ރިޕޯޓް

ދުނިޔޭގެ ތަރިކައިގެ ދުވަސް، މިއަހަރުގެ ޝިއާރަކީ "މުއްސަނދި މާޒީތަކަކުން: ތަފާތު ކުރިމަގުތަކަކަށް"

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
ހއ. ކެލާ ލިލީހައުސް (ފޮޓޯ: ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު)

1982 ވަނަ އަހަރުގައި ބޭއްވުނު ޔުނައިޓެޑް ނޭޝަންސް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (ޔުނެސްކޯ) ގެ ޢާއްމު ބައްދަލުވުމުގައި ނިންމުނު ގޮތަށް، ކޮންމެ އަހަރެއްގެ 18 އޭޕްރީލް ފާހަގަ ކުރެވެމުން އަންނަނީ ދުނިޔޭގެ ތަރިކައިގެ ދުވަހުގެ ގޮތުގައެވެ. އިންޓަރނޭޝަނަލް މޮނިއުމެންޓް އެންޑް ސައިޓްސް ޑޭ ނުވަތަ ވޯލްޑް ހެރިޓޭޖް ޑޭގެ ގޮތުގައެވެ. މިހިނގާ 2021 ވަނަ އަހަރުގެ ތަރިކައިގެ ދުވަހަށް ކަނޑައެޅިފައިވާ ޝިއާރަކީ "މުއްސަނދި މާޒީތަކަކުން: ތަފާތު ކުރިމަގުތަކަކަށް" ނުވަތަ "ކޮމްޕްލެކްސް ޕާސްޓްސް: ޑައިވަރސް ފިއުޗަރ" އެވެ.

Ads by STELCO

މިދުވަހާ ގުޅޭގޮތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ މުއްސަނދި ތާރީޚާއި ސަޤާފީ ތަރިކައަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިމަގު ބިނާ ކުރުމަށް ލިބިފައިވާ އަގު ނުކުރެވޭ ފަދަ ނިޢުމަތެއް ކަމަށާއި، އިޤްތިޞާދީ ކުރިއެރުމާއި، ފަހި މުސްތަޤްބަލެއް ބިނާކުރުމުގައި ސަޤާފީ ތަރިކައިގެ މުހިއްމު ދައުރެއްވާ ކަމަށެވެ.

ދުނިޔޭގެ ތަރިކައިގެ ދުވަހުގެ މުނާސަބަތުގައި ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު އަލްފާޟިލާ ޔުމްނާ މައުމޫން ދެއްވި މެސެޖުގައި ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އަރިސް ކުރަމުން ވަޒީރު ޔުމްނާ މައުމޫން ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ އެކި އަތޮޅުތަކަށާއި ރަށްތަކަށް ބަލާއިރު ދިވެހީންގެ ސަގާފީ ތަރިކައިގެ މުއްސަނދިކަމާއި ތަފާތުކަން ދޭހަވާ ކަމަށާ، ތަރިކައިގެ ތެރެއިން ފެންނާން ހުރި ބިނާތަކާއި، އިހުގެ ތާރީޚާއި ގުޅިފައިވާ އެކިއެކި ތަކެތި މި ރާއްޖޭގެ އެކި ހިސާބުތަކުގައި ފެންނާން ހުރީ އެކި ރަށްރަށަށް، އަދި އަތޮޅަކަށް ވެސް ޚާއްސަ ސިފަތަކާ އެކުގައި ކަމަށެވެ. އަދި އަޅުގަނޑުމެންގެ މުއްސަނދި މާޒީތަކުން އައިސްފައިވާ ސަގާފީ ތަރިކަތައް ކުރިމަގުގެ ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. ސަގާފީ ފަތުރުވެރިކަމުގެ މުހިންމު ކަމަށް ވެސް މިނިސްޓަރު ޔުމްނާ ވަނީ މި މެސެޖްގައި އަލި އަޅުއްވައިލައްވައިފައެވެ.

މިވަގުތު ވެސް އެކި ރަށްރަށުގައި ހުރި އާސާރީ ބިނާތައް މަރާމާތުކޮށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މައުލޫމާތު ދެއްވައެވެ. މީގެތެރޭގައި ހއ. ކެލާ ލިލީހައުސް އަދި ތ. ކިނބިދޫ މާލޫދު ހަރުގެ ހިމެނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!