ރިޕޯޓް

ސަރުކާރަށާއި ޕާޓީގެ މެމްބަރުންނަށް ދޭ ހަމަލާތައް އިތުރު ވަނީ ، ރައީސް ނަޝީދުގެ ގުޑުވާލުމެއް!

ދެން އެމްވީ ، ދެން އޮންލައިން

ލޯކަލް ކައުންސިލް އިންތިޚާބުގައި ވެރިކަން ކުރާ އެމްޑީޕީއަށް އެ ޕާޓީގެ "ހިތް" ގެއްލުމާ ވިދިގެން ރައީސް ނަޝީދު އެކަން އޮއްބައިލެއްވީ މުޅީން ތަފާތު ވާހަކައަކުންނެވެ. އެއް ފަރާތްވެ ވަޑައިގެން ހުންނަވަން ބޭނުންފުޅު ނުވާ ކަމަށާއި ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރައްވައި ބޮޑު ވަޒީރަކަށް ވެވަޑައިގަންނަވާން ބޭނުންފުޅުވާ ކަމަށް ރައީސް ޞާލިޙަށް ދެންނެވީއެވެ.

Ads by MWSC

ރިޔާސީ އަދި ބަރުލަމާނީ ނިޒާމުގެ މައުޟޫއު ހުޅުވައިލެއްވުމާއެކު ސިޔާސީ މައިދާން މި ވަނީ ކިލަނބުވާން ފަށައިފައެވެ. ނުވަތަ ކިލަނބުކޮށްލާން ފަށައިފައެވެ. ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ރިފެރަންޑަމް ވޯޓްގައި ބަރުލަމާނީއަށް ތާއީދު ކުރެއްވި އެމްޑީޕީގެ އާންމު މެމްބަރުން ވަނީ މި މައުޟޫގައި ކަފި ވެފައެވެ. އެ ޕާޓީގެ ގްރާސް ރޫޓުން ފެށިގެން މަތީ ފަޑިއާ ހަމައަށް ވެސް ވަނީ މި ޚިޔާލުގައި ދެ ބައިވެ ، އެއް ބަޔަކު އަނެއް ބަޔަކަށް ޖެއްސުން ކުރުމާއި ތުރާ ކުރުމުގެ ހައިޖާނުގަނޑެއް ފެށިފައެވެ. މިކަން ސާބިތު ވަނީ މިދިޔަ ހަފްތާގައި ޕީޖީ ލީޑަރު އަމިއްލަފުޅަށް ވީ އިޢުތިރާފުންނެވެ. ރައީސް ނަޝީދުގެ ފެކްޝަނުން ރައީސް ޞާލިޙްގެ ފެކްޝަނަށް ދިން މެސެޖުންނެވެ. "މިއަދު ވެސް ވާނެ ފަނިއަރުވާލާން" ކަމަށް މަޖިލީހުގައި ވިދާޅުވި ބަސްފުޅުންނެވެ.

އެއް ހަފްތާގައި ބޮޑު ދެ ހައިޖާނު 

ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފްތާގައި ކުރި އެއް މަސައްކަތަކީ ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށް ޓަކައި އެމްއެމްއޭން ދަރަނި ނެގޭ ގޮތަށް މަޖިލީހުން މިދިޔަ އަހަރު ދިން ހުއްދައިގެ މުއްދަތު އިތުރު ކޮށްދިނުމަށް ސަރުކާރުން އެދުނު އެދުމާމެދު ގޮތެއް ނިންމުމެވެ.

މި މައްސަލަ ތަޅުމަށް ހުށަހެޅުމުން މިކަން ބަލައި ދިރާސާ ކުރުމަށް މަޖިލީހުން ވަގުތީ ކޮމިޓީއެއް ނެގުމަށް ރ.އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުށަހެޅުއްވިއެވެ. މުޙައްމަދު ރަޝީދު ހުށަހެޅުއްވި ވަގުތީ ކޮމިޓީގެ މި ލިސްޓްގައި ހުރިހާ ޕާޓީއެއްގެ މެމްބަރުން ހިމެނޭ ގޮތަށް ރައީސް ޞާލިޙްގެ ފެކްޝަނަށް ނިސްބަތްވާ ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒް ހިމެނެއެވެ.

މުޙައްމަދު ރަޝީދުގެ ލިސްޓަށް މަރަދޫ ދާއިރާގެ މެމްބަރު އަދި ރައީސް ޞާލިޙަށް ތާއީދު ކުރައްވާ އިބްރާހީމް ޝަރީފް ތާއީދު ކުރެއްވުމާއެކު ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ އެ ލިސްޓުން ނާޝިޒް އުނިކޮށް މުޙައްމަދު ރަޝީދުގެ ނަން ހުށަހަޅުއްވައިފައެވެ. އާޒިމްގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ޙުސައިން ޝަހީމް (އަނދުން ޙުސައިން)އެވެ.

