ގާދިއްފުށީގެ އެއްގޮނޑި އެމްޑީޕީއަށް
ތ.ގާދިއްފުށީ ކައުންސިލްގެ އެއް ގޮނޑި ވެރިކަން ކުރާ , މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީން ހޯދައިފިއެވެ.
މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ، ތ.ގާދިއްފުށީ ކައުންސިލްގެ ފަސް ގޮނޑީގެ ތެރެއިން ހަތަރު ގޮނޑިއެއް ޕީޕީއެމުން ވަނީ ކަށަވަރު ކޮށްފައެވެ. އެއީ ކައުންސިލް ރައީސްކަމަށް ހޮވުނު ޢަބްދުﷲ ނަސީމާއި އަންހެނުންގެ ޚާއްޞަ ގޮނޑިއަށް ހޮވުނު އައިޝަތު ޝިރުމީނާގެ އިތުރުން ކައުންސިލްގެ އާންމު ދެ ގޮނޑިއަށް ހޮވުނު އަޙުމަދު ނާއިޝްއާއި މުޙައްމަދު ޝަފީޤެވެ.
މިއަދު އޮތް ، ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރުގައި ގާދިއްފުށީގައި ވެސް ވަނީ ވޯޓްލައިފައެވެ. އެ ރަށު ކައުންސިލްގެ އަންހެނުންނަށް ޚާއްޞަ އެއް ގޮނޑިއަށް އަލުން ވޯޓްލާން ޖެހުނީ އެ ގޮނޑިއަށް ވާދަ ކުރި ޕީޕީއެމްގެ ޙައްވާ ޢަބްދުﷲއާއި އެމްޑީޕީގެ މަރްޔަމް ޙަސަންއާ ދެމެދު ދެ ވޯޓެއްގެ ފަރަގެއް އޮވެ ، އެ ދާއިރާ ނޫން އެހެން ދާއިރާއެއްގެ ދެ މީހަކު އެ ދާއިރާއަށް ވޯޓްލައިފައި ވުމުން ވޯޓްގެ ނަތީޖާއަށް އަސަރު ކުރުމުގެ ފުރުސަތު އޮތަތީއެވެ.
މިއަދު ނެގުނު ވޯޓްގައި ޕީޕީއެމްގެ ކެނޑިޑޭޓް ޙައްވާ ޢަބްދުﷲއަށް ލިބިފައި ވަނީ 87 ވޯޓެވެ. އަދި އެމްޑީޕީގެ ކެނޑިޑޭޓް މަރްޔަމް ޙަސަން ވަނީ 84 ވޯޓް ހޯދައިފައެވެ. މަރްޔަމް ޙަސަންއަށް ކުރި ލިބުނީ ޖުމްލަ 229 ވޯޓުންނެވެ. ޙައްވާ ޢަބްދުﷲ އަށް ލިބުނީ 216 ވޯޓެވެ.
މިއަދު އޮތް ، އިންތިޚާބުގެ ދެވަނަ ބުރުގައި ހަ ރަށެއްގެ ކައުންސިލްގެ އެކި ގޮނޑިތަކަށް ވޯޓްލައިފައި ވެއެވެ. އެއީ ހއ.ތަކަންދުއާއި ބ.ކިހާދޫ އަދި މ.ރަތްމަންދޫގެ އިތުރުން ފ.ދަރަނބޫދޫއާއި ލ.މާވަށާއި ތ.ގާދިއްފުއްޓެވެ.