ވާހަކަ

ކުރު ވާހަކަ: ކެހިވެރި ހިޔަނީގައި

ދެން އެމްވީ ، ދެން އޮންލައިން

ހޮނު ގުގުރީގެ ބާރު އަޑަށް ލޯ ހުޅުވައިލެވުނެވެ. ވިދާ ގުގުރާ ތޫފާނީ ރެއެކެވެ. ހަޅޭއް ލަވައިގަނެވުނެވެ. އަހާނޭ ކަންފަތެއް ނެތެވެ. ދެވަނަ ފަހަރަށް ވެސް ހަޅޭއްލަވައިގަތީމެވެ. އިސާހިތަކު އެހެންޏާ ވެސް އަންނަ ޑޮކްޓަރާއި ނަރުސް ކުއްޖާ އައެވެ. އިންޖެކްޝަނެއް ޑޮކްޓަރުގެ އަތުގައި އޮތެވެ. އަހަރެން މިއީ މޮޔައެއް ނޫނޭ ކިޔައި ރޮއިގަތީމެވެ. އަދި ގަދަ ދެއްކުމަށް ފަހު އެމީހުން ދުރަށް ފޮނުވައިލީމެވެ. އެމީހުންގެ ނަޒަރުގައި އަހަރެން މިއީ މޮޔައެކެވެ. އެކަމަކު އަހަރެންނަކީ މޮޔައެއް ނޫނެވެ. އަހަރެންގެ ބުއްދި ސަލާމަތުން އަދި އެބަހުއްޓެވެ. އެމީހުންނަށް އެކަން ނުވިސްނެނީ ކީއްވެ ހެއްޔެވެ؟ އަހަރެން ހަޅޭއްލަވަނީ މޮޔައަކަށް ވީތީއެއް ނޫނެވެ. މިތަނުން މިންޖުވޭތޯއެވެ. މި އަނިޔާވެރިކަމުން އަހަރެން ސަލާމަތްކޮށްދޭތޯއެވެ. މިއީ އަހަރެންގެ ތަގުދީރުކަމުގައި ވެދާނެއެވެ. ގަބޫލުކުރަމެވެ. އަހަރެންނަށް ކުރެވުނީ ކުށެކެވެ. އެކަމަކު އަހަރެންނަށް މި ލިބެމުންދާ އަދަބުގެ ހައްގުވެރިއަކީ އަހަރެންނެއް ނޫނެވެ. އޭނާއެވެ. އިސްޖަހައިލެވުނެވެ. ގިސްލެވުނެވެ. ހަނދާނީ ތަސްވީރުތަކުން 2000ގެ ކުލަތައް ފަރިވާން ފެށުނެވެ.

Ads by MWSC

އަހަރެންނަކީ ނިކަމެއްޗެކެވެ. ލޮލަކަށް ބޮލަކަށް ހުރީ މަންމައެވެ. ބައްޕަ ދުނިޔެއަކު ނެތެވެ. އެ ލޯބިން މަހުރޫމުވެފައިވީ ހާލު އަހަރެންނަށް ލިބެމުން ދިޔައީ އިންތިހާ ދަރަޖައިގެ އެކަނިވެރިކަމެވެ. ނިކަމެއްޗަކަށް ވީތީ ދުރުން ނަމަވެސް ދުރުމި އަޅާނެ ޔާރަކު ނެތެވެ. އޯގާތެރިކަމުގެ އަތެއް ދިއްކޮށްލާނެ ޕިޔާރަކު ނެތެވެ. މަންމަގެ ހާލަކީ ވެސް ހަމަ މިއެވެ. އަހަންނަށް ޓަކައި އެތައް އުއްމީދުތަކެއް ކުރާނެކަން ޔަގީނެވެ. އެކަމަކު ކުރާނީ ވަކި ކީއްހެއްޔެވެ؟ ބޯ، ބިޔަ ޖަންގައްޔެއްގެ ތެރޭ، ހިނގާނެ މަގެއް ޔަގީން ނުވެ ހުރެ، މައިމީހާގެ އުއްމީދު ފުރިހަމަ ކުރެވިދާނެ ހެއްޔެވެ؟ ކިޔެވިފައެއް ނެތެވެ. ދުނިޔޭގެ ހަގީގީ ކުލަވަރު ފެނިފައެއް ނުވެއެވެ. މިހުރިހާ ކަމެއްގައި ވެސް ކުށްވެރިއަކީ މަންމަ ކަމުގައި މަންމަ ގަބޫލު ކުރެއެވެ. އަބަދާއަބަދު އަހަރެން ގާތުގައި އެހެން ބުނެއެވެ. މަންމަގެ ދާއިމީ ބައްޔަކީ ވެސް މިއީއެވެ. އެހެނަސް މިއީ ތަގުދީރުގެ ނިޔާއެވެ.

