ލޮކްޑައުންގެ ހާލަތަށް އެޗްޕީއޭއިން ތައްޔާރުވަމުން އަންނަކަމަށް އަންގައިފި

ކޮވިޑް-19ގެ ހާލަތު ގޯސްވުމާ ގުޅިގެން ލޮކްޑައުންއަކަށް ރާއްޖެ ގެންދަން ޖެހޭ ހާލަތެއްގައި ތައްޔާރުވެގެން ތިބުމަށް ޓަކައި އެކަމަށް ބޭނުންވާ އެންމެހާ ކަންކަން ރާވައި އިންތިޒާމު ކުރުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފަށައިފައިވާ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީގެ ފަރާތުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ރާއްޖެ ލޮކްޑައުން ކުރަން ޖެހޭ ހާލަތަކަށް ގޮސްދާނެތީ އެކަމަށް ތައްޔާރުވާން ފަށައިފައިވާ ކަމަށެވެ.
އެގޮތުން ފުލުހުންގެ އެންފޯސްމަންޓް ވަރުގަދަކޮށް މަގުމަތީގައި ހަރަކާތްތެރިވާ ފުލުހުންގެ އަދަދު އިތުރު ކުރަން ނިންމައިފައިވާ ކަމަށާއި އޭގެ ބޭނުމަކީ މިހާރު އަޅައިފައިވާ ފިޔަވަޅުތައް ވީހާވެސް ބޮޑަށް ތަންފީޒު ކުރުން ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ ލޮކްޑައުންއަކަށް ރާއްޖެ ގެންދަން ޖެހޭ ޙާލަތެއްގައި ތައްޔާރުވެގެން ތިބުމަށް ޓަކައި އެކަމަށް ބޭނުންވާ އެންމެހައި ކަންކަން ރާވައި އިންތިޒާމު ކުރުމުގެ މަސައްކަތް އެޗްޕީއޭއާ ހަވާލު ކުރެވި އެ އެޖެންސީން އެ މަސައްކަތް މިހާރު ފަށައިފައިވާ ކަަމަށެވެ.
"ލޮކްޑައުންއަކަށް ރާއްޖެ ގޮއްސި ހާލަތެއްގައި ތައްޔާރުވެގެން ތިބުމަށް ޓަކައި އެކަމަށް ބޭނުންވާ އެންމެހާ ކަންކަން ރާވާ އިންތިޒާމު ކުރުމަށް އެޗްޕީއޭއިން މިހާރު ވަނީ މަަސައްކަތް ފައްޓާފައި" ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވިއެވެ.
ލޮކްޑައުންއަކަށް ރާއްޖެ ގެންދާ ހާލަތެއްގައި ތައްޔާރުވެގެން ތިބުމަށް ޓަކައި އެކަމަށް ބޭނުންވާ އެންމެހައި ކަންކަން ރާވައި އިންތިޒާމު ކުރުމުގެ މަސައްކަތް އެޗްޕީއޭއާ ހަވާލު ކުރެވި އެ އެޖެންސީން އެ މަސައްކަތް ފެށި ނަމަވެސް މާލެ ލޮކްޑައުން ކުރާނެކަމަށް މަބްރޫކް ސީދާ ވިދާޅުވެފައެއް ނުވެއެވެ.