ އެހެން ދިމާވުން އެކަށީގެންވެޔޭ. އިންސާނުންތާ މިއުޅެނީ ހުރިހާ ކަމެއް ވެސް ކުރަން. އެހެންވީމަ އިންސާނެއްގެ ހަމަ ޑައުންފޯލާއި ކުރިއެރުމާ މި ހުރިހާ އެއްޗަކާ އެކީގައޭ މީހަކު ކުރި އަރާނީ

އިޝާންގެ ނިންމުމަށް ޝަލަބީ އިހްތިރާމް ކުރޭ

މޯލްޑިވިއަން އައިޑަލްގައި ޝަލަބީއާ އެކުގައި ފެނިގެން ދިޔަ ހުނަރުވެރި ލަވަކިޔުންތެރިޔާ އިޝާން ވަނީ ލަވަކިޔުމުގެ ދާއިރާ ދޫކޮށްލާފައެވެ. މިއަދު އޭނާއަކީ ލަވަ ކިޔުންތެރިއެއް ނޫނެވެ. އެހެން ނަަމަވެސް އިޝާން އަކީ ގައިމު ވެސް ޝަލަބީއާ އެކު މި ދާއިރާގައި އެންމެ އެކުގައި މަސައްކަތް ކުރި މީހުންގެ ތެރެއިން އެކެކެވެ. ގިނަ ހަނދާންތަކެއް އިޝާންއާ އެކު ވެސް މި ދާއިރާގައި ޝަލަބީގެ ހުންނާނެއެވެ.

އިޝާންގެ ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއްގެ ގޮތުގައި ޝަަލަބީ ދެކެއެވެ. އަދި އިޝާންގެ އެ ނިންމުމަށް ޝަލަބީ އިހްތިރާމް ކުރެއެެވެ. ހަމަ އެހެންމެ އެކަމުގެ ސަބަބުން ޝަލަބީ އާއި އިޝާންގެ ގުޅުމަށް އެއްވެސް ކަހަލަ ބަަދަލެއް ނާންނަ ކަމަށާއި އޭނާއާ އިޝާންއާ ދޭތެރޭ އޮންނަ އެކުވެރިކަން އަދިވެސް ހަމަ އޮންނަ ކަމުގައި ޝަލަބީ ބުންޏެވެ.

ހަމަ ވަރަށް ރަނގަޅު ގުޅުމެއް އޮންނަނީ. އަޅުގަނޑާ ދިމާވެސް ވި ހަމަ، އެކަމު މިހާރު އަޅުގަނޑަށް ހީވަނީ އެހެން މަސައްކަތެއް ކުރާތީވެ ވަރަށް ދިމާނުވޭ. ދެން ކުރިން އެ ދިމާވާހެންނެއް އޮބްވިއަސްލީ ނުވެސް ވާނެ. އެއީ މުޅިން އެެހެން ކަމެއްގަ ދެމީހުން ވެސް މިއުޅެނީ

ޝަލަބީގެ ހިދާއީ ނޫރު މަދަހަ އަލްބަމް : ކިހިނެއް އައި ޚިޔާލެއް؟

ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހާ ދިމާކޮށް ޝަލަބީ ނެރޭ ހިދާއީ ނޫރު އަލްބަމަކީ އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދައިފައިވާ އަލްބަމެކެވެ. ޝަލަބީގެ އެ މަދަހަތަކުގެ ޖާދޫގައި ގިނަ ބަޔަކު ވަނީ ޖެހިފައެވެ. ހިދާއީ ނޫރު އަލްބަމް ނެރެން ޚިޔާލު ކުރެވުނު ގޮތް ޝަލަބީ ހިއްސާ ކުރިއެވެ.

ޝަލަބީގެ މަދަހަަތަކެއް ފެނުމަކީ ޝަލަބީގެ ސަޕޯޓަރުން ވަރަށް ބޮޑަށް ބޭނުންވެފައި ތިބި ކަމެއް ކަން ޝަލަބީއަށް ފާހަގަ ވިއެވެ. މީގެ ކުރިން ވެސް ޝަލަބީ އަކީ މަދަހަ ވެސް ކިޔައި އުޅުނު މީހަކަށް ވާތީ، އަދި ބެލުންތެރިންގެ ވެސް އެދުމަކަށް ވާތީ ޝަލަބީ ނިންމީ ކޮންމެ އަހަރަކު ވެސް އޭނާގެ މަދަހަ އަލްބަމެއް ބެލުންތެރިންނާ ހަމައަށް ދޫކޮށްލުމަށެވެ.

