މަސްތުވާ 6000 ގުޅައިގެ މައްސަލައިގައި ހައްޔަރުކުރި މީހާ މިހާރު ހުރީ ދޫކޮށްލައިފައި!

ރާއްޖެއަށް މިހާތަނަށް އެތެރެކުރި މަސްތުވާ ގުޅައިގެ އެންމެ ބޮޑު ޝިޕްމަންޓްގެ މައްސަލައިގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރި 6000 އަށް ވުރެ ގިނަ ގުޅައިގެ މައްސަލައިގައި މީހަކު ހައްޔަރު ކުރި ނަމަވެސް ފުލުހުން ވަނީ އޭނާ ދޫކޮށްލި ސަބަބެއް ސާފެއް ނުވެއެވެ. އޭގެ ފަހުން މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް މައުލޫމާތު ލިބިފައި ވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން އަތުލައިގަތީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެކްސްޓަސީގެ ގުޅަތަކެކެވެ. އެތަކެތި އަތުލައިގަތީ މިއަހަރުގެ ޖެނުއަރީ 18 ވަނަ ދުވަހު ޕޯސްޓް އޮފީސް ދޮރުމަތިން މީހަކު ހުއްޓުވައި އޭނާ އަތުން އެތަކެތި ފެނިގެންނެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ހޯދައިލުމަށް ދެ ދުވަސްމަތީން ކުރި މަސައްކަތް ވަނީ ބޭކާރު ވެފައެވެ. ދެ ދުވަހު ވެސް ފުލުހުން ވިދާޅުވީ ޗެކް ކޮށްލެއްވުމަށް ފަހު މައުލޫމާތު ދެއްވާނެ ކަމަށެވެ. ނަމަވެސް އޭގެ ފަހުން މިކަމާ ގުޅިގެން ފުލުހުންގެ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެއެވެ.