ވާހަކަ

ކުރު ވާހަކަ: ނުފެންނަ މީހާ

ދެން އެމްވީ ، ދެން އޮންލައިން

މެންދަމުން އަލިވެ ދޭއް ޖަހަނީއެވެ. ހަލުވިކަމާއެކު އެނބުރެމުންދާ ފަންކާގެ އަޑު ނޫން އަޑެއް ނީވެއެވެ. ބިރުގަންނަނީ އެވެ. މޭ ތެޅެނީއެވެ. ހީވާ ކަހަލައެވެ. މީހަކު އަހަންނަށް ބަލަނީއެވެ. ފާރަލަނީއެވެ. ވަގުތަކަށް އިންތިޒާރު ކުރަނީއެވެ.

Ads by Hajj Corporation

***

އަހަރެން އުޅެ ބޮޑުވީ ވަރަށް ވެސް އުފަލުގައެވެ. އަރާމުގައެވެ. އަހަރެންގެ މައިންބަފައިން އަހަރެން ގެންގުޅުނީ ރަނެށް މަލެއް ފަދައިންނެވެ. އަހަރެންގެ އެންމެހާ ބޭނުންތައް ވަގުތުން ވަގުތަށް ފުއްދައިދެއެވެ. ވާނީ ވެސް އެހެންތާއެވެ. އަހަންނަކީ އެމީހުންގެ ހުރި ހަމައެކަނި ދަރިއެވެ. އަހަރެންގެ އުމުރުން ވިހި އަހަރު ފުރެން ދެން މާ ގިނަ ދުވަހެއް ވެސް ނެތެވެ. އެކަމާ އަހަރެން ހުރީ ވަރަށް ފޫހި ވެފައެވެ. ވިހި އަހަރު ވާތީއެވެ. ބޮޑު ކުއްޖަކަށް ވާތީއެވެ. "ޓީން އޭޖް" ގެއްލި ދާތީއެވެ. ޒިންމާތައް އުފުލަން ޖެހޭނެތީއެވެ. ހައްތަހާ ވެސް ސަބަބުތަކެވެ. އަބަދު މަންމައާއި ބައްޕަ އާއެކު ނޫޅެވޭނެކަން ވެސް އަހަންނަށް އެނގެއެވެ. ކޮންމެވެސް ދުވަހަކުން ވަޒީފާއަށް ވެސް ދާންޖެހޭނެއެވެ. އަމިއްލަ ފައި މައްޗަށް ތެދުވަން ޖެހޭނެއެވެ. ހުރިހާ ކަމެއް އެނގެއެވެ. ހިސާބަށްވުރެ އަހަރެން މާ ކަންނެތީއެވެ.

"ދަރިފުޅާ ނިހާ.. އަދިވެސް ނުހޭލަނީތަ؟.. މިހާރު ކިހާއިރެއް ތިހެން އޮންނަތާ.. ދެން ތެދުވޭ!." ރަނގަޅަށް އަލި ނުވިލެނީސް މަންމަގެ އަޑު ގޭތެރޭ ގުގުމާލާނެއެވެ. ދެން ހަމަހިލާ ނިދާކަށް ނޯވެވޭނެއެވެ. މޯޅިއަކަށް ދެމިލުމަށް ފަހު، މި ހޭލީއޭ ގައިމު މަންމައަށް އިވޭނެ ވަރަށް ބާރަށް ބުނީމެވެ. ތެދުވަން އުޅުނީމެވެ. ނުތެދުވެވުނެވެ. އަތުގައި ވަރު ނެތީއެވެ. މާގިނައިރު ނިދުނީކަމަށް ބަލައި، އިރު ކޮޅަކު އޮށޯވެލީމެވެ. ފޭސްބުކް ބަލާލަން ހިތަށް އެރިއެވެ. ފޯނެއް ނުނެގުނެވެ. ކުރިއަށްވުރެ އަތުގައި ވަރު ނެތްހެން ހީވެފައި ބަރުހެލިހެން ހީވިއެވެ. އަޅައެއް ނުލަމެވެ. ކުއްލިއަކަށް އަހަންނަށް އަހަރެންގެ ކަރުގައި ހިފުނެވެ. އަހަރެން ހިފީއެއް ނޫނެވެ. ނުފެންނަ މީހެއް އަހަރެން ލައްވާ ކުރުވީއެވެ.

