Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ދީން

ހިދާޔަތް: ފިރިމީހާ އިތުރު ކައިވެންޏެއް ކުރުމުން ވަރިއަށް އެދެވިދާނެތަ؟

ހިދާޔަތް: ފިރިމީހާ އިތުރު ކައިވެންޏެއް ކުރުމުން ވަރިއަށް އެދެވިދާނެތަ؟
ފިރިންނަށް އިތުރު ކައިވެނި ކުރުމަށް ހުއްދަ އޮތުން، މިއީ އަޅުގަނޑުމެން ދިވެހީންގެ ތެރެއިން ގިނަ އަންހެނުންނަށް ރުހެވޭ ކަމެއް ނޫނެވެ. ފިރިމީހާއަކީ ކިތަންމެ އިޚްލާސްތެރި ރަނގަޅު މީހެއް ކަމުގައިވީ ނަމަވެސް، އިތުރު އެހެން މީހަކާ އޭނާ ކައިވެނި ކުރަން ގިނަ އަންހެންކަނބަލުންނަކަށް ނުރުހެވެއެވެ. އެކަން އޭނާ ކުރުން ހުއްޓުވުމުގެ މަޤްސަދުގައި ބައެއް އަންހެން ކަނބަލުން ބުނެފައިވާ ބަހަކީ، އިތުރު މީހަކާ ކައިވެނި ކުރަންވާނީ ތިމަންނާ ވަރިކޮށްފައި ކަމަށެވެ. ބައެއް ކަނބަލުން އެ މީހުންގެ ފިރިމީހާ އިތުރު ކައިވެންޏެއް ކޮށްފިކަން އެނގުމުން ވެސް ވަރިއަށް އެދެއެވެ. "ދެން" އިން މި ރަމަޟާން މަހަށް ޚާއްސަ ކޮށްގެން ގެނެސްދޭ "ހިދާޔަތް" ޕްރޮގްރާމުގައި ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަތީފް ވަނީ މި މައުޟޫއަށް ވާހަކަ ދައްކަވާފައެވެ. ޑރ. ޢިޔާޟް ވިދާޅުވީ ކުޅަދާނަކަން ލިބިގެންވާ ފިރިހެނުންނަށް އިތުރު އިތުރު އަނބިންނާ ކައިވެނި ކުރުމުގެ ޙައްޤު ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ ދެއްވާފައި ކަމަށެވެ. "ކީރިތި ޤުރްއާނުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ އާޔަތެއްގެ މާނައިގައި ވަނީ، އަންހެނުންގެ ތެރެއިން ތިމާ ހިތް އެދޭ މީހުންނާ (ދެ މީހުންނާ ވިޔަސް، ތިން މީހުންނާ ވިޔަސް އަދި ހަތަރު މީހުންނާއި ވިޔަސް) ކައިވެނި ކުރާށެވެ. އެހެންވީމަ އެއް އަނތްބަށްވުރެ ގިނަ އަނބިން ގެންގުޅުމުގެ ކުޅަދާނަކަން ހުރި ފިރިހެނަކު ކަމުގައި ވަނީ ނަމަ އެމީހަކަށް އިސްލާމްދީނުގައި ދެއްވައިފައިވާ ހުއްދައެއް އެއީ އިތުރު އަނބިންނާ ކައިވެނި ކުރުން" ޑރ. ޢިޔާޟް ވިދާލުވިއެވެ. ޑރ. ޢިޔާޟް ވިދާޅުވީ މިގޮތަށް އިސްލާމް ދީނުގައި އިތުރު އަނބިންނާއި ކައިވެނި ކުރުމުގެ ހުއްދަ ދެއްވައިފައި ވަނީ ވެސް ވަރަށް ގިނަ ސަބަބުތަކަށްޓަކައި ކަމަށެވެ. "އޭގެތެރެއިން އެންމެ މުހިންމު އެއް