ދިރިއުޅުން ބިނާކުރެވިފައި ވަނީ ތަނަވަސްކަމެއް ނެތް ކުލީ ކޮޓަރިއެއްގައެވެ. މިއީ ވެސް ބޮޑުވަރެވެ. އަހަރެން ވަޒީފާއަކަށް ނުދަމެވެ. އެކަށީގެންވާ ވަރަށް ތައުލީމީ ފެންވަރު ނެތުމުން ވަޒީފާގެ ފުރުސަތު އަހަރެންނަށް ނުލިބުނީއެވެ. ތަނަކަށް ގޮސް މަސައްކަތް ކޮށްދެވޭ ވަރަށް ވުރެ މަންމަގެ ބަލި ހާލަތު ބޮޑެވެ. ބޮޑުބޭބެއެއްގެ އެހީތެރިކަމާ އެކު ކޮޓަރި ކުލި ދެއްކެއެވެ. މަންމަގެ އާއިލާގައި އަހަރެމެން ދެމައިންގެ ހާލު ބަލައި އެހީތެރިވެދޭ ހަމައެކަނި ފަރާތަކީ އެއީއެވެ. އެކަމަކު ބޭނުންހައި ކަމެއްގެ ވާހަކަ ބޮޑުބޭބެ ގާތު ބުނަން އަހަރެންނަށް ކެރޭނެ ހެއްޔެވެ؟ އާމްދަނީ ހޯދަން އަހަރެން ވެސް މަސައްކަތް ފެށީމެވެ. މާ ދުރުނޫން ގެއެއްގައި ނޯކިރީކަން ކޮށްދޭން ފެށީމެވެ. ކަންބޮޑުވީ މަންމަ އެކަނިވާނެތީއެވެ. ބަލިހާލުގައި އެކަނިކޮށްލައިގެން ނުވާނެކަން އަހަރެންގެ ސިކުނޑި ވިސްނައިދެމުން ދިޔައެވެ. ނަމަވެސް ލިބޭ 1000ރުފިޔާގެ ހައްގުގައި އަހަރެން ފަރިޔާދުވެ، ފޫގެޅީމެވެ.

ކޮންމެ ދުވަހަކު ފަތިހު ފަތިހާ އަހަރެން ވަޒީފާއަށް ދިއުމަށް ތައްޔާރުވަމެވެ. މިއީ ވެސް އެފަދަ ދުވަހެކެވެ. ރޯފަނި ތައްޓަކުން މަންމައާ އެކު މުއްތިކުރުމަށް ފަހު މަސައްކަތު ދިޔައީމެވެ. މަންމައާ މެދު ފިކުރު ބޮޑުވެއެވެ.ކަމެއް ދިމާވިޔަސް އަހަރެންނަށް އެންގޭނެ ގޮތެއް ނޯންނާނެއެވެ. ކަމެއްވިތޯ ހިތާ ސުވާލު ކުރެވުނަސް ޖަވާބު ހޯދޭނީ މަސައްކަތް ހުއްޓައިލުމަށް ފަހު ގެއަށް ދިއުމުންނެވެ. އަހަރެންގެ ވަޒީފާއަކީ ބަޔަކަށް ނޯކިރީކަން ކޮށްދިނުމެވެ. ކެއްކުމާއި ކާންދިނުމެވެ. ގޭގެ އިއްޒަތްތެރިޔާގެ ދަރިން ބެލުމެވެ. ގޭގެ މަލަމަތި ރީތިކޮށް ބޭއްވުމަކީ ވެސް އަހަރެންގެ ޒިންމާއެކެވެ. އެކަނބުލޭގެ އާއިލާ ބެލެހެއްޓުމުގައި ހުރިހާ ޒިންމާއެއް އަހަރެންގެ ބޮލުގައި އަޅުވައި، އަހަރެން ހެދީ ކަމަނާގެ އަޅަކަށެވެ. އެއްވެސް ކަމެއް އަހަރެންނަށް ރަނގަޅަށް ކުރެވޭ ކަމަކަށް ނުވެއެވެ. ކައްކާ އެއްޗެހީގެ ރަހަ އަހަރެންނަށް ހެޔޮ ވަރަށް ބެހެއްޓުމުން ކަމަކު ނުދެއެވެ. ލޮނު މަޑުވެ، ގަދަ ވެސް ވެދާނެއެވެ. ކުދިން ފެންވަރުވާ، ރީތި ކުރާ ގޮތް ވެސް ކަމަނާއަށް ކަމަކު ނުދެއެވެ. ސާހިބު މީހާއަށް އަހަރެން ކަމޭހިތީމެވެ. ކުދިންގެ ލަފްޒީ މަންމައަކަށް ވެ ހުރެ، އަހަރެންގެ މަންމަގެ ހައްގުގައި ކެތްތެރިކަމުގެ ފިޔަ ތިރިކުރީމެވެ.

މަސައްކަތް ނިންމައިލުމަށް ފަހު ވަރުބަލިކަމާ އެކު ގެއަށް ދިއުމަށް މިސްރާބު ޖެހިއިރު، އިރު އުދަރެހުން ވީއްލިއްޖެއެވެ.ގެއަށް ވަންއިރު މަންމަ އޮތީ ތަޅުން މައްޗަށް ވެއްޓިފައެވެ.ގައިން ހީބިހި ނަގައިގެން ދިޔައެވެ.ދެން ކުރަންވީ ކީއްކަމެއް އަހަރެންގެ ޅަސިކުނޑިއަކަށް ނަގައެއް ނުގަނެވުނެވެ. ހެޔެއް ވެސް ނެތެވެ. އެ ގޮތަށް މަންމަ އޮންނަތާ ވީ ކިހައިއިރެއްކަން ވެސް ދެނެވޮޑިގެން ވާނީ ހެއްދެވި ފަރާތެވެ. އަހަރެންނަށް ނެގުނު ގޮތަކަށް މަންމަ ނަގައި އެނދަށް އަރުވައި، މޫނުގައި ފެންފޮދެއް އުނގުޅައިލީމެވެ. މަޑުމަޑުން މަންމަ ލޯ ހުޅުވައިލިއެވެ. ހަމަޖެހުމުގެ ނޭވާއެއް އަހަރެންނަށް ލެވުނީ އެ ސިކުންތުގައެވެ. ކިހިނެއްވީތޯ އަހަރެން މަންމައާ ސުވާލު ކުރީމެވެ. މަންމަގެ ޖަވާބަކަށްވީ ހިމޭންކަމެކެވެ. އެޖަވާބު އަހަރެންނަށް ކަމަކު ނުދިޔައެވެ. ވީގޮތް އޮޅުން ފިލުވަން އަހަރެންނަށް ޖެހޭނެތީއެވެ. ނަމަވެސް މަންމަގެ ދުލުން ޖަވާބުގެ ލަފުޒެއް ނައެވެ. މަންމަގެ ފަރާތުން ތަފާތެއް އަހަންނަށް ފާހަގަ ކުރެވުނެވެ. އަހަންނަކަށް މަންމަ ނުބަލައެވެ. މަންމަގެ ނަޒަރު ހުއްޓިފައި ވަނީ ފެން ބަނޑިޔާއަށެވެ. އަހަރެންގެ އަޑު އިވޭބާއޭ ވެސް ހިތަށް އެރިއެވެ. އިވޭ ނަމަ މަންމަ އަހަރެންނަށް ޖަވާބު ދޭނެކަން ޔަގީނެވެ. އަހަރެންނާ ދިމާ ބަލައި ނުލާ މަންމައަށް ކެތެއް ނުވާނެއެވެ. އަހަރެން އިތުރަށް ވިސްނައި ފިކުރު ކުރުމަށް ސިކުނޑި މަޖުބޫރު ކުރުވިއެވެ. އަހަރެންގެ ވިސްނުމަށް އައި އެންމެ ބުއްދިވެރި ގޮތަށް ކަން ކުރުމަށް އަވަސްވެގަތީމެވެ.އަނެއްކާ ވެސް މަންމަ އެކަނި ބޭއްވުމަށް ފަހު އަހަރެން ހިނގައިގަތީ ބޮޑުބޭބެގެ ގެއަށެވެ.

މަންމައަށް ވެފައި އެވަނީ ކޮންކަމެއްކަން އަހަންނަށް ނޭނގުނަސް ބޮޑުބޭބެއަށް އެނގިދާނެއޭ ހިތާއެވެ. ނަސީބު ދިމާކުރި ގޮތުން މާ ދުރަށް ހިނގާކަށް ނުޖެހުނެވެ. ރާސްތާގެ މެދުތެރެއިން ބޮޑުބޭބެއާ ދިމާވިއެވެ. ވެގެން އުޅޭ ގޮތް ބޮޑުބޭބެއަށް ކިޔައިދިނުމަށް ފަހު ހަލުވި ހިނގުމެއްގައި ބޮޑުބޭބެއާ އެކު ގެއަށް އައީމެވެ. މަންމަގެ އެއްވެސް ހަރަކާތެއް ނެތެވެ. ބޮޑުބޭބެ ވެސް މަންމައަށް ގޮވައި ހެދިއެވެ. މަންމަގެ ފަރާތުން އެއްވެސް އިޝާރާތެއް ނުލިބެއެވެ. ފެންބަނޑިޔާއިން ފެންފޮދެއް ގެނެސް ބޮޑުބޭބެ މަންމައަށް ބޯންދިނެވެ. މަންމަގެ މަގަތުގައި އިނދެ ބޮޑުބޭބެ އެއްޗެއް ކިޔެވިހެން އަހަންނަށް ހީވިއެވެ. ކިޔެވި ކިޔެވެއްޔެއް ކިޔެވީއެވެ. މަންމަ އެސްފިޔަ ޖަހައިލަނީ ވެސް މަދު ފަހަރަކުއެވެ.އެ ހިމޭން ކަމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އަހަރެން ހިތް ބިރުގަތެވެ. އާނއެކެވެ. މަންމައަކީ ބަލި މީހެކެވެ. އެކަމަކު މިއީ މީގެ ކުރިން ދުވަހަކު ވެސް މަންމަ އަހަރެންނަށް ދެއްކި މަންޒަރެއް ނޫނެވެ. މަންމަ މަރުކަޒަށް ގެންދެވޭތޯ ބަލައިދިނުމަށް ބޮޑުބޭބެއަށް އަހަރެން ލަފާ ދިނީމެވެ.

