މީހުން ދެން ފުރަމަލަ

އާތިފާ މިސްގެ މޮޓޯއަކަށްވި ބައްޕަގެ ނަސޭޙަތް: މިއަދު ދަރިވަރުންގެ ތަރުބިއްޔަތާ ގުޅިފައި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ގިނަ ދަރިވަރުންނެއްގެ ލޯބި ހޯއްދަވާފައިވާ އާތިފާ މިސް

"ފިނިފެންމަލެއްގެ ދާނުގައި ތަޢުލީމް ޙާޞިލެއް ނުކުރެވޭނެ ، ނަމަވެސް، ހިތްވަރާއެކު ކިޔެވީމާ ފަހުން އޭގެ ފައިދާ ލިބޭނެ"

Ads by Hajj Corporation

މިއީ ހއ.މާރަންދޫ ކުރީގެ ކަތީބު އޭނާގެ ދަރިފުޅަށް ދެއްވި އަގުހުރި ނަސޭޙަތް ކޮޅެކެވެ. މިއަދު ވެސް ކަންފަތުގައި މި ބަސްކޮޅު ހަރުލައިފައިވާ ކަނބަލަކީ ކިޔަވައިދިނުމުގައި އެތައް ޖީލަކަށް ޚިދުމަތް ކޮށްދެއްވައިފައިވާ އަދި މިހާރު ވެސް ޚިދުމަތް ކޮށްދެއްވަމުން އަންނަ އާތިފާ ޒަކަރިއްޔާ ނުވަތަ އާތިފާ މިސްއެވެ.

އާތިފާ މިސްއަކީ ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުގެ އެއް ތަނބެވެ. އެ ސުކޫލުގެ އެތައް ދަރިވަރުންގެ ކިބައިން ކެރުމާއި އިސްނެގުން ނެރެދެއްވި އިސްވާރެކެވެ. ދަރިވަރުންގެ ކިބައިގައި ދިވެހި، މޮޅު ބަސްމޮށުންތެރިކަން އަށަގެންނުވި މާހިރެކެވެ. އެތައް ދަރިވަރުންނެއް މަންމައެއް ފަދައިން ލޯބިވާ ، މަންމައަށް ދޭ ފަދަ ލޯބި ދޭ މުދައްރިސާއެކެވެ. އިލްމުގެ ނޫރާނީ ގަސްތަކުން ފޮޅުނު މާމެލާމެލިން ހުވަނދުލައި މީހުން ބިނާކުރަމުން އަންނަ އެދުރެކެވެ.

ދިވެހި ގަޑި ނޫން ގަޑިއެއްގައި އާތިފާ މިސްއާ ބައްދަލު ކޮށްލެވުނީތީ ވަރަށް އުފާ ކުރީމެވެ. ދެއްވި ވަގުތުކޮޅަށް ޓަކައި ޝުކުރު އަދާ ކުރަމެވެ.

ނަމޫނާ ބައްޕައެއްގެ ނަމޫނާ ދަރިއެއް!

އާތިފާ މިސްގެ އާއިލާގައި ތިބެނީ ހުސް އަންހެން ކުދިންނެވެ. އަންހެން ކުދީންނަށް ތައުލީމް ދިނުމަކީ އިސްކަން ދޭން ޖެހޭ ކަމެއްގެ ގޮތުގައި ބެލެވިފައި ނެތް ދުވަސްވަރެއްގައި އާތިފާ މިސް އުފަންވެ ބޮޑުވަމުން އައި ނަމަވެސް އާތިފާ މިސްގެ ބައްޕައަކީ އެ ވިސްނުމާ މުޅީން އިދިކީލަ ބޭފުޅެކެވެ. އަންހެން ކުދިންނެއް ކަމަކު ކިޔަވައިދޭން ޖެހޭނެ ކަމަށް އާތިފާ މިސްގެ ބައްޕަ ގަބޫލު ކުރެއްވިއެވެ.

ރަށުގެ މުދިންކަމާއި ކަތީބުކަން ކުރެއްވި ބައްޕަގެ ފިޔަވަޅުތަކުގެ ދަށުން އާތިފާ މިސް ވެސް ބޭނުންވީ އުފަން ރަށަށް ހިދުމަތެއް ކޮށްދޭށެވެ. ބައްޕަގެ ގަބޫލުކުރުންތަކާއެކު ތައުލީމީ ހަޔާތް ނިންމަވާލެއްވުމަށް ފަހު އާތިފާ މިސް މަސައްކަތްކުރަން ފެށީ ރަށުގައެވެ.

