ޚަބަރު

ތަކަންދޫ ކައުންސިލްގެ އަންހެނުންގެ އެއްގޮނޑިއަށް ޒީނާ!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން
2020ގެ ކައުންސިލު އިންތިހާބަށް ވޯޓުލުމުގެ ތެރެއިން/ ފޮޓޯ: ދެން އިމޭޖްސް

މިއަދު އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރުގައި ތަކަންދޫ ކައުންސިލް އިންތިޚާބުގެ އަންހެނުންގެ ޚާއްޞަ ގޮނޑީގެ އިންތިޚާބު ، މިނިވަން ކެނޑިޑޭޓް އާމިނަތު ޒީނާ ކާމިޔާބު ކޮށްފިއެވެ.

Ads by Sosun Fihaara

ތަކަންދޫ ބިއުޓީ ފްލާވަރ ޒީނާ ، މި އިންތިޚާބު ކާމިޔާބު ކުރީ  މިނިވަން ކެނޑިޑޭޓް އައިޝަތު އާސިފާއާ ވާދަކޮށެވެ.

ތަކަންދޫ ކައުންސިލްގެ އަންހެނުންގެ ޚާއްޞަ ގޮނޑިއެއްގެ އިންތިޚާބު އަލުން ބާއްވަން ޖެހުނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި މި ދެ ކެނޑިޑޭޓުންގެ ނަތީޖާ ވެސް އެއްވަރު ވެގެންނެވެ. ދެ ކެނޑިޑޭޓުންނަށް ވެސް ލިބުނީ 285 ވޯޓެވެ.

މިއަދު އޮތް އިންތިޚާބުގައި ޒީނާ ވަނީ 208 ވޯޓް ހޯދައިފައެވެ. އާސިފާއަށް ލިބުނީ 133 ވޯޓެވެ.

ތަކަންދޫ ކައުންސިލްގެ ފަސް ގޮނޑީގެ ތެރެއިން ތިން ގޮނޑި ކާމިޔާބު ކޮށްފައި ވަނީ އެމްޑީޕީންނެވެ. އެއީ ރައީސްކަމަށް ހޮވުނު ޙުސައިން ނަޢީމްއާއި އަންހެނުންގެ ޚާއްޞަ ގޮނޑިއަށް ހޮވުނު ޒާހިޔާ ޢަލީ އާއި އާންމު މެމްބަރަކަށް ހޮވުނު އަހުމަދު ޢަލީއެވެ. އަނެއް ދެ ގޮނޑި ކާމިޔާބު ކުރީ މިނިވަން ކެނޑިޑޭޓުންނެވެ. އެއީ މިއަދު ގޮނޑި ކާމިޔާބުކުރި ޒީނާގެ އިތުރުން ކައުންސިލްގެ އާންމު މެމްބަރަކަށް ހޮވުނު އަޙުމަދު އާރިފެވެ.

މިއަދު އޮތް ، އިންތިޚާބުގެ ދެވަނަ ބުރުގައި ހަ ރަށެއްގެ ކައުންސިލްގެ އެކި ގޮނޑިތަކަށް ވޯޓްލައިފައި ވެއެވެ. އެއީ ހއ.ތަކަންދުއާއި ބ.ކިހާދޫ އަދި މ.ރަތްމަންދޫގެ އިތުރުން ފ.ދަރަނބޫދޫއާއި ލ.މާވަށާއި ތ.ގާދިއްފުއްޓެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!