ހާސްވިއެވެ. ނޭވާ ކުރުވިއެވެ. ހިފަހައްޓާލާފައި ހުރިލެއް ބާރުކަމުން އެހީއަށް އެދި ގޮވައެއް ނުލެވުނެވެ. ގައިމު ދެލޯ މެރިމެރި ހުއްޓާ ކަރުން އަތް ދޫކޮށް ލެވުނެވެ. ކެއްސަމުން މަޑުމަޑުން ދެއަތުން ކަރުގައި ފިރުމާލެވުނެވެ.

"ދަރިފުޅާ! ކިހިނެއްވީ! ހާދަ ވަރަކަށް ކެއްސަނީ..؟" ބާރުބާރަށް ދޮރު ހުޅުވާލުމަށް ފަހު، ހާސްވެ ހުރެ މަންމަ ބުންޏެވެ. އަހަންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ޚުދު އަހަންނަކަށް ވެސް ދެންމެ ވީ ގޮތެއް ނޭނގުނެވެ. ބުނާނެ އެއްޗެއް ނޭނގިފައި އިންދާ މަންމައަށް އަހަރެންގެ ކަރު ފެނުނެވެ. ސުވާލުތައް އޮއްސާލިއެވެ. އަހަރެން ކިޔައިދޭން ފެށީމެވެ. ދެލޯ ބޮޑުވެފައި މަންމަ އަހަންނާ ދިމާއަށް ބަލަން އިނެވެ. ހީވީ ބިރެއް ފެނިގެން އިންހެނެވެ. ”ދަރިފުޅާ! ތީ އާދައިގެ ކަމެއް ނޫން. ކޮންމެވެސް އެހެން ކަހަލަ ކަމެއް އެބައުޅޭ.. ބައްޕަ ކައިރީ ނަމަ ނަމަ ނުބުނާތި... އޭރަށް ބުނާނެ ނަފްސާނީ ކަމެކޭ.. ބައްޕަ އެއީ އެކަހަލަ ކަންތައް ޤަބޫލުކުރާ މީހެއް ނޫން." ބިރުން އިނދެ މަންމަ ބުންޏެވެ. "މަންމަ ބަލާނަން ފަރުވާ ކޮށްދެވޭ ކަހަލަ މީހަކު ހުރިތޯ.. ދަރިފުޅު ހާސްނުވާތި"-

***

ކުއްލިއަކަށް ޚިޔާލުން ބޭރު ވެވުނެވެ. އަނެއްކާ ވެސް އެހެންވީއެވެ. އަހަރެންގެ ބާރާ ނުލައި އަތް ހަރަކާތް ކުރަން ފެށީއެވެ. މި ފަހަރު އާދަޔާ ޚިލާފަށް އަތްތިލަ ފެށީ ތެޅެންށެވެ. އަހަންނަށް ހަދާނެގޮތް ހުސްވިއެވެ. މަންމައަށް ގޮވާކަށް ނުކެރުނެވެ. މަންމައަށް ގޮވީތީ އެ "ނުފެންނަ މީހާ" އަހަންނަށް ގޮތެއް ހަދާފާނެއެވެ. އަނެއްކާވެސް އަހަރެންގެ ހަށިގަނޑަށް ގެއްލުން ދޭން މަސައްކަތް ކޮށްފާނެއެވެ. މަރާލަން އުޅެފާނެއެވެ. އެގޮތަށް ކިތައް ފަހަރު މިހާރު މަސައްކަތް ކޮށްފި ހެއްޔެވެ. ކަރުގައި ހިފާފައެވެ. ގައިގައި ތަޅާފައެވެ.ގައިގެ އެތަންމިތާގައި ވަކި އަޅުވާފައެވެ. އަދި އެއީވެސް އަހަރެންގެ އަމިއްލަ އަތުންނެވެ.

އަހަރެންގެ މުޅި ހަށިގަނޑުން ބާރުލައިގެން އަތް ހިފަހައްޓަން ކުރި މަސައްކަތް ކާމިޔާބު ވީ ގާތްގަނޑަކަށް ބައި ގަޑިއިރު ފަހުންނެވެ.  ދެލޮލުގައި ބޮނޑި ކޮށްލެވިފައިވާ ކަރުނައިގެ ފަރުދާ ނިއުޅުވާލެވުނީ ދެނެވެ. ހިތްދަތިވެ، ހާސް ވެފައި ވީވަރުންނެވެ. އަމިއްލަ ހަށިގަނޑުގެ ނިކަމެތިކަން އިހުސާސް ވެގެންނެވެ. ބޭރަށް އަޑެއް ނުކުމެދާނެތީ ދެއަތުން ބާރަށް އަނގަ މަތީގައި އަތް އެޅީމެވެ. ހިތަށް އެރިއެވެ. ކީއްވެބާއެވެ؟ މިކަމެއްގައި އުޅޭތާ ކިހާ ދުވަހެއް ހެއްޔެވެ؟ އަހަންނަށް ފަރުވާއެއް ނެތީ ބާއެވެ؟ ރުޤުޔާ ކުރާ ކިތައް މީހުން ކައިރިއަށް ދެވިއްޖެ ހެއްޔެވެ؟ އެމީހުންނަށް ފަރުވާއެއް ހޯދުނު ހެއްޔެވެ؟ އަހަރެން މިހާލުގައި ނިމިގެން ދާންވީ ހެއްޔެވެ؟ އެ ގޮތް ނޭނގޭ މީހާ އަހަންނަށް ބޭނުންގޮތެއް ހެދިޔަދީގެން ހުންނަން ވީހެއްޔެވެ؟

"ދަރިފުޅާ ދެން ހޭލާ." މަންމަ އައިސް އަހަންނަށް ގޮވި އަޑަށް ހޭލެވުނެވެ. "ކިހިނެއްތަ މިހާރު ދަރިފުޅު؟" މަޑުމައިތިރި ކަމާ އެކު މަންމަ ސުވާލުކުރިއެވެ. "ދެން ރަނގަޅު." އަހަރެން ޖަވާބު ދިނީމެވެ. އެވަގުތު މަންމަ އަހަންނަށް ވަރަށް ލޯބިން ބަލާލިއެވެ. އަހަރެންގެ ބުރަކަށީގައި ފިރުމާލުމަށް ފަހު ނިއްކުރިއަށް ބޮސްދިނެވެ. އަދި ބުންޏެވެ. "ދަރިފުޅާ!. މަންމައަށް ހީވަނީ ދެން ބައްޕަ ކައިރީ މިވާހަކަ ބުނަންވީ ހެން.. ކިހާ ދުވަހެއް މިވަނީ.. ބައްޕައަށް ވިސްނައިދޭނީ.. ބައްޕަ ޤަބޫލުކޮށްފާނެ" އަހަރެން ބޯޖަހާލީމެވެ. އަދި ތެދުވެ ފާޚާނާއަށް ވަދެ، މޫނުދޮވެލައިގެން މަންމައާ އެކު ހެނދުނުގެ ނާސްތާ ކުރުމަށް ނުކުތީމެވެ.