އަތޮޅުގެ ކުރިއަރައިފައިވާ ދެ ރަށް ކަމަށްވާ ހޯރަފުއްޓާއި ދިއްދޫގައި ތައުލީމު ހާސިލުކުރުމަށް ފަހު 9 އަހަރުގެ އާތިފާ މާލެ އައިސް ތައުލީމް ހާސިލް ކުރީ މާލޭ އިންގްލިޝް ސުކޫލުންނެވެ. މަދަރުސީ ދައުރު ނިންމައި އެނބުރި ރަށަށް ވަޑައިގަތުމުގެ ކުރީން ޕްރައިމަރީ ޓީޗިންގެ ކޯހެއް ހެއްދެވިއެވެ. ރަށަށް ވަޑައިގަތުމާއެކުހެން އާތިފާ މިސްއަށް ކުރިމަތިލާންޖެހުނީ ބޮޑު އިމްތިހާނަކާއެވެ. ޅަ އުމުރުގައި ސުކޫލެއްގެ ހިންގެވުމާ ހަވާލުވެ އުފުއްލަވަން ޖެހުނު ޒިންމާ ބޮޑެވެ. ނަމަވެސް ހަގު އުމުރެއްގައި ޕްރައިމަރީ ޓީޗަރެއްގެ ވަޒީފާ އަދާކުރައްވަމުން، ސުކޫލު ހިންގެވުމުގެ މަސްޢޫލިއްޔަތު ފުރިހަމަ ކުރިހަމަ ކުރައްވަމުން ނަމޫނާ ދެއްކެވިއެވެ.

"ސުކޫލު ދައުރު ނިންމާލާފަ އެންމެ ފުރަތަމަ ވެސް ވަޒީފާއަށް ނިކުތީ ވަރަށް ބޮޑު މަސްއޫލިއްޔަތަކާއެކީ. އެހެންވީމާ ގޮންޖެހުމަކަށްވި. ހިންގެވުމާއެކީގަ އަދި ކިޔަވައިދޭން ވެސް ޖެހުނު. އެ ދުވަސްވަރަށް ބަލާއިރުގަ ވަސީލަތްތައް ވަރަށް މަދުވާނެ. އިތުރަށް ކުރިއަށްދާނެ އަދި މައުލޫމާތު ހޯދާނެ ގޮތެއް ނޯންނާނެ، ލައިބްރަރީއެއް ނުހުންނާނެ. ހަމަ އޭރުގަ އެނގިފަ ހުރި އެއްޗެހި ހުންނާނީ ބޭނުން ކުރަން."

ބޮޑު މަސްއޫލިއްތެއް އަދާކުރަން ލިބުނު ނަމަވެސް އިތުރަށް ކިޔަވައި ދާއިރާއިން އިތުރަށް ކުރިއަށް ދާން އާތިފާ މިސް ބޭނުންވިއެވެ.  އޮންލައިން ކޮށް ކިޔަވާ ޒަމާން ނޫން ކަމުން ވަޒީފާ ދޫކޮށްލައި އަނެއްކާ ވެސް ޖެހުނީ އެނބުރި މާލެ ދާށެވެ. ސަބަބުތައް ބައިވަރެވެ. އިތުރަށް ކިޔަވައި އަމިއްލަ ނަފްސު ތަރައްގީކޮށް ކުރިއެރުވުމެވެ. އެފަދަ ކަންކަމުގެ ފުދުންތެރިކަން ރަށުގައި ނެތުމެވެ.

އާތިފާ މިސްގެ ބައްޕަ އޭނާ އުރައިގެން

ކިޔަވައިދިނުމުގައި 22 އަހަރު؛ ގޮންޖެހުންތައް ގިނަ

ދިވެހި މާއްދާއިން ސެކަންޑަރީ ޓީޗިން ކޯސް ފުރިހަމަކޮށް 2001 ވަނަ އަހަރުން ފެށިގެން އާތިފާ މިސް ވަޒީފާ އަދާކުރަން ފެށީ މާލޭގައެވެ. 6 އަހަރު ދުވަހު އަމީނިއްޔާ ސުކޫލުގެ ސާނަވީ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. އަދި މާއްދާ ކޯޑިނޭޓަރުގެ މަސްއޫލިއްޔަތުގެ އިތުރުން ދިވެހި ކްލަބު ވެސް ހިންގެވިއެވެ.