ސަބަބަކީ (ޚާއްސަކޮށް ފަހު ޒަމާނަށް އައިސްފައި) ފިރިހެނުންނަށްވުރެ އަންހެނުންގެ އަދަދު ގިނަވުން. އެހެންކަމުން ކޮންމެ ފިރިހެނަކު އެންމެ އަންހެނަކާ ކައިވެނި ކޮށްގެން ހުންނަންވެއްޖެ ކަމުގައި ވަނީ ނަމަ ބައިވަރު އަންހެނުން ފިރިން ނެތިފައި، އެމީހުންނަށް އަޅައިލާނެ މީހަކު ނެތިފައި، ބިކަ ވެފައި ހުންނަން ޖެހިދާނެ. މިކަހަލަ ބައިވަރު ސަބަބުތަކަށްޓަކައި އަންހެން ކަނބަލުންނަށް އެހީތެރިވުމުގެ ގޮތުން އިސްލާމްދީނުގައި ދެއްވައިފައިވާ ހުއްދައެއް އެއީ ކުޅަދާނަކަން ލިބިގެންވާ ފިރިހެނުންނަށް އިތުރު އަނބިންނާއި ކައިވެނި ކުރުމުގެ ހުއްދައަކީ" ޑރ. ޢިޔާޟް ވިދާޅުވިއެވެ. މީގެއިތުރުން ޑރ. ޢިޔާޟް ވިދާޅުވީ ފިރިމީހާ އިތުރު މީހަކާ ކައިވެނި ކުރުމަކީ އިންސާނެއްގެ ހައިސިއްޔަތުން އަންހެނުންނަށް ވަރަށް ހިތްދަތިކަން ލިބޭނެ ކަމެއް ކަމަށެވެ. އެކަން އެންމެން ވެސް ޤަބޫލު ކުރަން ޖެހޭނެ ކަމަށާއި ފުރަތަމަ ކޮޅުގައި ވަރަށް ހިތްދަތި ކަންތައްތަކާ ދިމާވާނެކަން ވެސް ޑރ. ޢިޔާޟް ފާހަގަ ކުރެއްވިއެވެ. އެކަމާމެދު ނަފްސާނީ ގޮތުން ވެސް ބަލި ވެދާނެ ކަމަށާއި އެހެން ނަމަވެސް ޤަބޫލު ކުރަން ޖެހޭނެ ކަމަކީ މި ކަމަކީ މާތް ﷲ ހުއްދަ ދެއްވާފައިވާ ކަމެއް ކަމަށާއި ﷲ އާއި އެކަލާނގެ ރަސޫލާ (ޞޢވ) އެއްވެސް ގެއްލުމެއް ވާނެ ފަދަ ކަމަކަށް ނުވަތަ އެއްވެސް ނުބައެއް އެކަމުގައި އެކުލެވިގެންވާނެ ކަމަކަށް ހުއްދައެއް ނުދެއްވާނެކަން ކަމަށް ވެސް ޑރ. ޢިޔާޟް ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން ފަހަރެއްގައި ވެސް ވަރިއަށް އެދުން އެއީ ހުއްދަ ވެގެންވާ ކަމެއް ނޫން. މަޤްބޫލު އުޛުރަކާ ނުލައި ފިރިމީހާގެ ގާތުން ވަރިއަށް އެދިއްޖެ އަންހެން މީހާއަށް ސުވަރުގޭގެ ވަސް ވެސް ނުފެންނާނެ ކަމަށް ނުވަތަ އޭނާ މައްޗަށް ސުވަރުގޭގެ ވަސް ޙަރާމް ވެގެންވާކަން ކީރިތި ރަސޫލާ (ޞޢވ) ވަނީ އެކަލޭގެފާނުގެ ޙަދީޘް ބަސްފުޅުގައި ބަޔާން ކުރައްވާފައި
މިކަމުގައި ވީހާވެސް ބޮޑަށް ކެތްތެރިވާން ޖެހޭނެ ކަމަށާއި ކެތްތެރިކަން ދެއްވުން އެދި މާތް ﷲ ޙަޟްރަތަށް ދުޢާ ކުރަން ވެސް ޖެހޭނެ ކަމަށް ޑރ. ޢިޔާޟް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް