ވާހަކަ

ކުރު ވާހަކަ: ގާތުގައި އުމުރަށް ލޯބިން

ދެން އެމްވީ ، ދެން އޮންލައިން

މެންދަމުގެ ހަމަހިމޭންކަމުގެ ވަގުތުގައި މަޑު ހިތްގައިމު މިއުޒިކެއްގެ އަޑުން ވަނީ ހ.ހިޔާ ގޭތެރޭގެ ހަމަހިމޭންކަން ނަގައިލައިފައެވެ. ހިތްގައިމު ލަވަތަކުގެ މަންޒަރުގައި ޖެހި ފޯނަށް ބަލަން އޮތް ޝާޔާ ވެސް ދިޔާއީ މަޑުމަޑުން ނިދީގެ ތެރެއަށް ގެނބެމުންނެވެ. މިރޭ ވެސް އޭނާ އެ އޮތީ ޒައިން ގެއަށް ގޮސް ހަބަރެއް ވާނެ އިރެއްގެ އިންތިޒާރުގައެވެ. ދެމީހުންނަކީ ވެސް ތަޢުލީމު ހާސިލް ކުރަމުން ވަޒީފާ އަދާކުރާ ދެމީހުންކަމުން ދުވަސް ނިމިގެން ދާއިރު ވާހަކަ ދެއްކުމަށް އޮންނަނީ ވަގުތު ނުލިބިފައެވެ. އިންތިޒާރުގައި ގަޑި ގުނަމުން ގޮސް ނިދުނީ ކޮންއިރަކުކަމެއް ޝާޔާއަށް ވެސް ނޭނގެއެވެ.

Ads by STELCO

ފޯނު ވައިބްރޭޓްވުމާ އެކު ނިދިފައި އޮތް ޝާޔާގެ ބަރު އެސްފިޔަތައް އުފުލައިލީ ޒައިންގެ މެސެޖަކަށް އުންމީދުކޮށްގެންނެވެ. ގެޔަށް ދިއުމުގެ މަގުމަތީގައި ކަމަށާއި ދެކިލަން ބޭނުންވާ ވާހަކަ ބުނެފައި އޮތެވެ. އަވަހަށް މޫނު ދޮވެލައިގެން ބުރުގާ އަޅައިގެން ގޭގެ ދޮރުމަތީ މަޑުކޮށްލައިގެން ހުރީ ކެތްމަދުވެފައެވެ. އިސްޖަހައިގެން ފޯނަށް ބަލަން ހުއްޓައި ކުރިމައްޗަށް މީހަކު ހުއްޓުމުން އިސްއުފުލާ ބަލާލުމާއެކު ޝާޔާ ގައިން ހީބިހި ނަގައިގެން ދިޔައެވެ. މީހާ ދާހިތްލައި ތުރުތުރު އަޅަން ފެށިއެވެ. ކުރިމަތީގައި އެހެރީ ޒައިންއެއް ނޫނެވެ. އެއީ މީގެ އަހަރެއް ކުރިން އޭނާގެ ދިރިއުޅުން ވެއްޔާލާ މޮޑެލި ނުބައި އިންސާނާއެވެ. އާނއެކެވެ. ހާނިމެވެ.