"ޒޭނާ...މިއީ ޑޮކްޓަރީ ފަރުވާއިން ރަނގަޅުކުރެވޭނެ ކަމެއް ނޫން...ރުޤްޔާކުރާ މީހެއް ގެނެވޭތޯ އުޅެމާ.." ބޮޑުބޭބެގެ ޖަވާބަކީ މިއެވެ. ސިކުނޑިއަށް ލިބިފައިވީ ނުތަނަވަސްކަން އިތުރު ވިއެވެ. ރުޤްޔާކުރާ މީހެއް ގެންނަންވީ ކީއްވެ ހެއްޔެވެ؟ މިކަން ވެގެން މި ދިޔައީ ފަންޑިތަވެރި ކަމަކަށް ހެއްޔެވެ؟ ސިހުރުވެރި ކަމަކަށް ހެއްޔެވެ؟ ބުނާނެ އެއްޗެއް އިތުރަކަށް ނޭނގުނެވެ. އެއްބަސްވުން ނޫން ގޮތެއް ނެތުނީއެވެ. ރުޤްޔާ ކުރާ މީހަކު ބަލައި ބޮޑުބޭބެ ދިޔައެވެ. ހިނދުކޮޅެއް ވެސް ބޮޑުބޭބެ ލަހެއް ނުކުރެއެވެ. އަހަރެން މަންމަގެ މަގަތުގައި އިށީނީމެވެ. އެ މޫނުމަތިން ފެންނަން ހުރީ ހާސްކަމެވެ. ނުތަނަވަސް ކަމެވެ. ހައިހޫނުކަމުގައި ކުރުވީ ހިތްދަތި އިހުސާސެކެވެ.

މާ ގިނަ ވަގުތުތަކެއް ނުވެ ބޮޑުބޭބެ އެމީހަކު ގޮވައިގެން އައެވެ. މީގެ ކުރިން އަހަރެންނަށް އެމީހާ ފެނިފައެއް ނުވެއެވެ. ބަލައި ބެލުމަށް ދީންވެރި އެއްވެސް ސިފައެއް ފެންނާކަށް ނެތެވެ. އިސްތަށިގަނޑު ދިގުކޮށް ހުރި އިރު ލޯކައިރި ކަޅެވެ. ކަރުގައި ޗޭނު ފަށެއް ފާޑުގެ އެއްޗެއް އަޅައިފައި އޮތެވެ. ރުޤްޔާ ކުރާ ބޭބޭކަލުން ތިއްބަވަނީ މިފަދަ ހާލެއްގައި ބާވައެވެ. ފަރުވާލެއް ނެތެވެ. ބަނޑޭރިގަނޑަށް ބަލައި އިންސާފު ކުރުމީ ބޭކާރު ކަމެކެވެ. އެއިރު ވެސް މަންމަ އޮތީ އެއްވެސް ހަރަކާތެއް ނެތިއެވެ.ފަރުވާ އަވަސް ކޮށްދިނުމަށް އަހަރެން އެމީހާ ގާތު އެދުނީމެވެ. މަންމަގެ މަގަތުގައި އިނެވެ. އޭނާ އެއްޗެއް ކިޔަވަން ފެށިއެވެ. ބޮޑުބޭބެ ވެސް އޭނާއާ ބައިވެރިވެ، އެއްޗެއް ކިޔަވަން ފެށިއެވެ. އިސާހިތަކު މަންމަގެ ހިމޭންކަމަށް ބަދަލު އައެވެ. ހަޅޭލަވަން ފެށިއެވެ. ގައިގެ އެތަން މިތަނުގައި ތަޅައި ރޮއެގަތެވެ. މުޅި ހަށިގަނޑަށް ބާރު ކުރިއެވެ.އަހަރެންނަށް ކޮޅަށް ހުރެވެނީ ހަމަ ކިރިޔާއެވެ. މަންމާއޭ ކިޔައި ބާރަށް ރޮއެ ގަނެވުނެވެ. މަންމަގެ އަމަލުތައް ހުރީ މޮޔައެއް ފަދައިންނެވެ. ދެވަނަ ސިކުންތުގައި ތެދުވެ، ގޮސް ހުއްޓުނީ ފެންބަނޑިޔާ ކައިރީގައެވެ. ލޯވަށިން ފެން ނެގުމަށް ފަހު ފެނަށް ކަޅިއަރާފައިވާ ފަދަ ގޮތަކަށް އެއް ނޭވާއިން ފެންފޮދު ބޯލިއެވެ. ބޮޑުބޭބެއާ ރުޤްޔާކުރާ މީހާގެ ކިޔެވެލި ނިންމައިލިއެވެ. އިސާހިތަކު މަންމަގެ ހާލަތު ހިމޭންކަމަށް ބަދަލުވެ، އަމިއްލަ އިހުތިޔާރުގައި އައިސް އޮށޯވެއްޖެއެވެ.

"އެކޮއެ...މަންމަގެ ހާލަތު ފެނިއްޖެއެއްނު..މަންމައަށް ޖެހިފައިވާ ބަލީގެ އަސްލަކީ ސިހުރު..މިކަމަށް އަވަހަށް ފަރުވާ ކުރަން ޖެހޭނެ..އެހެން ނޫނީ.." ރުޤްޔާކުރާ މީހާގެ މި ޖުމްލައިން އަހަރެންގެ މެޔަށް ފެން އަރައިގެން ދިޔައެވެ.މަންމައަށް ސިހުރު ހަދާނީ ކާކު ހެއްޔެވެ؟ އެމީހަކު އެކަމެއް އެކުރީ ކޮން ބޭނުމެއްގައި ބާވައެވެ. ކީއްކުރެވިގެން ބާވާއެވެ. އެ ނުލަފާ މީހާގެ މަޤުސަދަކީ ކޮބައިބާވައެވެ. ފަރުވާ ކުރަން ކުރަންޖެހޭ ކަމަކީ ކޮބައިތޯ އަހަރެން ސުވާލު ކުރީމެވެ. އޭނާގެ ޖަވާބުން އަހަރެން ވަރަށް އަޖައިބު ވިއެވެ.ގަބޫލުކުރަން ދަތިވިއެވެ.އެމީހާއާއި ބޮޑުބޭބެ ބުނި ގޮތުން މިއަދަށް ފަހު މަންމައާ އެކު އަހަރެން ގޭ ބަންދުވީއެވެ. ގެއަށް ވަނދެ އުޅެވޭނެ ހަމައެކަނި މީހަކީ ރުޤްޔާ ކުރާމީހާ ކަމުގައި ނިންމައި ސިއްކަ ޖެހުނެވެ. ކޮންމެ ދުވަހަކު ވެސް ރުޤްޔާކުރުމަށް ޓަކައި އެމީހާ އަންނާނޭ ކަމުގައި ބުންޏެވެ. މަންމަ އެކަމުން ސަލާމަތް ވެވެންދެން ކޮޓަރީގެ ދޮރުގައި ތަޅު އެޅުވުނެވެ. އަހަރެން އެކަމަށް އެއްބަސްވީ މަންމަގެ ހައްގުގައެވެ. މަންމަ އެކަމުން އަވަހަށް މިންޖު ކުރެއްވުން އެދިގެންނެވެ. މިއީ އަހަރެންގެ މި ވާހަކަ ފެށޭ ގޮތެވެ. ހަގީގަތަށް ވާން ބޭނުން ނުވި ޑުރާމާގެ ފެށޭ ހިސާބެވެ.

