ދީން

ހިދާޔަތް: ސިނގިރޭޓު ހަރާމް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސިނގިރޭޓު ބުއިމަކީ އަޅުގަނޑުމެންގެ މުޖުތަމަޢުން ވެސް އަދި އެ ނޫން މުޖުތަމަޢުތަކުން ވެސް ވަރަށް އާންމުކޮށް ފެންނަ މަންޒަރެކެވެ. ތަފާތު އެކިއެކި ވަސީލަތްތައް ބޭނުން ކޮށްގެން ވެސް ވަރަށް ގިނަ ބަޔަކު މި ނުބައި ޢަމަލު ކުރެއެވެ.

Ads by STELCO

އާންމުންވެފައިވާ މި ނުރަނގަޅު އާދައާ ބެހޭގޮތުން ދީނީ ނަޒަރަކުން ވާހަކަ ދައްކަވަމުން "ދެން" އިން ގެނެސްދޭ "ހިދާޔަތު" ޕްރޮގްރާމުގައި ދީނީ ޢިލްމުވެރިޔާ ޝައިޚް ފަޒްލޫން މުހައްމަދު ވިދާޅުވީ، ސިނގިރޭޓު ބުއިމަކީ އިސްލާމްދީނުގެ ނަޒަރުގައި ކޮންކަހަލަ ކަމެއްތޯ، އަޅުގަނޑުމެން ވިސްނާލަން ޖެހޭ ކަމަށެވެ.

"އެގޮތުން ޢިލްމުވެރިން ވިދާޅުވެފައި ވަނީ ސިނގިރޭޓު ބުއިމަކީ ޙަރާމް ވެގެންވާ ކަމެކެވެ. ކީރިތި ޤުރްއާނުގައި މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވަނީ 'ތިޔަބައިމީހުންގެ އަމިއްލަ އަތްތަކުން ތިޔަބައި މީހުންގެ ނަފްސުތައް ހަލާކުގެ ތެރެއަށް އެއްލައި ނުލާށެވެ.' މީގެ އިތުރުން އެހެން އާޔަތެއްގެ މާނައިގައި ވެސް ވަނީ 'ތިޔަބައި މީހުންގެ ނަފްސުތައް މަރައި ނުލާށެވެ. ގަތުލު ނުކުރާށެވެ. ﷲ އީ ތިޔަބައިމީހުންގެ މައްޗަށް ރަޙީމްވަންތަ އިލާޙު ކަމުގައި ވޮޑިގެންވެއެވެ.' އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު (ޞޢވ) ގެ ހަދީޘް ބަސްފުޅެއްގެ މާނައިގައި ވަނީ، 'ގެއްލުން ދިނުމެއް ވެސް ނުވެއެވެ. އަދި ގެއްލުން ލިބިގަތުމެއް ވެސް ނުވެއެވެ.' މިފަދައިންނެވެ." ޝައިޚް ފަޒްލޫން ވިދާޅުވިއެވެ.

ޝައިޚް ފަޒްލޫންގެ ވާހަކަފުޅުގައި ވިދާޅުވީ، ސިނގިރޭޓު ބުއިމަކީ ޙަރާމް ކަމެއް ކަމުގައި ޢިލްމުވެރިން ވިދާޅުވަނީ މި ދަލީލުތަކަށް ބިނާކޮށް ކަމަށެވެ.

ނަމަވެސް ހިތާމައަކީ އަޅުގަނޑުމެންނާއި މިފަދަ މާތް މަތިވެރި މައްސަރެއް ބައްދަލުކޮށްފައިވާއިރު ވެސް ބައެއް މީހުން އެބަ އިންތިޒާރު ކުރަމުންދޭ ރޯދަ ވީއްލާ ވަގުތުގައި (ރަސޫލާ ޞޢވ ގެ ސުންނަތުން ސާބިތުވެފައިވާ ފަދައިން ކަދުރު އޮށަކުން ނުވަތަ ފެނުން ރޯދަ ވީއްލުމުގެ ބަދަލުގައި އެބައިމީހުން ރޯދަ ވީއްލުމަށްޓަކައި) ސިނގިރޭޓެއް ހިފައިގެން އެ ބުއިމަށް ތައްޔާރުވޭ

މިއީ އަޅުގަނޑުމެން އެކަމާމެދު ފިކުރު ކޮށްލަން ޖެހޭ ނުރައްކާތެރި ކަމެއް ކަމުގައި ޝައިޚް ފަޒްލޫން ވިދާޅުވިއެވެ.

ސިނގިރޭޓު ބުއިމުން އެކުލެވިގެންވާ އެހެން ނުރައްކާތެރި ކަންތައްތަކަކީ ފަހަރެއްގައި އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ ހެޔޮ ޢަމަލުތައް ބާތިލު ވެގެން ގޮސް، އުޚްރަވީ ޙަޔާތުގައި އަބާއްޖަވެރިންގެ ތެރޭގައިވުން އެކަށީގެންވާ ކަމެއް ކަމަށް ވެސް ޝައިޚް ފަޒްލޫން ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!