މަޑުމަޑުން ފިޔަވަޅުތަކެއް ކުރިއަށް އަޅަމުން އައިސް ޝާޔާ ގޭގެ ދޮރުގައި ޖެހި ފިތުނެވެ. އޭރު ޝާޔާ ހުރީ މާނޭވާ ލެވިލެވިއެވެ. މީހާ ވަނީ ދާހިއްލާ ފޯވެފައެވެ. ހާނިމް އޭނާގެ ބިޔަ އަތް ތިލައިން ޝާޔާގެ އުނަގަނޑުގައި ހިފައި ގާތަށް ދަމާލިއެވެ. ބޮލުގައި ހިފައި އޭނާގެ ހޫނު ނޭވާ މޫނަށް އެޅޭހައި ކައިރިއަށް ގެނައެވެ. ޝާޔާ ހުރީ ބުދެއް ފަދައިންނެވެ. " ބިޓު އަންނަންދެން ދޯ". ކުރިއަށް ވުރެ ގާތްވެލައިފައި ވައިއަޑުން ކަންފަތްދޮށުގައި ބުނެލިއެވެ. އެއާ އެކު ގޭދޮރު ހުޅުވާލައި ޝާޔާ ގޭތެރެއަށް ކޮށްޕާލުމާއެކު ތަޅުން މައްޗަށް ވެއްޓެން ދިޔަ ޝާޔާއަށް އަޑުގެ ކޮޅަށް ހަޅޭލަވައިގަނެވުނެވެ.

"ޝާޔާ! ކީއްވެތަ ތިހަޅޭލަވަނީ މާބާރަށް؟ ހުވަފެނެއް ފެނުނީދޯ." ޝާޔާގެ މަންމަ ފަޒީލާ އައިސް ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. އޭރު ޝާޔާ އޮތީ ދާހިއްލާފޯވެފައެވެ. މީހާ ތުރުތުރު އަޅަމުންދެއެވެ.

"އެހެންވެ ދަރިފުޅު ކައިރީގައި މަންމަ ބުނަނީ ނިދާއިރު ކުރުސި ކިޔައިގެން ނިދާށޭ. ދެން އަވަހަށް މޫނު ދޮވެލައިގެން އާދޭ ސައިބޯން. މަންމަ ހުންނާނެ ސައި ތައްޔާރުކޮށްފަ." މިހެން ބުނެފައި ފަޒީލާ ކޮޓަރިން ނިކުންނަށް ހިނގައިގަތެވެ.

އޭނާގެ ކަޅުއަނދިރި މާޒީއަށް އަހަރެއް ވެފައިވާއިރު އަދިވެސް އިއްޔެވީ ކަމެކޭ އެއްފަދައެވެ. އެތަކެއް ޝަކުވާތަކެއް ހިތުގައި ފުނި ޖެހިފައި ވެއެވެ. އޮޅުން ފިލުވަން ބޭނުން އެތައް ސުވާލެއް އެބަހުއްޓެވެ. ނަމަވެސް ތަގުދީރުވެ ސް އެކަމަށް އިޖާބަ ނުދޭފަދައެވެ. އެ އިންސާނާގެ ސިފަ ފެނުނަސް އަމިއްލަ ނަފްސަށް ވެސް ބާރު ގެއްލޭފަދައެވެ. ހިތްވަރާއެކު ތެދުވެ ފާހާނައަށް ވަނެވެ. ލޯގަނޑުން މޫނު ބަލާލުމާއެކު މީހާއަށް އައިސްފައިވާ ބަދަލު ވަރަށް ރަނގަޅަށް އެނގެއެވެ. މަރުވުމަކީ  ވެސް އެއްއިރަކު އޭނާ ހިތަށްއަރަމުން ދިޔަ ކަމެކެވެ. ނަމަވެސް އެއީ ކޮންމެ ކަމެއްގެ ހައްލެއް ނޫނެވެ. އާއިލާގައި ހުރި ހަމައެކަނި ދަރިފުޅަށް ވާތީ އޭނާ ނެތް ދުނިޔެއެއްގައި ބިކަވާނީ ވެސް ހުދު އޭނާގެ އާއިލާއެވެ. ދިރިހުރުމުގެ ހަމައެކަނި އުންމީދަކީ އެއީއެވެ. ދެން ހުރީ ޒައިންއެވެ. ޒައިންއަކީ އޭނާއަށް އިއްތިފާގަކުން ނުވަތަ ރަޙްމަތުން ލިބުނު މީހެކޭ ވެސް ބުނެވިދާނެއެވެ. އޭނާގެ މާޒީ އެނގިހުރެމެ ޒައިންގެ ފަރާތުން ލިބެމުންދާ ލޯތްބާއި އޯގާތެރިކަމާއި އަޅައިލުމަކީ އެ ދިރިއުޅުމުގެ ހަމައެކަނި ހުޅުކޮޅެވެ.

ހެނދުނުގެ ނާސްތާ ނިމުނުތަނާ ފޯނު ރިންގުވާން ފެށިއެވެ.

"ކޮބާ؟ ހޭލައި؟" ޝާޔާ ބުނެލިއެވެ.

"އާން. މިހޭލީ  އިނގޭ! ޑިއުޓީއަށް ނުދަންތަ އަދި؟ " ޒައިން ވާހަކަ ދެއްކިއެވެ.

"ނޫން. މިދަނީ. މިދަނީ. ތަންކޮޅެއް ލަހުން ހޭލެވުނީ. ޒައިން ވެސް އަވަހަށް ތެދުވެ ތައްޔާރުވެލާބަ އިނގޭ." އަވަސް އަވަހަށް އަތްދަބަސް އަތުގައި އަޅުވާލާފައި ބޫޓަށް އަރަމުން ބުނެލިއެވެ. "އާން. މިދަނީ އިނގޭ. ހަބަރެއް ވާނަން. ސީޔޫ." މިހެން ބުނެފައި ފޯން ބާއްވާފައި އޮފީހާ ދިމާލަށް މިސްރާބުޖެހިއެވެ.

ޑިއުޓީ ނިންމާލުމަށް ފަހު ޝާޔާ ގަސްތުކުރީ ފިހާރަޔަށް ވަދެ ގެއަށް ބޭނުންވާނެ ބައެއް ސާމާނު ގަނެގެން ދިއުމަށެވެ. ވީބީ މަރޓް ފިހާރައިގެ ދޮރު ހުޅުވުމާއެކު ޝާޔާއަށް ހީވީ މާޒީގެ ތެރެއިން ސަފުހާއެއް އެއްލާލެވުނުހެންނެވެ. އާނއެކެވެ. އެއީ ހާނިމްއާ ދެމީހުން އެއްކޮށް އެންމެ ފުރަތަމަ ދިޔަ ފިހާރައެވެ. އަދި އެއީ ނުރުހުމުގައި ހާނިމް އޭނައާ ގާތްވި ފުރަތަމަ ދުވަސް ވެސްމެއެވެ.

