ދުނިޔެ

އިންޑިއާގައި ކޮވިޑްޖެހޭ މީހުންގެ ކިބައިން ނުރައްކާތެރި އެހެން ބައްޔެއް ފެންނަށް ފަށައިފި

އިބްރާހީމް ޙުސައިން ، ދެން އޮންލައިން
ބްލެކް ފަންގަސް ޖެހި ލޯ ނަގައިފައިވާ ޚްރުޝިދާ ބާނޫ ،

އިންޑިއާގައި ކޮވިޑް19 ޖެހޭ މީހުންގެ ކިބައިން ނުރައްކާތެރި އެހެން ބައްޔެއް ފެންނަށް ފަށައިފިއެވެ.

Ads by WAMCO

އިންޑިއާގެ މީޑިއާތަކުންނާއި ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކޮވިޑް ޖެހޭ މީހުންގެ ތެރެއިން މިޔޮކޮމީކޮސިސް ނުވަތަ ބްލެކް ފަންގަސް ޖެހޭ މީހުންގެ ޢަދަދު އިތުރުވަމުން އަންނަ ކަމަށާއި މިއީ ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.

ޚަބަރުތައް ބުނާ ގޮތުގައި ބްލެކް ފަންގަސް ޖެހޭ މީހުންގެ ފަރާތުން ފެންނަ ޢަލާމާތްތަކުގެ ތެރޭގައި ލޮލުގެ ފެނުން ނުސާފުވުމާއި ނޭފަތުގެ ކުލަ ބަދަލުވުން ، ނުވަތަ ކަޅުވުމާއި މެއަށް ތަދުވުމާއި ނޭވާލާން އުނދަގޫވުމާއި ކެއްސާ ކަރުން ލޭ އައުން ހިމެނެއެވެ. މީގެ އިތުރުން ނޭފަތް ބެދުމާއި ސައިނަސް ތަދާއި ދަތުގައި ރިއްސުންފަދަ ކަންކަން ވެސް ބްލެކް ފަންގަސްގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެއެވެ.

މުމްބާއީގައި މަސައްކަތް ކުރާ ލޮލުގެ ޚާއްޞަ ޑޮކްޓަރެއް ކަމަށްވާ ޑރ.އަކްޝޭ ނަޔަރު ވަނީ ބްލެކް ފަންގަސްގެ ހާލަތާ ގުޅިގެން ބައިނަލް އަގުވާމީ މީޑިއާތަކާ ވާހަކަ ދައްކައިފައެވެ. ތިން ހޮސްޕިޓަލްގައި ސާޖަރީތައް ހަދާ މަޝްހޫރު މި ޑޮކްޓަރު ބުނެފައިވާ ގޮތުގައި މިދިޔަ މަހުގައި އެކަނި ބްލެކް ފަންގަސްގެ އަލާމާތްތައް ފެނުނު 40 މީހަކަށް އޭނާ ފަރުވާ ދީފައިވެއެވެ.

ޑރ. ނަޔަރު ބުނެފައިވާ ގޮތުގައި މީގެ ތިން ހަފްތާ ކުރީން ކޮވިޑް ބަލީން ރަނގަޅުވި 25 އަހަރުގެ އަންހެނެއްގެ ކިބައިން ބްލެކް ފަންގަސްގެ އަލާމާތްތައް ފެނި ހާލު ބޮޑުވުމުން އޭނާގެ ފުރާނަ ސަލާމަތް ކުރުމަށް ޓަކައި އޭނާގެ އެއް ލޯ ނެގުމުގެ އޮޕަރޭޝަނެއް ވެސް ކޮށްފައިވާ ކަމަށެވެ.

މި ބަލި ޖެހުނު އުމުރުން 35 އަހަރުގެ ދޭޝްމުކް ކިޔާ މީހެއް ވެސް ވަނީ ތިން ސަރޖަރީއެއް ކޮށްފައެވެ. މުމްބާއީގެ މެކޭނިކަލް އިންޖިނޭރެއް ކަމަށްވާ ދޭޝްމުކް ވަނީ ލޮލާއި އަނގައިގެ އޮޕަރޭޝަންތަކެއް ކޮށްފައެވެ. މި ބަލީގައި އޭނާގެ އެއްލޮލުގެ ފެނުން އެއްކޮށް ގެއްލިފައިވާއިރު އަނގައިގެ އޮޕަރޭޝަންގެ ސަބަބުން ކައިބޮއި ހެދުން ވަނީ ވަރަށް ބޮޑަށް އުނދަގޫ ވެފައެވެ.

މުމްބާއީގެ ގްލޯބަލް ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ އީއެންޓީ ޑޮކްޓަރ ، ޑރ.މިލިންދު ވެސް ވަނީ ބްލެކް ފަންގަސްގެ ހާލަތާ ގުޅޭ ގޮތުން އަލްޖަޒީރާއާ ވާހަކަ ދައްކައިފައެވެ. އޭނާ ބުނެފައިވާ ގޮތުގައި ކޮވިޑް ޖެހިފައިވާ މީހުންނާއި އަދި ބަލިން ރަނގަޅުވެފައިވާ މީހުންގެ ތެރެއިން 25 މީހަކަށް އެއް ހަފްތާ ތެރޭގައި މި ބަލި ޖެހި ، އޭނާ ފަރުވާ ދީފައިވާ ކަމަށާއި ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާ ކަމަށެވެ.

ޚަބަރުތައް ބުނާ ގޮތުގައި އެ ސަރަހައްދުން މި ބަލީގެ 2000 ކޭސް ފެނިފައި ވެއެވެ. މި ހާލަތާ ގުޅިގެން އިންޑިއާގެ އެކި ސްޓޭޓްތަކުން ދަނީ މިފަދަ ބަލިތަކަށް ފަރުވާ ކުރުމަށް ޚާއްޞަ ވަރޑްތަކެއް ހޮސްޕިޓަލްގައި އިތުރުކުރުމަށް މަސައްކަތް ކުރަމުންނެވެ.

ކޮވިޑްގެ ހާލަތު އިންޑިއާގައި ވަރަށް ދަށްވެ ، އެ ގައުމުގެ ހޮސްޕިޓަލްތައް ވަނީ ސިއްހީ އާލާތްތަކަށް ޖެހިފައެވެ. މީގެ އިތުރުން ހިންދޫގެ އާދަކާދައާ އެއްގޮތަށް މަރުވާ މީހުން އެންދުމަށް ދަރަށް ޖެހި ، ރަނގަޅަށް ނާންދައި މީހުން ކޯރަށް އަޅައިލުމުން އެމީހުން އެކި ހިސާބުތަކަށް ލައްގާ މައްސަލަ ވެސް ދަނީ ފެންމަތިވަމުންނެވެ. މި ފަދަ ހާލަތެއްގައި އޮތް އިންޑިއާގައި ބްލެކް ފަންގަސްގެ ނުރައްކާ ބޮޑު ވެފައިވާތީ މިއީ އެ ގައުމަށް އޮތް ބޮޑު ގޮން ޖެހުމެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!