ވާހަކަ

ކުރު ވާހަކަ: އަފިސަން

ދެން އެމްވީ ، ދެން އޮންލައިން

" ވޭނީ ހިތެއްގެ ރުއިމެއް އިވިދާނެ ވޭހެ ޔާރެއް

Ads by MWSC

ވޭނީ ކަނޑެއްގެ ފެތެމުން މަދަދެއް ވެދޭނެ ޔާރެއް"

އާހް! ހިތުގައި ރިހެނީއެވެ. ވަރަށް ބޮޑަށެވެ. ނޭވާ ކުރުވަނީއެވެ. އަރު ތެރެ ހިކެނީއެވެ. ލޮލަށް ފުސް ވަނީއެވެ. ރޮވެނީއެވެ. ގިސްލަމުންނެވެ. ބާރަށެވެ. ނަމަވެސް މި ބޯ ވާރޭ ތެރޭގައި އަހަރެންގެ އަޑު އަހާނެ ދިރުމެއް ވޭ ހެއްޔެވެ؟ މި ތޫފާނީ ރޭގައި މި ވޭނީ ކަނޑުގައި ގެނބެމުން ދާއިރު، މަދަދަށް އެދޭނީ ކާކުގެ ކިބައިން ހެއްޔެވެ؟ މި ނިކަމެތިކަމުގެ ޙާލަތަށް އަހަރެންގެ ދިރިއުޅުން ވެއްޓިދާނެކަމުގެ އުއްމީދެއް ދުވަހަކު ވެސް ނުކުރަމެވެ. ނަމަވެސް މިއަދު އަހަރެންގެ ޙަޔާތަށް ކަޅު އަނދިރިކަން ވެރި ވެއްޖެއެވެ. އުއްމީދުގެ ހުޅުކޮޅު ނިވެން ގާތް ވެއްޖެއެވެ. މުޅި ދުނިޔެއަށް އެކަނިވެ، ބޭކާރު ވެއްޖެއެވެ. ހިތްވަރު އެލި، ނިކަމެތި ވެއްޖެއެވެ. ކީއްވެ ހެއްޔެވެ؟ އަހަރެންގެ ކުށަކީ ކޮބައި ބާވައެވެ؟

އެއީ އަހަރެންގެ ޙަޔާތެވެ. އެ ޙަޔާތުގައިވީ އުފާވެރި ލޯބީގެ ދުވަސްތަކެވެ. މަރިޔާދުގެ ގޮވެތިން ލިބެމުންދާ ހިތްހަމަ ޖެހުމާއި، އަރާމުގައި ހިތް ދިޔައީ ފުރި އުތުރި އަރަމުންނެވެ. މައިންބަފައިންގެ ލޯތްބާއި އަޅައިލުމުން ޙަޔާތަށް އުޖާލާކަން ލިބުނެވެ. މުދައްރިސުންނާއި އެކުވެރިންގެ ކިބައިން ލޯބި ލިބުނެވެ. ނަމަވެސް މިއަދު އެލޯބި ކޮބައި ހެއްޔެވެ؟ ހުރިހާ ކަމެއް ހިނގީ ޚުދު އަހަރެންގެ ލޯ މަތީގައެވެ. ނަމަވެސް ކުރެވުނު ކަމެއް ނެތެވެ. ޙަޔާތުގެ ލޯބި ބީވެދާ މަންޒަރު ބަލަން ހުރެވުނީއެވެ. ޙަޔާތުގެ ލޯބި ހިތި ހަނދާންތަކަކަށްވެ ދިޔައީއެވެ. ކީއްވެކަން އެނގޭ ހެއްޔެވެ؟ ކުށް ނުކުރަނީސް ކުށްވެރިޔަކަށް ވެވުމުންނެވެ. ނަމަވެސް މިއަދު އަހަންނަކީ ކުށްވެރިޔެއްގެ ގޮތުގައި ނުދެކެނީ ފަހެ ކާކު ހެއްޔެވެ؟

މޭގައި އަތް އަޅައިގެން ހުރެ ކުރިއަށް ހިނގޭތޯ ބެލީމެވެ. ނަމަވެސް ދެފައި ކޮޅުން ވާގި ދަނީއެވެ. ކުޑަ ކަކޫ މައްޗަށް ތިރިވެވުނީ ކުޅަދާނަ ނުވުމުންނެވެ. ހަށިގަނޑުގައި އަޅާ ވޭނަށް ވުރެ، ހިތުގައި އަޅާ ވޭން ބޮޑެވެ. ވެހެމުން ދިޔަ ވާރޭ ވެސް އަހަރެންގެ ޙާލަށް މަލާމަތް ކުރާ ފަދައެވެ. ވަށައިގެން ހެދިފައިވާ ފެން ކޯރުތަކުގައި އެވަނީ ދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފަދައެވެ. ވާރެއާ އެކުގައި ފުސްވެފައިވާ މާހައުލެއް ފަދައެވެ.

މާޒީގެ މަންޒަރުތައް ފިލްމެއްގެ ފީތާހެން ނިއުޅެމުން ދާންފެށީ މޭގައި ތޫނު ރިހުމެއް އުފައްދައިފައެވެ.

މަދަރުސާގެ ދައުރަކީ އުފާވެރި ދުވަސްތަކެކެވެ. ޢިލްމުގެ ކަނޑުން ޢިލްމުގެ ރޯދި އަހަރެންގެ ނަޞީބުގައި ވިއެވެ. މަދަރުސާގެ ހަރުދަނާ މަޤާމުތައް ފުރުމުގެ ފުރުޞަތުތައް ލިބި، އެތައް ކާމިޔާބީ ތަކެއް ލިބިގެން ދިޔައެވެ. ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމުގެ އެންމެ އުހުގައި އަހަރެންގެ ނަން ފިޔަ ޖަހައިލިއެވެ. އެދުވަހު މަންމައާއި ބައްޕަގެ ލޮލުން އޮހުރުނު އުފާވެރިކަމުގެ ކަރުނަ އަހަރެންގެ ދެލޮލުން ދުށީމެވެ. އެކުވެރިންނާއި މުދައްރިސުންގެ ފަރާތުން ތަޢުރީފުގެ ސަނާތައް އޮހެމުން ދިޔައީ ހުއްޓުމެއް ނެތިއެވެ.

މަތީ ސާނަވީ ތަޢުލީމަށް ފަހު، ކިޔެވެން އޮތް އެންމެ މައްޗަށް ކިޔެވީމެވެ. ހަރުފަތްތައް ގިރާކުރީ ކެތްތެރިކަމާއެކުގައެވެ. ދިމާވި ގޮންޖެހުންތަކާއި އުނދަގޫތައް އެއްފަރާތް ކުރަމުން ހަރުފަތުގެ އެންމެ އުހަށް ވާޞިލުވެވޭތޯ މަސައްކަތް ކުރީމެވެ. އެ ބުރަ މަސައްކަތްތަކުގެ މޭވާ ވަރަށް ވެސް ފޮންޏެވެ. ނޫސްވެރިކަމުގެ ދާއިރާއިން މާސްޓަރ ލެވެލްގެ ސަނަދު ޙާޞިލު ކުރީމެވެ. އެދުވަހު ވެސް އަހަރެން ދެކެ ލޯބިވާ އެންމެން ރުޔެވެ. އުފަލުންނެވެ. ހިތްވަރު ދިނެވެ. ކުރިއަށް ދިޔުމުގައި ދެގޮތެއް ނުވެ އަތުގައި ހިފައިގެން ތިބޭނެ ކަމުގައި ބުންޏެވެ.

ތަޢުލީމީ ޙަޔާތުގެ ޞަފުޙާތައް އުކިއްޖެއެވެ. ވަޒީފާއަކަށް ނިކުތް ފުރަތަމަ ދުވަހަކީ ވަރަށް ވެސް ތަފާތު އިޙުސާސްތަކެއް ކުރެވިގެން ދިޔަ ދުވަހެކެވެ. މަޝްހޫރު ޓީވީ ޗެނަލެއް ކަމަށްވާ "ވެހީގެ" ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށީމެވެ. ރާއްޖޭގެ އެތައް ބަޔަކަށް ފެނި، ޢާންމުންގެ މެދުގައި މަޤުބޫލުވެގެން ދިޔައީ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. އަމިއްލަ ފައި މައްޗަށް ތެދުވެވުނުކަން އިޙުސާސް ކުރެވުނީ ފުރަތަމަ މުސާރަ ލިބުނު ދުވަހުގައެވެ. އެ މުސާރައިގެ ދެބައިކުޅަ އެއްބައި އަހަރެން ހޭދަކުރި އަހަރެންގެ ޙަޔާތުގެ ލޯތްބަށެވެ. މައިންބަފައިންނާއި ޢާއިލާއަށެވެ. އެކުވެރިންނަށެވެ. އެންމެން ވެސް އަހަންނަށް ބަލަމުން ދިޔައީ ލޯތްބާއެކުގައެވެ. ފެންނަ އިރަށް ހިތްހެޔޮ ކަމާއެކުގައި ވާހަކަ ދައްކައެވެ. ނުދަންނަ މީހަކަސް ބައްދަލުވާހިނދު، އަހަންނަށް ތަޢުރީފުގެ ބަސްތައް އިއްވައެވެ. މުޅި މުޖުތަމަޢުން އަހަރެން ބަލައިގެންފި ކަމުގެ ފޮނި އިޙުސާސް ކުރެވިގެން ދިޔައެވެ.

މުސްކުޅިން ބުނާތީ އަހަމެވެ. ދުނިޔެ ހިނގަނީ ތޮށަލި ދުޅަޔަށެވެ. މިއަދު އަހަންނަށް އެކަމުގެ ޙަޤީޤަތް ޤަބޫލުކުރަން މަޖުބޫރެވެ. ޙަޔާތުގެ ބައްތެލި ކަނޑުގެ ގަދަ އޮއިވަރެއްގައި ޖެހެމުން ދިޔައިރު ވެސް އަހަންނަށް ހިލަމެއް ނުވިއެވެ. ދިރިއުޅުމުގެ މައިދާނުގައި އުފުލަން ޖެހޭ ބުރަތައް ބުރަކައްޓަށް ބަރުކުރަމުން ދިޔުމުގެ ނަތީޖާއަކަށްވީ ހަށިގަނޑުގެ އާދޭސްތަކަށް ކަންފަތް ނުދެވުމެވެ. ވަރުބަލިކަމުގައި ވަޤުތުތައް ހޭދަކުރެވުނީއެވެ. ކެއުމާ ދުރުވެވުނީއެވެ. ކުޅިވަރުތަކާއި މަޖާ މާހައުލާ ދުރުވެވުނީއެވެ.

އެ ދުވަހަކީ ވެސް އާދައިގެ ދުވަހެކެވެ. ކެމެރާއާއި މައިކު ތައްޔާރުކޮށްލުމަށް ފަހު ފަންނާނެއްގެ އިންޓަވިޔު ނަގަން ދިޔުމަށް މިސްރާބު ޖެހީމެވެ. ނަމަވެސް  ދެވުނީ ވަކި ހިސާބަކަށެވެ. ބަނޑުގެ އެއްފަޅީގައި ރިއްސަން ފެށީއެވެ. ވޭންވަރު ގަދަވަމުން ގޮސް، އޭގެ އިންތިހާއަށް ދިޔުމުން މަސައްކަތަށް ނުދެވޭނެ ކަމުގެ ވާހަކަ ބޮޑުމީހާއަށް ގުޅައިފައި އެންގީމެވެ. މަޑުމަޑުން ގެއާ ހަމައަށް ދިޔުމަށް މިސްރާބު ބަދަލު ކުރީމެވެ. ބަނޑުގައި އަތް އަޅައިގެން ހުރެ، ގެއާ ހަމައަށް ދިޔައިރު މުޅި މީހާ ދަލުން ފެންވެރެމުން ދިޔައެވެ. މާބޮޑު ކަމަކަށް ނުހަދާ ތަދު ކަނޑުވާ ބޭހެއް ކައިލައިގެން ޖައްސައިލި ތަނުން ނިދުނީ ކިހިނެއް ކަމެއް ވެސް ނޭނގުނެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ބަނޑުގައި ރިހުން އާދައަކަށް ވެއްޖެއެވެ. ބޯ އަނބުރައި ހޮޑު ވެސް ލެވެނީއެވެ. ދަށްބަނޑުގައި އަޅާ ވޭނަށް ކެތް ކުރުން ވަނީ ދަތި ކަމަކަށެވެ. އެންމެ ފަހުން މައިންބަފައިންގެ އެދުމަށް ޑޮކްޓަރަށް ދެއްކީމެވެ. ޑޮކްޓަރުގެ ޖަވާބުން ފުރަތަމަ ފަހަރަށް އަމިއްލަ ސިއްޙަތާ މެދުގައި ވިސްނައި ލެވުނެވެ. ލަސްނުކޮށް އިންޑިއާ ފަދަ ޤައުމަކަށް ދިޔުމަށް ޑޮކްޓަރު އިރުޝާދު ދިނެވެ.

އަހަރެންގެ ޢާއިލާއަކީ ކުޑަ ޢާއިލާއެކެވެ. މަންމައާއި ބައްޕަގެ އިތުރުން ދެން ތިބެނީ އަހަރެންގެ ހަގަށް ތިބޭ ދެ ފިރިހެން ކުދިންނެވެ. ދެކުދިން ވެސް އަދި ކިޔަވަނީއެވެ. އެހެންކަމުން މަންމައާއި ބައްޕައަށް އިތުރު ބުރައެއް ޖައްސަން އަހަރެން ބޭނުން ނުވީއެވެ. އެކަނިމާއެކަނި އިންޑިޔާއަށް ފުރީ މީހަކާ އެކީގައި ދިޔުމަށް އެންމެން ވެސް އާދޭސް ކުރަނިކޮށެވެ. އެމީހުންގެ އާދޭސް އެހުނު ނަމައޭ މިއަދު ހިތަށް އަރައެވެ. ނަމަވެސް ނަމެއްގައި ކެއްކޭނެ ރިހައެއް ނެތެވެ.

އިންޑިޔާގެ ޕްރަޝާދު ހަސްފަތާލަށް އަހަރެން ދެއްކީމެވެ. ޑޮކްޓަރު އެންގީ ލަސްނުކޮށް އޮޕަރޭޝަން ކުރަން ޖެހޭ ކަމަށެވެ. އަހަރެންގެ އެޕަންޑިކްސް ވަނީ ދުޅަވެފައެވެ. އިންފެކްޝަން އުފެދިފައި ހުރި ބައިތައް ކަފައިފައި ނަގަން ޖެހޭ ކަމުގައި ބުންޏެވެ. އަވަސް ފަރުވާއެއް ނުދެވިއްޖެ ނަމަ، އެޕަންޑިކްސް ފަޅައިގެން ގޮސް ފުރާނައަށް ނުރައްކާވެދާނޭ ބުނުމުން، އަހަރެން ހުރި ނާޒުކު ޙާލަތު އިޙުސާސް ކޮށްލެވުނެވެ. އެކޮޅުގައި ތިބި އެކަކަށް ވެސް އެންގުމެއް ނެތި އޮޕަރޭޝަން ކުރަން ހަމަޖެއްސީ އެމީހުންނަށް އަހަރެންގެ ފަރާތުން އެއްވެސް ތުރާލެއް ނުދިނުމަށެވެ.

އޮޕަރޭޝަން ކުރެވިގެން ދިޔައެވެ. އޮޕަރޭޝަން ކާމިޔާބުވި ކަމަށް ޓަކައި ﷲއަށް ޙަމްދު ކުރީމެވެ. އަހަރެންގެ ޙާލު ހަމައަކަށް އެޅެންދެން ހަސްފަތާލުގައި ހަފުތާއެއް ވާންދެން މަޑުކުރަން ޖެހުނެވެ. އެހެން އޮތުމުގެ ތެރޭގައި އިންޑިޔާގެ ދެމަފިރިއަކާ އަހަންނާ މެދުގައި އެކުވެރިކަން ބަދަހިވެގެން ދިޔައެވެ. ޕޫޖާއާއި ކުމާރެވެ. ވަރަށް ވެސް ހިތް ހެޔޮ ދެމީހުންނެވެ. ގިނަ ގަޑިތަކުގައި އަހަންނަށް ކާންދިނުމުގައި އަދި ބޭސް ދިނުމުގައި ވެސް އުޅެނީ ޕޫޖާއެވެ. އެމީހުންގެ އެ މަދަދަށް އަހަރެން ޝުކުރު އަދާކުރީމެވެ.

ހަސްފަތާލުން ދޫކޮށްލުމަށް އެއްދުވަހަށް ވެފައި ވަނިކޮށް އަނެއްކާ ވެސް އަހަރެން ބަލިވެއްޖެއެވެ. ބޯ އަނބުރައި ހޮޑު ލެވެނީއެވެ. ޑޮކްޓަރަށް ގޮވީ ޕޫޖާއެވެ. ޑޮކްޓަރާއި އެ ދެމަފިރިންނާ ދެމެދުގައި ވަރަށް ގިނަ ވާހަކަތައް ދެކެވެމުން ދިޔަތަން ދުށީމެވެ. އެމީހުން އަހަންނަށް އަޅައިލާ ވަރު ފެނިފައި އުފާވިއެވެ. ނަމަވެސް މާޔޫސްވީ ، ޑޮކްޓަރު އަހަރެން ބެލުމަށް ފަހު، އަދި އެއް އޮޕްރޭޝަން ކުރަން ޖެހޭ ވާހަކަ ބުނީމައެވެ. އަހަރެން ބޭނުންވީ ލަސްނުވެ، އޮޕްރޭޝަން ކުރުމަށެވެ.

މިފަހަރު ވެސް އޮޕްރޭޝަން ކާމިޔާބުވިއެވެ. ޑޮކްޓަރު ބުނި ގޮތުގައި އެ އޮޕަރޭޝަނަކީ އަހަރެންގެ ރަޙިމުގައި އުފެދެމުން ދިޔަ ޓިޔުމަރެއް ނެގުމަށް ޓަކައި ކުރެވުނު އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނަށް ފަހު ތިން ދުވަހު މަޑުކުރުމަށް ފަހު އަހަރެން ދޫކޮށްލިއެވެ. ރާއްޖެއަށް ފުރުމުގެ ކުރިން ޕޫޖާއާއި ކުމާރުގެ ގެއަށް އެމީހުންގެ އެދުމަށް ޒިޔާރަތް ކުރީމެވެ. އެމީހުންގެ މަންމައާއި ބައްޕަ އަހަންނާ މެދުގައި ވަރަށް އޯގާތެރިކޮން ހިތިއެވެ. އަހަރެން ދާ ވަޤުތު ޖެހުމުން ކުމާރުގެ މަންމަ ކަރުނަ އަޅައި ރުޔެވެ. އަދި އެމީހުންގެ ގާތަށް އެނބުރި އަންނަށް އަހަރެންގެ ކިބައިން އެދުނެވެ. އެމީހުންގެ ފަރާތުން ލިބުނު ލޯތްބަށް އަހަރެން ޝުކުރުވެރިވީމެވެ. އަހަރެންގެ ދަތުރު މަތީގައި ކުމާރު އަހަންނަށް މެޑިކަލް ފައިލެއް ޙަވާލު ކުރިއެވެ. އެއީ ޑޮކްޓަރުގެ ބައެއް ލިޔެކިޔުންތައް ކަމުގައި ބުންޏެވެ. އަދި ދިމާވާނެ ކަމުގެ އުއްމީދާއެކުގައި އަހަރެމެން ވަކިވީމެވެ.

އިންޑިޔާއިން އެނބުރި އައުމާ އެކު، އަހަންނާމެދުގައި ކަންބޮޑުވި އެންމެންގެ ފަރާތުން ފެނުނީ އުފާވެރިކަމެވެ. މާބޮޑު ކަމެއް އަހަންނަށް ނުވާ ކަމުގައި ބުނެ އަހަރެން އޮޅުވައިލީމެވެ. އެމީހުންގެ އުފަލަށް ޓަކައެވެ. ދުވަސްތައް އުފަލާއި ފާޤަތި ކަމުގައި ހޭދަވެގެން ދާން ފެށީ ނަގަމުން ދިޔަ ބިޔަ ރާޅުގެ އިޙުސާސެއް ވެސް ނެތިއެވެ.

ބޯ އަނބުރައި ހޮޑުލެވެނީއެވެ. މުޅި މީހާ ދުޅަވެ ލޮޑުވަނީއެވެ. ބަނޑަށް އުނދަގޫވެ މައްޗަށް ފުފެނީއެވެ. އެންމެން އަހަންނާ މެދުގައި ކަންބޮޑުވެއްޖެއެވެ. އަނެއްކާ ވެސް ޑޮކްޓަރަށް ދައްކަން ޖެހުނީއެވެ. އައިޖީއެމް ހަސްފަތާލަށް އަހަރެން ދިޔައީ މަންމަގެ އެދުމުގެ މަތިން މަންމައާ އެކުގައެވެ. ޑޮކްޓަރަށް ދެއްކުމަށް ފަހު ލޭގެ ތަޙުލީލުތަކެއް ކުރަން ޖެހުނެވެ. ތަޙުލީލުތަކުގެ ނަތީޖާ ލިބުނީ އެއްގަޑިއިރު ފަހުންނެވެ. ޑޮކްޓަރުގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ. ހާސްވާންޖެހޭ ކަމެއް ނެތޭ ބުނަމުން އަހަންނަށް މަރުހަބާ ކިޔަމުން ދިޔައިރު، ތަޙުލީލުގެ ނަތީޖާ ފެނި އަހަރެން ހުރީ ބަސް ހުއްޓިފައެވެ. މަންމަގެ ލޮލަށް ގިނަވި ކަރުނަތަކާ އެކު ނިކުމެގެން ދިޔައީ އެގޮތުގައި އަހަރެން ހުއްޓައެވެ.

އަހަންނަކީ ގިނަ މީހުން ދަންނަ މީހަކަށް ވުމުން، އަހަރެން ވެފައި ހުރި، ބަލީގެ ވާހަކަތައް މުޅި މާލޭގައި ފެތުރުމަށް ނެގީ ހިނދުކޮޅެކެވެ. މީހުން އަހަންނާ މެދުގައި ދެކޭ ގޮތް ތަފާތުވެއްޖެއެވެ. ނަމަވެސް އަހަންނަށް އެ ނަތީޖާ ޤަބޫލެއް ނުކުރެވުނެވެ. އަނެއްކާ ވެސް އޭޑީކޭއިން ޓެސްޓް ހެދީމެވެ. ނަމަވެސް ލިބުނީ އެއް ނަތީޖާއެކެވެ. އަރުތެރޭގައި ނޭވާ ތާށިވެގެން ދިޔަހެން ހީވިއެވެ. އަހަރެންގެ ވާހަކަ މީޑިޔާތަކުގެ އެކިއެކި މަންސަތަކުގައި ފެތުރެމުން ދިޔައީ ހަލުވި ކަމާއެކުގައެވެ.

އަހަރެންގެ ބައްޔަކީ އެއީ ނޫންކަމުގައި އަހަރެންގެ ހިތް ޤަބޫލުކުރިއެވެ. ކުއްލިއަކަށް ހަނދާންވީ ކުމާރު ދިން ފައިލުގެ މަތިންނެވެ. އަހަންނަށް މޮޔައެއް ފަދައިން ހީލެވުނެވެ. ރާއްޖޭގެ ސިއްޙީ ފެންވަރު ދަށީއޭ ހިތް ބުންޏެވެ. އަހަރެންގެ ބަލީގެ ޙަޤީގަތް އޮންނާނީ އެފައިލުގައި ކަމަށް ޤަބޫލު ކުރެވުނެވެ. ފައިލު ހޯދައިގެން އޭގައިވާ ލިޔެކިޔުންތައް ކިޔަމުން ދިޔައިރު، އަހަރެންގެ ނޭވާ ވަނީ ކުރުވެފައެވެ. ބިންގަނޑު ފައިދަށުން ދެމުނު ކަހަލައެވެ. ދިރުމެއް ނެތް މައްޔިތެއް ފަދައިން އަހަންނަށް ހުރެވުނީ ހަދާނެ ގޮތް ހުސްވެފައެވެ. އަހަރެންގެ މޮޔަކަމާއި ފަރުވާކުޑަކަމުގެ ނަތީޖާއެވެ.

އަހަރެންގެ ފަރާތުން ލިބުނު ކިލަނބުކަމުގެ ސަބަބުން މަންމައާއި ބައްޕަ އަހަރެން ގެއިން ނެރެ އެއްލައިލީ މި ތޫފާނީ ރޭގައެވެ. މަދަދަށް އެދޭނެ ޔާރެއް ނެތެވެ. އެކުވެރިންގެ ކިބައިން ލިބުނީ މަލާމާތެވެ. ވަޒީފާއިން ވަކި ކުރި ކަމުގެ ޚަބަރު ލިބިގެން ދިޔައީ ގެއިން ނުނެރުމަށް އާދޭސް ކޮށްކޮށް ހުއްޓައެވެ. ހަތަރު އުދަރެސް ފެނު ޖެހުނީއެވެ.

މިއަދު އަހަރެންގެ އަގު ވެއްޓިއްޖެއެވެ. އެންމެން ދެކޭގޮތުގައި އަހަރެން މި އިނީ ނަހަލާލަށް ބަލިވެއެވެ. ނަމަވެސް ޙަޤީޤަތަކީ އަހަރެން ބަލިވެ މިއިނީ ސަރޮގޭޝަން މެދުވެރިކޮށް ކުމާރާއި ޕޫޖާގެ ދަރިއަކަށް ކަމެވެ. އިންޑިޔާގައި ކުރެވުނު ދެވަނަ އޮޕަރޭޝަނުގެ ޙަޤީގަތަކީ އެއީއެވެ. ފައިލުގައިވީ އެކަމަށް އެއްބަސްވެ ، އަހަރެން ސޮއި ކޮށްފައިވާ ލިޔެކިޔުންތަކުގެ ކޮޕީއެވެ. އަސްލު ލިޔެކިޔުންތައް ވަނީ އެމީހުންގެ އަތުގައެވެ. އެމީހުންގެ ފަރަތުން ލިބުނު ލޯބީގެ ހިތިކަން މިއަދު އަހަރެންގެ ދިރިއުޅުމުގައި ވިހަލައިފިއެވެ. ކިތަންމެ މައްޗަށް ކިޔެވުނަސް ބުއްދީގެ ބޭނުން ނުކުރެވުނީއެވެ. އެމީހުންގެ ކަނު ލޯބީގެ ޝިކާރައަކަށް ވެގެން ދިޔައީއެވެ. މިއަދު ވެސް އެމީހުން އެދެމުން ދަނީ އެމީހުންގެ ގާތަށް ދިޔުމަށެވެ. އަހަރެންގެ ބަނޑުގައިމިވާ އެމީހުންގެ ދަރިފުޅު އެމީހުންގެ ގާތުގައި ހުރެ ވިހެއުމަށެވެ.

ނޫނެކެވެ. ދެން އަހަންނެއް އެ ލޯބީގެ ދަޅައަށް ނުހެއްލޭނެއެވެ. މިއަދު ލޯތްބަކީ ކޯއްޗެއްކަން އަހަންނަށް އިޙުސާސް ކުރެވިއްޖެއެވެ. މައިންބަފައިންނާއި ، އެކުވެރިންނާއި، މުޖުތަމަޢުގެ ފަރާތުން އަހަންނަށް ލިބުނީ ވަޤުތީ ލޯތްބެވެ. ޙާލުގައި ޖެހުނު ދުވަހު އަހަރެންގެ ގާތުގައި ހުރީ ކާކު ހެއްޔެވެ؟ މިއަދު އަހަރެން މި ތެދުވަނީ ޙަޤީޤީ ލޯބި ދިރިއުޅުމަށް ގެނައުމަށެވެ. ހުރިހާ ދުވަހަކު އަހަންނަށް މި ހުރެވުނީ އެ ލޯތްބާ ދުރުގައެވެ. ރަޙުމާނުވަންތަ ޚާލިޤުވަންތަ އިލާހުގެ ލޯތްބަށް މިއަޅާ އެދި ދަންނަވަމެވެ. މިއަޅާގެ ބަނޑުގައި މިވާ ކުޑަކުޑަ ފުރާނަ އުފަންކުރުމުގެ މަދަދަށް އެދި ދަންނަވަމެވެ. ދުވަހަކު ވެސް މިދަރިފުޅު ކުމާރާއި ޕޫޖާ ފަދަ އަނިޔާވެރިންގެ އަތްދަށަށް ދާން ދޫކޮށް ނުލާނެ ކަމަށް ވަޢުދުވަމެވެ. ﷲގެ ވާގިފުޅާ އެކު އަހަރެން އަނެއްކާ ވެސް މި ތެދުވީ ކުރިއަށް ދިޔުމަށެވެ.

ވެހެމުން ދިޔަ ވާރޭ ހުއްޓައިލައިފިއެވެ. ފުސް ވިލާތައް ކެހި، އުދަރެސް އަލި ވެއްޖެއެވެ. އަހަރެން ދެކެނީ އެއީ އަހަރެންގެ އިލާހިގެ ފަރާތުން ލިބިގެން ދިޔަ ރަނގަޅު އިޝާރާތެއްގެ ގޮތުގައެވެ. ބަނޑުގައި ފިރުމައިލަމުން އަހަރެން ހިނގައިގަތީމެވެ. ފަސް އެނބުރި ބެލުމެއް ނެތެވެ. ދިރިއުޅުން އުޖާލާ ކުރުމަށެވެ.

ނޯޓް: މިއީ މި ރަމަޟާން މަހަށް "ދެން"އިން ހުޅުވާލި ކުރުވާހަކަ ލިޔުމުގެ މުބާރާތަށް ހުށަހެޅި ވާހަކައެކެވެ. މިވާހަކަ ލިޔެފައި ވަނީ ފާތިމަތު އާއިޝަތު ސަމާހަތުއެވެ. ވާހަކަ ހުށަހެޅުމަށް، [email protected] އަށް މެއިލް ކުރައްވާށެވެ

  1. ާހުސައިން

    މާޟަ ﷲ

  2. ިކިޔާ ކުއްޖާ

    ވަރަށް ފުރިހަމަ️��

  3. ހީނުކުރާ ގޮތެއް މިވީ
    ވަރަށް ސަޅި

  4. އާއު….ވާއު…
    މީ ވާހަކައިގެ ހުންނަން ޖެހޭ ސަންސްޕެންސަކީ ވވވވވ ބަރާބަރު

  5. ޢައިމާ

    ވާހަކައިގެ އަސަރު އެބަހުރިިިި..
    ނިމުންވެސް ޗާލު