ހާނިމްއަކީ ސްކޫލް ދައުރު ޝާޔާއާ އެއްސްކޫލަކުން ތަޢުލީމް ޙާސިލް ކުރަމުން ދިޔަ ކުރީގެ ރައްޓެސެކެވެ. ނަމަވެސް ޝާޔާ އަލަށް ވެސް އޭނާއާ އެކަނި ދިމާވީ ސުކޫލް ވެސް ނިމުނު ފަހުން އަދި ކުރީގެ ލޯބިވެރިޔާ މާޒިންއާ ރުޅިވި ފަހުންނެވެ. އޭރު ޝާޔާ ލޯބީގެގޮތުން ގުޅިގެން އުޅުނު މާޒިންއާ ދެމީހުން ތިބޭނީ އަބަދުހެން ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހިފައެވެ. އެއް ދުވަހު އެފަދަ ގޮތަކަށް ޖެހުނު މައްސަލައެއްގައި ދެމީހުން ރުޅިވީއެވެ. އިތުރަށް ދެން ނޫޅެވޭނޭ ހިތައި ޝާޔާ ވެސް ދިޔައީ ދުރަށެވެ. ހާނިމްއަކީ ކުރީގެ ވެސް ގާތް ރައްޓެއްސަކަށް ވުމުން، ދެމީހުން ބައްދަލުކޮށްލީ އެކަކު އަނެކަކުގެ ދިރިއުޅުމުގެ ވާހަކަތައް ދައްކާލުމަށެވެ. ނަމަވެސް ދެވަނަ ބައްދަލުވުމުން ވެސް ހާނިމް އޭނާގެ ގަޔަށް އަތްލައި ކައިރިވާން މަސައްކަތްކުރިއެވެ. ޝާޔާ އެއްފަހަރު މަނާ ކުރުމުން އެކަން ހުއްޓި ނަމަވެސް ދެވަނަ ފަހަރު ހާނިމް ބޭނުންވީ ކޮޓަރިއަކުން ދިމާވެލާށެވެ. އަދި ފިލްމު ބަލައި ޕިއްޒާއެއް ކާލާނީ ކަމަށް ބުނެ ޝާޔާ ހިތްހަމަ ޖައްސުވަން މަސައްކަތް ކުރިއެވެ. އަދި ކުރިން ވީފަދަ ކަމެއް ނުވާނޭކަމުގެ ޔަގީންކަން ދިނެވެ. ޝާޔާ އިނީ އެއަށްވުރެން މާބޮޑަށް މާޒިންއާ މައްސަލަޖެހިފައި ވުމުން އެކަމާ ދެރަވެފައެވެ.  އަލަށް ވެސް އެފަދަ ގޮތަކަށް މީހަކާއެކީ ތަނަކަށް ގޮސްފައި ނުވާތީ މާބޮޑު ވިސްނުމެއް ވެސް ނެތި އޭނާ ހާނިމްއާ އެކީ އޭނާ ގެންދިޔަތާކަށް ދިޔައީއެވެ. މާގިނައިރުތަކެއް ނުވެ ހާނިމް ޝާޔާއާ ގާތްވުމަށް މަސައްކަތް ފެށިއެވެ. ޝާޔާ އިންކާރު ކުރިއެވެ. ނަމަވެސް ކުޑައިރުކޮޅަކަށެވެ. މަޑުމަޑުން ޝާޔާއަށް ވެސް ހާނިމްގެ އެ ހަރަކާތްތަކަށް އިޖާބަދެވުނު ފަދައެވެ. އެކަމަކު އަނެއްކާ ދުރަށް ޖެހުނީ އެއީ އޭނަ ބޭނުން ގޮތް ނޫންވީމައެވެ. އެއާއެކު ހާނިމް ބޭނުން ކުރީ އޭނާގެ ގަދަބާރެވެ. ޝާޔާގެ އާދޭހަށް ބެލުމެއްނެތި ބުޅާމަސްގަނޑަށް ދަހިވެފައިވާ ބީދައިން ހާނިމް ވެސް އެމަސްގަނޑުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފަމުން ދިޔައެވެ. ޝާޔާއަށް އޭނާ ހަށިގަނޑު ގުޑުވައި ނުލެވޭހާ ބާރަށް އެހަށިގަނޑު ވަނީ ހާނިމްގެ އަތުގެ ތެރޭ ހިފަހައްޓާލެވިފައެވެ. ގައިގައި ނުރިއްސާ ތަންކޮޅެއްނެތެވެ. އަދިވެސް އެތަދު ހަށިގަނޑުން އިޙްސާސްވާފަދައެވެ.

އެރޭގެ އެހާދިސާއަށް ފަހު ހާނިމްއާ ޝާޔާ އެކަކު އަނެކަކަށް ފެނިފައެއް ނުވެއެވެ. ނަމަވެސް އަލަށް ވެސް މީހަކާ އެ ވަރަށް ކައިރިވެވިފައި ނެތުމުން އޭނާއަށް ނުހަނު އުނދަގޫވާން ފެށިއެވެ. އެއާއެކު ހާނިމް ކައިރީ އޭނާއާ ގުޅުމަށް ވެސް އެދުނެވެ. އަދި އޭނާއަށް އިތުރަށް އެހެން މީހަކާއެކު އުޅެން އުނދަނގޫވާނެ ކަމަށް ބުންޏެވެ. ނަމަވެސް އޭނާ ދިނީ ބީރުކަންފަތެކެެވެ. ޝާޔާއާ އެކުގައި އުޅުމަށް ވައުދެއްވެފައި ނުވާނެކަމަށް ބުންޏެވެ.