މި އަލްބަމުތަކުގައި ގިނަ ވާނީ ޝަލަބީގެ އަމިއްލަ ރާގުތަކެވެ. އެ ރާގުތަކުގެ ތެރެއިން ބައެއް ރާގުތައް ވަރަށް "ކެޗީ" ވެގެން ގިނަ ބަޔަކު އުޅޭ ކަމުގައި ވެސް ޝަލަބީ ފާހަގަ ކުރިއެވެ. އަދި އެރާގުތައް މުބާރާތްތަކުުގައި ވެސް މީހުން ބޭނުން ކުރާ ތަން ފެނުމުން ވަރަށް އުފާވާ ކަމުގައި ޝަލަބީ ބުންޏެވެ.

މިއަހަރު ޝަލަބީގެ ހިދާއީ ނޫރު އަލްބަމް އަދި ރިލީޒް ކޮށްފައި ނުވާއިރު މި އަހަރުގެ އަލްބަމުގައި ވެސް އަމިއްލަރާގުގެ ތިން މަދަހަ އާއި އޭގެ އިތުރަށް ކުރީގެ މަދަހަތަކެއް ވެސް ހިމެނެއެވެ. އެ އަލްބަމުގެ ޝަލަބީގެ އަމިއްލަ ރާގުގެ މަަދަހަތަކުގައި އަބްދުﷲ ފަރީދު އާއި ނިހާންގެ އަޑު އިވޭނެ ކަމުގައި އޭނާ ފާހަގަ ކުރިއެވެ.

ޝަލަބީ ލަވަކިޔުން ހުއްޓާލަފާނެތަ؟

"ލަވަކިޔުން ހުއްޓާ ހިތްވީމަ ހަމަ ހުއްޓާލާނީ" ލަވަކިޔުން ހުއްޓާލަން ވިސްނުން ގެންގުޅެންތޯ ސުވާލު ކުރުމުން ޝަލަބީ ޖަވާބު ދޭން ފަށަމުން ބުނީ މިހެންނެވެ. އަދި ދުވަހަކު ވެސް ލަވަކިޔުން ހުއްޓާނުލާނަމޭ "އަޑަށް ބާރުލައި" ނުބުނާނެ ކަމަށް ޝަަލަބީ ބުންޏެވެ. އަދި ލަވަކިޔުން ހުއްޓާ ނުލެވޭ ދަރަޖައަކަށް ވެސް އޭނާ ނުދާނެ ކަމުގައި ޝަލަބީ ފާހަގަ ކުރިއެވެ.

ޝަލަބީ އާއި ޝިފާ: ދެމަފިރިން އެކުގައި ލަވައަކުން ފެނިދާނެތަ؟

މޯލްޑިވިއަން އައިޑަލް ސީޒަން 1 އިން ވިދާލި ޝިފާ އިބްރާހިމަކީ ވެސް ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ފަންނާނެކެވެ. މުބާރާތުގެ ގާލާ ރައުންޑުން އޭނާ ކަޓައިގެން ދިޔަ ނަމަވެސް އޭނާ ވަނީ ގިނަ ދިވެހީންތަކެއްގެ ހިތް ފަތަހަ ކޮށްފައެވެ.

މިދިޔަ އަހަރު އޯގަސްޓް 23 ވަނަ ދުވަހު ނޫސްތަކުގެ ފަލަ ސުރުހީތަކުން ފެނުނީ ޝަލަބީ އާއި ޝިފާގެ ކައިވެނީގެ ޚަބަރެވެ. އިންޑިއަން ތީމަކަށް ދެމީހުންގެ ކައިވެނީގެ ހަފްލާ ކުރިއަށް ގެންގޮސް ކައިވެނީގެ ގޮށް ޖަހައި ގިނަ ބައެއްގެ ސަމާލުކަން އެ ދުވަސްވަރު އެކަމަށް ދަމައިގަތެވެ.

ޝަލަބީ އާއި ޝިފާ އެކުގައި ލަވައަކުން ނުވަތަ އަލްބަމަކުން ނުވަތަ ޝޯވއަކުން ނަމަވެސް ފެނިދާނެތޯ އެއީ އެ ދެ ފަންނާނުންގެ ސަޕޯޓަރުންގެ ހިތުގައި އުފެދޭނެ ސުވާލެއްކަން ގައިމެވެ. އެ ސުވާލަށް ޝަލަބީ ބުނީ އެކަހަލަ ވިސްނުމެއް އަދި ނެތް ކަމަށެވެ. އަދި ޝިފާއަކީ ވެސް ބޮޑަށް ސޯލޯ އާރޓިސްޓެއްގެ ގޮތުގައި މަސައްކަތް ކުރާ ފަންނާނެއް ކަމަށާއި މި ދުވަސްވަރު ޝިފާ ލަވަކިޔުމާ ވަރަށް ދުރުކަން ޝަލަބީ ފާހަގަ ކުރިއެވެ.