ދުވަސް ފެށިއްޖެކަން އަންގައިދިނީ އަވަށްޓެރި ހާލެކެވެ. ހާލަތު ނިޔާކުރި ގޮތުން އަހަރެންނަށް މިޖެހުނީ މަސައްކަތު ނުގޮސް ގޭގައި މަޑު ކުރާށެވެ. ދެން ފެނުނީ އަޖައިބު ކުރުވަނިވި މަންޒަރެކެވެ .ފަތިހުފަތިހާ މަންމަ އެއިނީ ފެންބަނޑިޔާ ނަގައި އުނގަށް ލައިގެންނެވެ.އެއްޗެއް ގެއްލިގެން އުޅޭފަދަ ގޮތަކަށް މަންމަގެ ހަރަކާތްތައް ފަހުމުވިއެވެ. މަންމައަށް ކެތްތެރިކަމާއެކު އަހަރެން ފާރަވެރިވީމެވެ. މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. އަތުން ނަގައި ފެންތިކިތަކުން މަންމަ އެ ހޯދަނީ ކޮން އެއްޗެއް ބާވައެވެ. ސިހުން ލިބުނީ ކޮޓަރީގެ ދޮރު ހުޅުވައިލުމުންނެވެ. ވަދެގެން އައީ ރުޤްޔާކުރާ މީހާއެވެ. ކޮޓަރި ތަޅުލިއެވެ. އެގޮތަށް ކަންތައް ކުރުމުން އަހަރެން ޖެހިލުންވިއެވެ. އެމީހާ އައިސް މަންމަ ނަގައި އެނދުމަތީގައި ބޭއްވިއެވެ. މަންމަގެ އެއްވެސް ހަރަކާތެއް ނެތެވެ. އަހަރެން ވެސް ތަޅުންގަނޑުމަތީގައި އިށީނީމެވެ. އެއާއެކު އެމީހާ އަހަރެންނަށް ބަލައިލީ ނުރުހުމުގެ ނަޒަރަކުންނެވެ. އެމީހާ ތެދުވެގެން އައީ އަހަރެން ކައިރިއަށެވެ. އޭނަގެ ފަޓުލޫނު ޖީބުން ހެޔޮވަރުގެ ފޮތިގަނޑެއް ނަގައި ، ހިނި އައިސް ހުރެ އަހަރެންނަށް ބަލައިލިއެވެ.ހަދާނެ ގޮތެއް ނޭނގުނެވެ. އޭނާގެ ބޭނުން ރޭކާލާން ފެށީ އެ ހިސާބުންނެވެ. ގަތްފައި ހުރި ބިރެއްގެ ސަބަބުން ހަޅޭލަވައިގަންނާން ވެސް ހަނދާން ނެތުނީއެވެ.އެންމެ ސިކުންތެއް ވެސް އެމީހާ މަޑެއް ނުކުރެއެވެ. އައިސް އަހަރެންގެ އަނގަމަތީގައި ފޮތިގަނޑު އެއްސިއެވެ. އަހަރެންގެ އަޑު ބޭރަށް ނުނުކުންނަހާ ބާރަށެވެ. ރޮވުނެވެ. ގިސްލެވުނެވެ. ރުޤްޔާ ކުރުމަކީ މިއީ ހެއްޔެވެ؟ ބޮޑުބޭބެއަށް މި މީހާގެ ހަގީގަތް ނޭނގެނީ ހެއްޔެވެ؟ އޭނާގެ އަމަލުތައް ހުރީ އަހަރެން ހީކުރި ގޮތާ މުޅިން ޚިލާފަށެވެ. އޭނާގެ ހަތިޔާރީ ތީރު އަމާޒުކޮށްފައި ވަނީ އަހަރެންނަކަށް ނޫނެވެ. މަންމައަށެވެ. އަހަރެންގެ ކުރިމަތީގައި ލޯބިވާ މަންމައަށް އެތައް އަނިޔާއެއް ދީފިއެވެ. މިއީ މަންމަގެ އިއްޒަތާ އަބުރުގެ ޖަނާޒާއެވެ. އަހަރެންނަށް އިސްޖަހައިލެވުނެވެ.ފެންނަމުން ދިޔަ މަންޒަރުތަކުން މެޔަށް ހަންޖަރުގެ ހަމަލާތައް ދެމުންދާ ފަދައެވެ. އަމާޒަށް ކާމިޔާބުކަމާއެކު ތީރު ޖެހުމަށް ފަހު އޭނާ ދިޔައީއެވެ.