2009 ވަނަ އަހަރު ދިވެހި ބަހުގެ ޑިގްރީ ހާސިލްކުރައްވައި އާތިފާ މިސް ދެން މަސައްކަތް ކުރަން ފެއްޓެވީ އިމާދުއްދީން ސުކޫލުގައެވެ. އިމާދުއްދީނުގައި ވެސް މާއްދާ ކޯޑިނޭޓަރުގެ ޒިންމާ އުފުއްލެވިއެވެ. އިމާދުއްދީންގައި މަސައްކަތްކުރި ދުވަސްވަރު ތާރީޚު ކްލަބް "ދުއްލިސާ" ހިންގެވުމާ ހަވާލުވެ ހުންނެވިއިރު، ދަރިވަރުން ގޮވައިގެން ކާށިދޫއަށް ކުރި ދަތުރަކީ އާތިފާ މިސްގެ ހަނދާނުން ފޮހެނުލެވޭނެ ދަތުރެކެވެ.

އާތިފާ މިސް މިހާރު މަސައްކަތް ކުރައްވަމުން އަންނަ ވިލާ އިންޓަނޭޝަނަލް ހައި ސުކޫލާ ގުޅިވަޑައިގަތީ 2011 ވަނަ އަހަރުގައެވެ.

ކިޔަވައިދިނުމުގެ ދާއިރާގައި އާތިފާ މިސް 22 އަހަރު ހޭދަކުރެއްވިއިރު ދިމާވި ގޮންޖެހުންތައް ވެސް ބައިވަރެވެ. އޭގެތެރެއިން އެންމެ ބޮޑަށް ފާހަގަ ކުރެއްވި އެއް ކަމަކީ އަލަށް ވަޒީފާގެ މާހައުލަށް ނިކުތްއިރު ރަށުގެ މާހައުލާ މާލޭގެ މާހައުލުގެ ތަފާތުވުމެވެ. މާލެއިން ތައުލީމު ހާސިލުކުރުމަށް ފަހު ރަށުގައި ކިޔަވައިދިނުމަށް ދިމާވި ގޮންޖެހުންތައް ގިނައެވެ. ކުއްޖަކު ތަރުބިއްޔަތު ކުރުން އެއީ ހަމައެކަނި މުދައްރިސުންގެ ޒިންމާއެއް ކަމަށް ރަށު މީހުން ގަބޫލު ކުރާ ކުރުން އެއީ އާތިފާ މިސްއަށް ބަލައިގަންނަ އުނދަގޫވި ކަމެކެވެ.

އާތިފާ މިސް ފާހަގަ ކުރެއްވި ގޮތުގައި އެއިރު މުދައްރިސުންނަކީ ރަށްރަށުގައި ވަރަށް ބޮޑަށް "ބަނދެވިފައި" ތިބޭ ހުރިހާ އެންމެންގެ ވެސް ނަޒަރު ހުއްޓިފައިވާ ބައެއްގެ ގޮތުގައެވެ.

"ހުރިހާ އެންމެންގެ ވެސް ނަޒަރު ހުއްޓޭ ފަރާތެއް އޭނާއަކީ. އެހެންވީމާ އޭނަ ޖެހޭ އޭނާގެ ކަންކަން ވަރަށް ރަނގަޅުވާން. ނަމޫނާ ޝަޚްސިއްޔަތެއް ހަގީގަތުގަ ބުނާނަމަ. މީހުން ވަރަށް އިހުތިރާމް ކުރާ، ބަލައިގަންނަ، ކަންތައްތަކުގެ ނަމޫނާއެއްގެ ގޮތުގަ ނަގާ މީހެއް އެއީ. ވަރަށް ޒިންމާދާރު މީހެއް އެއީ، ރަށެއްގަ އެކުދިން ތަރުބިއްޔަތު ކުރުމާ މިކަން ކަން މާލެއާ ތަފާތު"

"ބާކީއެއް ނުކުރާނަން، އެއްވެސް ދަރިވަރަކީ ގޯސް ދަރިވަރެއް ނޫން"