ޝިފާ ބޭނުން ވެއްޖިއްޔާ ޝިފާ ފެނުން އެކަށީގެންވޭ. އެކަމު އަޅުގަނޑުގެ މާބޮޑު ބާރެއް ނުފޫޒެއް ލައިގެން މިކަން ކުރުވުމުގެ މާ ބޮޑު ވިސްނުމެއް ނެތް. ދެން ޝިފާ ބޭނުންވީމަ ޝިފާ ފެންނާނެ.

ފަހަރުގައި ޝަލަބީ އާއި ޝިފާ ބެލުންތެރިންނަށް އެކުގައި އަދި ފެނިވެސް ދާނެއެވެ. ދެމަފިރިން އެކުގައި މަސައްކަތަކުން ނުފެންނާނެއެކޭ ޝަލަބީ ނުބުނެއެވެ. އެހެން ނަމަވެސް އަދި އެފަދަ ކަމަކަށް އޭނާގެ ވިސްނުމެއް ނެތެވެ.

ލަވަކިޔުމުގެ ދުނިޔޭގައި ޝަލަބީގެ ހުވަފެން

"ސަސްޓެއިން ވެފައި އޮތް ޕްލެޓްފޯމްތަކެއް ނުވަތަ ޕްލެޓްފޯމެއް ފެނިގެން ދިއުން" ލަަވަކިޔުމުގެ ދާއިރާގައި ދެކޭ ހުވަފެނަކީ ނުވަތަ ކުރާ އުއްމީދަކީ ކޮބައިތޯ ކުރި ސުވާލު ފުރިހަމަ ނުކުރެވެނީސް ޝަލަބީ ޖަވާބު ދޭން ފެށީ މިހެންނެވެ. އެ ޕްލެޓްފޯމަކީ ވާރޗުއަލް ޕްލެޓްފޯމަކަށް ވިޔަސް އަދި ކޮންމެ ކަހަލަ ޕްލެޓްފޯމަކަށް ވިޔަސް، ލަވަކިޔުމުގެ ދާއިރާއަކީ ވެސް އެހެން ދާއިރާތަކެކޭ އެއްފަދައިން ރޭވިގެން ކަން ކުރާ ދާއިރާއަކަށް ވުމަކީ ޝަލަބީގެ އުއްމީދެވެ.

ޝަލަބީ އިތުރަށް ފާހަގަ ކުރީ އެހެން ދާއިރާތަކާ އަޅާ ކިޔާ ކަމުގައި ވަނީ ނަމަ ލަވަކިޔުމުގެ ދާއިރާއަކީ އެއްވެސް ހަމައެއް ލަމައެއް ނެތް ދާއިރާއެއް ކަމަށެވެ. އެހެންކަމުން މި ދާއިރާ ވެސް ހަމަތަކެއްގެ މަތިން ކުރިއަށް ދާ ތަން ފެންނާނެ ދުވަހަކީ ޝަލަބީ ވަރަށް އުފާވާނެ ދުވަހެކެވެ.

ޝަލަބީގެ ބޮޑުބެގެ ވަކިވުން : ދިރިއުޅުމުގައި ނެގި ބިޔަ ރާޅެއް

ޝަލަބީ މާލެއަށް ބަދަލުވުމަށްފަހު ޝަލަބީގެ ބެލެހެއްޓުންތެރިއަކީ އޭނާގެ ބައްޕަ ފަރާތު ބޮޑުބެއެވެ. ޝަލަބީއަށް ދިރިއުޅުމުގައި މަގު ދައްކައިދިން މާލިމީއަކީ ޝަލަބީގެ ބޮޑުބެއެވެ. ޝަލަބީއަށް ދިރިއުޅުމުގައި ގިނަ ފިލާވަޅުތަކެއް އުނގަންނައިދިން މުދައްރިސަކީ ވެސް ޝަލަބީގެ ބޮޑުބެއެވެ. އެއީ ޝަލަބީގެ ދިރިއުޅުމުގެ ބޮޑު ބަޔަކާ ގުޅިފައިވާ ޝަލަބީއަށް ވަރަށް މުހިންމު މީހެކެވެ.