ކާ ކޮޓަރިއަށް ވަންއިރު ބައްޕަ މާކުރިއްސުރެ، އަހަރެންގެ އިންތިޒާރުގައި އިނެވެ. ހީވަނީ އަހަރެން ވާހަކައެއް ބުނަން އުޅޭކަން ބައްޕައަށް އެނގިފައިވާ ހެނެވެ. "ދަރިފުޅާ، ކީއްވެތަ މިހާރަކަށް އައިސް ދަރިފުޅު މާ މާޔޫސްވެފަ ތިހުންނަނީ.. ވަރަށް މަޑުމަޑުން ހުންނަނީ ވެސް.. ބައްޕައަށް ވެސް ވަގުތެއްނުވޭ ދަރިފުޅު ކައިރީ މި ވާހަކަ އަހާލާނެ." ތެދެކެވެ. ބައްފައަށް އަހަރެން ތަޙައްމަލު ކުރަމުންދާ ވޭނެއް ނޭނގޭނެއެވެ. ބައްޕަ އެއީ ގިނަ ވަގުތު ގޭގައި އުޅޭ މީހެއް ނޫނެވެ. ބައްޕަގެ ވަޒީފާ ބައްޕައަށް އެކަމަށް ތަން ނުދެނީއެވެ." ފައިސަލް، އެވާހަކަ ދައްކަން ވެގެން އަހަރެން މި އިނީ.. ވަރަށް ދުވަސް ވެއްޖެ ބުނަން ބޭނުން ވާތާ.. ފައިސަލް ޤަބޫލް ނުކޮށްފާނެތީވެ.." މަޑުމަޑުން އިނދެ މަންމަ ބުންޏެވެ. އަދި އެއަށް ފަހު އަހަންނަށް ވަމުންދާ ހުރިހާ ކަމެއް ބައްޕައަށް މަންމަ ކިޔައިދިނެވެ. ބައްޕަ އިނީ ދެލޯ ބޮޑުވެފައެވެ. ހާސްވެފައެވެ. ހިތްހަމަ ނުޖެހިފައެވެ. ހާސްވީ އަހަންނަށް ވެދާނެގޮތަކާ މެދުއެވެ. ހިތްހަމަ ނުޖެހުނީ ބައްޕަ ގާތު އެވާހަކަ ހިއްޞާނުކުރީތީއެވެ.

ދެންވީ ހަމަ މަންމަ ބުނި ގޮތަށެވެ. ބައްޕަ އަހަރެން ނަފްސާނީ ކޮށްލީއެވެ. މަންމަ ދެއްކި އެއްވެސް ވާހަކަ އެއް ، އަދި އަހަރެން ދެއްކި އެއްވެސް ވާހަކައެއް ބައްޕަ ޤަބޫލެއް ނުކުރިއެވެ. އެގޮތުގައި ހިފައިފިއެވެ. އެންމެ ފަހުން އަހަރެން ރޮއެރޮއެ ހުއްޓާ އަހަރެން ގޮވައިގެން ވަގުތުން ހަސްފަތާލަށް ދިޔައީއެވެ. އަހަރެންގެ ފުރާނަ ސަލާމަތް ކުރުމަށޭ ބުނެފައެވެ. މަންމައެއް ނުގެންދެއެވެ. ބައްޕަގެ މަޤްޞަދަށް އެޅޭ ހުރަހަކަށް މަންމަވާން ބައްޕަ ބޭނުން ނުވީއެވެ.

ހަސްފަތާލަށް ދެވުމާ އެކު އަހަންނަށް ޖެހުނީ އެޑުމިޓު ވާށެވެ. ޑޮކްޓަރުންތައް ހާސްވެގެން ކޮޅުކޮޅުމައްޗަށް ދުވަން ފަށައިފިއެވެ. އަހަންނަށް އެގަޑީގައި އެހެންވީއެވެ. ބައްޕަ އާއި ޑޮކްޓަރުގެ ކުރިމަތީ ގައެވެ. ބިރުގަތްވަރުން ގޮސް ރޮވުނެވެ. ދެން ވާނެ ގޮތަކާ މެދު ވިސްނިގެންނެވެ. އަހަރެން މޮޔަކަމަށް ކަނޑައަޅައި އެކަހެރި ކުރާނީ ބާއެވެ؟ އަހަރެންނަށް ޢުމުރު ދުވަހުގެ ބޭސްދީ އެންމެން ކުރިމަތީ އަހަރެން ލަދު ގަންނުވާލާނީ ބާއެވެ؟ އަހަރެންދެކެ މީހުން ފޫހިވާނެއެވެ. އަހަންނާއެކު އުޅޭކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ. އަހަރެން ބާކީ ކޮށްލާނެއެވެ. މި ފަދަ ޚިޔާލުތަކެއްގައި އޮއްވާ ޑޮކްޓަރ އައިސް ވަން އަޑު އިވުނެވެ. "ނިހާ ޖެހޭނީ ޓެސްޓް ތަކެއް ހަދާލަން.. އޭރުން ވާގޮތް އަޅުގަނޑުމެނަށް އެނގޭނީ.. މި ކަހަލަ ކަމެއްވެގެން އައި ފުރަތަމަ ޕޭޝެންޓު ތީ.. ހިތްވަރުގަދަ ކުރާތި.. ރަނގަޅުވާނެ.." އެހެން ބުނުއްވާފައި ޑޮކްޓަރު ނުކުމެގެން ދިޔައެވެ.