އޭރުވެސް މާޒިން ދިޔައީ ޝާޔާ ކައިރީގައި އޭނާއާ އަލުން ގުޅުމަށް އާދޭސް ކުރަމުންނެވެ. އެހެން ކިޔާފައި މެެސެޖުކޮށް ނުގުޅާ ދުވަހެއް ނުދެއެވެ. ނަމަވެސް ކަންތައްތައް ހިނގައި ދިޔަގޮތުން ޝާޔާ އެކަމަށް ފަސްޖެހެވެނީއެވެ. އިތުރު މީހަކާއެކު ނޫޅެވޭނޭ ހިތް ބުނަނީއެވެ. މާޒިންގެ އެ އާދޭސްތަކަށް ހުއްޓުމެއް ނައުމުން  އޭނާ ނިންމީ މާޒިންއަށް ކަންތައް ވެދިޔަގޮތް ކިޔައިދިނުމަށެވެ. އެއީ މީގެ ކުރިން ވެސް އޭނާއަށް އެއްވެސް ކަމެއް ސިއްރުކޮށްފައި ނުވާތީއެވެ. އަދި އުންމީދުކުރީ އޭނާގެ ފަރާތުން ހިތްވަރު ލިބޭނެކަމަށެވެ. ނަމަވެސް ކަންތައްވީ ހީކުރިގޮތާ ހިލާފަށެވެ. މާޒިން ނިންމީ ދުރަށް ދިއުމަށެވެ. ޝާޔާ އެކަމަށް ވެސް ކެތްކުރިއެވެ.

ހިޔާލުތަކަށް ގެއްލިހުރެ ބޭނުންވާނެ އެކި ސާމާނު ވަށިގަނޑަށް އަޅަމުން ދިޔައެވެ. އިރުކޮޅަކުން ފޯނަށް މެސެޖެއް އަައެވެ. ޒައިންކަން  އިނގޭތީ އަވަހަށް ފޯނު ނަގައި ބަލާލިއެވެ. މޫނު މައްޗަށް ވެރިވި ހިނިތުންވުން ފަނޑުވެގެންދާކަށް މާގިނައިރުތަކެއް ނުވިއެވެ. ނުދަންނަ ނަންބަރަކުންނެވެ. "މިރޭ8:30 މ.ރާދު ގެސްޓް ހައުސްއަށް." މިހެން ލިޔެފައިވެއެވެ. ޝާޔާގެ ހަށިގަނޑުގައި މަޑުރޫރޫއެއް އަޅަމުން ދިޔައެވެ. އަވަސްއަވަހަށް ޖީބަށް ފޯނުލާން އުޅެނިކޮށް ދެވަނަ މެސެޖުއައެވެ. ޝާޔާއަށް ހީވީ އޭނާ ފައިދަށުން ބިންގަޑު ދެމިގެންފިހެންނެވެ. އޭގައި ވަނީ ޝާޔާއާއި ހާނިމް ދިމާވި ދުވަހުގެ ގައިގޯޅިކޮށް ހުރި ފޮޓޯތަކެކެވެ. އަދި ގަޑިއަށް ނައިސްފިނަމަ ފޮޓޯތައް ލީކުކޮށްލާނެކަމަށް ބުނެފައިވެއެވެ. ޝާޔާ ނޭވާލާން އުނދަނގޫވެ ދެފައި ވެސް ތުރުތުރުލާން ފެށިއެވެ. ދެފަޔަށް ލެވުނު ބާރެއްލައިފައި ގެޔާ ދިމާލަށް ދިޔުމަށް ހިނގައިގަތީ އެތަނުގައި އިތުރަށް ނުހުރެވޭނެތީވެއެވެ.