22 އަހަރުގެ ދިގު މުއްދަތުގައި އާތިފާ މިސްއަށް ކުރެވުނު ތަޖުރިބާތައް ގިނައެވެ. އެތައް ހާސް ކުދިންނަށް އުނގަންނައި ދެވިއްޖެއެވެ. އެތައް މުދައްރިސުންނަކާއެކު މަސައްކަތް ކުރެވިއްޖެއެވެ. ކާމިޔާބުކަމާއެކު އުމުރުގެ ބޮޑު ބައި މި ދާއިރާގައި ހޭދަކުރެވުމުގައި ވެސް ސިއްރުތަކެއްވެއެވެ. އެގޮތުން އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އާތިފާ މިސް ފާހަގަ ކުރެއްވި ކަމަކީ އެއްކުއްޖަކާ އަނެއް ކުއްޖަކު ތަފާތު ނުކުރުމެވެ. ކުދިން ލޭބަލް ނުކުރުމެވެ. ކުދިން ބާކީ ނުކުރުމެވެ.

އާތިފާ މިސް ފާހަގަކުރެއްވީ މި ދާއިރާގައި މަސައްކަތްކުރާ އެންމެން ވެސް ވަރަށް ވިސްނާލަން ޖެހޭ ކަމެކެވެ. ކްލާހެއްގައި ދަރިވަރުން އައިސް ތިބެނީ އެކި އާއިލާތަކުން، އެކި ހާލަތްތަކުގެ ކުދިންކަން ދެނެގަނެގެން ކިޔަވައިދިނުމެވެ. ކުއްޖަކު ގޯސްކޮށް ކަމެއް ކުރާނަމަ އެކުއްޖާ އެހެން އުޅޭ ސަބަބަކާ މެދު ވިސްނާލުން މުހިންމުކަމެވެ.

މުދައްރިސް ކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުން ވިސްނާލަންޖެހޭ ކަމެއް އެއީ ތަފާތު އާއިލާތަކުން އައިސް ތިބޭ ކުދިންކަން ކިޔަވަން މި ތިބެނީ، އެހެންވީމަ އެކި ކުދިން ސަމާލުކަން ބޭނުންވާނީ އެކި ވަރަށް . އަސްލު އަހަރުމެންނަށް ކުއްޖާއަށް ބަލާލާފަ އެކުއްޖާގެ އަސްލު ހާލަތެއް ނޭނގޭނެ ، އެއީ ވަރަށް ވިސްނަން ޖެހޭ ކަމެއް.

މީގެ އިތުރުން އެންމެ މުދައްރިސަކާއި ކުއްޖަކާ ދޭތެރޭ ހިނގާ ކަމަކުން ކުއްޖާއަކީ ވަކި ކަހަލަ ކުއްޖެއް ކަމަށް ކަނޑަނޭޅުމެވެ. މިފަދަ އެއް ހާދިސާ އާތިފާ މިސް ހިއްސާ ކުރެއްވިއެވެ. ގޯސް ކުއްޖެއްގެ ގޮތުގައި ސުކޫލުގައި ލޭބަލްވެފައިވާ ކުއްޖަކު ކުރާ ކަންކަން މައްސަލައެއްގެ ގޮތުގައި ނުހަދާ، އެކުއްޖާއާ ރީއްޗަށް ވާހަކަ ދެއްކުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ އެކުއްޖާ ވެސް އަލުން ދިވެހި މާއްދާއަށް ހިތް ޖެހިގެން ދިއުމެވެ. އެކުއްޖާ މުޅިން ބަދަލުވެ، ސުކޫލު ނިމިގެން ވެސް މުދައްރިސަށް ވަރަށް އިހުތިރާމް ކުރާ ކުއްޖަކަށް ވެގެން ދިއުމެވެ.

"އެހެންވީމާ އެ ދުވަހު ވިސްނުނު ހަގީގަތުގައި އެހެން ޓީޗަރަކު އަދި ކުއްޖަކާ ބެހޭ ގޮތުން ދައްކާ ވާހަކައަކީ އަހަރެން އެކުއްޖާއާ މެދުގައި ގޮތް ނިންމަން ޖެހޭނެ ކަމެއް ނޫނޭ. އެއީ އަސްލުގައި ވަރަށް ހަނދާނުގައި ހުންނަ ތަންކޮޅެއް. އެ ހާދިސާ ހިތުގައި އޮވޭ އަބަދުވެސް"

ވިލާގައި ކުރައްވަނީ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ މަސައްކަތެއް

ކިޔަވައިދިނުމުގެ ދާއިރާގައި ބޮޑު ބައެއް އާތިފާ މިސް ހޭދަކުރެއްވީ މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ވިލާ އިންޓަނޭޝަނަލް ހައި ސުކޫލުގައެވެ. ވީއައިއެޗްއެސްގައި މަސައްކަތް ކުރާތާ 10 އަހަރު ފުރުމާ ގާތްވެފައިވާއިރު އެ ސުކޫލުގައި މަސައްކަތް ކުރައްވަނީ ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގެންކަން އާތިފާ މިސް ފާހަގަ ކުރެއްވިއެވެ.

އެކަމުގެ ސަބަބުތަކުގެ ތެރެއިން ފުރަތަމަ ކަމަކަށް އާތިފާ މިސް ފާހަގަ ކުރެއްވީ ދަރިވަރުންނަށް ޓަކައި ކުރާ ބުރަ މަސައްކަތް ސުކޫލުގެ މެނޭޖުމަންޓުން ބަލައިގަތުމެވެ. ކުރާ ކޮންމެ ކަމަކީ ސުކޫލުގެ ދަރިވަރުންނަށް ލާބަހުރި ކަންތައްތަކެއްކަން ގަބޫލުކޮށް ދަރިވަރުންނަށް ފައިދާވާ ހުރިހާ ކަމެއްގައި ސުކޫލުގެ ފުރިހަމަ އިތުބާރާއިި އެއްބާރުލުން ލިބުމަކީ އެންމެ ބޮޑު ސަބަބުކަމަށް އާތިފާ މިސް ވިދާޅުވިއެވެ. އަދި އެއީ މަސައްކަތް ކުރަން ލިބޭ އިތުރު ހިތްވަރެއް ކަމަށް ފާހަގަ ކުރެއްވިއެވެ.

ވިލާ އިންޓަނޭޝަނަލް ހައި ސުކޫލުގެ މާހައުލަކީ ކިޔަވައިދިނުމަށް ފަސޭހަ މާހައުލެއް ކަމަށް ވެސް އާތިފާ މިސް ވިދާޅުވިއެވެ. ކްލާސްރޫމުގެ އެރޭންޖުމަންޓުތަކުން ފެށިގެން ގޮސް ސުކޫލުގައި ގާއިމްވެފައިވާ ވަސީލަތްތަކުގެ ސަބަބުން ވެސް ދަރިވަރުންނަށް ކިޔަވައިދިނުމަށް ފަސޭހަ ވެއްޓެއްގެ ގޮތުގައި ވިލާ ފާހަގަ ކުރެއްވިއެވެ.

"ދަރިވަރުންނަށް ވެސް ވަރަށް އުނގެނެން ފަސޭހާ މާހައުލެއް. ދެން މި ސުކޫލުގެ ވެއްޓަށް ބަލާލިކަމުގައި ވީނަމަވެސް ވަރަށް ހިތްފަސޭހަ މާހައުލެއް. ދެން އެންމެ ބޮޑު އެއް ސަބަބެއް އެއީ މި ކުރާ ކަންކަން ބަލައިގަންނަކަން. އެ ހިތްހަމަޖެހުން."

މީގެ އިތުރުން ދިވެހި މާއްދާއަކީ ވެސް މުހިންމު މާއްދާއެއްކަމަށް ސުކޫލުން ދެކި، ދަރިވަރުންގެ ބަސް ކުރިއެރުވުމަށް ކުރާ މަސައްކަތްތަކަށް އެހީވެ ބަލައިގަތުމަކީ ވެސް ވީއައިއެޗްއެސްއަށް އާތިފާ މިސް އޮތް ލޯބި އިތުރުކޮށްދިން ކަމެކެވެ.

އާތިފާ މިސް ޕޯސްޓް ގްރެޖުއޭޓާއި ބަހާއި ސަގާފަތުގެ މާސްޓާސް ނެންގެވީ ވެސް ވީއެޗްއައިއެސްގައި މަސައްކަތް ކުރައްވަމުންނެވެ. މިހާރު އުންމީދު ކުރައްވަނީ އަވަސް މުސްތަޤުބަލެއްގައި ޕީއެޗްޑީ ވެސް ހާސިލުކުރުމެވެ.

ވީއައިއެޗްއެސްގެ ސަގާފީ ދަތުރުގެ ތެރެއިން

އަމިއްލަ ދިރިއުޅުމަށް ވަގުތު ނެތަސް ޝަކުވާއެއް ނެތް

ކިޔަވައިދިނުމަކީ ބުރަ މަސައްކަތެކެވެ. އެތައް ސަތޭކަ ދަރިވަރުންނެއްގެ ތައުލީމާއި ތަރުބިއްޔަތުގެ ޒިންމާ އުފުލުމަށް ނުވަތަ އެކަމަށް ތައްޔާރުވުމަށް އެތައް ގަޑިއިރެއް ހޭދަކުރަން ޖެހެއެވެ. އާތިފާ މިސް މި ހުރިހާ ބުރައެއް އުފުލައްވަނީ އެއްވެސް ޝަކުވާއެއް ނެތިއެވެ. މި ބުރަ މަސްއޫލިއްޔަތަކީ މިހާރު އާތިފާ މިސްގެ ހަޔާތުގެ އެއްބައެވެ. ސުކޫލުން ބޭރުން ގޭގައި ވެސް ދަރިވަރުންގެ ކަންކަމަކީ އަބަދުވެސް ވިސްނައި ފިކުރު ކުރެވޭ ކަންކަމެވެ. ކާމޭޒު މައްޗަކީ ވެސް ހަމައެކަނި އާއިލީ ކަންކަމުގެ މައްޗަށް ވާހަކަ ދައްކާލުމުގެ ބަދަލުގައި ދަރިވަރުންގެ ކަންކަން ހައްލު ކުރުމަށް ވެސް ވާހަކަ ދައްކާލެވޭ މަޝްވަރާގެ މޭޒެކެވެ.

"ހަމައެކަނި ކްލާހުން ނިކުތީމަ ނިމުނީކީ ނޫން. އޭގެ އިތުރުން އަނެއް ދުވަހަށް ދާންވާއިރަށް ފިލާވަޅުތައް ރޭވުމާ އެކަމަށް ތައްޔާރުވުމާ، ކުދިން ނިންމާފަހުރި މަސައްކަތްތައް މާކު ކުރުމާ. ހަގީގަތުގައި ބުނަންޏާ ގެއަށް ދިޔަސް ކުދިންނެއް ވިސްނުމަކުން ނުދާނެ. ސުކޫލުން ނިމުނަކަސް އަދި އެކަމަކުން ނުނިމޭ، އަމިއްލަ ދިރިއުޅުމުގަ ވެސް އެ މަސައްކަތުގެ ބައެއް އާދޭ"

މަސައްކަތް ކިތަންމެ ބުރަ ނަމަވެސް އާތިފާ މިސްގެ ޝަކުވާއެއް ނެތެވެ. ޖީލެއް ބިނާކުރުމުގެ ބުރަ މަސްއޫލިއްޔަތު ބޮލުގައި އެޅުއްވުނީތީ އުފާ ކުރައްވައެވެ. ކުރާ މަސައްކަތްތައް ކުރަނީ ކުރާ ހިތުންނެވެ. ހިތްހަމަޖެހިގެންނެވެ.

އެތައް އަހަރެއް ވަންދެން ކުރަމުން އަންނަ ބުރަ މަސައްކަތުގެ ފޮނިކަން ކިޔަވައިދިން ކުދިން ހިދުމަތުގެ ދާއިރާއިން ފެނިގެން ދިއުމުން އާތިފާ މިސްއަށް ލިބެއެވެ. ސަރުކާރުގެ މުވައްސަސާތަކުގައި ކިޔަވައިދިން ދަރިވަރުން މަސައްކަތްކުރާތަން ފެނުމަކީ ގައުމަށް ހިދުމަތެއް ކޮށްދެވިއްޖެ ކަމުގެ އިހުސާސު ވާ ކަމެއް ކަމުގައި އާތިފާ މިސް ވިދާޅުވިއެވެ.

އުނގެނުމާއި އުގަންނައިދިނުން ހުއްޓައެއްނުލާ؛ ލިޔުމުގެ ދާއިރާއިން ވެސް އާތިފާ މިސްގެ ގަލަން

ދިވެހި ބަސް ކިޔަވައިދިން ނަމަވެސް ޝައުގުވެރިކަން ބޮޑަށް ހުންނަނީ ބަހާއި ތާރީޚާ ގުޅުން ހުރި ކަން ކަމަށް ކަމަށް އާތިފާ މިސް ވިދާޅުވިއެވެ. އާތިފާ މިސް މާސްޓާސް ވެސް ހައްދަވައިފައި ވަނީ ބަހާއި ސަގާފަތުންނެވެ. މި ދާއިރާއިން ތަފާތު އެކި ދިރާސާތައް ކުރައްވަމުން އަންނައިރު، ކޮލެޖު ޔުނިވާސިޓީތަކުގައި ވެސް އަންނަނީ މި ދާއިރާއާ ގުޅުންހުރި ބައެއް ކްލާސްތައް ނަންގަވަމުންނެވެ.

ކިޔަވައިދިނުމަށް އޮތް ލޯބީގެ އިތުރުން އާތިފާ މިސްގެ ޝައުގުވެރިކަން ވަނީ އެހެން ކަމަކަށް ވެސް ދަމައިގެންފައެވެ.

ކޮވިޑް-19ގެ ފުރަބަންދުގެ ދުވަސްވަރު އުފަން ރަށުގެ ތާރީޚާ ގުޅުން ހުރި މައުލޫމާތުތަކެއް ލިޔުއްވަން ފެއްޓެވުމާއެކު އާތިފާ މިސްގެ އެ ޝައުގު ވަނީ އިތުރުވެ ފުޅާ ވެފައެވެ. މުޅިން އަލަށް ލިޔުމުގެ ދާއިރާއަށް ވެންނެވި އާތިފާ މިސް މިހާރު ތައުލީމީ ލިޔުންތަކުގެ އިތުރުން ވާހަކަ ވެސް ލިޔުއްވައެވެ. އަދި އޭގެ ލިޔުއްވުންތައް މިހާރު އޮންލައިން ނޫހެއްގައި ވެސް ޝާއިއު ކުރަމުން ގެންދެއެވެ.

އާތިފާ މިސް ލިޔުއްވާ ލިޔުންތައް އަމާޒު ކުރައްވާ ގިންތިއަކީ ކިޔަވައިދޭ ދަރިވަރުންނެވެ. ދިވެހި ބަހަކީ ވެސް މުއްސަނދި ބަހެއްކަން ލިޔުންތަކުގެ ޒަރީއާއިން ދަރިވަރުންނަށް އަންގައިދިނުމަކީ އޭގެ އެއް މަގުޞަދެވެ.

"ކުދިން އަބަދުވެސް ބުނާނެ މި ބަހުގެ ނެތޭ މުއްސަނދިކަމެއް، ބުނަންވާ އެއްޗެއްސެއް ނުބުނެވެޔޭ، ޝުއޫރުތައް ހާމައެއް ނުކުރެވެޔޭ. އެކަމަކު މިސް އެކުދިންނަށް ހާމަކޮށްދޭން ބޭނުންވޭ ނޫނެކޭ އެބަ ބުނެވެޔޭ، ލިޔެވެޔޭ، އެކަންކަން ކުރެވެޔޭ. އެހެންވީމަ ވީވަރަކުން އެހެން ބަސްބަހުގެ އަސަރު ނުފޯރާނެހެން ލިޔުންތައް ލިޔެ އެކަންކަން ކުރެވޭތޯ ބަލަނީ" އާތިފާ މިސް ވިދާޅުވިއެވެ.

އާތިފާ މިސް ދެންއަށް އިންޓަވިއު ދެއްވަނީ

އާތިފާ މިސް ވަނީ އަމިއްލަ ލިޔުއްވުންތަކުން ، ދިވެހި ބަސްކޮށާރުގެ މުއްސަނދިކަން ދަރިވަރުންނަށް ދައްކަވައިދެއްވައިފައެވެ.  އާތިފާ މިސްގެ އެތައް ލިޔުމަކުން ހިތަށް ގެނެސްދިން ފިނިކަމާއި ނަފުސަށް ގެނެސްދިން ތާޒާކަން ބުނެދޭން އުޅޭހެން ހީވެއެވެ.

ތައުލީމް ހާސިލް ކުރުމަކީ ފިނިފެންމަލުގެ ދާނުގައި ކުރެވެން އޮތް ކަމެއް ނޫނެވެ. ހިތްވަރާއެކު ކިޔެވީމާ ދެން އެ ކުރެވޭ އިހްސާސަކީ މާ ފޮނި އިހްސާސެކެވެ.

  1. އަމްނާ

    ހަމަ މިސާލީ ބޭފުޅެއް️️️.

  2. ބެސްޓް ️