ޓެސްޓުތައް ހެދިއްޖެއެވެ. ދުވަހަކީ ހުރިހާ ޓެސްޓްތަކެއްގެ ނަތީޖާ ލިބޭ ދުވަހެވެ. އިންތިޒާރު ކުރަމުން އައި ދުވަސް ޖެހުނީއެވެ. ބައްޕަ އާއި މަންމަ ވެސް އަހަރެން ގާތުގައި ތިއްބެވެ. ހަމަ އޭގެ އިންތިޒާރުގައެވެ. އަހަރެން ރަނގަޅުވާނެ ކަމަށް އެދި ހިތާހިތުން ދުޢާކުރާ ހާލުގައެވެ. އަހަރެންގެ ހިތް ދިޔައީ އާދަޔާ ޚިލާފު ބާރުމިނުގައި ތެޅެމުންނެވެ. ނޭވާ ކުރުވާން ފެށިއެވެ. ވަގުތު ކުޑަތަން ވަނީއެވެ. ދެންމެ ދެންމެ ޑޮކްޓަރު އައިސް ވަދެފާނެހެން ހީވާ ކަހަލައެވެ. މީ އެންމެ ފަހު ވަގުތުކޮޅެވެ. ބައްޕަ އާއި ދުނިޔޭގެ ނަޒަރުގައި އަހަރެން މޮޔަޔަކަށްވާކަށް މާގިނަ ވަގުތެއް ދެން ނެތެވެ. ލޮލުން ފޭދުނު ކަރުނަ ތިކި އަތުގެ ނުފޮށުން ފޮހެލީމެވެ. އެވަގުތު ޑޮކްޓަރު ވަދެގެން އައެވެ. އަދި ކައިރީގައި ހުރި ގޮނޑި ދަމާލުމަށްފަހު އެނދުގެ މަގަތުގައި އިށީންނެވި އެވެ. އަހަންނާއި އަހަރެންގެ މައިންބަފައިންނާ ކުރިމަތިވާ ގޮތަށެވެ. ކުޑަކޮށް ކަރު ކެހިލުމަށް ފަހު ޑޮކްޓަރު ވާހަކަދައްކަން ފެއްޓެވިއެވެ.