ގެއަށް ދިޔަގޮތަށް ފާހާނާގެ މާގަނޑުދަށު އިށީނދެ ހިތް ފުރެންދެން ރޯލިއެވެ. އޭނާގެ މާޒީ މިއަދު މުސްތަގުބަލު ކަފުންކޮށް ވަޅުލާން ތައްޔާރުވަނީއެވެ. މިއަދު އޭނާ ޒައިން ކައިރީ ބުނާނީ ވަކި ކީކޭ ހެއްޔެވެ. އެފަދަ ފޮޓޯތަކެއް ފެނިއްޖެނަމަ ޒައިން ވެސް އަދި އެ އާއިލާއިން ވެސް އޭނާ ގަބޫލު ނުކުރާނެކަން ގައިމެވެ.

ފެންވަރައިގެން ނުކުމެ އެނދުމަތީ އިށީނދެލައިގެން އިނީ ކަންތައް ކުރަންވީ ގޮތް ޔަގީން ނުވެފައެވެ. "ކިހިނެއްވެފަ މީނީ؟" ޒައިންގެ އަޑަށް އޭނާ ސިހުނެވެ.

"ބޮލުގައި ރިއްސަނީ." ޝާޔާ އޭނާ އިށީންނަން ތަން ދައްކާލުމަށް ފަހު ބުނެލިއެވެ. އިތުރަށް ސުވާލުކުރަން އުޅެފައި ވެސް މަޑުކޮށްލީ އޭނާ އަރާމު ކޮށްލުމަށް ވަގުތު ދިނުމަށެވެ.

"ނިދާލަންވީނު އެހެންވީމަ! ދެން ހޭލައިފަ ދުއްވާލަން ދާނީ ދޯ. ޒައިން ވެސް މިދަނީ ގެއަށް ގޮސް ރެސްޓެއް ނަގާލަން." މިހެން ބުނެފައި އޭނާ ޝާޔާގައިގައި ބައްދާލައި ނިތުގައި ބޮސްދިނެވެ. އެންމެ ފަހުފަހަރު ފަދައިން ޝާޔާއަށް ވެސް އެއަށްވުރެ ބާރަށް ބައްދާލެވުނެވެ. ޝާޔާގެ އެބައްދާލުމުގައިވި އަސަރު އޭނާއަށް އިހުސާސްވި ކަހަލައެވެ. ހިތް ބިރުގަތެވެ. ނަމަވެސް މިރޭގައި އޭނާއަށްވެފައި އިންކަމެއް ވެސް އޮޅުން ފިލުވާނީއޭ ހިތައި މިވަގުތަށް ވަދާއީ ސަލާމްކިޔެވެ.

ކިރިޔާވެސް ލަސްވިނަމަ ދެންކަންތައް ކުރާނެގޮތް އަންދާޒާވެސް ކޮށްނުލެވޭނެއެވެ. ގަޑިން 8:30ވީއިރު އޭނާ ހުރީ މ.ރާދަ ގެސްޓުހައުސް ކުރިމަތީގައެވެ. ފޯން ވައިބްރޭޓްވުމާއެކު ބަލައިލިއިރު ހާނިމްގެ މެސެޖެކެވެ.  "ރޫމް 101".

ޝާޔާ ކޮޓަރީ ދޮރުމަތީ ހުއްޓުމާއެކު ދޮރު ހުޅުވުނެވެ. އެއާއެކު ކުރިމަތީގައި އެއް މިޔަކަނުން ހީފައި ހުރި ހާނިމް ފެނިފައި އޭނާއަށް ފަހަތަށް ޖެހެވުނެވެ. "ޕްލީޒް ނޯ!" އިތުރަށް ދޮރު ހުޅުވާލުމަށް ފަހު އެނދާދިމާލަށް އަތް ދިއްކޮށްލުމުން ޝާޔާ ބުނެލިއެވެ.

"އޯކޭ! އެކަމު ނަތީޖާ އެނގޭދޯ؟ އަހަންނަށް އިނގޭ އެގޮތެއް ބޭނުން ނުވާނެކަން ވެސް" ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ.

