ކޮންޓްރޯލު ގެއްލިގެން އެހީއަކަށް ނޭދެން: މަބްރޫކް

ކޮވިޑް-19ގެ "ކޮންޓްރޯލް ގެއްލި" އެއްވެސް ޤައުމެއްގެ ފަރާތުން ޚާއްސަ އެހީއަކަށް އެދިފައި ނުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަބްދުލްއަޒީޒް ވިދާޅުވެއްޖެއެވެ.
މަބްރޫކް މިހެން ވިދާޅުވީ، އޮންލައިން ނޫހަކުން "ކޮވިޑް-19: ރާއްޖޭގެ ހާލަތު ގޯސްވުމުން އެންމެ ފަހުން ބޭރުގެ އެހީއަށް" މި ސުރުޚީގެ ދަށުން ލިޔެފައިވާ ޚަބަރަކަށް ރައްދު ދެއްވަމުންނެވެ.
އެގޮތުން އެ ސުރުޙީ ޓްވީޓް ކުރައްވަމުން މަބްރޫކް ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އަބަދުވެސް ދަނީ ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަން ހޯދަމުން ކަމަށާއި "ކޮންޓްރޯލް ގެއްލި" ޚާއްސަ އެހީއަކަށް އެދިފައި ނުވާނެ ކަމަށެވެ.
އެ ޚަބަރުގައި އިތުރަށް ބުނެފައި ވަނީ ސަރުކާރުން މިހާރު ވަނީ ބޭރުގެ އެހީ ހޯދުމުގެ މަޝްވަރާތައް ފަށައިފައި ކަމަށާއި ބޭރުގެ އެހީ ހޯދެން އޮތް ހުރިހާ ގޮތަކުން އެހީ ހޯދަން މަސައްކަތް ކުރާ ކަމަށް މަބްރޫކް ވިދާޅުވި ކަމަށެވެ.