އޭލެވެލް އިމްތިހާނުގެ އެއްވެސް ކަރުދާހެއް ރާއްޖެއިން ލީކުވެފައެއް ނުވޭ: އެޑިޔުކޭޝަން

ރާއްޖޭގައި މިހާރު ކުރިއަށްދާ އެޑެކްސެލް އިންޓަރނޭޝަނަލް އޭލެވެލް (އައި.އޭ.އެލް) އިމްތިޙާނުގެ ސުވާލު ކަރުދާސްތަކުގެ ތެރެއިން އެއްވެސް ކަރުދާހެއް ރާއްޖެއިން ލީކުވެފައި ނުވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިހެން ވިދާޅުވެފައި ވަނީ މިހާރު ކުރިއަށްދާ އޭއެސް/އޭލެވެލް އިމްތިހާނުތަކުގެ ބައެއް މާއްދާ ތަކުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް ވާހަކަ ދެކެވެމުން އަންނަ ދަނޑިވަޅެއްގައެވެ.
މިކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ އޭލެވެލްގެ ސުވާލުކަރުދާހެއް ރާއްޖޭގެ އެއްވެސް އިމްތިހާނު ސެންޓަރަކުން ލީކުވެފައި ނުވާ ކަމަށާއި ސުވާލު ކަރުދާސްތަކުގެ ރައްކާތެރިކަމަށް އަޅާފައިހުރި ފިޔަވަޅުތައް ހަމަޖެހިފައިހުރީ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.
އަދި އޭލެވެލް އިމްތިޙާނު ކަރުދާހެއް ކޮންމެވެސް ޤައުމަކުން ލީކު ވެގެން އުޅޭ ކަމުގެ ޚަބަރު އެ މިނިސްޓްރީއަަށް ލިބިފައިވާކަމަށާއި މި ވާހަކަތަކާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން ދާކަމުގައި ވެސް އެމިނިސްޓްރީން ވިދާޅުވިއެވެ.