ސުކޫލް ދައުރުގައި ވެސް ޝަލަބީ ސުކޫލަށް ލާން ދިޔައީ ވެސް ބޮޑުބެއެވެ. އެ ހަނދާންތަކަކީ އިއްޔެ ވީ ކަމެއްހެން އޭނާގެ ހިތުގައި ބިންވަޅު ނެގިފައިވާ ހަނދާންތަކެކެވެ. ޝަލަބީގެ ދިރިއުޅުމުގައި ހިއްލާލި ބިޔަ ރާޅަކީ ޝަލަބީގެ ބޮޑުބެގެ ވަކިވުމާއެކު ބިންދާލި ރާޅެވެ. ޝަލަބީގެ ބޮޑުބެ މި ފަނާވަނިވި ދުނިޔެއާ އަލްވަދާއު ކީ ޝަލަބީ ގްރޭޑް 10ގައި ތައުލީމް ހާސިލް ކުރަމުން ދިޔަ ދުވަސްވަރުގައެވެ. ޝަލަބީގެ ބޮޑުބެގެ ހަނދާންތައް ޝަލަބީ "ދެން"އާ ހިއްސާ ކުރިއެވެ.

"އަސްލު ގިނަ ފަހަރަށް ކަމެއް ބީވީމަތާ އެނގޭނީ އެއީ ކިހާ މުހިންމު މީހެއްކަން ނުވަތަ ކަމެއް ކަން ވެސް" ބޮޑުބެގެ ހަނދާންތަކުގެ ވާހަކަ މާޒީގެ ސަފްހާތަކުން ނިއުޅުވަމުން ޝަލަބީ ފުރަތަމަ ވެސް ބުނީ މިހެންނެވެ. ސުކޫލް ދައުރުގައި އުޅުނު އިރު ޝަލަބީ، އޭނާގެ ބޮޑުބެގެ ނަސޭހަތްތަކަށް މާ ބޮޑު ފަރުވާލެއް ނުބަހައްޓައެވެ. ޝަލަބީ އުޅެމުން އައީ އޭނާއަށް އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ފެންނަ ގޮތަކަށެވެ.

އެގޮތުގައި ދުވަސްތައް ހޭދަކުރަމުން ދަނިކޮށް ބޮޑުބެ ކުއްލިއަކަށް ޝަލަބީގެ ދިރިއުޅުމާ އަދި މުޅި ދުނިޔެއާ އަލްވަދާއު ކިޔުން ވީ ޝަލަބީއަށް އެތައް ފިލާވަޅުތަކެއް ނަގައިދިން ކަަމަކަށެވެ. ޝަލަބީގެ ދިރިއުޅުމުގައި "ބިންގަލެއް" އެޅިގެން ދިޔަ ކަމެއްގެ ގޮތުގައި ޝަލަބީ އެކަން ސިފަކުރިއެވެ. އަދި ބޮޑުބެގެ ނަސޭހަތުގެ ބަސްތަކާއި ބޮޑުބެގެ ހަނދާންތައް ޝަލަބީއަށް ވީ ދިރިއުޅުމުގައި ކުރިއަށް ދިއުމަށް އޭނާއަށް ލިބުނު ވަރަށް ބޮޑު ހިތްވަރަކަށެވެ.

ބޮޑުބެގެ ހަނދާންތަކުގެ ތެރެއިން ޝަލަބީ ހަނދާންވާ އެތައް ކަންތައްތަކެއް އެބަހުއްޓެވެ. އެކި ވަގުތުތަކުގައި ބޮޑުބެގެ ހަނދާންތަކުގެ ތެރެއިން ޝަލަބީގެ ހަނދާނަށް އަންނަނީ އެކި ކަންކަމެވެ. އެހެން ނަމަވެސް އެ ކަންކަމުގެ ތެރެއިން ވެސް ޝަލަބީ ބައެއް ކަންކަން ފާހަގަ ކުރިއެވެ.

ބޮޑުބެ ބުނާނެ ބޭރު ތަކެއްޗަށް ރޭރު ނުވައްޗޭ. މާނަ އަކީ ދެން ބޭރު މީހުން އުޅޭހެން ނޫޅެއްޗޭ. އަބަދުވެސް އެ ލިބޭ އެއްޗަކީ ތިމަންނާއަށް ހައްގު އެތި ކަމަށް ގަބޫލު ކޮށްގެން. ވާހަކައަކީ ތިމާގެ ނަފްސުު ވަކި ގޮތަކަށް އެއްލާލައިގެން ނޫޅޭށޭ. އޭގެ ވެސް ރަނގަޅު ގޮތަށް.