މި ތާއީދާއެކު މުޙައްމަދު ރަޝީދު ވަނީ އޭނާގެ ހުށަހެޅުން އަނބުރާ ގެންގޮސްފައެވެ. އަދި އަލީ އާޒިމްގެ ހުށަހެޅުން ވަނީ 49 ވޯޓާއެކު ފާސްވެފައެވެ. މި ވޯޓަށް ފަހު ރައީސް ޞާލިޙަށް ވަފާތެރި ރޮޒައިނާ އާދަމް ، ހިނގައިދިޔަ ކަންތަކަށް ޖަވާބު ދެއްވީ މުޅީން ތަފާތު ކޮށެވެ. ތުނބެއް އަނގަޔަށް ޖައްސަވައިގެންނެވެ.

މަޖިލީހުގައި އެއް ފެކްޝަން އަނެއް ފެކްޝަނަށް ރައްދު ކުރި ހަމަލާތަކާއެކު މީސްމީޑިއާގައި އުފެދުނު ހައިޖާނުގަނޑަށް ފަހު ދެން ވެސް ފެނުނީ ދެ ފެކްޝަނެއްގެ ކުރިމަތި ލުމެކެވެ.

ރައީސް ނަޝީދު ވިދާޅުވާ "ބްރޯ''ގެ ބޭބޭފުޅު އިބްރާހީމް އިސްމާއީލަށް ބަދަލުގެ ގޮތުގައި 15 މިލިއަން ދިނުމަށް ދައުލަތުން ސިވިލް ކޯޓްގައި އެއްބަސްވުމުން ސަރުކާރު ހިންގާ ޕާޓީގެ ޕީޖީ ލީޑަރު އަދި ރައީސް ނަޝީދު ފެކްޝަންގެ ޢަލީ އާޒިމްގެ އިތުރުން މަޖިލީހުގެ އެހެން ބޭފުޅުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އަލީ އާޒިމް މިކަން ސިފަކޮށް ވިދާޅުވީ، ރައްޔިތުން އަނގަ އާއި އަތާ ދިމާ ނުވެ ތިއްބައި ބޮޑުންނަށް މިލިއަނުން ފައިސާ ދިނުމަށް ކުރާ ކަމެއްގެ ގޮތުގައެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ، ސަރުކާރާއެކު ވެފައިވާ އެއް ބަސްވުމަކާ ޚިލާފަށް ސަރުކާރުގެ އިމާރާތެއް ހުރި ތަނަކުން މީހަކު ނެރުމުން ނަގައިދޭ ބަދަލު ވެގެން މިދިއައީ އެއަށް ވުރެ ބޮޑު ބިމެއް ގަނެލުމުގެ އަގަށް ކަމަށެވެ. އަދި މިކަން ސަޅި ނޫން ކަމަށް ވެސް އިންތި ވިދާޅުވިއެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވި ގޮތުގައި ތިމާގެ އަނބިފިރިންނަށް ވަލުދޮރާށިން ވަޒީރުކަން ބަހައިދޭން އެދޭ މީހުންނާއި، ބަންދު ކޮޓަރިއެއް ތެރެއިން ފަޅު ރަށްތައް ބަހައި ހުސްކޮށްލަން އެދޭ މީހުންނާއި، ބޮޑެތި ނުހައްޤު އަދަދުތަކުން ބަދަލުގެ ނަމުގައި ދައުލަތުން ފައިސާ ނަގަން އެދޭ މީހުން، މިހާރު މި އޮތް ނިޒާމު ބަދަލުވާން ނޭދޭނެ ކަމަށެވެ.

ކުލަވަމުންދާ މަންޒަރުތަކަށް ބަލާއިރު ރައީސް ނަޝީދު ބޮޑު ވަޒީރަކަށް ވެވަޑައިގަތުމަށް ފާޅު ކުރެއްވި ޝުއޫރާއި ރައީސް ޞާލިޙް ދެއްވި ޖަވާބަށް ފަހު އެމްޑީޕީގެ ތެރެއަށް ވަނީ ގުޑުމެއް އައިސްފައެވެ. ދެ ފެކްޝަންގެ ކޯޅުން ވަނީ ކުރިއަށް ވުރެ މައްޗަށް ޖެހިލާފައެވެ. އެއްކޮޅުން ބަދަލުގެ ގޮތުގައި މިލިއަނުން ފައިސާ ނަގަމުންދާއިރު އަނެއްކޮޅުން ބުނަމުން އެ ދަނީ މަޖިލީހުގައި ބޭނުންހާ ސަކަރާތެއް ނުޖެހޭނެ ކަމަށެވެ. ޖަލްސާ "ފަނި އަރުވާލާނެ" ކަމަށެވެ.

Ads by PNC
  1. ޖުހާ

    ޜައީސް ނަޝީދު އަކީ ސަކުޑި ހަމަޖެހޭ ބޭފުޅެށްނޫން އަޅުގަޑަށްފެނޭ ނަޝީދު ސިކުޑީގެ ޑޮކްޓަރަކަށް ދައްކާ ޓެސްޓހަދަންހެދުމަށްފަހު ސަކުޑިހަމަނުޖެހެންނާ ގުރައިދޫގަ ހުންނަ މަރުކަޒަށް ގެންދަން މިގޮތަށް ހެދުމުން ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެށް ލިބޭނެ

  2. ޙަޔޔަރުކުރެ ނަސިދު