ޝާޔާ އެތެރަށް ވަނީ މީހަކަށް އަޑުއިވެން ބޭނުން ނުވާތީއެވެ. "އަހަރެން ހިޔެއް ނުކުރަން ހާނިމްއަކީ ތިހާ ނުލަފާ އިންސާނެއްކަމަކަށް. އެހާބޮޑު ލަނޑެއްދީފަ އަދިވެސް ހިތް ނުފުރެނީތަ؟ އޭގެ ފަހުން އަހަރެން އުޅުނު ހާލެއް ބެލިންތަ؟ މިއަދު އަހަރެން މީހަކާއެކު ހުރީމަ އެތަން ބަލަން ކެތްނުވީދޯ!  މިއަދު ކިރިޔާ ވެސް ގޮތެއް އޮތްނަމަ އަހަރެން ތިސިފަ ވެސް ދެކެން ބޭނުމެއް ނޫން. ތިނަމަށް ވެސް އަދި ތި ސޫރައަށް ވެސް އަހަރެން ނަފްރަތުކުރަން. އަހަރެން ފަދައިން އޯގާތެރިކަމުގެ ދަލުގައި ޖައްސައި ކިތައް ކުދިންނަށްކަމެއް ވެސް ނޭނގެ އެ ލަނޑުދީފަ ހުންނާނީ!" އެއް ނޭވާމަތިން ހުރިހާ އެއްޗެއް ކިޔާލިއިރު ހާނިމްގެ އިތުރުން ހުދު އޭނާ ވެސް ހައިރާންވީ ކުރިން އޭނާއަކީ އެފަދަ ގޮތަކަށް އެެއްޗެހި ބުނެފައިވާ މީހަކަށް ނުވާތީއެވެ.

"ހެހެ. ކީއްކުރެވޭނީ އެކަމު؟ މިއަދު ޖެހޭނީ އަހަރެން ބުނިގޮތެއް ހެދިގެން ހުންނަން ހަމަ! ކަމޯން. އިށީނދެބަ" އެހެން ބުނެ ޝާޔާ އަތު ހިފައި ގެންދަން އުޅުނެވެ. "ޑޯންޑް ޓަޗްމީ" ރުޅިވެރި މޫނަކާއެކު އަތް ފޮޅުވާލަމުން ޝާޔާ ބުނެލިއެވެ. ހިނި އައިސްފައި ހުރި ހާނިމްގެ މޫނު ކުލަވަރު ބަދަލުވެގެން ދިޔައެވެ. "ކަލޭ މާނުފުއްޕައްޗޭ އަހަރެން ކުރިމަތީ! އިހަށް ދުވަހު އަނގަމަޑުން ލައިގެން ހުރި މީހެއް މިއަދު ކޮން އަނގައެއްތަ ތި ގަދަ ކުރަނީ؟" މިހެން ބުނެފައި ޝާޔާގެ ކޮނޑުގައި އަތްއަޅައި ކޮށްޕާލިއެވެ. އެއާއެކު ފައި އަރިއަޅައިލައިގެން ގޮސް ޝާޔާ ތަޅުންމައްޗަށް ވެއްޓުުނުއިރު ބޯ ޖެހުނީ ކައިރީ ހުރި ބިއްލޫރި މޭޒުގައެވެ. ޖެހުނު ބާރުމިނާއެކު މޭޒުތަޅައިގެން ދިޔައަޑުން މުޅިތަން ގުގުމާލިއެވެ. އިސާހިތަކު ލެއިން ތަޅުން މަތި ފޯވާން ފަށައިފިއެވެ.