ދުވަސްތައް މިގޮތުގައި ތަކުރާރުވަމުން ދިޔައެވެ. ކޮންމެ ދުވަހަކު ވެސް އެމީހާ އާދެއެވެ. އެތައް އަނިޔާއެއް އެކި ގޮތްގޮތުން ކުރެއެވެ. މަންމަގެ ހާލަތު ދުވަހެއް ދުވަހަކަށް ވަނީ ގޯހެވެ .އެ މަންޒަރު ބަލަން އަހަރެންގެ ހިތަށް ކުޅަދާނަ ކަމަކަށް ނުވިއެވެ.މިއީ ވެސް އެފަދަ ދުވަހެކެވެ. ހަށިގަނޑުގައި ވަރެއް ނެތެވެ. ކާނެ އެއްޗެއް ނެތެވެ. ހަމައެކަނި ހުރީ ބޯލާނެ ފެންފޮދެކެވެ. އެތައް ފަހަރަކު ކޮޓަރިން ނުކުންނަން މަސައްކަތް ކުރެވިއްޖެއެވެ. ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވެއެވެ. މަންމަގެ ހަށިގަނޑަށް ބަލައިލާ ކޮންމެ ފަހަރަކު ހިތް ކުދިކުދިވެއެވެ. ފުރާނަ ހުރިކަމެވެ. އެއްވެސް ދިރުމެއް ނެތެވެ. ހަށިގަނޑުގެ އެތަންމިތަނުގައި އަނިޔާގެ ކުލަވަރެވެ. ޒަހަމްތަކެވެ. އެ ހަށިގަނޑު އެވަނީ ނީލަން ކިޔައިފައެވެ. ލޯބިވާ މަންމާއެވެ. އަހަރެންނަށް މައާފު ކުރާށެވެ. މަންމައަށް ލިބެމުންދާ އަނިޔާގެ މަންޒަރު ބަލަން ދުރުގައި ހުރުން ނޫން ގޮތެއް އަހަރެންނަށް ނެތީއެވެ. ނޫނެކެވެ. ކޮންމެވެސް ގޮތެއް އޮންނަން ޖެހޭނެއެވެ. އަހަރެން އަދި މިކަމުން މަންމަ ސަލާމަތް ކޮށްދޭނަމެވެ. ކޮޓަރީގެ ދޮރު ހުޅުވުނެވެ. އެއީ ދެވަނަ އެހެން އިންސާނެއް ނޫނެވެ. ރުޤްޔާކުރުމުގެ ނަމުގައި އެދުންވެރިކަން ހާސިލުކުރަމުން އަންނަ އެ ނުބައި ނުލަފާ މީހާއެވެ. ނަމަވެސް މިއަދު އޭނާގެ ފަހަތުގައި ބޮޑުބޭބެ ވެސް ހުއްޓެވެ. ސަލާމަތުގެ އަލިމަގެއް ފެނުނީ ހެއްޔެވެ؟ މިކަމުން ސަލާމަތް ވެވުނީ ހެއްޔެވެ؟ މަންމަގެ ހާލަތަށް ބަލައިލަމުން ބޮޑުބޭބެ ހީލިއެވެ. ސަލާމަތަށް އެދި އަތް ދިއްކޮށްލަން ފަސްޖެހެވުނީ އެމަންޒަރު ފެނުމުންނެވެ. ރޭވުމެއްގެ ވަސް އަހަރެންގެ ސިކުނޑިއާ ހަމައަށް ފޯރީ އެ ވަގުތުއެވެ. ބޮޑުބޭބެ ހަމަޖެހިލައިގެން މަންޒަރު ބަލަން އިނީއެވެ. ނުލަފާ ހުނުމަކާ އެކުއެވެ. މި ފަހަރު އެމީހާގެ އަމާޒު ހިފާފައި ހުރީ އަހަރެންނަށެވެ. އެކަމަކު ވަކި ކުރާނީ ކީއް ހެއްޔެވެ؟ ސަލާމަތަށް އެދި އަތް ދިއްކޮށްލާނެ އެކަކު ވެސް ނެތެވެ.ކުޑަ ހިނދުކޮޅެއްގެ ތެރޭ ގެއްލެން ނުވާނެކަމަށް ގަބޫލުކުރި ހުރިހާ އެއްޗެއް ގެއްލި ނިމިއްޖެއެވެ. އަހަރެންގެ ދިރިއުޅުން ކަޅު ވިލާތަކުން ބަނަކޮށްލީއެވެ. ދިރިއުޅުމުގައި ކުރި ފޮނި އުއްމީދުތައް ވިއްސި ވިހައިލެވުނީއެވެ .ބޮޑުބޭބެ ހެވިލާފައި އެމީހާއަށް އަތް ދިއްކޮށްލިއެވެ. އިސާހިތަކު ފައްސަތޭކައިގެ ނޫޓުތަކުން އެ އަތް ބަރާކޮށްދީފިއެވެ. އާނއެކެވެ. އަހަރެމެންނަކީ މުވައްޒަފުން ކަމުގައި ހަދައި ބޮޑުބޭބެ އެ ހިންގީ އަމިއްލަ ކުންފުންޏެކެވެ. ކަސްޓަމަރގެ ރޯލް އަދާ ކުރީ ރުޤްޔާކުރާ މީހާއެވެ.އަހަރެންގެ ސިކުނޑި ހަމައިން ނެއްޓިއެވެ.ބޮޑުބޭބެ ކުރެން އަހަރެން ކުރީ އެންމެ ސުވާލެކެވެ. "ކީއްވެ؟؟" މިއެވެ.

"މި ވީހާ ދުވަހެއް ވަންދެން ކަލޭމެންނަށް ކާނެ އެއްޗެހި ދީ، ކޮޓަރި ކުލި ދައްކާ ހެދީ އަހަރެން..އެ ހުރިހާ ހަރަދެއްގެ ބަދަލު އަހަރެން ވެސް ބޭނުންވާނެތާ..ކަލޭމެން ހީކުރީ މަމީ މުއްސަންޖެއްކަމަށްތަ؟ މީ އަހަރެން ބޭނުންވި ގޮތް.. މިކަން ކުރަން ކަލޭގެ މަންމައަށް ސިހުރު ހެދީ ވެސް އަހަރެން...މި ވިޔަފާރިކޮށްގެން މަށަށް މަންފާ ލިބޭ.." ބޮޑުބޭބެއޭ އަހަރެންނަށް ކިޔުނު އިންސާނާ ޖަވާބު ދީފައި ނުކުމެގެން ދިޔައީއެވެ.

އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަފަދައެވެ.އެއީ ހާދަ ނުބައި ޔަހޫދީ އިންސާނެކެވެ. މިވަރު ބޮޑު އަނިޔާއެއް ނުދީ، ކަލޭމެންގެ ބުރަ ދެން ތިމަންނާއަށް ނުއުފުއްލޭނޭ ބުނިނަމަ މާ ރަނގަޅުވީހެވެ. މިގޮތަށް ކަންތައް ކުރަން އޭނާއަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟ އިންސާނުންގެ ސިފައިގައި ޖަނަވާރުން އުޅޭކަން މިއަދު އެނގިއްޖެއެވެ. އަހަރެންގެ ސިކުނޑި ސުމަކަށް ދިޔައެވެ. މޮޔަވަނީހެން ހީވިއެވެ. އަހަރެންގެ އަމާޒަކަށްވީ ރުޤްޔާކުރުމުގެ ނަމުގައި އަނިޔާވެރިވި ނުލަފާ މީހާއެވެ. އަތުގައި އޮތް ވަޅި އޭނާގެ ކަރަށް އަހަރެން ހަރައިލީ އެއްވެސް ޖެހިލުމެއް ނެތިއެވެ. ހިނދުކޮޅެއްގެ ތެރޭގައި އޭނާގެ ފުރާނަ ނެތް މަސްގަނޑު ތަޅުންމައްޗަށް ވެއްޓުނެވެ. އަހަރެން ދުވަމުން މަގުމައްޗަށް ނުކުތީމެވެ. ބޮލަށް ބަރުވިއެވެ. މުޅިތަން އެނބުރުނެވެ.