"މިކަހަލަ ކަމެއް އަޅުގަނޑު އަދި މީގެ ކުރިން ނުދެކެން.. ވަރަށް ގިނަ ޑޮކްޓަރުންނާ ވާހަކަ ދެއްކިން މިކަމާ ބެހޭގޮތުން.. އެހެންވެ މިހާ ގިނަ ދުވަސްވީ އެއްޗެކޭ ބުނަން ވެސް.. އެކަމަށް ނިހާޔަތަށް މަޢާފަށް އެދެން.. ނިހާއަށް ޖެހިފައި ތިވާ ބައްޔަކީ އޭލިއަން ހޭންޑް ސިންޑްރަމް.." އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެއީ ކޮން ބައްޔެއް ހެއްޔެވެ؟ ކިހިނެއްވާ ބައްޔެއް ހެއްޔެވެ؟ އަހަރެން ދުވަހަކުވެސް އަޑުއެހި ނަމެއް ވެސް ނޫނެވެ. އިތުރަށް ޑޮކްޓަރ ތަފްސީލް ކޮށްދިނެވެ. "މީ ދުނިޔޭގެ ނިސްބަތުން ވަރަށްވެސް މަދުން ފެންނަ ބައްޔެއް.. މި ބަލި ޖެހުމުން ނިހާގެ ބާރާއި ނުލާ ނިހާގެ އަތްތިލަ ހަރަކާތް ކުރާނެ.. މީގެ އެންމެ ހިތާމަ ހުރި ކަމަކީ... ނިހާގެ ސިކުނޑި ކައިރީގައި ޓިއުމަރެއް އިންކަން.. އޭގެ ސަބަބުން މި ބަލި ޖެހިފާ އެވަނީ.. ނަމަވެސް ހާސް ނުވޭ އަދި ވަގުތު އެބައޮތް.. ބޭރަށް ފޮނުވާލުމުގެ ކަންކަން އަޅުގަނޑުމެން ހަމަޖައްސަމުން މި ދަނީ.." އަހަންނަށް ރޮވެގަނެވުނެވެ. ބިރުންކަމެއް ނޭނގެއެވެ. ނޫނީ ރަނގަޅުވާނެ ފުރުޞަތު އޮތްކަން އެނގި އުފަލުން ނޫންކަމެއް ނޭނގެއެވެ. މަންމަ އާއި ބައްޕަ އައިސް އަހަރެން ގައިގައި ބައްދާލިއެވެ. ހިތްވަރު ކުރުމަށް އެދި ނަސޭޙަތް ދިނެވެ. އެމީހުންގެ ލޮލުން ވެސް ކަރުނަ ފޭދޭ ހާލުގައެވެ.

ދުވަހަކީ އަހަރެން ފުރަން ހަމަޖެހިފައިވި ދުވަހެވެ. ފުރުމަށްޓަކައި ތައްޔާރުވެގެން ޓާމިނަލް ތެރޭގައި އަހަރެން އިނީމެވެ. ކައިރީގައި މަންމަ އާއި ބައްޕަގެ އިތުރުން ހަސްފަތާހުގެ ނަރުހަކު އަހަރެންގެ އެހީތެރިއަކަށް ހުއްޓެވެ. އަހަރެން ހިތަށް އެރިއެވެ. އަހަރެން ކިހާ ނަސީބުގަދަ ހެއްޔެވެ؟ ކުޑަ ތަންކޮޅެއް ލަސްވި ނަމަވެސް އަހަރެން ސަލާމަތްވާނެ މަގު ގެއްލުނީހެވެ. އަހަރެންގެ މޮޔަކަމާއި މެދު ވެސް ވިސްނުނެވެ. ހުރިހާ ކަމަކީ ޖިންނީގެ ކަމަކަށް ހަދަން މިހާރުގެ މުޖުތަމަޢުގައި މިވަނީ އާންމު ކަމަކަށް ވެފައެވެ. ޑޮކްޓަރީ ފަރުވާއަކީ އޮންނަ ކަމެއްކަމާއި މެދު މިވަނީ ޝައްކު އުފެދިފައެވެ. އަހަންނާއި އަހަރެންގެ މަންމަ އަށްވެސް ވީ އެހެންނެވެ. އަހަރެން ހިތަށް އަރައެވެ. "ޖިންނި ފަރާތު ކަމަކުން" މި ފަނާވަނިވި ދުނިޔެ ދޫކޮށް ނިމިގެން ގޮސްފައި ކިތައް މީހުން ވާނެބާއެވެ؟

ނިމުނީ

ނޯޓް: މިއީ މި ރަމަޟާން މަހަށް "ދެން"އިން ހުޅުވާލި ކުރުވާހަކަ ލިޔުމުގެ މުބާރާތަށް ހުށަހެޅި ވާހަކައެކެވެ. މިވާހަކަ ލިޔެފައިވަނީ ނޫމާން ފާރޫޤްއެވެ. ވާހަކަ ހުށަހެޅުމަށް، [email protected] އަށް މެއިލް ކުރައްވާށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!