ވިތުރި: އެކަނި ވެސް ނުވަތަ ޖަމާޢަތުގައި ވެސް ކުރެވިދާނެ، ގަދަވެގެންވާ ސުންނަތް ނަމާދެއް
ވިތުރިއަކީ ކޮބައި ހެއްޔެވެ؟ ޝެއިޚް ޝާފިއުގެ ސުވާލާއި ޖަވާބު ޕޭޖުގައި، ވިތުރިއާ ބެހޭ ގޮތުން ވިދާޅުވެފައި ވެއެވެ.
އެއީ ގަދަވެގެންވާ ސުންނަތެއް ކަމުގައެވެ. އަދި އެއީ އެކަނިވެސް ނުވަތަ ޖަމާޢަތުގައި ވެސް ކުރެވިދާނެ ނަމާދެކެވެ. ވިތުރިއަކީ ޢިޝާ ނަމާދަށް ފަހުގައި، އަދި އަނެއް ދުވަހުގެ ފަތިސް ނަމާދުގެ ކުރިން ކޮންމެ ވަގުތެއްގައި ވެސް ކުރެވިދާނެ ނަމާދެކެވެ. އަދި މިއީ އޮނަހިރި އަދަދަކަށް ކުރެވޭ ނަމާދެކެވެ.
ވިތުރިގައި ހިމެނޭ ރަކުޢަތުގެ ޢަދަދުގެ ޙައްދެއް ކަޑައަޅުއްވާފައެއް ނުވެއެވެ. ނަމަވެސް މިއީ 1 ރަކްޢަތް، 3 ރަކްޢަތް، 5 ރަކްޢަތް، 7 ރަކްޢަތް، 9 ރަކްޢަތް، ނުވަތަ މިނޫން ވެސް އޮނަހިރި ޢަދަދަކަށް ކުރެވިދާނެ ނަމާދެކެވެ.
މި ނަމާދު ކުރާއިރު، ސޫރަތުލް ފާތިޙާއަށް ފަހު، ބޭނުން ސޫރަތެއް ބޭނުން ހިސާބަކުން ފަށައިގެން ކިޔެވިދާނެއެވެ.
3 ރަކްޢަތް ކުރާނަމަ ފުރަތަމަ ރަކުޢަތުގައި ސައްބިޙިސްމަ ދެވަނަ ރަކުޢަތުގައި ކާފިރޫން ތިންވަނަ ރަކުޢަތުގައި އިޚްލާސް ސޫރަތް ކިޔެވުން މުސްތަޙައްބެވެ. ނަބިއްޔާﷺ އިރުޝާދު ދެއްވާފައި ވަނީ ރޭގަނޑުގެ އެންމެ ފަހު ނަމާދެއްކަމުގައި ވިތުރި ހެދުމަށެވެ.
ވިތުރި ކުރަން ދަންވަރު ހޭނުލެވޭނެކަމަށް ބިރު އޮވެއްޖެ މީހާ ވިތުރި ކޮށްގެން ނިދުން މޮޅު އިތުރެވެ. އަދި، ވިތުރިކޮށްގެން ނިދާފައި ދަމުނަމާދަށް ހޭލެވިއްޖެމީހާއަށް ދެ ރަކުޢަތުން ދެ ރަކުޢަތުން ރޭއަޅުކަން ކުރެވޭނެއެވެ. އެފަދަ މީހާ އަލުން ވިތުރި ކުރާކަށް ނުވަތަ ވިތުރި ކަނޑާކަށް ނުޖެހޭނެއެވެ. އެހެނީ ރޭގަނޑަކު ދެ ވިތުރި ކުރުމެއް ވެސް ނެތެވެ.
ވިތުރީގެ ފަހު ރަކުޢަތުގައި ޤުނޫތު ކިޔުމީ ސުންނަތެކެވެ. ރުކޫޢުގެ ކުރިން ނުވަތަ ރުކޫޢުގެ ފަހުންވެސް ޤުނޫތު ކީދާނެއެވެ. ޤުނޫތަކީ ރަމަޟާން މަހަށް ނުވަތަ މަހުގެ ފަހު ފަނަރައަކަށް ޚާއްޞަ ސުންނަތެއް ނޫނެވެ. ޤުނޫތު ކިޔުމަކީ ސުންނަތެކެވެ. އެއީ ވާޖިބެއް ނޫނެވެ. އަދި ޤުނޫތު ނުކިޔުނަސް ނުވަތަ ކިޔަން ހަނދާން ނެތުނަސް ކުށުސަޖިދަ ޖަހާކަށް ވެސް ނުޖެހޭނެއެވެ.
ވިތުރިކޮށް ނިންމާފައި سُبْحاَنَ الْمَلِكِ الْقُدُّوْسِ ތިން ފަހަރު އަދި رَبُّ الْمَلاَئِكَةِ وَالرُّوْحِ އެއް ފަހަރު ކިޔުމީ ސުންނަތެކެވެ.