އެ ވާހަކަތައް އިތުރަށް ދައްކަމުން ޝަލަބީ ވަނީ ބޮޑުބެގެ އެ ބުނުން އިތުރަށް ތިލަ ކޮށްދީފައެވެ. އެގޮތުން މާލޭގައި ޝަލަބީމެން ވެސް އުޅެނީ ކުލި ދައްކައިގެން ކަމަށާއި އެހެން ކަމުން ބޮޑުބެގެ އެ ނަސޭހަތަކީ ބޭރަށް ގޮސް ރެސްޓޯރެންޓުތަކުން ކާން އާދަ ނުކުރާށޭ ބުނެ ދޭ ނަސޭހަތެއް ކަމުގައި ޝަލަބީ ފާހަގަ ކުރިއެވެ. އަދި ދުނިޔޭގެ ދަޅަތަކަށް ހެއްލި "މެޓީރިއަލިސްޓިކް" އެއްޗިއްސަށް މާ ބޮޑަށް ލޯބި ނުކުރައްޗޭ ވެސް ބޮޑުބެ އަބަދުވެސް ބުނާނެ ކަމަށް ޝަލަބީ ބުންޏެވެ.

ލަވަކިޔުމުގެ ދާއިރާއަށް އައު ފަންނާނުންނަށް ޝަލަބީގެ މެސެޖެއް

ލަވަކިޔުންތެރިކަމުގެ ދާއިރާއިން މިއަދު އައު ގިނަ މޫނުތަކެއް އެބަ ފެނެއެވެ. ހުނަރުން ފުރިގެންވާ އެތައް ކުދީންނެއް މި ދާއިރާގައި ފައިތިލަ ސާބިތު ކޮށްގެން އެބަ ކުރިއަށް ދެއެވެ. އެ ހުނަރުވެރީންނަށް ޝަލަބީ ވަނީ މެސެޖެއް ދީފައެވެ.

ވީހާ ވެސް ގިނަ ލަވަ އަޑު އަހައްޗޭ. ލަވަ އަޑު ނާހާ އެ ލަވަ ކިޔަން ނޫޅެއްޗޭ.

ޝަލަބީ ބުނީ ގިނަ ފަހަރަށް ލަވަކިޔުމުގެ ދާއިރާއަށް އަލަށް ނުކުންނަ ކުދިން ފަށައިގަންނަނީ ކޮންމެވެސް ލަވަތަކެއް އަޑު އަހައިގެން ކަމަށެވެ. އަދި އަނެއްބައި ކުދިން ލަވަކިޔުމުގެ ދާއިރާއަށް ނުކުންނަނީ އަމިއްލަ ރާގު ހަދައިގެން ކަމުގައި ޝަލަބީ ފާހަގަ ކުރިއެވެ. އެ ދެ ބާވަތުގެ ފަންނާނުންނަށް ވެސް ޝަލަބީ ހިތްވަރުދެއެވެ. އެގޮތުން ހުރިހާ ފަންނާނުންނަށް ވެސް މި ދާއިރާގައި ކުރިއަށް ދިއުމުގެ ފުރުސަތު އޮންނަން ޖެހޭ ކަމުގައި ޝަލަބީ ފާހަގަ ކުރިއެވެ.

ލަވަކިޔުމުގެ ދާއިރާގައި މިހާ ހިސާބަށް އާދެވުނު އިރު އެހީތެރިކަން ފޯރު ކޮށްދިން ހުރިހާ ފަރާތްތަކަށް އޭނާ ވަނީ ޚާއްސަ ޝުކުރެއް އަދާ ކޮށްފައެވެ.

ޝަލަބީގެ އިންޓަވިއުގައި އަޅުގަނޑު ފޫހިވި އެންމެ ވަގުތު ކޮޅެއް ވެސް ނުދެއެވެ. އެއީ އަޅުގަނޑު ސުކޫލުގައި އުޅުނު ދުވަސްވަރު މޯލްޑިވިއަން އައިޑަލްގައި އަޅުގަނޑުވެސް ސަޕޯޓް ކުރި ފަންނާނެވެ. އެހެންކަމުން ޝަލަބީގެ ދިިރިއުޅުމުގެ ގިނަ ޞަފްހާތަކަކާއި ލަވަކިޔުމުގެ ދާއިރާގެ ގިނަ ވާހަކަތަކެއް އެނގުމަކީ އުފާވެރި އިހްސާސެއް ކުރުވި ކަމެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!