ކޮވިޑް-19: އައްޑޫން އިތުރު 18 މީހުން ފައްސިވެ ޖުމްލަ އަދަދު 121އަށް

އައްޑޫން އިތުރު 18 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ޖުމްލަ 31 މީހުން ބަލިން ވަނީ ރަނގަޅުވެފައެވެ. އަދި ހޮސްޕިޓަލުގައި 4 މީހަކަށް ފަރުވާ ދެމުން ދެއެވެ. މިއާ އެކު އައްޑޫ ސިޓީން މިހާތަނަށް ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 152އަށް އަރާފައެވެ.
އައްޑޫ ސިޓީން މިހާތަނަށް ޖުމްލަ 2487 ސާމްޕަލް ވަނީ ނަގައިފައެވެ. އަދި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 445 މީހުން މިހައިތަނަށް ވަނީ ފާހަގަކުރެވިފައެވެ. އިއްޔެ އެ ސިޓީން ނެގުނު ސާމްޕަލްތަކުގެ އަދަދަކީ 214 އެވެ.
އައްޑޫ ސިޓީގައި ކޮވިޑު-19 ފެތުރޭތީ ސިޓީ ކައުންސިލް ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅައިފައެވެ. މިގޮތުން ހަވީރު 4:00 އިން ފެށިގެން ފަތިހު 4:00އަށް ކާފިއު ހިންގަމުން ދާއިރު އެ ސިޓީގެ އެއް ރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުމެއް ނެތި ދަތުރުކުރުން ވެސް ވަނީ މަނާކޮށްފައެވެ.
މީގެ އިތުރުން ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމަށް އަންގައި އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަމީހުން، މަގުމައްޗާއި އާންމު ތަންތާގައި އެއްވެއުޅުން ހުއްޓައިލުމާއި، ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކުރަން ވެސް ވަނީ އަންގައިފައެވެ.
ރާއްޖޭގައި މިފަހަކަށް އައިސް ކޮވިޑް-19 އަށް ފައްސިވަމުން އަންނަ އަދަދުތައް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެ ވެސް އިތުރު 1،187 މީހުން ރާއްޖެއިން ކޮވިޑް-19 އަށް ފައްސި ވެފައިވެއެވެ.