ކޮވިޑް-19: ތިނަދުއަށް އަރައި ފޭބުން މަނާކޮށް، މޮނީޓަރިންގަށް ލައިފި

ގދ. ތިނަދޫގައި ވެސް ކޮވިޑް-19 ގެ ކްލަސްޓާއެއް އުފެދުމާ ގުޅިގެން އެ ރަށަށް އަރައި ފޭބުން މަނާކޮށް، މޮނީޓަރިންގަށް ލައިފިއެވެ.
ތިނަދޫ މޮނީޓަރިންގަށް ލައިފައި މިވަނީ އެ ރަށުގައި ކަރަންޓީނުގައި ނެތް މީހަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެންނެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ އެ ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން އެ ރަށަށް އަރައި ފޭބުން މަނާ ވާނެ ކަމަށެވެ.
ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ ފައްސިވެފައި ވަނީ ހޯމް ކަރަންޓީނުގައި ހުއްޓައި އިއްޔެ ފައްސިވި ފަރާތެއްގެ ޑައިރެކްޓް ކޮންޓެކްޓެއް ކަމަށެވެ.
މީގެ އިތުރުން އެ ހޮސްޕިޓަލުން ބުނީ 22 އެޕްރިލް 2021 ވަނަ ދުވަހު ނެގި ހޯމްކަރަންޓީން ރިލީޒް ދެ ސާމްޕަލެއް ކޮވިޑް-19 އަށް ފައްސި ވެފައިވުމުން، ކޮންޓެކްޓް ޓްރޭސިންގައި ފާހަގަވި ފަރާތްތަކުގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓެއްގެ ސާމްޕަލެއް ކޮވިޑް-19އަށް ފައްސި ވެފައިވާ ކަމަށެވެ.
އެހެންކަމުން ހުރިހާ ބޭފުޅުން ވެސް ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއެކު މާސްކް އެޅުމަށް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސް ކޮށްފައެވެ.
އަދި ކޮންޓެކްޓް ޓްރޭސިންއާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކުރައްވަން ބޭނުންފުޅު ނަމަ ތިނަދޫ ކޮވިޑް ހޮޓްލައިން ނަންބަރު 7934641 އާ ގުޅުއްވައި މައުލޫމާތު ހިއްސާ ކުރެއްވުމަށް ވެސް ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އެދިފައިވެއެވެ.
ކޮވިޑްގެ ފައްސި އަދަދުތައް އަނެއްކާ ވެސް މައްޗަށްދާ މި ދަނޑިވަޅުގައި އިއްޔެ ވެސް 218 މީހަކު މި ބައްޔަށް ފައްސިވެފައިވެއެވެ. މިހާރު ރާއްޖެއިން މުޅިއަކު 27،621 މީހުން ވަނީ ކޮވިޑަށް ފައްސި ވެފައެވެ.