މަޑު ބީހުމެއްގެ އިހުސާސެކެވެ. އޭނާ އެހުރީ އަހަރެންނަށް ދަހިވެތިވެފައެވެ.ސިއްސައިގެން ގޮސް ހޭލެވުނެވެ.މީ ކޮންތަނެއް ހެއްޔެވެ؟ ކައިރީގައި ތިބީ ފުލުހުންގެ 3 ބޭފުޅުންނާއި ޑޮކްޓަރެވެ. ޖެހިގެން އޮތް އެނދުގައި އޮތީ މަންމައެވެ.އަހަރެން މިއޮތީ ހޮސްޕިޓަލްގައިކަން އެނގުނެވެ.ކަން ހިނގައި ދިޔަ ގޮތް އަހަރެން ކިޔައިދިނީމެވެ. ނަމަވެސް އަހަރެން މިއީ ކުށްވެރިއެއްކަން ފުލުހުންގެ ޓީމުން ތަކުރާރުކޮށް ބުނަމުން ދިޔައެވެ. ގަސްތުގައި މީހަކު މަރައިފިނަމަ އުމުރަށް ޖަލަށް ނުވަތަ 25 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ކުށްވެރިއަކީ އަހަރެން ކަމުގައިވެ، ސިއްކަ ޖެހުނެވެ. ހަގީގަތް ވަނީ ސިލް ޖެހި ތަޅުލެވިފައެވެ. ކުށަކީ މީހަކު މެރުމެވެ. ސިހުރު ހެދުމަކީ ކުށަކަށް ނުވިއެވެ. އެކަން ކުރި މީހާ ވެސް ނުހޯދުނެވެ. ފިލީކަމުގައި މީޑިޔާތަކުން ރިޕޯޓު ކުރެއެވެ. އެ ދުވަހަށް ފަހު އަހަރެން ހޭދަކުރަމުން މިދަނީ ޖަލުގައެވެ.އަހަރެންނަށް ހައްގު، ނަމަވެސް ހައްގުނޫން އަދަބެއް ލިބިގަންނަމުން އަންނަތާ މިއަދަށް 8 އަހަރުވީއެވެ. އަދިވެސް އަހަރެންގެ ހަޔާތަށް މަދުން ނަމަވެސް ރުޤްޔާކުރާ މީހާ އާދެއެވެ. ހުވަފެނުގައެވެ. ބައެއް ފަހަރު ހިޔާލަށެވެ. ލޮލުގެ ކުރިމަތީގައެވެ.ލޯބިވާ މަންމަ ދުނިޔެދޫކޮށް ދިޔައިރު އަހަރެން އޮންނަން މިޖެހުނީ މި ގޮޅީގައެވެ. ހާލުދެކިލާކަށް އެއްވެސް މީހަކު ނާދެއެވެ. ހިތާމައާ ހިތްދަތިކަމުގައި އަހަރެންގެ އުމުރު ހުސްވަންދެން މިތަނުގައި ހޭދަކުރާނަމެވެ. މިކެހިވެރި ހިޔަނީގައި އުމުރު ހުސްކުރާނަމެވެ.ޒަމާން ބަދަލުވެ، ކުށުގެ އަދަބު ތަންފީޒުކުރުމުގައި އިންސާފު ގާއިމުކުރާނެ ދުވަހެއްގެ އިންތިޒާރުގައި ނިކަމެތި އަހަރެން ވެސް ހުރީމެވެ.

.ނިމުނީ..

ނޯޓް: މިއީ މި ރަމަޟާން މަހަށް "ދެން"އިން ހުޅުވާލި ކުރުވާހަކަ ލިޔުމުގެ މުބާރާތަށް ހުށަހެޅި ވާހަކައެކެވެ. މިވާހަކަ ލިޔެފައިވަނީ ފާތިމަތު ރާޔާ ރައޫފްއެވެ. ވާހަކަ ހުށަހެޅުމަށް، [email protected] އަށް މެއިލް ކުރައްވާށެވެ

Ads by Ooredoo
  1. ގެނެސް ދިނުން ރަނގަޅު. އެކަމަކު މިއަށްވުރެއް ނިމުން ރީތިކޮށްލެވުނީސް ކަންނޭނގެ.