އޭގެ އަނެއް ސިކުންތުގައި ދޮރު ހަލާކު ކޮށްލާފައި ފުލުހުންގެ ޓީމެއް ކޮޓަރި ތެރެއަށް ވަނެވެ. އެމީހުންގެ ފަހަތުން ޒައިން ވެސް އައެވެ. ހާނިމް ހުރީ އެ ހުރި ގޮތަށް ބުދެއްހެންނެވެ. ވަގުތުން ހާނިމް ހައްޔަރު ކުރެވުނެވެ. މިވީ ކިހިނެއް ހެއްޔެވެ؟ ކުޑަހިނދުކޮޅެއްގެ ތެރޭގައި މުޅި މަންޒަރު ބަދަލު ވެގެން ދިޔައީއެވެ. އެންމެން ކުރިމަތީ އޭނާ ގާތިލަކަށްވީއެވެ. ޝާޔާއައީ ފުލުހުން ގޮވައިގެން ހެއްޔެވެ؟

ޒައިން ދުވެފައި ޝާޔާނަގަން ދިޔައިރު އޭނަގެ ހޭވެރިކަން ވެސް ނެތެވެ. ޒައިން ޝާޔާގައިގައި ބައްދައިގެންހުރެ ތަކުރާރުކޮށް ގޮވަމުން ދިޔައިރު އޭނާގެ ގަމީސް ވެސް ދިޔައީ ލެއިން ތަތް ތެޅެމުންނެވެ. އެތައް ފަހަރަކު އޭނާއެކަނި ދޫކޮށް ނުދިއުމަށް އެދެވުނެވެ. އިރުކޮޅެއްތެރޭގައި އެންބިއުލޭންސް އައިސް ޝާޔާ ހޮސްޕިޓަލަށް ގެންދެވުނެވެ.

ގަޑިއިރެއްހާއިރު ފަރުވާދެވުމަށް ފަހު ޝާޔާ ހޭއެރިއިރު ދެ އާއިލާ މީހުންވެސް އެތަނަށް އައިސްތިބީ ލިބުނު ކުއްލި ހަބަރުގެ ބޮޑުކަމުންނެވެ. ޑޮކްޓަރު އައިސް ޝާޔާގެ ހާލަތު ރަނގަޅުކަމަށް ބުނުމުން އެންމެންގެ މޫނުމައްޗަށް ހިނިތުންވުން ވެރިވިއެވެ. އޭގެ ތެރެއިންވެސް އެންމެ އުފާވީ ޒައިންއެވެ. އަދި ހިތާހިތުން މާތްﷲއަށް ޝުކުރުވެރިވިއެވެ. ޝާޔާ ކައިރިއަށް ނުދެވުނު ނަމަ އަދި ޝާޔާ އޭނަ ގެއަށް ދާން ނުކުތް ވަގުތު އެވާހަކަތައް ކިޔައި ނުދިންނަމަ ކަންތައް ނިމިގެންދާނީ ކިހިނެއްކަމެއް ވެސް ނޭނގެއެވެ. އޭނާ އިރުކޮޅަކު މަޑުކުރީ ވެސް ޝާޔާ ކަމަކާމެދު ފިކުރުކުރާކަން އަދި ކަމެއް ގޯސްވާން އުޅޭ އިހްސާސް ކުރެވުމުންނެވެ.

ޝާޔާ ކައިރިއަށް އެންމެން ވަދެ ނުކުތުމުން ޒައިން ވަނީ ހަމަޖެހިގެން ޝާޔާ ކައިރީ މަޑުކޮށްލުމަށެެވެ. ޒައިން ގޮސް ޝާޔާ ކައިރީ ހުއްޓުމާއެކު ޝާޔާ އޭނާގެ ބޮޑު ދެލޯ ހުޅުވާލިއެވެ. އެއާއެކު ދެމީހުންގެ ލޮލުން ވެސް ކަރުނަ އޮހޮރޮގަތެވެ. ހުއްޓާލާށޭ ބުނާ ފަދައިންް ޒައިން ބޯހޫރުވާލުމަށް ފަހު ޝާޔާގެ ނިތުގައި ބޮސްދިނެވެ.

Ads by HDC
  1. ރީތި