ޚަބަރު

ކޮވިޑް ޖެހި ހާލު ބޮޑުވި މާބަނޑު އަންހެނެއްގެ ސަރޖަރީކޮށް ދަރިފުޅު ނަގައިފި ، ދެމައިން ވެންޓިލޭޓަރުގައި

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ކޮވިޑް ޖެހިގެން ހާލު ބޮޑުވި މާބަނޑު އަންހެނެއްގެ ސަރޖަރީކޮށް ދަރިފުޅު ނަގައިފިއެވެ.

Ads by Sosun Fihaara

މައުލޫމާތު ލިބިފައިވާ ގޮތުގައި ލ.މާވަށުގެ އުމުރުން 34 އަހަރުގެ މާޖިދާ ޙަސަނަށް ކޮވިޑް ޖެހި ހާލު ބޮޑުވުމުގެ ސަބަބުން ބަނޑަށް ހަ މަހުގައި ސަރޖަރީ ކުރީ މިދިޔަ ބުރާސްފަތި ދުވަހު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައެވެ.

މާޖިދާގެ އާއިލާ މީހަކު "ދެން"އަށް މައުލޫމާތު ދިން ގޮތުގައި މާޖިދާ އާއި އޭނާއަށް ލިބުނު ތުއްތު އަންހެން ދަރިފުޅު މިހާރު އޮތީ ވެންޓިލޭޓަރުގައެވެ. ދެމައިންގެ ހާލު ވެސް ސީރިއަސް ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ. މާޖިދާ ކޮވިޑަށް ފައްސި ނަމަވެސް ދަރިފުޅު ނައްސި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

މާޖިދާއަކީ ނޭވާ ހިއްލާ މީހެއް ކަމަށާއި އެކަމަށް އެކި ފަހަރު މަތީން ބޭސް ކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ. އަންހެން މީހާއަށް މީގެ ކުރީން ވަނީ ތިން ކުދިން ލިބިފައެވެ. އޭގެ ތެރެއިން ދުނިޔޭގައި ތިބީ ދެކުދީންނެވެ.

ކޮވިޑްގެ ހާލަތު ރާއްޖޭގައި މި ވަނީ އިންތިހާއަށް ގޯސްވެފައެވެ. ބައްޔަށް ފައްސިވާ އަދަދު ހާހުން މައްޗަށް ދިޔައިރު ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް އިތުރެވެ. ރާއްޖެއިން 100 މީހުން މިހާރު ވަނީ މި ބަލީގައި ދުނިޔެ ދޫކޮށްފައެވެ.

ބައްޔަށް ފަރުވާ ހޯދަމުންދާ މާބަނޑު 50 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. އަދި 1600އަށް ވުރެ ގިނަ ކުދީންނަށް ވަނީ މި ބަލި ޖެހިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!